މި މަހުގެ މެދެއްހާ ހިސާބުން ފެށިގެން ދިވެހިން ކޮވިޑް 19 އަށް ފައްސިވުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މި ބައްޔަށް ފައްސިވާ މީހުން ހޯދައި، އަބުރު ކަތިލުމުގެ ޢަމަލުތައް ބައެއް ފަރާތްތަކުން ދަނީ ހިންގަމުންނެވެ. މިފަދަ މީހުންނަށް މުސްލިމެއްގެ އަބުރަށް އަރައިގަތުމަކީ ކިހާ ބޮޑު ފާފައެއްކަން ނޭނގެނީ ބާވައެވެ؟

ރަސޫލާ ޞައްލަﷲ އަލައިހިވަސައްލަމަ ޙަދީޡް ކުރެއްވިއެވެ. (إنَّ مِنْ أَرْبَى الرِّبَا الِاسْتِطَالَةَ فِي عِرْضِ الْمُسْلِمِ بِغَيْرِ حَقٍّ).
رواه أحمد وأبو داود وصححه الألبانى فى صحيح الجامع

މާނައަކީ: “އެންމެ ނުބައި ރިބާގެ ތެރޭގައި ޙައްގަކާއި ނުލައި މުސްލިމެއްގެ އަބުރަށް އަރައިގަތުން ހިމެނެއެވެ.”

މިފަދަ މީހުން އަނިޔާ ލިބޭ ފަރާތުގެ ބަދު ދުޢާއަށް ބިރުވެތި ނުވަނީ ހެއްޔެވެ؟

އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ރިވާކުރައްވާފައިވާ ޙަދީސެއްގައި ވެއެވެ. ((” ثَلاثُ دَعَوَاتٍ مُسْتَجَابَاتٌ ، لا يُشَكُّ فِيهِنَّ : وَدَعْوَةُ الْمَظْلُومِ دَعْوَةُ الْوَالِدِ على ولده ، وَدَعْوَةُ الْمُسَافِرِ ، “ )) – رواه الترمزي –
މާނަ : ”ތިން ދުޢާއެއް އިޖާބަވުމާއިމެދުގައި ޝައްކެއްނެތެވެ. (އެއީ) އަނިޔާ ލިބިގެންވާ މީހާގެ ދުޢާއާއި ބައްޕަ ދަރިންގެ މައްޗަށްކުރާ ދުޢާއާއި ދަތުރުވެރިޔާގެ ދުޢާއެވެ.“

މި ފަދަމީހުން ނަބިއްޔާ صلى الله عليه وسلم ގެ އަމުރުފުޅުތަކާ ޚިލާފުވުން ފަޚުރެއް ކަމުގައި ހަދަނީ ހެއްޔެވެ؟

الْمُسْلِمُ أَخُو الْمُسْلِمِ، لَا يَظْلِمُهُ، وَلَا يَخْذُلُهُ
رَوَاهُ مُسْلِمٌ 2564]

އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެކެވެ. އޭނާ، އޭނާގެ އަޚާއަށް އަނިޔާވެރި ނުވާނެއެވެ. އަދި އޭނާގެ އަޚާއަށް އެހީތެރިކަން ބޭނުންވާ ވަގުތު އެހީނުވެ ނުހުންނާނެއެވެ. އަދި އޭނާގެ އަޚާ ކުޑައިމީސް ނުކުރާނެއެވެ.

މިއީ އިމާމު މުސްލިމު ރިވާކުރައްވާފައިވާ ޙަދީސަކުން އިޤްތިބާސް ކުރެވިފައިވާ ބަސްކޮޅެކެވެ.

މާލެއިން ހއ. އުލިގަމަށް ދިޔަ ޒުވާނަކު ކޮވިޑް 19 އަށް ފައްސިވީމިމަހުގެ 19 ވަނަ ދުވަހުއެވެ.

މި ޒުވާނާއަކީ މިރަށަށް ވަރަށް ޚިދުމަތްތެރި އަދި އިސްލާމްދީނުގެ އަސްލުތަކާއި ޙުކުމްތައް މީސްތަކުންނަށް އޮޅުންފިލުވައިދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ރެއާއި ދުވާލު ބުރަކޮށް މަސައްކަތްކުރައްވާ ވަރަށް އިޚްލާސްތެރި ހެޔޮލަފާ ޒުވާނެކެވެ. ރަނގަޅު ޒުވާން ޖީލެއް ބިނާކުރުމަށް މަސައްކަތްކުރާ ޚުލްޤު ހެޔޮ ނަމޫނާ ޒުވާނެކެވެ. އެ ޒުވާނާ މާލެއަށް ކުރި ދަތުރަކީ ބަލިމީހަކަށް އެހީވުމުގެ ގޮތުން އެހީތެރިއަކަށް ވެގެން ދިޔަ ދަތުރެކެވެ. އެހެންނަމަވެސް ހަޤީޤަތް ނުބަލާ އެޒުވާނާއަށް ނިސްބަތްކޮށް އުލިގަމުގެ ބައެއް ރައްޔިތުންނާއި އެހެން ރަށްރަށުގެ ބައެއް މީހުން އަންނަނީ ދޮގު ވާހަކަތައް ދައްކަމުންނެވެ. އެޒުވާނާ އާއި ދޭތެރޭ ނަފުރަތު އުފެއްދުން އެއީ އުފަލެއްކަމުގައި ދެކި ދަށުދަރަޖައިގެ ފިނޑި ޢަމަލުތަކެއް ބައެއް މީހުންދަނީ ހިންގަމުންނެވެ.

ޔޫތު މިނިސްޓަރ މަހްލޫފު ވިދާޅުވީ ފައްސިވާ މީހުންނާއި އާއިލާގެ ފޮޓޯ ނުވަތަ މަޢުލޫމާތު އާއްމުކޮށް ހަދާނަމަ ނަފްސާނީ ގެއްލުންވާނެ ކަމުގައެވެ. އަދި އެކަމުގެ ބިރަށް ޢަލާމާތްތައް ފެންނަ އެހެން ފަރާތްތައް ޑޮކްޓަރަށް ދައްކަން ޖެހިލުންވެ ނުވަތަ ލަސްވެދާނެ ކަމުގައެވެ.

އަޅުގަނޑަށްވެސް އަދި ތިބާއަށްވެސް ބަލި ޖެހިދާނެއެވެ. އެދުވަހަކުން މީސްތަކުން އަޅުގަނޑު ނޫނީ ތިބާއާއި ދޭތެރޭ ބަދުބަސް ބުނާކަމުގައި ވާނަމަ ކުރާނެ ހިތާމަ ތަޞައްވަރު ކޮށްލައްވާށެވެ.