މުސްލިމުންނާއި ބައްދަލު ކުރާނެ އެންމެ މާތް މަތިވެރި މައްސަރަކީ، މާތްވެގެން ވާ ރަމަޟާން މަހެވެ. އެތައް ސަވާބާއި ދަރުމައިން ފުރިގެންވާ މި މާތް މަތިވެރި ދުވަސްތަކަކީ އަޅުގަނޑުމެން މުސްލިމުންނަށް ކުށްތަކުން ތަޢުބާވުމަށް ލިބޭނެ ރަނުގެ ފުރުޞަތެކެވެ. ސުވަރުގޭގެ ދޮރުކޮޅުން ހިނިތުންވުމާއި އެކު ވަދެލަން، އަޅުގަނޑުމެން ކުރަންވީ މަސައްކަތެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މަހެވެ. ގިނަގިނައިން ދީނީ ވާޖިބުތަކަށް އިސްކަން ދެއްވާށެވެ. ބަރާބަރަށް ނަމާދު ގާއިމު ކުރާށެވެ! އިލާހީ ޤާނޫނު ކަމުގައިވާ ކީރިތި ޤުރުޢާން، ވީވަރަކުން، ގިނަގިނައިން ކިޔަވާށެވެ! ދަންވަރުގެ ވަގުތު ތަކުގައި ދަމު ނަމާދުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ! ނަމާދަކީ ދީނުގެ ތަނބުކަމުން، ނަމާދަށް ވަކިން ޚާއްޞަ އިސްކަމެއް ދިނުމަކީ ލާޒިމު ކަމެކެވެ.

ރަމަޟާން މަހުގައި ވީހާވެސް ގިނައިން ހޭދަކުރުމަކީ ވަރަށް ބޮޑަށް ސަވާބާއި ދަރުމަ ލިބޭނެކަމެވެ. އެގޮތުން ތިބާގެ މުދަލުން ޞަދަޤާތް ދޭށެވެ! މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ހާލުގައި އުޅޭ މީހުން އެބަތިއްބެވެ. އެބައިމީހުން އެތިބީ ބަނޑުހައިހޫނުކަންމަތީ ކާނެ އެއްޗެއް ނެތިފައެވެ. އެހެންކަމުން އެފަދަ ބަޔަކަށް ދީލަތި އެހީތެރިކަމެއް ވުމަކީ، ދެދުނިޔޭގެ އުފާ އެމީހަކަށް ލިބޭނެ ކަންކަމެކެވެ.

އަނަސް رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލުﷲ صلى الله عليه وسلم ގެ އަރިހުގައި ސުވާލުދެންނެވުނެވެ. އެންމެ މާތް ޞަދަޤާތަކީ ކޮބައިތޯއެވެ؟ އިތުރު އެކަލޭގެފާނު ޙަދީޘުކުރެއްވި އެވެ. ރަމަޟާން މަހުގައި ކުރެވޭ ޞަދަޤާތެވެ. (ޖާމިޢުއް ތިރްމިޛީ، ޙަދީޘު: 663)

މަތީގައި އެބަޔާން ކުރެވުނު ޙަދީޘްފުޅުންވެސް، ރަމަޟާން މަހުގައި ކުރެވޭ ޞަދަޤާތުގެ މާތްކަން އެނގިގެން ދެއެވެ. ހާލުގައި ޖެހިފައި ތިބި، މީހުންނަށް އެހީވެ، އެބައިމީހުންނަށް ހެޔޮ ހިތުން ބަސްބުނަން ވީއެވެ. މިދަނޑިވަޅުގައި ފައިސާއަށް ދަތިވެފައިވާ މީހުންނަށް، ފުރިހަމަ އެއްބާރުލުން ދޭންވީއެވެ. މިއީ އެވަގުތެެވެ. ހިތުގައިވާ ބޮޑާކަން ހަށިގަނޑުގެ ތެރެއިން ނެރެ އެއްލާލައި، ނަފުސް ތާހިރުވެލަން ވީއެވެ.

މީގެ އިތުރުން، ރަމަޟާން މަހަކީ، އެމަހެއްގައި ކީރިތި ޤުރުޢާން ބާއްވައިލެއްވުނު މަހެވެ. އެގޮތުން ރޯދަ މަހުގެ އެންމެ މަތިވެރި ނިއުމަތަކީ ލައިލަތުލްޤަދުރި ވިލޭރެއެވެ. އިޚުލާސްތެރިކަމާއެކު ޘަވާބާއި ދަރުމައަށް އެދިގެން ރަމަޟާން މަހުގެ ރޭތަކުގައި އަޅުކަން ކޮށްފިނަމަ، އެމީހެއްގެ އިސްވެ ގޮސްފައިވާ ފާފަތައް މާތް ﷲ ފުއްސަވާ ދެއްވާނެއެވެ.

ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ. “އީމާންކަމާއެކު ﷲ ގެ ހަޟްރަތުން ޘަވާބާއި ދަރުމަ އެދޭ ހާލު ރަމަޟާން މަހުގެ ރޭތަކުގައި އަޅުކަންކޮށްފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް ފުއްސަވާ ދެއްވާނެތެވެ”

މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ރަމަޟާން މަހުގެ މާތް ކަމާއި މަތިވެރިކަން، ތިޔަ އެންމެ ބޭފުޅުން ލިބިގަންނާނެ ކަމަށް އަޅުގަނޑު އުއްމީދުކުރަމެވެ. އަދި މި ދަތި ދަނޑިވަޅުގައި މާތްﷲ އަށް ވަކީލުކޮށްލައިގެން، ހެޔޮ އަމަލުކުރުން މަތީ ދެމިތިއްބަވާށެވެ!

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޒިހްނީ
ޒިހުނީ އަކީ ހުނަރުވެރި. ވާހަކަ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ގަލަންހިނގާ ކުޅަދާނަ ލިޔުންތެރިއެކެވެ.