މުރުޠަބަޤް އަކީ ޢަރަބި ޤައުމުތަކާއި އިރުދެކުނު އޭޝިއާގެ ޤައުމުތަކުގައި މަޤްބޫލު ކެއުމެކެވެ. އެގޮތުން ސައުދީ ޢަރަބިޔާ، ޔަމަން، އިންޑޮނޭޝިޔާ، މެލޭޝިޔާ، ސިންގަޕޫރު، ބުރޫނާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކަށް މި ކެއުން ޚާއްޞައެވެ.

މުރުޠަބަޤް އަކީ ރޮށިން ހަދާ ފަރާޓާ ވައްތަރުގެ ބާވަތެކެވެ.

ބޭނުންވާނެ ތަކެތި:

– 03 ޖޯޑު ގޮދަން ފުށް
– 01 ނުވަތަ ބައި ސައިސަމުސާ ލޮނު
– 02 މޭޒުމަތީސަމުސާ ގިތެޔޮ (މެލްޓްކޮށްފައި)
– 01 ކުކުޅު ބިސް
– 01 ނުވަތަ ބައި ޖޯޑު ފެން
– 02 މޭޒުމަތީ ސަމުސާ ކުކިން އޮއިލް
– 02 ފިޔާ (ޗޮޕްކޮށްފައި)
– 500 ގްރާމް އޮށްކުރި ކުކުޅު
– 01 މޭޒުމަތީ ސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް
– 1/2 ސައިސަމުސާ ރީނދޫ
– 1/2 ސައިސަމުސާ ނުވަތަ ރަހަލާވަރަށް ލޮނު
– 01 ސައިސަމުސާ ނުވަތަ ރަހަލާވަރަށް މުގުރި މިރުސް
– 1/2 ސައިސަމުސާ ހިކި މިރުސް، ބޯކޮށް މުގުރާފައި (ފްލޭކްސް ގޮތަށް)
– 01 ނުވަތަ ބައި ސައިސަމުސާ ދިރި (ހަނާކޮށް، ހިމުންކޮށް މުގުރާފައި)
– 02 ނުވަތަ 03 ގިތެޔޮ މިރުސް (ބަދަލުގައި ނަރުމިރުސް ވެސް ބޭނުންކުރެވޭނެ) ކުދިކޮށް ކޮށާފައި
– 1/2 ޖޯޑު ފެން
– 05 ކުކުޅުބިސް
– 01 ސައިސަމުސާ މުގުރި އަސޭމިރުސް
– 1/2 ސައިސަމުސާ ނުވަތަ ރަހަލާވަރަށް ލޮނު
– 01 ޓޮމާޓޯ (މީޑިއަމް ސައިޒްގެ) އޮށްތައް ނަގައި ކުދިކޮށް ކޮށާފައި
–  01 ފިޔާ، ކުދިކޮށް ކޮށާފައި
– 1/2 ޖޯޑް ތާޒާ ކޮތަންބިރި ފަތް، ކުދިކޮށް ކޮށާފައި
– ގިތެޔޮ (މެލްޓްކޮށްފައި)

ތައްޔާރުކުރާނެ ގޮތް:

– ބޯތަށްޓެއްގެ ތެރެއަށް، ފުށް، ލޮނު، ގިތެޔޮ، ބިސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

– މަޑުމަޑުން ފެން އެއްކުރަމުން، މޮޑެމުންގޮސް ފުށްގަނޑު ރަނގަޅަށް މޮޑެލާށެވެ. މެލްޓްކޮށްފައި ހުރި ގިތެޔޮ، ފުށްގަނޑުގެ ބޭރުގައި އުނގުޅުމަށްފަހު 35-40 މިނެޓް ވަންދެން ބާއްވާށެވެ.

– ތާހެއްގެ ތެރެއަށް ކުކިން އޮއިލް، ފިޔާ އެޅުމަށްފަހު، ފިޔާކޮޅު ވަޅޯކޮށްލާށެެވެ.

– ތާހުގެ ތެރެއަށް ކުކުޅުކޮޅު އެޅުމަށްފަހު، ކުކުޅުކޮޅު ރަތްވަންދެން ތެލުލާށެވެ.

– އިނގުރު ލޮނުމެދު ޕޭސްޓް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

– ރީނދޫކޮޅާއި، ލޮނު، ތެޅި މިރުސް، ފްލޭކް މިރުސް، ދިރި، ގިތެޔޮ މިރުސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާ 2-3 މިނެޓް ވަންދެން ކައްކާށެވެ.

– ފެންފޮދެއް އެޅުމަށްފަހު، މަތި ޖަހައިގެން މަޑު ގިނީގައި 08-10 މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު ގިނި ގަދަކޮށް، ތާހުގައި ހުރި އެއްޗެހި ހިކެންދެން ކައްކާށެވެ.

– ބޯތަށްޓެއްގެ ތެރެއަށް ބިސް، އަސޭމިރުސް، ލޮނު އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު، އޭގެ ތެރެއަށް ޓޮމާޓޯ، ފިޔާ، ކޮތަންބިރި އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ.

– ކައްކާފައިހުރި ކުކުޅުކޮޅު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާފައި ބަހައްޓާށެވެ.

– އަތުގައި ގިތެޔޮ ކޮޅެއް ހޭކުމަށްފަހު އަނެއްކާވެސް ފުށްގަނޑު ރަނގަޅަށް މޮޑެލުމަށްފަހު 08-10 މިނެޓް ވަންދެން ބަހައްޓާށެވެ.

– 100ގްރާމް ހުންނަ ވަރުގެ ފުށްކޮޅެއް، ފުށްގަނޑުން ނަގައި ގުޅަވަށާށެވެ. އެއަށްފަު މެލްޓްކޮށްފައި ހުރި ގިތެޔޮ ފޮދެއް އުނގުޅުމަށްފަހު ރޮށިދަމާހެން ދަމާލާށެވެ.

– ދަމާފައިވާ ރޮށީގެ މެދަށް، ކުކުޅު އަދި ބިހުން ހަދާފައިވާ ތަކެތި އެޅުމަށްފަހު ހުރިހައި ފަރާތަކުން ފޯލްޑްކޮށްލާށެވެ. (ހަތަރު ފަރާތުން ފޯލްޑްކޮށްލާށެވެ.)

– އުނދުނަށް ތަވައެއް އުދައި، ތަވާގެ ތެރެއަަށް ކުޑަ ގިތެޔޮކޮޅެއް އެޅުމަށްފަހު މަޑު ގިނީގައި މުރުޠަބަޤް ރޮށި ރަނގަޅަށް ފިހާށެވެ. ހުރިހައި ފަރާތެއް ރަނގަޅަށް ފިހެލަންވާނެ އެވެ.

– ފިހުނު މުރުޠަބަޤް ރޮށި، ބޭނުން ސައިޒަކަށް އޮށްކޮށްލާށެވެ. މިހާރު އެހެރީ އަނގަޔަށް މީރު މުރުޠަބަޤް ރޮށި ތައްޔާާރުކުރެވިފައެވެ.

މިއީ ހެނދުނުގެ ނާސްތާއަށް، ނުވަތަ ރޯދަ ވީއްލުމަށްވެސް ކަމުދާނެ ރަހަފަތަކަށް ވާނެކަމަށް އުއްމީދުކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.