ކޮވިޑް-19 ފެތުރޭ މިންވަރު ގިނަވެ، ގެތަކުގައި ކަރަންޓީނު ކުރަން ޖެހިދާނެ ހާލަތަކަށް ތައްޔާރުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ގޮވާލައްވައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަރުބާރުގޭގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮވިޑް-19 އަށް ފައްސިވާ މީހުންނާއި އަދި ކަރަންޓީނު ކުރާ މީހުންނާއި ދޭތެރޭގައި މިހާރު އަމަލު ކުރަމުންދާ އުސޫލުތަކަށް އިތުރަށް ގެންނަންޖެހޭ ބަދަލުތަކާއި މެދު، ފަންނީ ބޭފުޅުންނާއި ޑޮކްޓަރުންނާއި، ޕަބްލިކް ހެލްތް ތަޖުރިބާކާރުން މިހާރު މަޝްވަރާކޮށް ދިރާސާ ކުރަމުން ދާކަމަށެވެ.

“މި މަޝްވަރާއަށް ބަލާއިރުގައި އަޅުގަނޑަށް ޤަބޫލު ކުރެވޭ އަޅުގަނޑުމެން ކަރަންޓީން ކުރާ ގޮތް ބަދަލުކުރަންޖެހުމަކީ އެކަށީގެންވާކަމެއްކަމަށް” މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ހުރިހާ ރައްޔިތުންވެސް ގޭގައި ކަރަންޓީން ކުރަންޖެހިދާނެ ހާލަތަކަށް ތައްޔާރަށް ތިބުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެއިން 137 މީހުން ފައްސިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 68 ދިވެހިންނާއި، 69 ބިދޭސީންނެވެ. ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން މިހާތަނަށް 16 މީހަކު ރަނގަޅުވެފައިވާއިރު، ކަރަންޓީނުގައި 1342 މީހުން ތިބިއިރު، އައިސޮލޭޝަން ގައި 153 މީހުން އެބަތިބި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން މަޢުލޫމާތު ދީފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.