ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 43
މުނިއަވަސް ގްެެރެފިކްސް

3 އަހަރު ފަސް

“ސާރ.. އަޅުގަނޑަށް ހީވަނީ އޭނާ ފެނިއްޖެހެން.”

މިރުޒާ ކުއްލިއަކަށް އިސްއުފުލާ ބަލައިލިއެވެ. އިވުނު ވާހަކައަކުން ކުޑަ ވަގުތުކޮޅަކަށް އޭނާއަށް ހުއްޓުން އެރިއެވެ. “ކާކު ފެނުނޭ؟”

މޭޒު ކައިރީގައި ހުރި ޒުވާނާ ހާސްވެފައި ހުރެ ސީދާވެލިއެވެ.

“ވަޝިއްޔާ. ސާރ، އަޅުގަނޑަށް ހީވަނީ ވަޝިއްޔާ ފެނިއްޖެހެން.”

މިރުޒާ ގޮނޑި ފަހަތަށް ޖައްސައިލި ބާރުމިނުން، ތަޅުންގަނޑުގައި ގޮނޑި ކޭއްތުނު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. “ކީކޭ؟ ކޮންތާކުން؟”

“އޭނާގެ ސިފައަށް ވަރަށް ބޮޑު ބަދަލެއް އައިސްފާ ހުރީ، ސާރ. އަދި އޭނާ މިހާރު ބޭނުންކުރަނީ އެހެން ނަމެއް.”

“ކޮން ނަމެއް؟”

“ޝްރެޔާ.”

މިރުޒާ އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

“ދައްކަބަލަ. މިހާރު!”

އެ ޒުވާނާ އަވަސްއަވަހަށް އޭނާގެ ލެޕްޓޮޕް ހުޅުވައި، ތުރުތުރުލާ އިނގިލިތަކުން އޭނާއަށް ލިބިފައިވާ ވީޑިއޯ ހޯދަން ފެށިއެވެ.

“މިއީ ވަރަށް ފަހުގެ ފާހަގަކޮށްލެވޭ ވައިރަލް ޚަބަރު ކްލިޕެއް، ސާރ. ތަނެއް ހުޅުވުމުގެ ރަސްމިއްޔާތެއްގެ ތެރެއިން.”

އޭނާ ލެޕްޓޮޕްގެ ސްކްރީން މިރުޒާއާ ދިމާލަށް އަނބުރައިލިއެވެ.

ވީޑިއޯ ފެށުނެވެ.

“ގްރޭންޑް މެނޯ ޕްލާޒާ” ބުޓީކް ހުޅުވުމުގެ ރަސްމިއްޔާތު..

ނަލަހެދިފައިވާ އައު ބުޓީކެއްގެ ބޭރުގައި ގިނަ ބަޔަކު ޖަމާވެފައި ތިއްބެވެ. އެތަނަށް ޒިޔާރަތްކުރި މީހުންގެ ފޮޓޯ ނެގުމަށް ކެމެރާތަކުގެ ފްލޭޝްތައް އަލިވަމުން ދިޔައެވެ. ޕްރެޒެންޓަރު ދިޔައީ އެ އައު ވިޔަފާރިއާއި، އެތަނުން ލިބެން ހުރި ޚާއްޞަ ފޭރާމާއި، އަދި އެތަން ހުޅުވައިދިނުމަށް ދަޢުވަތު ދެވިފައިވާ ޚާއްޞަ މެހުމާނާ ބެހޭގޮތުން ވަރަށް ފޯރިއާއެކު ވާހަކަދައްކަމުންނެވެ.

އެވަގުތު އޭނާ ފެނުނެވެ. ދެ ސެކިއުރިޓީންނާއެކު، އަގުބޮޑު ކަޅު ކާރަކުން އަންހެނަކު ފޭބިއެވެ. އޭނާ ހުރީ ވަރަށް ފުރިހަމައަށް ފަރުމާކުރެވިފައިވާ ހެދުމެއްގައެވެ. ފައިގައި ވަނީ ރީތި ފައިވާނެކެވެ. އަދި ގަޔާ ގުޅޭ ގަހަނާތަކުން ޒީނަތްތެރިވެފައެވެ. އިސްތަށިގަނޑު އޮތީ ތަފާތު ގޮތަކަށް ހަދާލައިފައެވެ. މޭކަޕް ކޮށްފައިވާ ގޮތުންނާއި އޭނާގެ ހަރަކާތްތަކުން ފެންނަނީ، އާންމުންގެ ސަމާލުކަމަށް އާދަވެފައިވާ މީހެއްގެ ކިބައިގައި ހުންނަ ފަދަ ޔަގީންކަމެވެ.

ޕްރެޒެންޓަރު މައިކް ހިފައިގެން އޭނާއާ ގާތްވިއެވެ.

“ލޭޑީޒް އެންޑް ޖެންޓްލްމެން، މިއަދުގެ ޝަރަފުވެރި މެހުމާނު، މިސް ޝްރެޔާ ރަހުމާން!”

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ދިހަވަނަ ބައި

އެ އަންހެން މީހާ ކެމެރާތަކަށް ހިނިތުންވުމެއް ދިނެވެ. މިރުޒާގެ ނޭވާ ހުއްޓުނު ކަހަލައެވެ. އެ ޒުވާނާ ވީޑިއޯ މެދުކަނޑައިލިއެވެ.

“އެއީ އޭނާ، ސާރ. އެހެން ނޫންތޯ؟”

މިރުޒާ ޖަވާބެއް ނުދެއެވެ. އޭނާ ސްކްރީނާ ގާތަށް ޖެހިލިއެވެ. އޭނާގެ މޫނުމަތިން މިހާރު ފެންނަނީ ތަހުޒީބު ގޮތްތަކެވެ. ކުރިއަށްވުރެ އުމުރުން ދުވަސްވީ ކަމަށް ދެއްކި ނަމަވެސް، ކުރިން އޭނާއަށް އެނގޭ މަޑުމައިތިރި ދިވެހި އަންހެން ކުއްޖާއާ އެއްގޮތް ކަންތައްތަކެއް ފާހަގަވިއެވެ. ވާހަކަ އަޑުއަހަން ހުންނައިރު ބޯ އަރިކޮށްލާ ގޮތާއި، އިނގިލިތަކުން ހެދުން ރީތިކޮށްލުމަށް ގެންގުޅޭ ހަރަކާތަކީ އޭނާއަށް ފަރިތަ ކަންކަމެވެ.

އެ ދެލޮލެވެ. އޭނާއަށް އެ ދެލޯ އެނގެއެވެ. މިއީ ހަމަ އޭނާ ހެއްޔެވެ؟ މިރުޒާގެ ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. މިއީ ހަމަ ހަގީގަތުގައި ވެސް ވަޝިއްޔާ ހެއްޔެވެ؟

“އަލުން ޖައްސާބަލަ.”

އެ ޒުވާނާ އަނެއްކާވެސް ވީޑިއޯ ފެށިއެވެ. މިރުޒާ ކޮންމެ ސިކުންތަކަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. އޭނާ ހިނގާ ގޮތާއި، ހިނިތުންވާ ގޮތާއި، އެއްވެފައިވާ މީހުންނާ މުޚާތަބުކުރާ ގޮތަށެވެ.

އަނެއްކާވެސް ޕްރެޒެންޓަރު ވާހަކަދައްކަން ފެށިއެވެ.

“މިސް ޝްރެޔާ، މިއަދު އަޅުގަނޑުމެންނާއެކު ބައިވެރިވެވަޑައިގަތީތީ ވަރަށް އުފާކުރަން. ތިޔަ ބައިވެރިވުމަކީ އަޅުގަނޑުމެންގެ ބްރޭންޑަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް.”

“ޝުކުރިއްޔާ. އަޅުގަނޑުވެސް މިތަނަށް އާދެވުނީތީ ވަރަށް އުފާކުރަން.” އޭނާ ޖަވާބު ދިނެވެ.

އެއީ ވަޝިއްޔާގެ އަޑެވެ.

މިރުޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. މީގެ އަހަރުތަކެއް ކުރިން، ދަންވަރުގެ ވަގުތެއްގައި ކެފޭއެއްގައި ދެކެވުނު ވާހަކަތަކާއި، މޫދު ކައިރީގައި ހޭދަކުރި ހަމަހިމޭން ވަގުތުތަކާއި، އޭނާގެ ފޯނަށް ލިބުނު މެސެޖެއް ހަނދާނަށް އައެވެ.

“މިރޭގެ ވަގުތުތަކަށް ޝުކުރިއްޔާ. އަޅުގަނޑު ހުރީ މިފަދަ ވަގުތުކޮޅަކަށް ވަރަށް ބޭނުންވެފައި. ބާއްޖަވެރި ރޭގަނޑެއް.”

ވޭތުވެދިޔަ އަހަރުތަކުގައި އޭނާ އެ މެސެޖު ކިތަންމެ ފަހަރަކު ކިޔައިފިއެވެ. މިއަދު އޭނާއަށް އެ އިވެނީ އެ އަޑެވެ.

“ހުރިހާ މައުލޫމާތެއް ހޯދާ.” މިރުޒާ އަމުރުކުރިއެވެ.

“ސާރ؟”

“އޭނާ ދިރިއުޅެނީ ކޮންތާކުތޯ، އުޅެނީ ކާކާއެކުތޯ، ވަޒީފާ އަދާކުރަނީ ކޮންތާކުތޯ އަދި ބައްދަލުކުރަނީ ކޮން ބަޔަކާތޯ. އެ އަންހެން މީހާއާ ބެހޭ ހުރިހާ ކަމެއް އަހަންނަށް އެނގެން ބޭނުން.”

މިވެސް ކިޔާލަން:  އޭނާ - ސާދަވަނަ ބައި

އެ ޒުވާނާ އަވަސްއަވަހަށް ބޯޖަހައިލިއެވެ.

“އަދި އޭނާއާ ގާތްނުވާތި. އޭނާއާ ގުޅަންވެސް ނޫޅޭތި. އަހަރެމެން އޭނާ ހޯދާކަން އެއްވެސް މީހަކަށް އެނގުނަ ނުދޭތި.”

“ލައްބަ ސާރ، އެނގިއްޖެ.”

ސްކްރީނުން ފެންނަން ހުރި ތަސްވީރަށް ބަލަހައްޓައިގެން ހުރެ، މިރުޒާ މަޑުމަޑުން ބުންޏެވެ.

“އޭނާގެ އަސްލު ނަމަކީ ވަޝިއްޔާ. އެކަން ދުވަހަކުވެސް ހަނދާން ނައްތާނުލާތި.”

*****

ދިގު ތިން އަހަރެވެ. އެ ނަމާއެކު ސޫރައެއް މިރުޒާގެ ހަނދާނަށް އަލުން އައުމަށް ތިން އަހަރުގެ ދިގު އިންތިޒާރެއް ކުރަން ޖެހުނެވެ. ވަޝިއްޔާ “މަސްތު” ގެ ކުށުގެ ނެޓްވޯކުގެ ތެރެއަށް ގެއްލިފައިވާކަން ޤަބޫލުކުރަން މިރުޒާ ތިން އަހަރު ވަންދެން ދެކޮޅުހެދިއެވެ. އޭނާ ކޮންމެ ނިޝާނެއްގެ ފަހަތުން ދިޔައެވެ. ގުޅުން ހުރި އެންމެންނާ ސުވާލުކޮށް، އެ ނެޓްވޯކާ ގުޅުންހުރި ހުރިހާ ތަނެއް ބަލައި ފާސްކުރިއެވެ. ކޮލޮމްބޯގެ އެކި ހިސާބުތަކަށް ދަތުރުކޮށް، މަޢުލޫމާތު ހޯދުމަށް ބޮޑެތި ހޭދަތަކެއް ކުރިއެވެ. އަދި އަތްނުލެވޭނެކަމަށް އަމިއްލައަށް ޤަބޫލުކޮށްގެން ތިބި މީހުންގެ ފަހަތުން ދިޔައެވެ.

ބައެއް މަޢުލޫމާތުތަކަކީ އޭނާ މަޅިއެއްގައި ޖެއްސުމަށް ރޭވި ކަންކަމެވެ. ބައެއް ކަންކަން ނިމުނީ ފަޅު އިމާރާތްތަކުންނެވެ. އަދި އަނެއްބައި ކަންކަމުގެ ސަބަބުން، އޭނާ މަރާލަން ބޭނުންވާ މީހުންނާ ނުރައްކާތެރި މިންވަރަކަށް ގާތްވެވުނެވެ. ނަމަވެސް މިރުޒާ ހުއްޓައެއް ނުލައެވެ. އޭނާގެ އެ ސާބިތުކަމުގެ ބަދަލުގައި އޭނާގެ އަތުން ގާތްގަނޑަކަށް ހުރިހާ އެއްޗެއް ބީވެގެން ދިޔައެވެ.

އަހަރުތަކެއް ވަންދެން އޭނާ ބިނާކުރި ކުށުގެ ރަސްކަން، ތަހުޤީޤުތަކާއި، މާލީ ދަތިތަކާއި، އެތެރެއިން ލިބުނު ބޭވަފާތެރިކަމުގެ ސަބަބުން އިނދަޖެހުނެވެ. މުދާތައް ދައުލަތަށް ނެގުނެވެ. ނުވަތަ ދޫކޮށްލެވުނެވެ. ވިޔަފާރީގެ ބައިވެރިން ގެއްލުނެވެ. ކުރީގެ ރަހުމަތްތެރިން އޭނާގެ ފޯނަށް ޖަވާބުދިނުން ހުއްޓާލިއެވެ. ކުރިން ވަގުތުން ފޯނު ނަގާ މީހުން، މިހާރު އުޅެނީ އޭނާގެ ނަންބަރުވެސް ނޭނގޭ ކަމަށް ހަދައިގެންނެވެ. ކުރިން އިޙުތިރާމާއި ބިރުވެރިކަމާއެކު ކިޔައި އުޅުނު އޭނާގެ ނަމަކީ، މިހާރު އެންމެން އެ ނަމަކުން ބަރީއަވާން ބޭނުންވާ ނުރައްކާތެރި ނަމަކަށް ވެއްޖެއެވެ.

މިރުޒާ އަމިއްލައަށް ހަލާކުވަމުންދާކަމުގެ އިންޒާރު އިބްރާހީމް ދިނެވެ. މިރުޒާ އެއަޑު އެހިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ހަމަ ކުރިއަށް ގެންދިޔައީއެވެ. އޭނާ ވަޝިއްޔާ ހޯދުމުގައި މަޝްޣޫލުވެ އުޅުނުއިރު، އޭނާގެ އަމިއްލަ ދިރިއުޅުން ދިޔައީ މަޑުމަޑުން ރޫޅެމުންނެވެ. އޭނާގެ އަންހެނުން އެ ނުތަނަވަސްކަމާއި، ތަހުޤީޤުތަކާއި، މާލީ ގެއްލުންތަކަށް ކެތްކުރިއެވެ. އެއީ ދެމީހުންކުރެ އެކަކަށްވެސް ވީނުވީއެއް ނޭނގޭ އަންހެނެއްގެ ހިޔަނި އެޅިފައިވާ ކައިވެންޏެއްގައި ހޭދަކުރި ހިތްދަތި އަހަރުތަކެކެވެ.

މިވެސް ކިޔާލަން:  އޭނާ - ތޭވީސްވަނަ ބައި

އެންމެ ފަހުން، އޭނާ އިންތިޒާރުކުރުން ހުއްޓާލައި ވަރިވާން ހުށަހެޅިއެވެ. އޭނާގެ ދަރިފުޅު ގޮވައިގެން، މިރުޒާގެ ނުރައްކާތެރި ގުޅުންތަކާއި ނުނިމި ހުރި ކަންކަމާ ދުރަށް ގޮސް، އަމާން ދިރިއުމެއް އިޚްތިޔާރު ކުރިއެވެ. ފުރަތަމަ މިރުޒާ ވަރިވުމާ ދެކޮޅަށް މަސައްކަތް ކުރި ނަމަވެސް، އޭނާގެ ނިންމުންތަކުގެ ހިތްދަތި އަގު އޭނާގެ އާއިލާއިން ދައްކައިފިކަން އަމިއްލަ ނަފްސަށް އޮޅުވައެއް ނުލެވުނެވެ. ދާއިމީކޮށް ވަކިވުމުން އޭނާއަށް ބާކީވީ ބީރައްޓެހިކަން އިޙުސާސްކުރެވޭ ހުސް ގެއަކާއި، ވަރަށް މަދުން ނޫނީ ރިންގުނުވާ ފޯނެކެވެ.

އޭނާގެ ރަސްކަން ގެއްލިއްޖެއެވެ. އޭނާގެ ކައިވެނި ރޫޅިއްޖެއެވެ. ބަފައެއްގެ ހައިސިއްޔަތުން ދަރިފުޅާއެކު ހޭދަކުރަން ޖެހޭ، ދެން ދުވަހަކުވެސް އަނބުރާ ނުލިބޭނެ އާދައިގެ އުފާވެރި ވަގުތުތައް އޭނާއަށް ބީވެއްޖެއެވެ. އެހެނަސް، އޭނާ އަދިވެސް ވަޝިއްޔާ ހޯދަނީއެވެ.

*****

“ސަރ؟”

އެ ޒުވާނާގެ އަޑާއެކު ކުއްލިޔަކަށް ޚިޔާލުތަކުން ބޭރުވެ މިރުޒާ އިސްއުފުލައި ބަލައިލިއެވެ.

“އަޅުގަނޑަށް އިތުރު ކަމެއް ފެނިއްޖެ.”

އޭނާ އަނެއްކާވެސް ލެޕްޓޮޕް އަނބުރާލިއެވެ.

“މިސް ޝްރެޔާ ރަޙްމާނާ ބެހޭގޮތުން ގިނަ ލިޔުންތަކެއް އެބަހުރި. އޭނާ ދަނީ ދަރުމަވެރި ހަރަކާތްތަކާއި، ބޮޓީކްތައް ހުޅުވުމުގެ ރަސްމިއްޔާތުތަކާއި، އަމިއްލަ ވިޔަފާރި ބައްދަލުވުންތަކަށް ޒިޔާރަތްކުރަމުން. ފެންނަ ފެނުމަށް ބަލާއިރު، އޭނާއާ ގުޅުން އޮންނަނީ މިސްޓަރ ޖާބިރު ރަޙްމާނާ.”

މިރުޒާގެ މޫނުމަތީގެ ކުލަވަރު ބަދަލުވެ، ހަރުކަށިވިއެވެ. “ޖާބިރު؟ ޔަގީންތަ؟”

“އާދެ ސަރ. ޖާބިރު ރަޙްމާން. އޭނާއަކީ ވަރަށް ނުފޫޒުގަދަ ވިޔަފާރިވެރިއެއް އަދި ސިޔާސީ ލީޑަރެއް. ބިންތަކާއި، ފަތުރުވެރިކަމާއި، އަމިއްލަ އިންވެސްޓްމަންޓްތަކުގެ ދާއިރާގައި ފާހަގަކޮށްލެވޭ މީހެއް. ވިޔަފާރީގެ އެކި ރިޕޯޓްތަކުން އޭނާގެ ނަން ފެންނަން އެބަހުރި.”

“ޖާބިރު ރަޙްމާން ނުދަންނާނީ ކާކު! އަހަންނަށް އޭނަ އެނގޭ!”

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top