ޒޯޔާ ގެއަށް އައިއިރު ވެސް ހުރީ ވަރަށް ރުޅި އައިސްފައެވެ. ކެފޭ ހުޅުވައިގެން މިވީ ހަތް މަސްދުވަސް ތެރޭވެސް މިވަރު މީހަކާ ދިމައެއް ނުވެޔޭ އޭނާގެ ހިތަށް އެރިއެވެ. ކުދިކިޔަމުން ގޮސް ސިޑިން އަރަނިކޮށް ސިޑިން އޭނާގެ ފައި ނައްޓާލިއެވެ. ފަހަތަށް އެއްލިގަތް ވަގުތު އޭނާއަށް ހަޅޭއްލަވައިގަނެވުނެވެ. ދެލޯ މަރާލެވުނެވެ. ނަމަވެސް ޒޯޔާ ވެއްޓުނަނުދީ ކޮންމެވެސް އަތެއްގެ ހިމާޔަތް ލިބުނެވެ. ނުވެއްޓޭކަން ޔަޤީންވުމުން ޒޯޔާއަށް މަޑުމަޑުން ލޯ ހުޅުވާލެވުނެވެ. އެވަގުތު އޭނައަށް ފެނުނު މޫނަކުން އޭނަގެ މޫނަށް ހައިރާންކަން ވެރިވުމާއެކު ހިނިތުންވުމެއް ވެރިވިއެވެ.
“ފައިސަލް! ކޮންއިރަކު އައީ؟” ޒޯޔާ ހުރިހާ ދަތްތައް ފެންނަވަރަށް ހީނލަމުން އަހާލިއެވެ.
“ޒޯޔާ ދެންމެ އަރިއަޅާލައިގެން ވެއްޓެނިކޮށް. ހަމަ އެވަގުތު.” ފައިސަލް ސަމާސާ ކޮށްލިއެވެ.
“އަހަރެން ވެއްޓެން އުޅޭ ކޮންމެ ފަހަރަކު ތިހެން އަހަރެން ސަލާމަތް ކުރާނަންތަ؟” ޒޯޔާ ފައިސަލްގެ ލޮލަށް ބަލަން ހުރެ ބުނެލިއެވެ. ފައިސަލް ބޯޖަހާލީ ހަމަ އެ ސަމާސާ މިޒާޖުގައި ހުރެއެވެ.
“ހޫނ. އެއްކަލަ މީހާ ފެށީ.” ޒޯޔާ ފައިސަލްގެ ކޮނޑުގައި ޖަހާލަމުން ހަށިގަނޑު ސީދާކޮށްލިއެވެ.
“އަހަރެން މީ ޒޯޔާގެ ޑޮކްޓަރެއްނު.” ފައިސަލްގެ ވާހަކައަށް ޒޯޔާ ބޯޖަހާލިއެވެ.
“އެހެންވީމަ ޓެކްނިކަލީ އަހަރެން ބުނާ ކޮންމެ ވާހަކައެއް ޒޯޔާ ޤަބޫލުކުރަން ޖެހޭނެއެއްނު.” ފައިސަލްގެ ވާހަކައަށް ޖޯޔާ “ހޫމް” އެކޭ ބުނަމުން އަނެއްކާވެސް ބޯޖަހާލިއެވެ.
“އެހެންވީމަ މި ބޮޑު ގޭގައި ދުވަމުން ފުމެމުން ފޯނާ ކުޅެމުން، ރުޅި ގަދަވެގެން ސިޑިން އަރާފޭބުން ހުއްޓަން ޖެހޭނެ. ފައި ކައްސާލައިގެން ވެއްޓި ބޮޑު އަނިޔާއެއްވެސް ވެދާނެ.” ފައިސަލް ބުނެލިއެވެ.
“އޭރުންވެސް ފައިސަލް ތިހިރީނު. އަހަންނަށް ފަރުވާ ކޮށްދޭނަމެއްނު.” ޒޯޔާ ސަމާސާ ރާގެއްގައި ބުނެލިއެވެ. ފައިސަލް ބޯ ހޫރާލިއެވެ.
“ހޫމް. ތި ރުޅިގަދަވެގެން ކާކާ ދިމާލަށް ތި އެއްޗެހި ކިޔަނީ؟” ފައިސަލް އަހާލިއެވެ.
“ކީއްކުރާނީ؟ އެންމެންނަކީ ތިކަހަލަ ވިސްނޭ، ހަމަޖެހޭ މީހުންނެއް ނޫނެއްނު. ރުޅިއައިމަ ފުން ނޭވައެއް ލާފައި ދިހައަކާ ހިސާބަށް ގުނާކަށް. އަހަރެން ފޯނުން ބުނީމެއްނު މިއަދު އައި ކަސްޓަމަރެއްގެ ވާހަކަ. އަހަރެން އަދި ނުދެކެން އެހާ ވިޔާނުދާ މީހެއް.” ޒޯޔާ ބުނެލިއެވެ.
“އަދިވެސް އެކަމާތަ ރުޅިއައިސްފަ ތިހިރީ؟” ފައިސަލް ބުނެލިއެވެ.
“އަޅާނުލާ. ރުޅިވެރިކަން ފަދަ އިޙުސާސްތައް ދެނެގަންނަން ބޭނުންވަނީ ހިތެއް.” ޒޯޔާ ބުނެލިއެވެ.
“އުހުނ. ހިތެއް ނޫން. ބޭނުންވާނީ ސިކުނޑި. އިޙުސާސްތައް ކުރެވެނީ ހިތަކުން ނޫން، ސިކުނޑިން. ހިތަކީ ކޮބައިކަން އެނގޭތަ؟” ފައިސަލް ބުންޏެވެ.
“ކޮބާ؟” ޒޯޔާ އެހިއެވެ. ފައިސަލް އޭނާގެ އަތް މުށްކަވާލާފައި ޒޯޔާއަށް ދެއްކިއެވެ.
“ހިތަކީ އަހަރެމެން މުށްކަވާލުމުން އަތްތިލަ ހުންނަވަރުގެ މަސްކޮޅެއް. އެއީ މުޅި ހަށިގަނޑަށް ލޭ ފޮނުވައިދޭ އެއްޗެއް. އެނޫން ކަމެއް ހިތަކުން ނުކުރާނެ.” ހީނލަމުން ފައިސަލް ބުނެލިއެވެ. އެއަށްފަހު ޒޯޔާގެ ޖަވާބު އަންނާނެ ގޮތްވެސް އޭނައަށް ރަނގަޅަށް އެނގެއެވެ.
“ތި ބަޔޮލޮޖީ ފިލާވަޅަށް ޝުކުރިއްޔާ ޑޮކްޓަރު ފައިސަލް.” ޒޯޔާ ބުނެލިއެވެ.
“ވެލްކަމް.”
“އެކަމަކު ތިބުނި ހިތާ ސިކުނޑީގެ ލޮޖިކަށްފަހު މިހާރު އަހަރެންގެ ބޮލުގައި ރިއްސަން ފަށައިފި. މި ބަލަނީ އަހަރެންގެ ހިތުން ސިކުނޑިއަށް ރަނގަޅަށް ލޭ ފޮނުވައިނުދެނީ ކަމަށް.” ޒޯޔާ ބުނެލިއެވެ. އެވަގުތު ފައިސަލްއަށް ސިޑިން ފައިބަން އައި އާފިޔާއާއި ނަސީރު ފެނުނެވެ.
“އަހަރެން މިބުނީ ރަނގަޅު ވާހަކައެއް ނޫންތަ ދައްތާ؟” ފައިސަލް އަހާލިއެވެ.
“މަންމާ!” ޒޯޔާ ކުސްތަޅާލާ ގޮތަށް އާފިޔާއަށް ގޮވާލިއެވެ. އެ ދެމީހުންގެ ގުޅުން ފެނިފައި އާފިޔާ ހުރީ އުފަލުން ފުރިފައެވެ.
“ދައްތަ މިހިރަ ދަރިފުޅު ބުނާގޮތުން އަހަރެން މި ކިޔައިދޭ ވާހަކަތަކުން އޭނަގެ ހިތާއި ސިކުނޑިއަށް ކަންތައްތަކެއް އެބަ ދިމާވޭ. ހިތުން ލޭ ފޮނުވައިނުދެނީ.” ފައިސަލް ބުންޏެވެ.
“ފައިސަލް އަބަދުވެސް ބުނާނީ ރަނގަޅަށް.” އާފިޔާ ބުނެލިއެވެ.
“ބައްޕާ! އެމީހާ އަހަރެންގެ ސްޕެނިޝް ވާސް ތަޅާލީއޭ.” ކުޑަކުއްޖެއް ފަދައިން ޒޯޔާ ނަސީރު ގާތު ޝަކުވާކުރިއެވެ.
“ދަރިފުޅާ. އެއީ އެއްވެސް ކަމެއް ނޫން. އަލުން އާ އެއްޗެއް ހޯދާނީ.” ނަސީރު ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ.
“އެހެންވިޔަސް، އަހަރެންގެ އަތުން އޭނަގެ ގަޔަށް ކޮފީ އެޅުނީމަ، އަހަރެންގެ އޭނަގެ ބިލުވެސް ކެންސަލް ކޮށްލަދިނިން. އެކަމަކު އޭގެ ފަހުންވެސް އޭނަ އަހަންނާ ދިމާލަށް އެއްޗެހި ކިޔާފައި އެ ދިޔައީ. އެއްވެސް އަޚުލާޤެއް ނެތް.” ޒޯޔާ އަނެއްކާވެސް ހިތްހަމަނުޖެހުނެވެ.
“ޒޯޔާ! ދަރިފުޅާ. ދެން ތި ރުޅިގަނޑު މައިތިރިކޮށްބަލަ.” އާފިޔާ ބުނެލިއެވެ.
“ކޮބާ ދަރިފުޅު ބުނީމެއްނު ވަރަށް ޚާއްސަ މީހަކާ ބައްދަލުކުރަން ދާ ވާހަކަ. ކޮބާ އޭނައާ ބައްދަލުކޮށްފައިތަ ތި އައީ؟” ނަސީރު އަހާލިއެވެ.
“ނޫން. އެމީހާއާ ހެދި މޫޑު ޚަރާބުވި ވަރުން ގެއަށް މި އައީ.” ޒޯޔާ ބުނެލިއެވެ.
“ފައިސަލް. އަހަރެން އެބަ އަންނަން އެއްޗެހި ބަދަލުކޮށްލައިގެން.” ޒޯޔާ އެހެން ބުނުމަށްފަހު ސިޑިން އަރައިގެން ދިޔައެވެ.
“ފައިސަލް. އާދޭ އިށީންނަން.” ނަސީރު އެހެން ބުނަމުން އައިސް ސޯފާގައި އިށީނެވެ.
“ފައިސަލް! ކޮބާ ފިއުޗާ ޕްލޭންއަކީ؟” އާފިޔާ ހިނިތުންވެލަމުން އަހާލިއެވެ.
“އަދި ހަމަ ވިސްނަނީ. އަހަރެން ބޭނުންވަނީ ރާއްޖޭގައި އެންމެ ފެންވަރު ރަނގަޅު، ބޮޑު ހޮސްޕިޓަލް އަޅަން. އަހަރެން ބޭނުމެއް ނޫން އަނެއްކާވެސް ބޭރަށް ދާކަށެއް. ބޭނުންވަނީ މިތާނގަ ހުރެގެން މިތަނަށް ރަނގަޅު ޚިދުމަތެއް ކުރަން.” ފައިސަލް ކިޔައިދިނެވެ.
“ފައިސަލް! އަހަރެން މި އަހަނީ ކެރިއަރުގެ ވާހަކައެއް ނޫނޭ. ޕާސަނަލް ލައިފްގެ ވާހަކަ.” އާފިޔާ އެހެން ބުނެލުމުން ފައިސަލް ހިތި ހިނިތުންވުމެއް ދެމުން އިސްޖަހާލިއެވެ.
“ދައްތާ. އަހަރެންގެ ޖަވާބަކީ ހަމަ ކުރިންވެސް ދިން ޖަވާބު. އަހަރެން އިސްވެ ކުރިއަށް ފިޔަވަޅެއް ނާޅާނަން. ޒޯޔާ އަމިއްލައަށް އަހަންނާ ދިމާއަށް ފިޔަވަޅު އަޅާ ދުވަހަކަށް އަހަރެން މި އިންތިޒާރު ކުރަނީ. އެދުވަހަކުން އަހަރެންގެ ޖަވާބަކީ އާނއެކޭ.” ފައިސަލް ބުންޏެވެ.
ތަނަށް ވެރިވީ ބުނެދޭން ނޭނގޭ ފަދަ ހިމޭންކަމެކެވެ. ޒޯޔާގެ ޑޮކްޓަރުގެ ގޮތުގައި އެ ގެއަށް ފައިސަލް ގެނައެއް ކަމަކު އާފިޔާގެ ހަޤީޤީ މަޤުސަދަކީ ޒޯޔާގެ ކައިވެނި ފައިސަލްއާ ކުރުވުމެވެ. އަޔާންގެ ބާބު ޒޯޔާގެ ހަޔާތުން ފޮހެލުމެވެ. ފައިސަލްގެ ހިތުގައި ޒޯޔާއަށްޓަކައިވާ އިޙުސާސްތައް އާފިޔާއަށް އެނގެއެވެ.
ފައިސަލް ޒޯޔާދެކެ ކުރިއެކޭ އެއްގޮތަށް އަދިވެސް ލޯބިވެއެވެ. ނަމަވެސް ޒޯޔާގެ ލޯތްބަކީ އަޔާންކަން އޭނައަށް އެނގެއެވެ. ޒޯޔާގެ ހަނދާނުގައި އެކަން ނެތްނަމަވެސް ހަޤީޤަތަކީ އެއީއެވެ. އެ ދެމީހުންގެ ކައިވެނި ރޫޅުނީ އެ ދެމީހުންގެ ހަމަބުއްދީގައި ތިބެ ނޫންކަންވެސް އެންމެ ރަނގަޅަށް އެނގޭ މީހަކީ ފައިސަލްއެވެ. އެހެންކަމުން އޭނާ އިސްވެ ޒޯޔާއާ އެފަދަ ގުޅުމެއް ބާއްވާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ޒޯޔާ އަމިއްލައަށް އެކަމަށް އެދުން އެއީ މުޅިން އެހެން ކަމެކެވެ. އެހާތަނާ ޖެހެންދެން އޭނާ ހުންނާނީ ހަމައެކަނި ޒޯޔާއަށް ހެޔޮއެދޭ ރަޙުމަތްތެރިއެއް އަދި ޑޮކްޓަރެއްގެ ގޮތުގައެވެ.
ރެސްޓޯރެންޓްގެ މޭޒު ކައިރީގައި ޒޯޔާ އާއި ފައިސަލް ތިބިއިރު ޒޯޔާގެ މޫޑް ތަންކޮޅެއް ރަނގަޅުހެން ހީވެއެވެ. ހިނިތުންވެލާފައި ވާހަކަ ދައްކަމުން ދިޔައިރު މިރޭ ކުރިން ވީ ކަންކަމުގެ މަތިން ހަނދާން ހުރިހެނެއް ހިއެއް ނުވެއެވެ.
“އަބަދުވެސް ތިހެން ހީނލާފައި އުޅޭނަމަ.” ފައިސަލް ބުނެލިއެވެ.
“ހޫނ. އެއްކަލަ ފައިސަލް. ބައެއްފަހަރު ހިތަށް އަރާ ތަޅައިގެންފާނަމޭ. އެކަމަކު އޭރުން އަހަންނަށް ފަރުވާ ކުރާނީ ކާކު ދޯ.” ހީނގަންނަމުން ޒޯޔާ ބުނެލިއެވެ.
“ފައިސަލް. އެނގޭތަ؟ މިރޭ އަހަންނަށް ހަމަ ވަރަށް އުނދަގޫ ގޮތްތަކެއް އެބަވޭ. އެ ކެފޭއިން ދިމާވި މީހާއާ ދިމާވީއްސުރެ ވަރަށް ބުނެދޭން ނޭނގޭ ކަހަލަ ގޮތެއް ވެފައި ހުންނަނީ.” ޒޯޔާ ބުނެލިއެވެ. އޭނާ ހުރީ ކުޑަކޮށް ކަންބޮޑުވެފައެވެ. ޒޯޔާގެ ވާހަކައިން ފައިސަލް އިތުރަށް ސަމާލުވެލިއެވެ.
“މިސާލަކަށް ކޮންކަހަލަ އުނދަގުލެއް؟” ފައިސަލް އެހިއެވެ.
“ނޭނގެ ބުނެދޭކަށް. ވަރަށް ގާތް އިޙުސާސެއް ކުރެވުނީ. އޭނައާ ޒުވާބުކުރިއިރު ވެސް ވަރަށް އާދަކޮށް ކުރެވޭ ކަމެއްހެން ހީވީ. އެކަމަކު އޭނަ ކުރިއަކުން ނުއެއް ދެކެން. ހަނދާނެއްވެސް ނުވޭ. އެހެންވެ މި އުނދަގޫވަނީ.” ޒޯޔާ ބުންޏެވެ.
“ވެދާނެއެއްނު ޒޯޔާ ކުރިން މީހަކާ މާ ގަދައަށް ޒުވާބުކުރީ ކަމަށް.” ފައިސަލް ބުންޏެވެ.
“ކަސްޓަމަރަކާ!؟ ނޯ ވޭ!” ޒޯޔާ ޔަޤީންކަމާއެކު ބުންޏެވެ.
“ކަސްޓަމަރެއްގެ ވާހަކައެއް ނޫނޭ މިބުނީ. ޒޯޔާގެ ދިރިއުޅުމުގައި.” ފައިސަލް ބުނެލިއެވެ.
“ހަނދާނެއް ނުވޭ.”
“އެވާހަކަ ބާއްވާ. އެކަމަކު އަހަރެން ބޭނުން އެމީހަކާ ބައްދަލުކުރަން.” ފައިސަލް ކުއްލިއަކަށް ބުނެލިއެވެ.
“ހޭނ. އެ ކީއްކުރަން؟” ޒޯޔާ ހައިރާންވެފައި އެހިއެވެ.
“ޒޯޔާއަށް އެމީހެއްގެ މަތިން ހަނދާން ނައްތާނުލެވިގެން ތިއުޅޭ ކީކޭތަ ބުނީ؟ އާނ މިސްޓަރ ވައިޓް ޓީޝާޓްގައި އެބަހުރި ޚާއްސަ ކަމެއް. އޭނަ ދެން ކެފޭއަށް ގޮސްފިއްޔާ އަހަންނަށް ގުޅައްޗޭ. އަހަރެން ދާނަން.” ފައިސަލް ބުނެލިއެވެ.
“އޯ ޕްލީޒް. އަހަރެން ނޫޅެން އޭނަ ހަނދާން ނައްތާނުލެވިގެނެއް. ފައިސަލް މޮޔަވީތަ؟ އޭނަ އެތަނަށް ދިޔަ ފުރަތަމަ ދުވަހު އެހާ ވަރަށް ޒުވާބުކޮށްފަ، އަދި ހިލޭ ކޮފީ ބޮއިގެން ގޮއްސަ އޭނަ ދެވަނަ ފަހަރަށް އަންނާނެތަ އެތަނަށް.” ޒޯޔާ ބުންޏެވެ.
“ޒޯޔާގެ ވާހަކައިން ހީވަނީ އޭނަ ދެން ނާންނާނެތީ ދެރަވެގެން އުޅޭހެން.” ކުޑަކޮށް ހިނިއައި ނަމަވެސް އެކަން ފޮރުވަމުން ފައިސަލް ބުންޏެވެ.
“އަހަރެން ކީއްވެ ދެރަވާންވީ؟ އަހަރެން މިހިރީ ވަރަށް އުފަލުން ދެވަނަ ފަހަރަށް އޭނައާ ދިމާނުވާނެތީ. އެއީ އަހަންނަށް ހަމަ ޔަޤީން އޭނަ ފެނިއްޖެއްޔާ އަނެއްކާވެސް އަހަރެން ޖެހޭނީ އޭނައާ ޒުވާބު ކުރަންކަން.” ޒޯޔާ ބުންޏެވެ.
ފައިސަލް އިނީ ބަލަހައްޓައިގެންނެވެ. އޭނަގެ ހިތުގައި އުފެދެމުންދާ ޝައްކު ޔަޤީންކުރަން އޭނަ ބޭނުމެވެ. އެމީހަކާ ބައްދަލުކުރަން އޭނަ ބޭނުމެވެ.
*****
އަޔާން އިނީ އޭނާގެ ކޮޓަރީގައި ކުރަހާށެވެ. އެވަގުތު ކޮޓަރިއަށް ވަދެގެން އައީ ރާއިޒެވެ.
“ދޮންބެ ކޯއްޗެއް ތި ހަދަނީ؟” ރާއިޒު އެހިއެވެ.
“މި ކުރަހަނީއެއްނު.” އަޔާން ރާއިޒަށް ބަލާލަމުން ބުނެލިއެވެ. އެވަގުތު ކުއްލިއަކަށް ރާއިޒުގެ ހިތަށް އައި އެއްޗަކުން އޭނަ އަޔާންއަށް ބަލާލިއެވެ.
“ދޮންބޭ. މިރޭ ބުނީމެއްނު ކޮފީ ޖެހި މީހާ ވާހަކަ. އޭނަގެ ފޮޓޯ ކުރެހޭނެތަ؟ އަހަރެން ބޭނުން އޭނަ ބަލަން.” ރާއިޒު ބުނެލިއެވެ.
“ރާއިޒޫ. ނިދަން ބުނީމަ އައިސް މިތާ ދޯ ތިއިނީ. ވާހަކަ ދައްކާނީ ފަހުން. ހިނގާ ނިދަން.” ކޮޓަރިއަށް ވަތް އަފްޒާ ގޮވިއެވެ.
“މަންމާ އަޅެ ކުޑަ އިރުކޮޅެއް. ދޮންބެ އެއްކަލަ ކޮފީ އާންޓީގެ ފޮޓޯ ކުރަހަނީ. އެ ބަލާލާފަ ދާނަން.” ރާއިޒު ކުސްތަޅާލިއެވެ. ރާއިޒުގެ ވާހަކަ އަޑުއަހަން އިން އަޔާން ގާތަށް ހިނިއައެވެ. ކުޑަކުދިންނަކީ އެކަހަލަ ބައެކެވެ.
“ދަރިފުޅާ. މާދަން ސްކޫލަށްވެސް ދާން ޖެހޭނެއޭ. މިހާރު އެއޮއް އެގާރަ ޖެހީ. އެހާ ލަހުން ނިދާފަ ކިހިނެއް ފަތިހު ހޭލާނީ. ހިނގާ ދެން. މާދަމާ ތި ބަލާނީ.” އަފްޒާ އަނެއްކާވެސް ބުންޏެވެ.
“ފަހަރީ. އިރުކޮޅަކަށް އޭނަ ބަހައްޓަބަލަ.” އަޔާން ބުނެލިއެވެ. އަފްޒާވެސް އެންމެ ފަހުން ގޮތް ދޫކުރީ އެހެންނޫނީ ރާއިޒު ބޮޑާކޮށްލައިގެން ގެންދަން ޖެހޭނެތީއެވެ.
އަޔާން ކުރަހަމުން ދިޔައިރު ރާއިޒު އެ އަންހެންކުއްޖާއާ ބެހޭގޮތުން އެކި ސުވާލު ކުރަމުން ދިޔައެވެ. އޭނާގެ ލޮލާއި ނޭފަތާއި އިސްތަށިގަނޑާއި ތުންފަތް ހުންނަ ގޮތާއި ބެހޭގޮތުންނެވެ. އަޔާން އެ ސުވާލުތަކަށް ޖަވާބުދެމުން ދިޔައީ އެކުއްޖާ ޝައުޤުވެރިވާނެ ފަދަ ސިފަތައް ހިމަނައިގެންނެވެ.
ކުރެހުން ނިމުނުކަން އަންގާލުމާއެކު ރާއިޒު ގޮސް އަފްޒާ އާއި ރިޔާޒަށް ގޮވައި ގެނައެވެ. އަދި އެމީހުން އައުމުން އަޔާން ހީނލަމުން އެ ކުރެހުން ދައްކާލިއެވެ. ކުރެހުން ފެނުމާއެކު ތިން މީހުންގެ ލޯ ބޮޑުވިއެވެ.
(ނުނިމޭ)
