“މަންމާ. އެއީ ހަމަ ތަނަކުން އިވުނު ރާގެއް ނޫން. އެ ރާގު އިވުނީމަ އަހަންނަށް ތަފާތު އިޙުސާސްތަކެއް ކުރެވުނު. އެއީ އަހަރެންގެ މާޒީގެ ބައެއް ކަހަލަ. މަންމާ، މިހެން ދިރިއުޅެއުޅެ އަހަރެން ވަރުބަލިވެއްޖެ. އަހަރެން އެއްވެސް ކަމެއް ހަނދާނެއް ނުވޭ. ނުވިސްނަން އުޅުނަސް ވިސްނަން މަޖުބޫރުވާ ކަހަލަ ކަންކަން ވަނީ. މަންމަމެން އަހަންނަށް ހަޤީޤަތް ކިޔައިދީ. ނޫނީ އަހަރެން މޮޔަވެދާނެ. އަހަރެންގެ ބޯ ފަޅައިގެން ދާވަރުވޭ. އަހަރެން މޮޔަވެދާނެ.. މޮޔަވެދާނެ.. މޮޔަ..” ޒޯޔާގެ އަޑު މަޑުވަމުން މަޑުވަމުން ގޮސް އޭނާ ހޭނެތިގެން އެނދުމައްޗަށް ވެއްޓުނެވެ.
“ޒޯޔާ! ދަރިފުޅާ ޒޯޔާ!” އާފިޔާ ކަންބޮޑުވެގެން ޒޯޔާއަށް ގޮވަން ފެށިއެވެ.
“ރަފިއްޔާ! ރަފިއްޔާ!” އާފިޔާ ބާރަށް ގޮވިއެވެ. ރަފިއްޔާ ދުވަމުން ކަހަލަ ގޮތަކަށް އައިސް ކޮޓަރިއަށް ވަނެވެ.
“ރަފިއްޔާ ފެން ގެނޭ. އަވަސްކުރޭ!” އާފިޔާ ކަންބޮޑުވެގެން ގޮސް ހަލާކުވާވަރު ވިއެވެ. އޭރުވެސް އޭނާ ޒޯޔާއަށް ގޮވަމުން ތަޅުވަމުން ދިޔައެވެ.
“ނަސީރޫ! ނަސީރޫ!” އާފިޔާ އަޑުގެ ނެތްތަނަށް ނަސީރަށްވެސް ގޮވިއެވެ. އާފިޔާގެ އަޑަށް ދުވަމުން ނަސީރުވެސް އައެވެ.
“ޒޯޔާ ލޯ ހުޅުވަބަލަ. ދަރިފުޅާ ޒޯޔާ!” އާފިޔާ ގޮވަމުން ދިޔައެވެ. އޭނާގެ ލޮލުން ކަރުނަވެސް ހިލިއްޖެއެވެ.
“ޒޯޔާ! އާފިޔާ! ޒޯޔާއަށް ކުއްލިއަކަށް ކިހިނެއްވީ؟” ނަސީރު ކަންބޮޑުވެފައި އެހިއެވެ.
“ނޭނގެ. މިތާ ވާހަކަ ދައްކަން ހުއްޓާ އަނބުރައިގަތީ. ނަސީރޫ! ފައިސަލްއަށް ގުޅާ. އަވަސްކުރޭ! ޒޯޔާ ދަރިފުޅާ. ލޯ ހުޅުވަބަލަ.” އާފިޔާއަށް ހެދޭނުހެދޭ ވެސް ނޭނގޭވަރަށް އޭނާ ހުރީ ކަންބޮޑުވެފައެވެ.
**********
އަފްޒާ މެންދުރަށް ކައްކަން ބޭނުންވާ ބައެއް ސާމާނު ގަނެގެން ގެއަށް އައިސް ވަންނަން އުޅުނު ވަގުތު ނަތާޝާ ވެސް ކާރެއްގައި އައިސް ގެ ކައިރިއަށް މަޑުކޮށްލިތަން ފެނިގެން މަޑުކޮށްލިއެވެ.
“ނަތާ. ތި އައީ ދޯ؟ ތި ގިޓާ ހިފައިގެން ތި އައީ، ކޮބާ އަޔާން؟” އަފްޒާ އަހާލިއެވެ.
“އަޔާން މާ ކުރިން ނުކުމެއްޖެ. މިވެސް ބަހައްޓާފައި އައީ. އެހެންވެ މިވެސް ހިފައިގެން ޓެކްސީއެއްގައި މިއައީ.” ގިޓައަށް އިޝާރާތް ކޮށްލަމުން ނަތާޝާ ބުނެލިއެވެ.
“މާކުރިން ނުކުމެއްޖެޔޭ!؟ ކޮންތާކަށް؟ ގައިމު ގެއަކަށް ނާދޭ.” އަފްޒާ ކުޑަކޮށް ހައިރާންވެފައި ބުނެލިއެވެ.
“އެހެންތަ. ތި ވެދާނެ ހިތްހަމަޖައްސާލަން ބޭރަށް ގޮސްލީ ކަމަށް. މިއަދު ވީ ކަމަކުން އަދިވެސް ހައިރާންވެފައި މިހުންނަނީ.” ނަތާޝާ ބުންޏެވެ.
“އެއީ އަނެއްކާ ކޮންކަހަލަ ކަމެއް؟” އަފްޒާ އެހިއެވެ.
“ޤަބޫލު ކުރެވޭތަ؟ ޒޯޔާ މިއަދު އަޔާންގެ ގެލެރީއަށް އައީ.” ނަތާޝާ ބުންޏެވެ.
ހިތަށް އުފާވެރިކަމެއް ވެރިވި ނަމަވެސް އަފްޒާ މޫނުމަތިން އެކަމެއް ނުދައްކައެވެ. އެކަމަކު އެ ވާހަކައަށް އުފެދުނު ޝައުޤުވެރިކަމެއް ނުފޮރުވުނެވެ.
“ނާ ހަމަ ތެދެއް. އޭގެ މާނައަކީ ތި މީހުންގެ ދޭތެރޭ ޖެހޭ މައްސަލަތައް ނިމުނީއޭތަ؟” އަފްޒާ އެހިއެވެ.
“އާނ ދައްތާ. އެންމެ ފަހުން އަރާރުންތައް ނިމި، އަމާންކަން ލިބިއްޖެ.” ނަތާޝާ ވަރަށް ހިތްހަމަޖެހިފައި ހުރެ ބުންޏެވެ.
“ނަތާ، އަޔާންއާ ޒޯޔާއާ ދެމެދު އޮތް މައްސަލަވެސް ހައްލުވީތަ؟” އަފްޒާ ވަރަށް ޝައުޤުވެރިކަމާއެކު އެހިއެވެ.
“އާނ ދައްތާ. ހައިރާންވީ ކަމަކީ ޒޯޔާ އަމިއްލއަށް ގެލެރީއަށް އައިސް، އެއްވެސް ޒުވާބެއް ނުކުރޭ.” ނަތާޝާ ވެސް ހުރީ މި ފެނުނު ބަދަލުން ހައިރާންވި ނަމަވެސް އުފާވެފައެވެ. އަބަދު އެ ދެމީހުންގެ ޒުވާބުތައް އަޑުއަހާއަހާ އޭނާވެސް ވަރުބަލިވެއްޖެއެވެ.
“އެހެންތަ؟ އެކަމަކު ޒޯޔާ އަޔާންގެ ގެލެރީއަށް އަންނަންވީ ކީއްކުރަންނޯ؟ އަދި އެތަން އާންމުންނަކަށް ހުޅުވައެއްވެސް ނުލައެއްނު.” އަފްޒާއަށް އޭނާގެ ހިތުގެ ތެރޭގައި އުފެދެމުން އައި އުފާވެރިކަން ފާޅުނުކޮށް ހިފަހައްޓާލެވެނީ ކިރިޔާއެވެ.
“ދައްތައަށްވެސް އެނގެއެއްނު އަހަރެމެންގެ އަޔާން ކިހާ ހުނަރުވެރިކަން. އޭނަ މި ގިޓައިން ކުޅެމުންދިޔަ ރާގަކަށް ހިތް ދެވިގެން ޒޯޔާ އެތަނަށް އައީ. އަސްލު އައީކީ ނޫން. ދަމައިގަތީ.” ނަތާޝާގެ ވާހަކައިން އަފްޒާއަށް ޝައްކެއް ވިއެވެ. އެއީ ހަމަ އެ ރާގުބާވައެވެ؟
“ނަތާ. އަޔާން ކޮން ރާގެއް ކުޅުނީ، ޒޯޔާ އެހާ ބޮޑަށް ޝައުޤުވެރިވާން؟” އަފްޒާ އަނެއްކާވެސް އެހިއެވެ. ހީވަނީ ތަހުޤީޤެއް ފަށައިގެން އުޅޭހެންނެވެ. ނަމަވެސް އަފްޒާ ސުވާލުތައް ކުރީ ނަތާޝާއަށް އޭގެ އަސްލު މަޤުސަދު ނޭނގޭވަރު ވިސްނައިގެންނެވެ.
“ނޭނގެ ދައްތާ. އަހަރެން އައި އިރު އެ ރާގެއްގެ ކަންތައް ނިމިއްޖެ. އަހަރެން އެހިން. އެކަމަކު ނުބުނި. ފަހުންނޭ ބުނީ.” ނަތާޝާ ކުޑަކޮށް ފޫހިވިއެވެ.
“އަޅާނުލާ. އެއްކަމެއް ރަނގަޅުވެއްޖެ. އެއީ ތި މީހުންގެ ޒުވާބުތައް ނިމުމަކަށް އައުން.” އަފްޒާ ބުނެލިއެވެ.
“އޭތް. ކޮންތާކަށް މި ދެވެނީ؟ މިކޮޅަށޭ ދާންވީ.” ވާހަކައިގައި ތިބެގެން މުޅިން ނުބައި ދިމާލަކަށް ދެވުނު ފަހުން ހޭވެރިކަންވީ ނަތާޝާ ބުނެލިއެވެ. އަދި އަފްޒާގެ އަތުގައި ހިފައިގެން ގެޔާ ދިމާލަށް ހިނގައިގަތެވެ.
**********
ޒޯޔާ ހޭ އެރިއެވެ. ކައިރީގައި ފައިސަލްއާ އާފިޔާ އަދި ނަސީރާއި ރަފިއްޔާ ވެސް ހުއްޓެވެ.
“ދައްތާ. މިއީ 100 ޑިގްރީގެ ހުމެއް. މިހާރު ކުދިން މިވަރަށް ހުން ހުރިއްޔާ ސްކޫލަށްވެސް ގޮސް އައިސް ހަދާ. ދައްތަ ތި ހާސްވިވަރުން އަހަރެންވެސް ބިރުގަނެއްޖެ. އަދި އަހަރެން ފަދަ ނިއުރޯސާޖަންއަކު މިހާރު ފެމިލީ ޑޮކްޓަރަކަށް ތި ބަދަލުކޮށްލީ.” ފައިސަލް ޒޯޔާގެ ހުން ބަލާލުމަށްފަހު އާފިޔާއަށް ބުންޏެވެ.
އާފިޔާ ހިނިތުންވެލިއެވެ. އަދި ޒޯޔާގެ ބޮލުގައި ފިރުމާލިއެވެ.
“ޝުކުރިއްޔާ ފައިސަލް. އެނގޭނު އަހަރެން ޒޯޔާއާމެދު އަބަދުވެސް ކަންބޮޑުވާވަރު.” އާފިޔާ ބުނެލިއެވެ. ޒޯޔާ އާފިޔާގެ މޫނަށް ބަލާލިއެވެ.
“ދައްތާ. ތިހާ ބޮޑަށް ހާސްނުވޭ. ހަމަޖެހިލާ. ޒޯޔާއަށްޓަކައި އަހަރެން ފެމިލީ ޑޮކްޓަރަކުން ފެށިގެން ކޮމްޕައުންޑަރަކަށްވެސް ވެދާނަން. އޭ އެކުވެރިޔާ. ތީ ސަމާލުކަން ހޯދަން ބޭނުންކުރާ މޮޅު އުކުޅެއް ދޯ.” ކުޑަކޮށް ސަމާސާ ރާގަކަށް ފައިސަލް ބުނެލިއެވެ. އެންމެން ހީނލި ނަމަވެސް ޒޯޔާ ހީނއެއް ނުލައެވެ.
“ފައިސަލް. މިދިޔަ ހަފުތާގައި ޒޯޔާގެ ބޭހުގެ ޑޯޒަށް ބަދަލެއް ގެނެވުނު. އެއީ އޭގެ ސަބަބުން ވީ ކަމަކަށް ވެދާނެތަ؟” ނަސީރު އެހިއެވެ.
“ނޫން. ބޭހާ މިކަމާ އެއްވެސް ގުޅުމެއް ނެތް.” ފައިސަލް ހިނިތުންވެލާފައި ބުންޏެވެ.
“މަންމާ. އަހަރެން ފައިސަލްއާ އެކަނި ވާހަކައެއް ދައްކާލަން ބޭނުން.” ޒޯޔާ އެހެން ބުނުމުން އާފިޔާ ފައިސަލްއަށް ބަލާލިއެވެ. ފައިސަލް ބޯޖަހާލިއެވެ. އާފިޔާ ވެސް އާނއެކޭ ބުނެ ޒޯޔާގެ ބޮލުގައި ފިރުމާލާފައި ނުކުތެވެ.
އެންމެން ކޮޓަރިން ނުކުމެ ދޮރު ލައްޕާލުމުން ޒޯޔާ ފައިސަލްއާ ކުރިމަތިލިއެވެ.
“ފައިސަލް. އެ ހާދިސާ ހިނގިތާ މިހާރު އަހަރެއް ވެއްޖެ. މި ވޭތުވެދިޔަ އެއް އަހަރު ތެރޭގައި އަހަންނަށް މަންމައާއި، ބައްޕައާއި، ރަފިއްތައާއި ފައިސަލް ލިބިއްޖެ. އެކަމަކު އަހަރެންގެ އާއިލާއާ ފައިސަލް ފިޔަވައި އެހެން ކަމެއް ހޯދަން ނޫނީ މާޒީ ހަނދާންކުރަން މަސައްކަތް ކުރާއިރަށް އަހަރެންގެ ހާލަތު ގޯސްވޭ.” ޒޯޔާ ވާހަކަ ކުރިއަށް ގެންދިޔައެވެ. ފައިސަލް ވަރަށް ފަރުވާތެރިކަމާއެކު ޒޯޔާގެ ވާހަކަތައް އަޑުއަހަން އިނެވެ.
“އެނގޭތަ ފައިސަލް؟ މިއަދު އަހަންނަށް ރާގެއް އިވުނު. އެ ރާގު އިވުނީމަ އަހަންނަށް އަހަރެންގެ އަމިއްލަ ދިރިއުޅުމާ ގުޅިފައިވާ ކަހަލަ ވަރަށް ގާތް އިޙުސާސެއް ކުރެވުނު. އެ ރާގު އިވުނީމަ އަހަރެން އެ ލަވަ ހަނދާންކުރަން އުޅުނީމަ، އަހަރެންގެ ބޯ ފަޅައިގެންދާ ކަހަލަ އިޙުސާސެއް ކުރެވުނު. މިވީ އެއް އަހަރު ތެރޭ އެތައް ލަވައެއްވެސް އަޑުއިވިއްޖެ. އެއްވެސް އަސަރެއް ނުކުރޭ. އެކަމަކު އެ ރާގު އިވިގެން އަހަރެންގެ ހާލަތު މިހާ ގޯސްވީމަ އޭގެން އެނގެނީ އެންމެ ކަމެއްނު. އެއީ އަހަންނާ ގުޅުން ހުރި ރާގެކޭ. ފައިސަލް. އަހަރެންގެ މާޒީގައިވާ ކޮންފަދަ ކަމަކުންތަ އޭގެ އަސަރު އަހަންނަށް މިހާ ފުންކޮށް މި ކުރަނީ؟” ޒޯޔާ ވަރަށް އާދޭހާއެކު އެހިއެވެ.
**********
ކެއްކުމުގެ ކަންތައް ނިންމާލާފައި އަފްޒާ ހުރީ އޭނާގެ ކޮޓަރީގައި ހެދުންތަކެއް ފަށްޖަހާށެވެ. ނަތާޝާ ދެއްކި ވާހަކަތައް އޭނާގެ ސިކުނޑި ތެރޭގައި އެނބުރެމުން ދިޔައެވެ. އަޔާންގެ ގެލެރީއަށް ޒޯޔާ އައުމާއި، އެއްވެސް ޒުވާބެއް ނުކުރުމާއި އަދި ޒޯޔާ އައުމުގެ ސަބަބަކަށް އަޔާން ގިޓައިން ކުޅުނު ރާގެއް ވުން އެއީ ހަމައެކަނި އިއްތިފާޤެއް ނޫންކަމަށް އޭނާގެ ހިތް ބުނެއެވެ. އެކަމުގައި ކޮންމެވެސް ބޮޑު ސަބަބެއް ވާނެއެވެ. އަނެއްކޮޅުން އެ ރާގަކީ އޭނާއަށް އެ ވިސްނޭ ރާގަށް ވެއްޖެނަމަ އެއީ ރަނގަޅު ފާލެކެވެ.
އަޔާން ގެއަށް އައީ ކޮންއިރަކު ކަމެއް އަފްޒާއަކަށް ނޭނގެއެވެ. އޭނާ ކައްކާ ނިންމާފައި ކޮޓަރިއަށް ވަން އިރަކު އަޔާންއެއް ނާދެއެވެ. ކުއްލިއަކަށް އޭނާގެ ކަންފަތުގައި ޖެހުނީ އެ ރާގެވެ. އޭނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނާގެ ނަޒަރު ކޮޓަރީގެ އެއްފަރާތުގައި ހުރި ސޯފާގައި ލެޕްޓޮޕް ހިފައިގެން އޮފީސް މަސައްކަތެއް ކުރަން އިން ރިޔާޒަށް ހުއްޓުނެވެ. ރިޔާޒްގެ އަތުގެ ހަރަކާތްތަކަށްވެސް މަޑުޖެހުމެއް އައެވެ. އޭނާވެސް އަފްޒާއަށް ބަލާލިއެވެ.
އަފްޒާ އަވަސްއަވަހަށް އެއްޗެހިތައް ބަހައްޓާފައި ކޮޓަރިން ނުކުތެވެ. ސިޓިންރޫމްގައި އަޔާން ނެތުމުން އޭނާ ދުވެފައި ކަހަލަ ގޮތަކަށް އޭނާ ދިޔައީ އަޔާންގެ ކޮޓަރިއަށެވެ. އޭރު އަޔާން އިނީ އެނދުމަތީ އިށީނދެލައިގެން ގިޓާ ހިފައިގެންނެވެ. ދެލޯ މަރާލައިގެން އިނދެ ގިޓައިން ކުޅެވެމުންދިޔަ މިއުޒިކާއި އެއްވަރަށް އަނގައިން ރާގު އަޅުވަމުންދިޔައެވެ.
އަފްޒާ އޭނާއަށް ބަލަހައްޓައިގެން ހުރީ އުއްމީދުން ފުރިގެންވާ ނަޒަރަކުންނެވެ. ހިތުގައިވާ އުފާވެރިކަން މޫނުމަތިންވެސް ފެންނަން ހުއްޓެވެ. މިފަހަރު އޭނައަށް އެ އުފާވެރިކަން ފޮރުވުމުގައި ކާމިޔާބެއް ނުލިބުނެވެ.
އަޔާން ގިޓާ ކުޅެ ނިންމާލިއިރު ވެސް އޭނާ ހަނދާންކުރަމުން ދިޔައީ އެ ލަވައިގެ ބަސްތަކެވެ. ނަމަވެސް އޭނާގެ ހަނދާނަކަށް އެއްވެސް ވަރަކަށް އެ ބަސްތަކެއް ނާދެއެވެ.
“ހަނދާން ނުވަނީ ކީއްވެތަ؟” ބޯ ހޫރާލަމުން ޕިސް ޖަހާލި ވަގުތު ކޮޓަރިތެރޭ އޭނާއަށް ކަރުނަވީ ލޮލަކުން ބަލަހައްޓައިގެން ހުރި އަފްޒާ ފެނުނެވެ.
“ފަހަރީ. މި ރާގަކީ ވަރަށް ފަރިތަ ރާގެއްހެން ހީވޭ. އެކަމަކު އޭގެ ބަސްތަކެއް ހަނދާނެއް ނުވޭ. ކީއްވެތަ؟ މީގެ ކުރިން ދުވަހަކުވެސް އަހަރެން މި ރާގު ކުޅެދިނިންތަ؟” އަޔާން އެހިއެވެ. އޭނާ އަފްޒާގެ ފަރާތުން ޖަވާބަކަށް އުއްމީދުކުރިއެވެ.
“އާނ.”
(ނުނިމޭ)
