“ދެ ނަންބަރު ވެސް ނިވާލާފަ.. ކިހިނެއް ހަދާނީ؟” ވަލީދާއި ދިމާއަށް ބަލާލި ހައިފާގެ ކިބައިން ފެނުނީ މާޔޫސްކަމާއި ނާއުންމީދުގެ ކުލަވަރެވެ.
“ވެދާނެ މާބޮޑަށް ބިޒީ ކަމަށް. ކޮޓަރިއެއް ނަގައިގެން ރެސްޓްކޮށްލަން ހިނގާ. އަދި ގުޅާނެއެއްނު.” ވަލީދު ދިނީ ހިތްވަރެވެ. ކަންތައް ވާނީ އެހެންކަން ހައިފާއަށް މާކުރިން ވެސް އެނގެ އެވެ.
ހައިފާ މިއަދު އެހުރި ހިސާބަށް އާދެވުނީ ވަލީދުގެ ދެމަފިރިން އޭނާއަށް ދިން ހިތްވަރާއި ނަސޭހަތުގެ ސަބަބުން ނެވެ. އޭނާގެ ކަންކަމަށް ބެހެއްޓި ފަރުވާތެރިކަމާއި އޯގާތެރިކަމުން ނެވެ. މެދުނުކެނޑި ދެމުންދިޔަ ހިތްވަރާއި ސާބަހުން ވެސްމެ އެވެ.
ފާއިދުގެ ކަންތަކާއިގެން އުޅެއުޅެފައި ނާއިމަށް ހޮސްޕިޓަލަށް އާދެވުނީ މެންދުރުފަހުން ނެވެ.
ގަޑިއެއްހާއިރު ފަހުން ޔަޒީދާ ގެއަށް ދޫކޮށްލާ ވާހަކަ ބުނެފައި އޮތުމުން ނާއިމްމެން މަޑުކޮށްފައި ރާނިޔާ ދިޔައީ ގެއަށެވެ. ސުނޭހާ އާއި ނާއިމް ތިބީ ހޮސްޕިޓަލް ކެންޓީނުގަ އެވެ.
“އަހަންނަށް ހީވަނީ ނިފާރާއި ދެމީހުން ރާވައިގެން ކޮންގެން އުޅޭ ކަމެއްހެން. ކޮންމެވެސް މޮޅު ގޮތަކުން ވަލީ ހޯދަން ކުރި ކަމަކަށް ވެސް ވެދާނެއެއްނު.” ސުނޭހާ ހާމަކުރީ އޭނާގެ ޚިޔާލެވެ.
“ވެދާނެ.. އެކަމު އަހަންނަށް ހީވަނީ އެހެން ކޮންމެވެސް ނުބައެއް އެބަ އުޅޭހެން. އަހަރުމެނަށް ޔަޒީދާ ނުފެންނާނެކަން އޭނާއަށް އެނގެންޖެހޭ ސަބަބެއް ވެސް އޮންނަން ޖެހޭނެއެއްނު. ޕޮލިހުންނާއި ހަމައަށް އެވަރުގެ ބޮޑު ސިއްރެއް ދިޔަގޮތެއް ވެސް އޮންނާނެއެއްނު. އެއިން އެއްވެސް ސުވާލަކަށް އެތަނުން ވެސް ޖަވާބެއް ނުލިބުނު.” ނާއިމްގެ ކިބައިން ފެނިގެން ދިޔައީ ހާސްކަމާއި ކަންބޮޑުވުމުގެ އަސަރުތަކެވެ. ދިމާވެގެން އުޅޭ ހާދިސާގެ ސަބަބުން އޭނާ ވިސްނާ ފިކުރުކުރަން ޖެހޭ ކަންކަން ކިތަންމެހާ ވެސް ގިނަ އެވެ.
ހައިފާއަށް ފޯނުކޮށް އެމީހުން ތިބި ތަނަށް ނިފާރު އައެވެ. ނިފާރު ފެނުމާއިއެކު ހައިފާގެ ކިބައިން ފެނުނު އުފަލާއި ހިތްހަމަޖެހުން ވަލީދުގެ ދެމަފިރިންގެ ހިތަށް ހަމަޖެހުން ގެނުވި އެވެ.
ދިމާވެގެން އުޅޭ ކަންތަކުގެ ވާހަކަ ވަރަށް ތަފްސީލްކޮށް ނިފާރު ކިޔައިދިނެވެ. ވަލީދު މާލެ ގެނައީ ކޮން ބޭނުމެއްގައި ކަމާއި ކޮށްދޭންވީ ކޮންކަމެއްކަން ވެސް ބުންޏެވެ. އެކަމުގައި ކުޑަ ނަމަވެސް އެހީތެރިކަމެއް އެއްބާރުލުމެއް ދެވެން އޮތްނަމަ ހިތުން ރުހުމުން އެކަމެއް ކޮށްދިނުމަށް އެދުނެވެ. ކޮށްދެވެން ނެތިއްޔާ އަޅާނުލިޔަސް ޝަކުވާއެއް ނުކުރާނެކަމުގެ ޔަގީންކަން ވެސް ދިނެވެ.
“އަހަރެންނަކީ ދުވަހަކު ވެސް މުހުތާރުގެ އެދުމެއްގައި ކޮޅުފައިން ޖެހި މީހެއް ނޫން. އޭނާގެ ކަމަކަށް ފުސްމޫނު ވެސް ދެއްކި މީހެއް ނޫން. ކުރިން ވެސް ބުނިހެން ތިކަމަށްޓަކައި ވާން ޖެހުނު ކޮންމެ ޤުރުބާނެއް ހިލޭސާބަހަށް އަހަރުމެން ވާނަން. ފައިސާއެއް ޚަރަދުކުރަން ޖެހިއްޖެނަމަ އެކަން ވެސް އަހަރެން ކުރާނަން. ކަންބޮޑު ނުވޭ.” ލޯތްބާއި އޯގާތެރިކަމާއިއެކު ނިފާރުގެ ބޮލުގައި ފިރުމާލަމުން ވަލީދު ދިނީ ޔަގީންކަމެވެ. އޭނާއަށް ނިފާރާއި ނިފާރުގެ ބޭނުންތައް މުހިންމުވަރު ވެސް އަންގައިދިނެވެ.
“ކޮންބައެއް ވަކީލުންނަށް ހަމަޖެއްސީ. ކިހާ ފައިސާއެއް ދޭން ޖެހޭ. އެޑްވާންސްކޮށް ފައިސާ ބޭނުންވަންޏާ މިހާރުން މިހާރަށް ވެސް އެކަންތައް ހަމަޖެއްސިދާނެ. ކިހާ ފައިސާއެއް ބޭނުންވަނީ. ފައިސާގެ ކަންތަކާއި ނިފާރު ވިސްނާކަށް ނުޖެހޭނެ.” ނިފާރާއި ހަތަރުކަޅި ހަމަކޮށްލި ހައިފާގެ ވާހަކަތައް އަޑުއިވިފައި ނިފާރުގެ ދެލޮލުން ކަރުނަ ފާއްދާލި އެވެ.
މައިންބަފައިންގެ ލޯބިން މަހުރޫމުވެ ދިޔަތާ އެތައް އަހަރެއްގެ ފަހުން ލެއްވި ނިއުމަތާއިމެދު ހިތާހިތުން ޝުކުރު ކުރެވުނެވެ.
“މިރޭ ޖެހޭނެ ވަކީލުންނާ ބައްދަލުކުރަން. ކޮންތާކަށް ދާނީ. މާދަމާ މައްސަލަ ވައްދާނެކަން އެމީހުނަށް ވެސް މިހާރު އެނގިފަ އޮތީ. ވަކީލުންގެ މަޢުލޫމާތެއް ލިބޭތޯ އެމީހުން މަސައްކަތް ކުރާނެ ކަމަށް ވިސްނައިގެން ތިބެން ވާނީ. ކިތަންމެ ބައިވަރު ފައިސާއެއް ޚަރަދުކޮށްގެން ވިޔަސް އެމީހުން ބޭނުންވާ ގޮތަށް ނަތީޖާ ނެރެން ބޭނުންވާ ބައެއް އެމީހުންނަކީ.” ގޮތެއް ނިންމުމުގެ ކުރިން ނިފާރު ބޭނުންވީ ހައިފާމެން ވެސް ބޭނުންވާގޮތް ބަލާށެވެ.
“ފައިސާއިން ވާ ކަމެއް އަހަރުމެނަށް ވެސް ވާނެ. އެކަމާ ނުވިސްނާ.” ވަލީދާއި ހައިފާއާއެކު އޭނާ ވެސް އެބަހުރިކަން ހާމަކުރާ ފަދައަކުން ނާސިތާ ދެއްކި ވާހަކަތައް ވެގެން ދިޔައީ ހައިފާއަށް ލިބުނު އިތުރު ހިތްވަރަކަށެވެ.
ވަކީލުންނާއި ބައްދަލުކުރާނެ ތަނާއި ގަޑި ހަމަޖެއްސުމަށްފަހު ނިފާރު އެތަނުން ނުކުމެގެން ދިޔައީ ހާލަތާއިމެދު ވަރަށް ބޮޑަށް ވިސްނައިގެން ތިބުމަށް އެދިފަ އެވެ. ބޭރަށް ނުކުތުން މަދުކުރުމަށާއި ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ނުނިކުތުމަށް ވެސް އެދިފަ އެވެ. އޭނާއަށްޓަކައި އެވަރުގެ ބޮޑު ޤުރުބާނީއެއް ވަމުންދާ ބަޔަކަށް އޭނާގެ ސަބަބުން ކުޑަ ނަމަވެސް ގެއްލުމެއް ވާކަށް އޭނާ ނޭދެ އެވެ.
ސުނޭހާ އާއި ބައްދަލުކުރުމަށް ޖިހާދު އައީ ނާއިމްމެން ގެއަށެވެ. މިހާރުން މިހާރަށް އެޅެން އޮތް އެންމެ މުހިންމު ފިޔަވަޅަކީ އެއީކަން ޖިހާދަށް ވިސްނުނު ހިސާބުން މިސްރާބު ބަދަލުކޮށްލި އެވެ. ސުނޭހާއާ ވާހަކަ ދައްކަން ޖިހާދާއި ސުނޭހާ ތިބީ އޭނާގެ ކޮޓަރީގަ އެވެ. އެ ދެބަފައިން ފިޔަވާ އެހެން އެއްވެސް މީހަކު ކޮޓަރީގައި ނެތެވެ.
“ދަރިފުޅުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ބައްޕަމެނަށް މިކަން ކާމިޔާބު ވާނީ.” ޖިހާދު ބަލާލީ ސުނޭހާގެ މޫނަށެވެ.
“ތިބުނީ؟” ޖިހާދު ބުނި އެއްޗެއް ސުނޭހާއަކަށް ނުވިސްނުނެވެ.
“ކޮންމެ ގޮތަކުން ނަމަވެސް އެ ނިފާރު ހުއްޓުވަން އެބަޖެހޭ. އެކަން ކުރެވޭނެ ހަމައެކަނި މީހަކީ ދަރިފުޅު. އެހެންވީމަ ކޮންމެ ގޮތަކުން ނަމަވެސް އޭނާ ހުއްޓުވާ. އެހެން ގޮތެއް ނެތް.” މިއަދު އޭނާއަށް އެހެން ގޮތެއް ނެތްކަމަށް އެއްބަސްވަމުން ސުނޭހާގެ ކިބައިން ޖިހާދު އެދުނެވެ.
ޖިހާދު އެހެން ބުންޏަސް ސުނޭހާއަށް އެކަން ނުވާނެކަން އޭނާއަށް އެނގެއެވެ. އޭނާއަށް ނިފާރު ކޮންޓްރޯލް ކުރެވުނު ދުވަސް މާޒީއާއި އެކުވެގެން ހިނގައްޖެ އެވެ. އެކަން ޖިހާދަށް ވެސް އެނގޭނެ އެވެ. އެކަމުގައި އެންމެ އިސްރޯލެއް ކުޅުނު މީހަކީ ވެސް ޖިހާދެވެ. އެކަމަށް އައި ނިމުމާއިއެކު އެދުވަސް މާޒީއާއި އެކުވެގެން ދިޔައީ އެކަންޏެއް ނޫނެވެ. އެކަމުގެ ތެރެއިން އުފެދުނު ދިލަކަނީގެ އަސަރު ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން އައިސް ހުޅުފަޅައިގެން ނުދާކަން އެކަންޏެވެ.
“ނިފާރަކީ އަސްލު ކާކު؟ ބައްޕަމެންނާއި އޭނާއާ އޮތީ ކޮން ގުޅުމެއް؟ މާވަރަކަށް ނިފާރު ވެގެން ބައްޕަމެން ތި އުޅެނީ ކީއްވެގެން؟ އަހަރުމެންނާއި އޭނާއާ ކޮން ބެހޭކަމެއް؟ މިއަދު ނޫނީ މާދަމާ ވެސް ވަލީ ލިބިއްޖެނަމަ އޭނާ އެ ހުރީ ނާއިމްގެ ކޮއްކޮއާ ކައިވެނިކުރަން ތައްޔާރަށް. އެހެން ނޫނަސް..” ޖިހާދު އެއްޗެކޭ ބުނަން އުޅޭހެން ހީވުމުން، ސުނޭހާ އޭނާ ދައްކަމުންދިޔަ ވާހަކަތައް މެދުކަނޑާލި އެވެ.
“ތިޔަ ބުނާ ނިފާރަކަށް ދުވަހަކު ވެސް ޔަޒީދާއަކާއި ކައިވެންޏެއް ނުކުރެވޭނެ. އޭނާ އެ އުޅެނީ އެހެން ބޭނުމަކު. އޭނާ މިތަނަށް އަތުވެއްޖެއްޔާ ދަރިފުޅަށް ވެސް ހަމަޖެހިލައިގެން މިތަނަކު ނޫޅެވޭނެ. ބުއްދީގެ ބޭނުން ކޮށްބަލަ.” ޖިހާދު މަސައްކަތް ކުރީ ސުނޭހާއަށް ވިސްނައިދޭށެވެ. އޭނާގެ ނަޒަރުގައި އޭނާއަށްވުރެ ވިސްނުން ރަނގަޅު ސިކުނޑި ތަނަވަސް އެހެން މީހެއް ނެތެވެ.
“އަހަރެން މި އަހަނީ ނިފާރަކީ ކާކުހޭ؟ އޭނާއާ ހެދި އެވަރަކުން ބައްޕަ ތި އުޅެނީ ކީއްވެހޭ؟ އޭނާ މިތަނަށް އަޔަސް ނަޔަސް ޔަޒީދާ ކައިވެނި ކުރިޔަސް ނުކުރިޔަސް އަހަރެންނަށް ކޮންކަމެއްހޭ؟ އެންމެ ފަހަރަކު ވެސް ނިކަން އަހަރެންގެ ސުވާލަށް ޖަވާބު ދީބަލަ. އެ ސުވާލަށް ޖަވާބު ނުދެވިގެން ތިއުޅެނީ ކީއްވެ؟” ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔައިރު ވެސް އެކަމަށް ސަމާލުކަން ނުދިނުމުން ސުނޭހާ ހިތްހަމަނުޖެހުނެވެ. ކޮންމެ ގޮތަކުން ނަމަވެސް އެ ސުވާލުތަކުގެ ޖަވާބު ހޯދަން އޭނާ މިހާރު ބޭނުމެވެ. އެ ސުވާލުތަކަށް ޖަވާބު ދޭން ޖިހާދު ޖެހިލުންވުމުގައި ކޮންމެވެސް ސިއްރެއް ވާނެކަން ޔަގީނެވެ.
“ދަރިފުޅަށް ރަނގަޅަކަށް ބައްޕަ މި ވާހަކަ މި ދައްކަނީ. އޭނާ މިތަނަށް ފުންމާލައިފިއްޔާ އެންމެ ފުރަތަމަ ވެސް ބާކީވާނީ ދަރިފުޅު. އެކަމުގެ ހިތާމަޔާއި ހިތްދަތިކަން ލިބޭނީ ދަރިފުޅަށް.” ސުނޭހާއަށް ވިސްނައިދިނުމަށް ޖިހާދު ކުރަމުންދިޔަ މަސައްކަތް ހުއްޓައެއް ނުލި އެވެ.
ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވައިލުމުން ސުނޭހާ އާއި ޖިހާދަށް ލިބުނީ ހައިރާންކަމެވެ. މީގެ ކުރިން ދުވަހަކު ވެސް އެފަދަ ކަމެއް ހިނގާފައި ނުވާތީ ސުނޭހާގެ ހިތުގައި އުފެދުނު ސުވާލުތައް ގިނަ އެވެ.
ޔަޒީދާގެ ފަހަތުން ކަހަލަ ގޮތަކަށް ކޮޓަރިއަށް ވަތް ޕޮލިހުން ފެނިފައި ސުނޭހާ އާއި ޖިހާދުގެ ހައިރާންކަން އިތުރުވެގެން ދިޔަ އެވެ. އަތުގެ އިނގިލިތަކުން ކޮށްލި އިޝާރާތާއިއެކު ޔަޒީދާ ދައްކާލީ ޖިހާދެވެ.
“ކިހިނެއްވީ؟” ފުންމައިގެން ކަހަލަ ގޮތަކަށް އެނދުން ފޭބި ސުނޭހާ އެރީ ޕޮލިހުންގެ ކުރިމައްޗަށެވެ.
ޕޮލިހުން ދައްކާލި ކޯޓު އަމުރާއިއެކު، އެބޭކަލުންގެ މަސައްކަތަށް ހުރަސް ނޭޅުމުގެ ގޮތުން ސުނޭހާ ދުރަށް ޖެހިލި ނަމަވެސް ސުވާލުކުރުން ހުއްޓައެއް ނުލަ އެވެ. ސުނޭހާއެކޭ އެއްފަދައިން ޖިހާދު ވެސް އޭނާގެ ކުށެއް ނެތްކަން ދައްކަމުން އޭނާ ހައްޔަރުކުރަން ޖެހޭ ސަބަބެއް ނޯންނާނެކަމަށް ބުނަމުން ދިޔަ އެވެ.
“މިގޭގައި ދިރިއުޅޭ ފަރާތްތައް ފިޔަވައި އެހެން މީހަކަށް ރޭގައި މިގެއަށް ވަދެފައިވަނީ ހަމައެކަނި ޖިހާދުކަން އަޅުގަނޑުމެނަށް ލިބިފައިވާ ސީސީޓީވީ ފުޓޭޖްތަކުން އެނގޭ. އެހެންވީމާ އަޅުގަނޑުމެނާއިއެކު ވަޑައިގަންނަވާ.” ޖިހާދު ގޮވައިގެން ކޮޓަރިން ނުކުންނަން ޕޮލިހުން ހިނގައިގަތެވެ.
ކަންތައް ދިމާވި ގޮތުން ވީ ދެރަށްވުރެ ބޮޑަށް ސުނޭހާ އައީ ރުޅި އެވެ.
“ކަލޭ މޮޔަވެގެންތަ ތި އުޅެނީ؟ ފިރިހެނަކާއި ހެދި ހޭބަލި ވިޔަސް ތިދެން ތަންކޮޅެއް ބޮޑުވަރެއްނު. ފުރަތަމަ ތިމާގެ ބަފާ މީހާ.. ދެން އޭނާ ހިމާޔަތްކޮށް ސަލާމަތްކޮށްދޭން މަސައްކަތްކުރި މީހާ.. މާދަމާ ނޫންކަމެއް ނޭނގެ މައިމީހާގެ ވާހަކަ ދައްކާނީ.. ޗި ޗި.. މަ ހިތަށް އަރާ..” ރުޅިވެރިކަމާއިއެކު ޔަޒީދާއާ ދިމާއަށް އެއްޗެތި ކިޔަމުން ކޮޓަރިން ނުކުތް ސުނޭހާ ހުއްޓާލީ ނާއިމް އައިސް ގެއަށް ވަތް މަންޒަރު ފެނުމުން ނެވެ.
ފެނުނު މަންޒަރުގެ ސަބަބުން ނާއިމަށް ލިބުނީ ހައިރާންކަމެވެ. އުފެދުނު ސުވާލުތަކާއިއެކު ހާސްކަމާއި ނުތަނަވަސްކަން މީހާ ވަށާލި އެވެ. ޕޮލިހުންނާއި ވާހަކަ ދައްކާކަށް އޭނާ ނޫޅެ އެވެ. ގޭތެރެއިން ހުރިހާ ސުވާލެއްގެ ޖަވާބު ލިބޭނެކަން އޭނާއަށް އެނގެ އެވެ. ކެތްތެރިވެ ހަމަޖެހުން ނޫން ގޮތެއް ނެތުމުން ނާއިމް އިސްކަން ދިނީ އެކަމަށެވެ.
“އަނެއްކާ އަނެއް ކަންތައް. ކީއްވެ ބައްޕަ ހައްޔަރު ކުރީ؟” ފިކުރުބޮޑުވެ ހާސްވެފައި ހުރި ނާއިމަށް ބަލާލެވުނީ ސުނޭހާއަށެވެ.
“މިހިރަ އެތީގެ ކަންތައް. ކިތައް ފަހަރު މަ ބުނިން މީނަ މައިތިރި ކުރާށޭ. މުޅި މި ޢާއިލާ ފަޟީހަތްވާނެއޭ މީނާގެ ސަބަބުން. މިހާރު ކިހާ ރީތި. ހީވަނީ ދުވަހަކު ފިރިހެނަކު ނުފެންނަ މީހަކަށް ފިރިހެނަކު ފެނިގެން އުޅޭހެން. ފުރަތަމަ ތިމާގެ ބައްޕަ. ދެން އޭނާ ސަލާމަތްކުރަން މަސައްކަތްކުރި މީހާ. މާދަމާ ނޫން ކަމެއް ވެސް ނޭނގެ އަހަރުމެން ތިން މީހުން ތެރެއިން މީހަކު އަނެއްކާ ގެންދާނީ. ލަދެއް ވެސް ނުގަނެއޭ ދޯ އެ ވައްތަރަށް ތެޅޭއިރު. އެވަރުން ވެސް ނާއިމް ވެސް ތި ހުންނަނީނު އޭނާ ބޭނުން އެއްޗެއް ހަދަން ފުރުސަތު ދީގެން. އެވަރަކުން އެ ނިފާރަކާއި ހެދި ތެޅި ބާލަން އެ ދެން މީހެއްތަ؟” ހިތްހަމަނުޖެހުމާއިއެކު ޔަޒީދާއަށް ބަލާލަމުން ސުނޭހާ ނިންމާލި އެވެ.
(ނުނިމޭ)
