ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާޅުތައް – ޗެޕްޓަރ 1

ރަށާއި ހިތުގެ އުދާސްތައް

އޭނާގެ ނަމަކީ ޔަސްމީނެވެ.
އަދި އުމުރުން އެންމެ ފަންސަވީސް އަހަރު ވީއެވެ. މިއީ އަންހެން ކުއްޖަކު އަމިއްލަ ނަފްސުގެ މައްޗަށް ހޭލުންތެރިވާން ފަށާ، ކުޑަކުއްޖަކުން ބަދަލުވެ، ދުނިޔެ އުންމީދުކުރާ ފަދަ ފުރިހަމަ އަންހެނަކަށް ވުމާ ދެމެދުގައިވާ ދުވަސްވަރެވެ.

ޔަސްމީނަކީ އިސްކޮޅުން ދިގު، ހަށިގަނޑު ލޫޅާފަތި.. ރީތި ބައްޓަމެއް ލިބިފައިވާ ކުއްޖެކެވެ. ރަށުގެ ދޮންވެލި މަގުތަކުގައި ހިނގާފައި ދާއިރު އޭނާގެ ކިބައިން ފެންނަނީ ޤުދުރަތީ ފަރިކަމެކެވެ. އޭނާގެ ހަށިގަނޑުގެ ބައްޓަމާއި ފަރިކަމުން ދޭހަވަނީ، އޭނާގެ ޒުވާންކަން ފުރިހަމަވެ، އޭނާގެ އަމިއްލަ ނަފުސަށް ވެސް އަލަށް ފާހަގަވާން ފަށާފައިވާ ކަން ޔަގީންވާކަމެވެ.

އޭނާގެ ދިގު ކަޅު އިސްތަށިގަނޑު، ރަށުތެރޭގައި ޖެހޭ ފިނިރޯޅިތަކާއެކު ނިއުޅެމުން ދާއިރު ހީވަނީ އުދުހޭ ފަށުވިކޮޅެއް ހެންނެވެ. ވަޔާ އެކު އެ އިސްތަށިތައް އޭނާގެ ކޮނޑާއި ކަރުގައި ބީހިލުމުން، ހީބިހިނަގައިން ބައެއް ފަހަރު މަޑުޖެހިލާ، އަމިއްލަ ނަފުސާ މެދު ވިސްނާލަން އޭނާއަށް މަޖުބޫރުވެއެވެ.

އޭނާގެ ތުންފަތަކީ ބުނެދޭން ބޭނުންވާ އެތައް ޚިޔާލުތަކަކާއި ހިނިތުންވުންތަކެއް ފޮރުވިފައިވާ ފަދަ ތުންފަތެކެވެ. އެކުގައި އުޅޭ ގިނަ ބަޔަކު ބުނާ ގޮތުގައި، އޭނާގެ އެންމެ ފާހަގަކުރެވޭ ސިފައަކީ އޭނާގެ ދެލޮލެވެ. އެއީ ފުން، ވިސްނުންތެރި، އަދި އަބަދުވެސް ދުރު ކަމަކަށް ބަލަހައްޓައިގެން ހުންނަ ފަދަ ދެލޮލެވެ. ހީވަނީ ވަރަށް ފުން ހިޔާލަކަށް ކޮންމެވެސް ކަމެއްގެ ތެރެއަށް ގެނބިގެން ދާ ހެންނެވެ.

އެންމެން އެކަކު އަނެކަކު ދަންނަ އެ ކުޑަކުޑަ ރަށުގައި، ޔަސްމީން އުޅެމުން ދިޔައީ ވަރަށް އެކަނިވެރި އެކަހެރި މަޑުމައިތިރި ދިރިއުޅުމެކެވެ. ނަމަވެސް، އޭނާގެ ހިތުގެ ފުންމިނުގައި ބަޔާންކުރަން ނޭނގޭ ފަދަ ނުތަނަވަސްކަމެއް ވިއެވެ. ބޮޑުވަމުން އަންނަ ރާޅެއް ފަދައިން އޭނާގެ ހިތުގައި އުފެދެމުން އައި އެދުމެއް ވިއެވެ.

ފަޅުގެ ރިހިކުލައިގެ ސާފު ފެނުގެ އަޑިން ނުވަތަ އެއަށްވުރެ ދުރުން، ކޮންމެވެސް އެއްޗެއް ނުވަތަ ކޮންމެވެސް މީހަކު އޭނާއަށް ފާރަލަމުންދާކަމުގެ އިޙްސާސް ކުރެވެން ފެށިއެވެ.

ނުފެންނަ ނަޒަރަކުންބަލަމުން ދާ ކަމުގެ އިހުސާސް ކުރެވެން ފެށިއެވެ.
އަލަކަށް ނޫނެވެ…
މިއީ މިހާރު ޔާސްމީންގެ ހިޔަންޏެއް ފަދަ އިހުސާސެކެވެ.

ކޮންމެ ރެޔަކު މި ވިސްނުމުގައި ހިތް ނުތަނަވަސްވެ ފުރޮޅި ފުރޮޅި އެނދުގައި އޮށްވާ.. އިރުގެ ފުރަތަމަ ދޯދިތައް ދުނިޔެއަށް ފެތުރުމުގެ ކުރިން، އެ ރަށް ހޭލައެވެ.

ފަޅުތެރެއަށް ފެތުރިފައިވާ އަޅިކުލައިގެ މަޑު އަލިކަން ރާޅުތަކުގައި ބީހިލުމުން، މުޅި މާހައުލަށް ރިހިކުލައިގެ އުޖާލާކަމެއް ވެރިވެފައިވެއެވެ. ރުއްތަކުގެ ފަންތައް މަޑުމަޑުން ހޫރެމުންދާއިރު، ރޭގަނޑުގެ ހޫނުކަން ހިފެހެއްޓިފައިވާ ދޮންވެލިގަނޑުގެ މައްޗަށް އެޅިފައިވާ ހިޔަނިތައް ހީވަނީ ސިއްރުން ވާހަކަދައްކާ ހެންނެވެ.

ޔަސްމީން ހުސްފައިގައި ބަދިގެއާ ދިމާލަށް ހިނގާފައި ދިޔައީ ހެނދުނު ހޮވި ކުރުނބާތައް އަޅާފައިވާ މުޅޯށި ހިފައިގެންނެވެ. ފައިދަށުގައިވާ ވެލިގަނޑުގެ އިހުސާސް ކުރެވުމުން، އޭނާ ދިރިއުޅޭ މި އާދައިގެ ދުނިޔެއާ އޭނާ ގުޅުވައިދެއެވެ. ގޭތެރޭގެ މަސައްކަތްތައް ކަމުގައިވާ ކުނިކެހުމާއި، އަންނައުނު ދޮވުމާއި، ސައިކެއްކުމަކީ އާދައިގެ ކަންކަމަށް ވިޔަސް، އެ ކަންކަމުގެ ތެރެއިން ވެސް އޭނާގެ ހިތުގައި ބުނެދޭން ނޭނގޭ ފަދަ ފުން އަސަރެއް، އަދި ނުފިލާ ފަދަ އުދާހެއް އުފެދެމުންދިޔައެވެ.

ބައެއް ފަހަރު، މަސައްކަތުގެ ތެރެއިން އަތް މަޑުޖެހިލާ އަރާމު ކޮށްލަން ހުސްވަގުތެއް ވާ ހިނދު، އޭނާގެ ސިކުނޑީގައި ކޮންމެވެސް ހިޔަންޏެއް ބީހިލާ ކަމުގެ އިހުސާސް ކުރެވެއެވެ. އެއީ މާޒީގެ ހަނދާނެއް ނޫނެވެ. އަދި ހުވަފެނެއް ވެސް ނޫނެވެ. އެއީ އާދަޔާ ހިލާފު ބުނެދޭން ނޭނގޭ ކަމެކެވެ. ކޮންމެވެސް ފަރާތެއް އޭނާގެ ގާތުގައި ވާކަމުގެ އިހުސާސެކެވެ.

އޭނާގެ ހިޔާލީ ދުނިޔޭގައި، ފަޅުތެރެ ބަބުޅަމުންދަނީ ދަނބުކުލައިގެ އިރުއޮއްސޭ ވަގުތެއްގައެވެ. އޭނާ މަޑުމަޑުން ހިނގާފައި ދާއިރު، ހީވަނީ ކުރިން ހަނދާން ނެތިފައިވާ ކަމެއް އައުވަމުންދާ ހެންނެވެ. އެތަނުން އޭނާއަށް އެ ސޫރަ ފެނެއެވެ. މޫދު ކައިރީގައި ހުއްޓި ހުރި އިސްކޮޅުން ދިގު ހިޔަންޏެކެވެ. ހަނދުވަރުގެ އަލީގައި ނުވަތަ ފުސްގަނޑެއްގެ ތެރެއިން ފެންނަ އެ ސޫރައިގެ މޫނެއް ސާފެއް ނުވެއެވެ. އެހެންނަމަވެސް، އޭނާގެ ހާޒިރުކަން އިހުސާސް ކުރެވެއެވެ. ޖައްވުގައިވާ ހޫނުކަމާއި، އޭނާގެ ބެލުމުގެ ބާރާއި، އަދި ހިތުގެ ތެރެއިން ދައުރުވާ މަޑުމަޑު ކަރަންޓެއް ފަދަ އަސަރެކެވެ.

އޭނާ އަށް ހޭލެވޭނީ ހަމަހިމޭންކަމުގެ ތެރެއަށެވެ. އިވޭނީ ހަމައެކަނި ފަންކާ އެނބުރޭ އަޑާއި، ދުރުން ކާޅު ގޮވާ ގޮވުމާއި، އަދި ރާޅުތަކުގެ މަޑުމަޑު އަޑެވެ. އެހެންނަމަވެސް، އޭނާގެ ހިތް އެ ސޫރަ އަދި އެ އިހުސާސް ހަނދާން ބަހައްޓައެވެ. ޔަސްމީންގެ ހަށިގަނޑު އޭނާ އަށް އެދެވެ. ބޭއިހްތިޔާރުގައި ނަމަވެސް ބޭނުންވެއެވެ.

އޭނާއަށް އެހާ ބޮޑަށް އެ މީހާއަށް ބޭނުންވެވެނީ ކީއްވެގެން ކަމެއް އޭނާއަކަށް ނޭނގެއެވެ. ހިތުގެ ފުންމިނުގައި އުފެދިފައިވާ އެ ބާރުގަދަ، ކެތްތެރިކަން ކުޑަ ކެކުޅުމަކީ މުޅި ނަފުސު އެކަމެއްގެ ތެރެއަށް ޣަރަގުކޮށްލާ ފަދަ އިހުސާސެކެވެ. ދުވަހަކުވެސް ހަގީގީ ދިރިއުޅުމުގައި ފެނިފައިނުވާ، އަދި ބައްދަލުވެފައިނުވާ އެ އިންސާނާއަށްޓަކައި އޭނާގެ ހިތް އެދިގޮވަނީ، ގަރުނުތަކެއް ވަންދެން އެމީހަކު ދަންނަ ފަދަ ގާތްކަމަކާއެކުގައެވެ.

އޭނާގެ މުޅި ހަށިގަނޑުގައިވަނީ ކޮންޓްރޯލް ނުކުރެވޭ ފަދަ ޖަޒުބާތީ އޮއިވަރެއް ހިނގަން ފަށާފައެވެ. ކޮންމެ ނާރަކާއި މަސްގަނޑެއް އެދިގޮވަނީ އެ ފިރުމުންތަކަށެވެ. ހިތުގެ ތެޅުން ބާރުވެ، މޭގަނޑު ފަޅާލާފައި ނުކުމެދާނެހެން ހީވާއިރު، އެމީހަކު ކައިރީގައި ހުރި ކަމުގެ ޚިޔާލީ އިހުސާސުންވެސް މުޅި ހަށިގަނޑުގައި ހުޅުރޯވެގެންދާ ފަދައެވެ.

ޖެހިލާ ކޮންމެ ވައިރޯޅިއަކުންނާއި، ހަށިގަނޑަށް އަރާ ކޮންމެ ރޫރޫއަކުން އޭނާއަށް އިހުސާސްވަނީ އެމީހެއްގެ ހިޔަންޏެވެ.
މި ބާރުގަދަ އެދުމާއި، ހަށިގަނޑުގައި އުފެދިފައިވާ މި ހޫނުކަމަކީ އަންހެނަކަށްވުމުގެ ހަގީގީ މާނަބާވައެވެ؟
އަމިއްލަ ނަފުސުގެ ވިންދު ބާރުވެ، ހިތުގައި އުފެދިފައިވާ މި ނުތަނަވަސްކަމުން، ދެކޮޅު ނުހެދޭ ފަދަ ވަރުގަދަ ޝައުގުވެރިކަމަކީ އޭނާގެ އަމިއްލަ އިހުސާސެއްކަން ޔަގީންވާ ހާލު، އެކަމާ މެދު އޭނާ ހައިރާންވެއެވެ.

(ނުނިމޭ)

ނޯޓް
މުޅިން އަލަށް ތަޢާރަފުކުރާ ލިޔުންތެރިއެކެވެ. "ލިޔާނާ އަލްސީރު" އަކީ އޭނާގެ ގަލަން ނަމެވެ. އަސްލުނަން ހޯދަން އުޅުމަށްވުރެން ރަނގަޅުވާނީ ނޫޅުނިއްޔާއެވެ. މި ވާހަކައަކީ ކުޑަކޮށް ބިރުވެރި އަދި ކުޑަކޮށް "ބެރެކި" ނުވަތަ އިރޮޓިކް ގޮތެއް ހުންނަ ވާހަކައެކެވެ.
2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top