ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވަކިވާކަށް ނޭދެން – ސައުރަތިރީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

ދެން ފެނުނީ ހަމަ އެ ހެދުމުގައި އޭނާގެ ގެއިން އުފަލުން ފޮޅިގެން ދުވެފައި ނުކުމެ ކާރަށް އެރި ތަނެވެ. ފޯނުން ވާހަކަ ދައްކަމުން ކާރުގައި ދެވުނީ ފުދޭވަރަކަށް ބާރަށެވެ. ގޯޅިއަކުން ލަނބާލިތަނާ ކުރިމަތިން އައި ކާރުގައި ޖެހުނު ވަގުތު “އަޔާން” އޭ ކިޔާފައި ހަޅޭއްލަވައިގަނެވުނެވެ.

“އަޔާން!” ބާރު ހަޅޭކަކާއެކު ޒޯޔާއަށް ތެދުވެ އިށީނދެވުނެވެ. މުޅި މީހާ ވަނީ ދާހިއްލާ ފޯވެފައެވެ. މާނޭވާ ލެވެމުން ދިޔައިރު، އޭނާ މޭގައި އަތް އަޅާލައިގެން އިނީ ނޭވާ ހަމައަކަށް އެޅުވޭތޯއެވެ.

ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޮރުގައި ތަޅައިގަތުމާއެކު އާފިޔާގެ އަޑު އިވުނެވެ.

“ޒޯޔާ! ދަރިފުޅާ ޒޯޔާ! މި ދޮރު ހުޅުވަބަލަ. ކިހިނެއްވީ؟”

ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ޒޯޔާ ގޮސް ދޮރު ހުޅުވާލިއެވެ.

“ދަރިފުޅާ ޒޯޔާ. ކިހިނެއްވީ؟” ކަންބޮޑުވެފައި ހުރި އާފިޔާ އެހިއެވެ. އާފިޔާގެ ފަހަތުގައި ހުރި ނަސީރުވެސް އާފިޔާގެ ފަހަތުން އެތެރެއަށް ވަނެވެ.

“ބިރުވެރި ހުވަފެނެއް ފެނުނީ.” ޒޯޔާ ބުނެލިއެވެ.

އާފިޔާ ޒޯޔާ ގޮވައިގެން ގޮސް އެނދުގައި އިށީނދެލިއިރު އޭނާގެ ހިތް ވަނީ ސުވާލުތަކުން ފުރިފައެވެ. ވޭތުވެދިޔަ ދޮޅު އަހަރުގެ ތެރޭގައި ޒޯޔާއަށް ނިދުމުގައި އެއްވެސް މައްސަލައެއް ދިމައެއް ނުވެއެވެ. އަމުދުން ބިރުވެރި ހުވަފެނެއް ފެނިގެނެއް ނުހޭލެވެއެވެ.

އާފިޔާ ޒޯޔާއަށް ފެން ދީ ބޮލާއި ބުރަކަށީގައި ފިރުމިއެވެ. ޒޯޔާ ހަމައަކަށް އެޅުމުން އޭނާގެ ހިތުގައި އުފެދުނު އެންމެ ބޮޑު ސުވާލު އާފިޔާ ކުރިއެވެ.

“ދަރިފުޅަށް ކޮންކަހަލަ ހުވަފެނެއް ފެނުނީ؟”

ޒޯޔާ ވިސްނާލިއެވެ. ތެދަށް ބުނަންވީބާވައެވެ. ނޫނެކެވެ. ތެދަށް ބުނެފިނަމަ އަނެއްކާވެސް އާފިޔާ އިތުރު މައްސަލަތަކެއް އުފައްދާނެއެވެ. މިފަހަރު ގޮސް އަޔާންގެ ގެލެރީ ތަޅާލާނީ ނޫންކަމެއްވެސް ނޭނގެއެވެ.

“އެއީ ރޭގަ އަހަރެން ގެއަށް އައި ގަޑީގައި މަންމަމެން ދެއްކި ވާހަކަތަކާ މާބޮޑަށް ވިސްނުނީމަ ފެނުނު ހުވަފެނެއް. ހުވަފެނުގައި މަންމައާ ބައްޕަ ވަރިވަނީ. ދެން ދެމީހުންވެސް އަހަރެން ބޭނުންވާތީ ދެމީހުން އަހަރެންގެ ދެއަތުގައި ހިފައި މެދުން އިރާލަނީ.” ޒޯޔާ އޮޅުވާލުމަށްޓަކައި ދެއްކީ އެމީހުންނަށް ޤަބޫލުކުރެވޭ ކަހަލަ ވާހަކައެކެވެ.

“މޮޔަގަނޑު. މަންމަމެން އެހާވަރަށް ބުނީމަވެސް ހަމަ އެކަމާ ވިސްނީއޭ ދޯ. ހަމަ އަސްލަށްވެސް މަންމަމެން ނޫޅެވޭ ވަރިވާކަށެއް. މަންމަމެން އެއްވެސް މައްސަލައެއް ނުޖެހޭ.” އާފިޔާ ނަސީރަށް ބަލައިލަމުން ޒޯޔާގެ ކޮލުގައި މަޑުމަޑުން ޖަހާލަމުން ބުންޏެވެ. ޒޯޔާ ހީނލިއެވެ.

“ދަރިފުޅު ދެން ނުނިދައްޗޭ އިނގޭ. މިހާރު އެއޮއްގެން ފަތިސް ނަމާދަށް ގޮވާ ގަޑި ޖެހުނީ. ތި ފަތިސް ނަމާދަށް ހޭލެވެން ވެގެން ފެނުނު ހުވަފެނަކަށް ވާނީ.” ނަސީރު ވަރަށް ލޯބިން ޒޯޔާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ޒޯޔާ ހީނލަމުން ބޯޖަހާލިއެވެ.

އެވަގުތު ފަތިސް ނަމާދު ބަންޤީގެ އަޑު އިވުނެވެ. އަވަހަށް ނަމާދު ކުރަން އުޅުމަށް ބުނެފައި އާފިޔާ އާއި ނަސީރު ދިޔުމުން ޒޯޔާ ގޮސް ދޮރު ތަޅުލިއެވެ.

ފާޚާނާއަށް ވަދެ ފެންވަރައި ތަޒާވެލައިގެން ވުޟޫކޮށްގެން ނުކުމެ ޒޯޔާ ނަމާދަށް އެރިއެވެ. ނަމާދުން އަވަދިވެ، ދުޢާކޮށް އިރުކޮޅަކު ޤުރުއާން ކިޔަވައިލަން އޭނާ އިނެވެ. އެއަށްފަހު މުސައްލަ އޮޅާލައި އަލަމާރި ކައިރީ ހުރި ގޮނޑި މަތީ ބޭއްވުމަށްފަހު އޭނާ އައިސް އެނދުގައި އިށީނެވެ.

ރަނގަޅަށް ހަމަޖެހިލުމާއެކު އޭނާއަށް ފެނުނު ހުވަފެނާމެދު ވިސްނަން ފެށިއެވެ. ވިސްނަމުންދިޔަ ވަރަކަށް މަޑުމަޑުން ހަނދާންތައް އަންނަން ފެށިއެވެ. ކުރިން ހަނދާނަށް ނައި ކަންކަން ހަނދާންވާން ފެށުމުން އޭނައަށް ހިތްހަމަޖެހުމެއް ލިބުމުގެ އިތުރުން ނުތަނަވަސްކަމާއި ހިތްހަމަނުޖެހުންވެސް ވިއެވެ. އޭނައަށް ހަޤީޤަތް މިހާ ދުވަހު ސިއްރު ކުރީތީއެވެ. އަދި ހުރިހާ ކަމެއް އެނގިހުރެ މަންމަ އޭނާގެ ކައިވެނި ފައިސަލްއާ ހަމަޖައްސަން އުޅުނީތީއެވެ. އެވެސް އޭނާ މީހެއްގެ އަނތްބެއްގެ ގޮތުގައި ހުއްޓައެވެ.

މިވެސް ކިޔާލަން:  ރިހި ރޭ - ޗެޕްޓަރ 4

ދެން ކުއްލިއަކަށް ރޭގެ ހާދިސާ އޭނާގެ ހަނދާނަށް އައެވެ. އޭނާ ގެއަށް އައި ވަގުތު އާފިޔާމެން ދެއްކި ވަރީގެ ވާހަކައެވެ. އަނެއްކާ އާފިޔާ އެ ދެއްކީ އޭނައާ އަޔާންގެ ވާހަކަ ނޫންބާއެވެ. އޭނައަށް ދެތިން ސިކުންތު ކުރިން އާދެވުނުނަމައޭ އޭނާގެ ހިތަށް އެރިއެވެ. ނޫންނަމަ އޭނައަށް އެ ވާހަކަ މުޅިން އޮޅުންފިލީހެވެ. އެއާއެކު އޭނާގެ ހަނދާނަށް އައީ އެކްސިޑެންޓްވީ ދުވަހު އޭނަ އަޔާންދެކެ ރުޅިއައިސްގެން ވަރީގެ ފޯމުގައި ސޮއިކުރި ކަމެވެ. އަދި ގެއިން ނުކުންނަމުން އާފިޔާ ގާތު އެ ވީދާލުމަށް ބުނިކަންވެސް ހަނދާންވިއެވެ. އަނެއްކާ އާފިޔާ އެ ވީދާނުލައި އޭގެ ބޭނުން ހިފީބާވައެވެ.

ކުއްލިއަކަށް ކަންކަން ހަނދާނަށް އަންނަން ފެށުމުން ޒޯޔާގެ ބޮލަށް ބާރުބޮޑުވިއެވެ. ގަދައަށް ރިއްސަން ފެށިއެވެ. ދެލޯ މަރައި ތަގުޅިކޮށްލަމުން ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާލައިގެން އެނދުގައި އޮށޯތެވެ. އޭރުވެސް އޭނާގެ ހިތާހިތުން އެއްވެސް ކަމެއް ގޯސް ނުވުމަށް ދުޢާކުރިއެވެ. އަލުން ހަނދާންތައް ނުފޮހެވުމަށް އެދި ދެންނެވިއެވެ.

ދެލޯ މަރައިގެން އެތައް އިރަކު އޮތް ފަހުން ބޮލަށް ލުއިވިއެވެ. ނަމަވެސް މުޅިން ރިހުން ފިލައިގެނެއް ނުދިޔައެވެ. ވުމާއެކު އޭނާ ކޮޓަރިން ނުކުތީ ކޮފީއެއް ބޯލުމަށްފަހު ބޭސް ކެއުމަށެވެ. އެއްވެސް ކަމެއް ނުވާކަމަށް ހެދިގެން އޭނާ އުޅުނީ އާފިޔާއަށް ޝައްކު ވެދާނެތީއެވެ.

*****

އަޔާންއަށް ހޭލެވުނީ އެހެން ރޭރޭ ހޭލެވޭ ވަރަށްވުރެ ލަހުންނެވެ. ގަޑި ބަލައިލުމާއެކު ނަމާދު ވަގުތު ފާއިތުވާން ދާތަން ފެނި ތެދުވަން ހިފާލި ވަގުތު އަނގައިން އަޑެއް ލައްވާލެވުނީ ކަނދުރާއަށް ތަދުވުމުންނެވެ. އެއް އަތުން ކަނދުރާގައި ހިފަހައްޓާލަމުން އޭނާ ތެދުވެގެން ފާޚާނާއަށް ދިޔައީ ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު ކުރުމަށް ތައްޔާރުވާށެވެ.

ނަމާދުކޮށްލައިގެން ބޭރަށް ނުކުތް އަޔާންއަށް އަފްޒާ ނުކުމެ އުޅޭކަން އެނގުނީ ބަދިގެއަށް ވަތް ފަހުންނެވެ. އޭރު އޭނާ އުޅެނީ ކޮފީ ތަށްޓަކާއި ކިރު ތަށްޓެއް ހެދުމުގައެވެ.

“ކަރަށް ކިހިނެއްވީ؟” އަޔާން އެއްއަތުން ކަނދުރާގައި އަތް ޖައްސާލައިގެން ހުރުމުން އަފްޒާ އެހިއެވެ.

“ނާރެއް އެރީ.”

“ޔަގީނޭ ރޭގަވެސް އިށީނދެ އިންދާ ނިދުނީކަން. ދޯ؟” އަފްޒާ އެހެން ބުނެލުމުން އަޔާން “ހޫމް” ލައްވާލިއެވެ.

“އަޅެ ތި ވިސްނާ އެއްޗެއް ވިސްނަންވެސް އޮށޯވެގެން އޮންނަނަމަ. ގައިމު ތިހެން ނާރެއް އަރައިގެން އުޅޭކަށް ނުޖެހުނީނެއްނު.” އަޔާންގެ މޫޑު ގޯސްވެދާނެތީ އަފްޒާ ސަމާސާކޮށްލިއެވެ. އަޔާންވެސް ހީނލިއެވެ.

“ކޮފީއެއް ހަދަން؟” އަފްޒާ އެހިއެވެ.

އަޔާން މޭޒުކައިރީ އިށީންނަމުން އާނއެކޭ ބުނެލިއެވެ.

އިރުކޮޅެއް ތެރޭގައި ރިޔާޒާއެކު ރާއިޒްވެސް ހޭލައިގެން އައެވެ. އަދި އަޔާން އިންގޮތުން އެކަމާ ވާހަކަދައްކައި ދިމާކޮށް ހެދިއެވެ.

ރާއިޒް މިހާރު އަޔާން އޭނައާއެކު ވަގުތު ހޭދަނުކުރާ ކަމަށް ބުނެ ޝަކުވާ ކުރިއެވެ. އަބަދު ބިޒީވެގެން އުޅޭތީ މިހާރު ދޮންބެ ކަމަކު ނުދެޔޭ ބުންޏެވެ. ކުރިންވެސް ބިޒީކޮށް އުޅުނަސް އޭނައަށް ވަގުތު ދޭކަމަށް ބުންޏެވެ. މިހާރު ދޮންބެ އޭނާދެކެ ލޯބި ނުވަނީއޭވެސް ބުންޏެވެ.

“އާދެބަލަ މިކޮޅަށް.” އަޔާން އެހެން ބުނެލުމުން ރާއިޒް އައެވެ.

އަޔާން ރާއިޒް އޭނަގެ އުނގުތެރެއަށް ލަމުން ކުއްލިއަކަށް ރާއިޒްގެ ކަންފަތުގައި ހިފައި ފިތާލިއެވެ. ރާއިޒް ހަޅޭއްލަވައިގަތެވެ.

“އަދިވެސް ބުނާނަންތަ އެހެން؟” އަޔާން އެހިއެވެ.

ރާއިޒް އަވަސްއަވަހަށް ނޫނެކޭ ބުނެލީ ދެވަނަ ފަހަރަށްވެސް އަޔާން އޭނަ ކަންފަތުގައި ހިފައިފާނެތީއެވެ.

“މޮޔަގަނޑާ. ކިތަންމެ ބިޒީކޮށް އުޅުނަސް ދޮންބެ އަބަދުވެސް ކޮއްކޮދެކެ ލޯބިވޭ އިނގޭ. މިދުވަސްކޮޅު ގެލެރީ ހުޅުވި ދުވަސްކޮޅު ވީމަ މާ ބިޒީވެގެން މި އުޅެނީ. ދެން ދޮންބެ ގެލެރީ ބަންދުކޮށްފަ އަންނައިރު ކޮއްކޮ އޮންނަނީ ނިދާފަ. އެހެންވީމަ ކިހިނެއް ވަގުތު ދެވޭނީ؟ ދޯ؟” އަޔާން ރާއިޒް ގައިގައި ހިފަހައްޓާލައިގެން އިނދެ ބުންޏެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ނަވާރަވަނަ ބައި

“އެނގެޔޭ ދޮންބެ ލޯބިވާކަން. އެކަމު ދެން މިހާރު އެއްވެސް ވަރަކަށް ދޮންބެއާ އެކީ ނޫޅެވޭތީ ދެރަވީ.” ރާއިޒް ބުންޏެވެ.

“އެހެންވީމާ، މި ހުކުރު ދުވަސް ދޮންބެ ޗުއްޓީ ނެގީ މި އިނގޭ. އެދުވަސް އެއްކޮށް ކޮއްކޮއަށް.” އަޔާން ބުނެލިއެވެ.

“ޕްރޮމިސް؟”

“ޕްރޮމިސް.”

ރާއިޒު ގޮސް މޭޒުގެ އަނެއް ފަރާތުގައި އިށީންއިރު އެކުއްޖާގެ މޫނުމަތިން ފެންނަން ހުރީ ވޭތުވެދިޔަ ކުޑަ ދުވަސްކޮޅު ނުފެންނަވަރުގެ އުފާވެރިކަމެކެވެ.

*****

ޒޯޔާ ކެފޭއަށް ދިޔުމުގެ ކުރިން ނާސްތާ ކުރަން ކާގެއަށް ދިޔައިރު އާފިޔާ އާއި ނަސީރުވެސް ތިއްބެވެ. އެ ދެމީހުންގެ މޫނުމަތިންވެސް އެއްވެސް ކަހަލަ ހާސްކަމެއް ނުތަނަވަސްކަމެއް ނުފެންނާތީ ޒޯޔާ ހިތްހަމަޖެހުނެވެ. އަދި އެމީހުން އޭނައާ އިތުރު ސުވާލެއް ނުކުރީތީވެސް އޭނާ ހުރީ ހިތްހަމަޖެހިފައެވެ.

މިއަދު ކެފޭއަށް ދިޔުން އޭނައަށް މާ ލަސްވެއްޖެއެވެ. އަދި އޭނާ އާންމުކޮށް ކެފޭއަށް ދާ ގަޑިވެސް ނުޖެހެއެވެ. ނަމަވެސް މިއަދު އޭނާ ކެފޭއަށް ދިޔުމުގެ މަޤުސަދު އެހެން ދުވަސްދުވަހާ ތަފާތެވެ. މިއަދު އޭނާ ދަނީ އޭނާގެ ފިރިމީހާއާ ބައްދަލުކުރާށެވެ.

އަޔާންގެ މަތިން ހަނދާންވުމުން އޭނާގެ ހިތް ނުތަނަވަސްވިއެވެ. އަޔާން އޭނާ މަތިން ހަނދާން ހުރިބާވައެވެ. ހަނދާން ހުރިނަމަ އަޔާން މި ހުރިހާ ދުވަހު އޭނައާ ދުރުން އުޅުނީ ކީއްވެބާވައެވެ. އަޔާން އޭނައަށް ކަންކަން ހަނދާން ކޮށްދޭން ނޫޅުނީ ކީއްވެބާވައެވެ. އަނެއްކާ އަޔާންވެސް ހަނދާންތައް ފޮހެވުނީބާވައެވެ. ނޫނީ އޭނަ މަތިން ހަނދާން ނައްތާލީބާވައެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު އެނގުން އޭނައަށް ވަރަށް މުހިންމެވެ. ނަމަވެސް އެ ސުވާލުތަކުގެ ޖަވާބު ލިބޭނީ އޭނަ ކެފޭއަށް ގޮސް އަޔާންއާ ބައްދަލުވެވިގެންނެވެ.

“މަންމާ، ބައްޕާ. ދެން އަހަރެން މި ދަނީ އިނގޭ.” ޒޯޔާ ބުނެލިއެވެ.

ޒޯޔާ އެހެން ބުނެލާފައި ދާން ހިނގައިގަތުމުން އާފިޔާއަށް ބަލަން އިނދެވުނެވެ. އެހެންޏާ ޒޯޔާ ދާއިރު، “ވަރަށް ލޯބިވެޔޭ” ބުނާ ބުނުން ނުބުނާކަން ފާހަގަކުރެވުނެވެ. އެއީ ކީއްވެބާވައޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ އެވާހަކަ ނަސީރު ގާތު ބުންޏެވެ.

“އާފިޔާ. ތީ ދެން އެކަމު ތަންކޮޅެއް ބޮޑުވަރު. މިހާރު ކަލޭ ސުވާލު ނުއުފައްދާނެ ގޮތަކަށް ޒޯޔާއަށް ވާހަކައެއްވެސް ނުބުނެވޭ ދޯ.” ނަސީރު ހިތްހަމަނުޖެހުނެވެ.

އާފިޔާ އިތުރަށް އެއްޗެއް ނުބުނީ ޒުވާބު ނުކުރަންވެގެނެވެ. ނަމަވެސް އޭނާގެ ހިތުން އެކަން ފިލައިގެނެއް ނުދިޔައެވެ.

*****

ޒޯޔާ ކެފޭއަށް ދިޔައިރު އަށެއް ޖަހަން ފަނަރަ މިނެޓު ހުއްޓެވެ. އޭނާ އަޔާންގެ ގެލެރީއަށް ބަލައިލިއިރު އެތަނެއް އަދި ނުހުޅުވައެވެ. ބިއްލޫރިގަނޑުން އެތެރެ ބަލައިލިއިރު އަޔާންއެއް އަދި ނާދެއެވެ. އޭނާއަށް ކޮންމެ ސިކުންތެއްވެސް ގަޑިއިރެއް ފަދައެވެ. އޭނާ ހުރީ އަޔާންއާ ބައްދަލުވުމަށް ކެތްމަދުވެފައެވެ. ހަމައެޔާއެކު އޭނާގެ ހިތަށް އުނދަގޫވަމުން ދިޔައީ އަޔާންގެ ހާލަތު ނޭނގޭތީއެވެ.

އަޔާން ކެފޭއަށް އައީ އަށެއް ޖަހަން ފަސް މިނެޓަށް ވީއިރުއެވެ. އޭނައާ އެކީ އަފްޒާވެސް އައެވެ. އަފްޒާ އައި ސަބަބު ނޭނގުނަސް ޒޯޔާއަށް އުފާވެރިކަމެއް އިޙުސާސްކުރެވުނެވެ. އޭނާ އެއްވެސް ކަމެއް ހަނދާން ނެތްއިރުވެސް އަފްޒާ އޭނައަށް ބެހެއްޓި އޯގާތެރިކަން އޭނާ ހަނދާނެއް ނުނެތެއެވެ. އަފްޒާއަށް “ފަހަރި” ކިޔުމަށް ބުނިކަންވެސް އޭނާ ހަނދާން އެބަހުއްޓެވެ. އަދި އެކަމުގެ އަސްލު ސަބަބުވެސް މިހާރު އޭނައަށް އެނގިއްޖެއެވެ.

މިވެސް ކިޔާލަން:  ހިތުގެ ޔާރާ - ފުރަތަމަ ބައި

އަޔާންގެ އަތުގައި އޮތް ގިޓާ ފެނުމުން ޒޯޔާއަށް އިތުރު އުފަލެއް ލިބުނު ކަހަލައެވެ. ކުރިން ހަލާކުވި ގިޓައަކީވެސް އޭނާ އަޔާންއަށް ދިން ގިޓައެކެވެ. ނޭނގުމުގެ ތެރޭގައި އޭނާގެ މަންމަ އަތުން އެ ހަލާކުވިޔަސް، އޭނައަށް ހަމަ އެ ވައްތަރުގެ ގިޓައެއް އަޔާންއަށް ދެވުނީތީ ކުރީގެ ހަނދާންތައް ތާޒާވިއެވެ. އެދުވަހު ގިޓާގެ ސަބަބުން އެ ދެމީހުންގެ މެދުގައި އުފެދުނު ކުޑަ ހަމަނުޖެހުމާއި އެ މައްސަލަ ހައްލުވި ގޮތް އޭނާގެ މޫނުމައްޗަށް އިތުރު ހިނިތުންވުމެއް ގެނުވިއެވެ.

އަޔާޏްގެ ގާތަށް ދިޔުމަށް އޭނާގެ ހިތް ކިތަންމެ ވަރަކަށް އެދުނަސް އޭނާ ކެތްތެރިވިއެވެ. އޭނާ އަޔާން ގާތު ބުނާނީ ކީކޭ ހެއްޔެވެ؟ ފުރަތަމަ ފެނުމާއެކު އޭނާއަކީ އަޔާންގެ އަނބިމީހާ ކަމަށް ބުނާނީ ކިހިނެއް ހެއްޔެވެ؟ އަދި އެންމެ މުހިންމު ސުވާލަކީ އަޔާން އެ ކަންކަން ހަނދާން ހުރިބާވައެވެ.

ޒޯޔާއަށް ކެފޭގެ ކަންކަމަށް މުޅިން ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. އެހެންކަމުން އޭނާ އެންމެ ފަހުން އަޔާންގެ ގެލެރީއަށް ދާން ނުކުތެވެ. އޭރުވެސް އަފްޒާ ގެލެރީ ތެރޭގައި އުޅޭތަން ފެނެއެވެ. އޭނާ ނުކުތް ވަގުތަކީ އަޔާންގެ ގެލެރީއިން އޭނާ ރާގު ކުޅެލި ވަގުތެވެ. ޒޯޔާގެ ފިޔަވަޅުތައް ހުއްޓުނެވެ.

އެއީ ހަމަ އެ ރާގެވެ. އަޔާން ރަސްމީކޮށް އޭނާ ގާތު ކައިވެންޏަށް އެދި ހުށަހެޅި ރޭ ކިޔައިދިން ލަވައެވެ. އަދި އޭގެ ފަހުން އެތައް ފަހަރަކު އޭނާ ހިތްހަމަޖައްސައިދިނުމަށް އަޔާން ކިޔައިދިން ލަވައެވެ. އެ ރާގުގެ ސަބަބުން އޭނާގެ ހަމަޖެހުން ނަގާލި ސަބަބަކީ އެއީއެވެ. މިހާރު ހަނދާނަށް އައުމުން އޭނާއަށް އެ ރާގުން ލިބުނީ ހިތްހަމަޖެހުމެވެ.

ޒޯޔާ ގޮސް އަޔާންގެ ގެލެރީ ދޮރުމައްޗަށް ހުއްޓުނު ކަމެއް އަޔާންއާއި އަފްޒާއަކަށްވެސް ނޭނގެއެވެ. އަޔާން ރާގު ކުޅުން ހުއްޓާލިއެވެ.

“އަޅެ ބަސްތައް ހަނދާން ނުވަނީ ކީއްވެތަ؟”

“އަޅެ އަދިވެސް ކުޅެލަބަލަ. ހަނދާންވާނެޔޭ.” އަފްޒާ ހިތްވަރު ދިނެވެ.

އަޔާން ރާގު ކުޅެން ފެށިއެވެ. ދެލޯ މަރާލައިގެން އިންއިރު އަފްޒާ ހުރީ އޭނައަށް ބަލާށެވެ. އެވަގުތު އެއްލި ކަޅިއަކުން އޭނައަށް ޒޯޔާ ފެނުނެވެ. ޒޯޔާ އަތުގެ އިޝާރާތުން އެއްވެސް އެއްޗެއް ނުބުނުމަށް ބުންޏެވެ. އަދި މަޑުމަޑުން އެތެރެއަށް ވަނެވެ.

މަޑުމަޑުން ރާގާއި އެއްވަރަށް އޭނާ ކިޔަން ފެށިއެވެ.

“ގުޅި ލާމެހިފާއެ ވަނީ، ދެހިތުގެ ތެޅުމޭ އަމުދުން…”

ކުއްލިއަކަށް ލަވައިގެ އަޑު އިވުމުން އަޔާން ރާގު ކުޅުން ހުއްޓާލިއެވެ. އަދި ދެލޯ ހުޅުވާލުމާއެކު ޒޯޔާ ފެނުނެވެ. ޒޯޔާ އިޝާރާތުން ކުރިއަށް ގެންދިޔުމަށް ބުންޏެވެ. އަޔާން އަނެއްކާވެސް ފެށިއެވެ.

“އަހަރެންގެ ހިތާ ތިހިތާ، ވަކިކޮށް އޮތަކަސް އަމުދުން
ނުގުޑާ ވަރުގަދަ ދެހިތުން، ގުޅުމެއްގެ ގުޅުން މިވަނީ…”

އަޔާންގެ ހަނދާނަށް މަޑުމަޑުން އަންނަން ފެށިއެވެ. އެއީ އޭނާގެ ޅެމެކެވެ. އެއީ އޭނާ ވަކި މީހަކަށްޓަކައި ޚާއްސަކޮށް ތައްޔާރުކުރި ޅެމެކެވެ. އަދި އޭނާ އެންމެ ފުރަތަމަ އެ ޅެން ލަވައެއްގެ ގޮތުގައި ކިޔައިދިން ދުވަސްވެސް އޭނާގެ ހަނދާނަށް އަންނަން ފެށިއެވެ.

އެއީ ވަރަށް ހިތްގައިމު ހަނދުވަރުދޭ ރެއެއްގައި ހުޅުމާލޭގެ އަތިރިމަތީގައި ޒޯޔާއަށްޓަކައި އޭނާ ތައްޔާރުކުރި ކެންޑްލް ޑިނާ ނައިޓެއްގައި އޭނާ ޒޯޔާއަށް ކިޔައިދިން ލަވައެކެވެ. މިހާރު އޭނާ ހަމަ ރަނގަޅަށްވެސް ހަނދާން ވެއްޖެއެވެ.

ލަވައިގެ ބާކީ ބައި ކުރިއަށް ގެންދިޔައީ އަޔާންއެވެ.

“ހަނުތިބެ ލޯބީގެ ތެރޭން، މި ހިމޭންކަމުގާވެ ޝުޢޫރު
ބުނެދޭނެޔެ ދެން ލޯބިން، ވަކިވާކަށް ދެން ނޭދެން
ވަކިވާކަށް ނޭދެން، ވަކިވާކަށް ނޭދެން”

(ނުނިމޭ)

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top