މާލޭގެ ހަލަބޮލި މަގުތަކުގެ އަޑުތަކާއި ދުރުގައި ހުޅުމާލޭގެ ފޭސް 2 ގެ އުސް އިމާރާތެއްގެ ބެލްކަނީގައި ނާފިލް ހުއްޓެވެ. އޭނާގެ ކުރިމަތީގައި ފެންނަން އޮތީ ނޫކުލައިގެ ފުން ކަނޑެވެ. ނަމަވެސް އޭނާގެ ހިތުގައި ވަނީ އެ ކަނޑަށްވުރެ މާ ފުން ބަޔާންކުރަން ދަތި އުދާސްތަކެކެވެ. ނާފިލްއަކީ މާލޭގެ ނަން މަޝްހޫރު، މުއްސަނދި އާއިލާއަކަށް ނިސްބަތްވާ ކާމިޔާބު ފޮޓޯގްރަފަރެކެވެ. އޭނާގެ ދިރިއުޅުމަކީ ބޭރުފުށުން ބަލާއިރު ފުރިހަމަ އުފާވެރި ދިރިއުޅުމެކެވެ. އެކަމަކު އެ ހިތުގެ އެންމެ ފުންމިނުގައި ވަނީ ސިއްރެކެވެ.
“ނާފިލް! ކޮން ކަމަކަށް ގެއްލިފައި؟” ފަހަތުން އިވުނީ އަރުޝީގެ އަޑެވެ.
ނާފިލް ސިހިފައި ފަސްއެނބުރި ބަލައިލިއެވެ. އަރުޝީ ހުރީ ވަރަށް ރީތިކޮށް ނަލަ ހެދިލައިގެންނެވެ. އޭނާއަކީ ނާފިލްގެ ކައިވެނި ކުރަން ހަމަޖެހިފައިވާ ކުއްޖާއެވެ. މާލޭގެ މަތީ ފަންތީގެ އާއިލާއަކަށް ނިސްބަތްވާ ތަޢުލީމީ އަދި ޒަމާނީ ކުއްޖެކެވެ.
“ކަމެއް ނުވޭ. ހަމަ ކަނޑަށް ބަލަހައްޓައިގެން ހުރީ.” ނާފިލް ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރުވަން މަސައްކަތް ކުރަމުން ބުންޏެވެ.
“މިއަދު މީ އަހަރެމެންގެ ކައިވެނީގެ ތާރީޚު ފައިނަލް ކުރެވޭ ދުވަސް. މަންމަމެން އެތިބީ ވަރަށް އުފަލުން. އަހަރެން ހީކުރީ ނާފިލްވެސް މިއަށްވުރެ ބޮޑަށް އެކްސައިޓް ވާނެކަމަށް.” އާދައިގެ މަތިން ޝަކުވާގެ ރާގަކަށް އަރުޝީ ބުންޏެވެ.
އަރުޝީއަކީ އިރެއްގައި ނާފިލްގެ ހިތުގެ ޔާރާއެވެ. ނަމަވެސް ނާފިލްގެ ހިތަށް އެރިއެވެ. އޭނާ އަދިވެސް އަރުޝީދެކެ ލޯބިވޭބާއެވެ. ނުވަތަ އެއީ ހަމައެކަނި އާއިލީ މަޖުބޫރުކަމެއް ހެއްޔެވެ؟ އެއްޗެކޭ ބުނަން އުޅެނިކޮށް އެތަނަށް ޖަނާން ނުކުތެވެ. އޭނާގެ އަތުގައި ހުރި ތަބަކުގައި ހުރީ ދެ ޖޫސް ތަށްޓެވެ.
ޖަނާން ފެނުމާއެކު އަރުޝީ ގާތު ނާފިލް ބުނަން ހިތަށް އެރި ވާހަކަ ނުބުނެ ހުއްޓާލިއެވެ. ޖަނާންއަކީ ދެކުނުގެ ރަށެއްގެ ނިކަމެތި އާއިލާއެއްގެ އަންހެންކުއްޖެކެވެ. އޭނާ އެ ގޭގައި ހުންނަނީ ނާފިލްގެ އެހީގައި މާލެ އައިހެވެ. ރަށު މީހުންގެ ފުރައްސާރައާއި ދުއްތުރާތަކުން ސަލާމަތް ވުމަށްޓަކައެވެ.
“ޖޫސް.” ޖަނާން މަޑުމައިތިރިކަމާއެކު ބުނެލިއެވެ. އެ އަޑުގައި ވަނީ ޖެހިލުންވުމެކެވެ. އަދި އެ ދެލޮލުގައި ވަނީ ބަޔާންކުރަން ނޭނގޭ ކަހަލަ ހިތާމައެކެވެ.
“ތި މިތާ ބަހައްޓާފަ ޖަނާން މިތަނުން ދޭ. އަހަރެމެން މި ދައްކަނީ ވަރަށް މުހިންމު ވާހަކައެއް.” ހަރުކަށި ރާގެއްގައި އަރުޝީ ބުންޏެވެ. އަރުޝީއަށް ޖަނާންއަކީ ހަމައެކަނި ގޭގައި މަސައްކަތްކުރަން އުޅޭ ނިކަމެތި ކުއްޖެކެވެ.
އަރުޝީގެ މިފަދަ އާދަތައް ނާފިލްއަކަށް ކަމަކު ނުދެއެވެ. އަރުޝީދެކެ ލޯބިން މޮޔަވެގެން އުޅުނު އިރުވެސް އޭނާ އަރުޝީގެ މި ސިފައާ ދޭތެރޭ ހިތްހަމަނުޖެހިގެން ކިތަންމެ ފަހަރަކު ވާހަކަ ދެއްކިއެވެ. އެކަމާ ކިތަންމެ ފަހަރަކު ޒުވާބުވެސް ކުރަން ޖެހެއެވެ. ނަމަވެސް އަރުޝީގެ މި ސިފައެއް ނުކެނޑުނެވެ. ބަދަލުގައި ދުވަހެއް ދުވަހަކަށް އެކަންތައް ދަނީ ބޮޑުވަމުންނެވެ. އެ ސިފައަކީ އަރުޝީގެ މައިންބަފައިންގެ ފަރާތުން ވާރުތަވެފައިވާ ނުރަނގަޅު ސިފައެކެވެ.
ޖަނާން އެއްވެސް އެއްޗެކޭ ނުބުނެ ބޯޖަހާލުމަށްފަހު އެތެރެއަށް ވަނެވެ. ނާފިލްގެ ހިތަށް ތަދުވެ ހިތްހަމަނުޖެހުނެވެ. ޖަނާން ކަހަލަ ކުށެއްނެތް ނިކަމެތި ކުއްޖަކަށް އެހެން އިހާނެތިކޮށް ހިތާތީއެވެ. އިންސާނެއްގެ ނަޒަރުން ދުށުމުގެ ބަދަލުގައި “ނޯކަރެއް” ގޮތުގައި ދެކޭތީއެވެ.
ނާފިލްއާއި އަރުޝީގެ ކައިވެނީގެ ތާރީޚު ކަނޑައެޅިއްޖެއެވެ. ކައިވެނި އޮތީ ދެމަސް ފަހުންނެވެ. އެ ދެމަސް ދުވަސް އަރުޝީއަށް ވަރަށް ދިގު ނަމަވެސް ނާފިލްއަށް އެއީ ވަރަށް ކުޑަ ދުވަސްކޮޅެކެވެ. ތާރީޚު ކަނޑައެޅުނު ނަމަވެސް އަދިވެސް އޭނާގެ ހިތް އޮންނަނީ ދެއަތަށް ކިރިކިރިއެވެ.
ރޭގަނޑުގެ ވަގުތެވެ. މާލޭގެ މަގުތަކުގައި ކާރުތަކާއި ސައިކަލުތަކުގެ އަޑުތައް ގަދަވެފައިވާއިރު ނާފިލް އިނީ އޭނާގެ ކޮޓަރީގައެވެ. އޭނާގެ ހަނދާނަށް އަންނަނީ މީގެ ދުވަސްތަކެއް ކުރިން ރާއްޖޭގެ ދެކުނުގެ ރަށަކުން ފެނުނު ސާދާ އަންހެންކުއްޖާއެވެ. އޭނާގެ ހިތުގެ ޔާރާއެވެ.
ޚިޔާލުތަކަށް ގެއްލިފައި އޮއްވައި ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށް ނާފިލް ސިހުނެވެ. ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ ޖަނާންއެވެ. އޭނާ އެ އައީ ނާފިލްގެ އަންނައުނުތަކެއް ހިފައިގެންނެވެ.
“ނާފިލް ސަރ. މީ މާދަމާގެ ޝޫޓިންއަށް ބޭނުންވާނެކަމަށް ބުނި އަންނައުނުތައް.” ޖަނާން އިސްދަށަށް ޖަހާލައިގެން ހުރެ ބުންޏެވެ.
“ޖަނާން. އަހަރެން ކިތައް ފަހަރު ބުނެފިން މިހާރު އަހަންނަށް ސަރ ނުކިޔާށޭ.” ނާފިލް މަޑުމައިތިރިކަމާއެކު ބުނެލިއެވެ. ޖަނާން އެގޮތަށް އޭނާ މާ މަތީ މީހަކަށް ހަދައިގެން ވާހަކަ ދައްކާތީ އޭނާއަށް ވަރަށް އުނދަގޫވެއެވެ.
“މި ގޭގައި އަޅުގަނޑުގެ މަގާމަކީ އެއީ. އަރުޝީ މެޑަމްއަށް އަޅުގަނޑު ސަރ ނޫން އެއްޗެއް ކިޔާ އަޑު އިވިއްޖެއްޔާ މައްސަލައަކަށް ވާނެ. މިހާރުވެސް އެއްވެސް ސަބަބަކާ ނުލައި ކޮންމެ ދުވަހަކު އެތައް ފަހަރަކު އެ ނުރުހުމާއި ކުރިމަތިލާންޖެހޭ.” ޖަނާންގެ ލޮލުން ކަރުނަ ހިލުނެވެ. ކިތަންމެ ގާތްކޮށް އާއިލާއެއް ގޮތުގައި ދެކެން ބޭނުންވިޔަސް އެކަން ކުރެވޭކަށް ނެތެވެ. އޭނާގެ ނިކަމެތިކަން އެ ހުރިހާ ގުޅުމަކަށް ހުރަސް އަޅައެވެ.
“އަރުޝީއަށް އެނގުނަސް އޯކޭވާނެ. އަހަރެންނެއްނު މިބުނީ އަހަންނަށް ސަރ ނުކިޔާށޭ. އަހަރެން މިހިރީނު.” ނާފިލް ވަރަށް ގާތްކޮށް ބުނެލިއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. މާލޭގެ ބޮޑު ހޮޓަލެއްގައި ނާފިލްއާއި އަރުޝީގެ ރަންކިޔުމުގެ ހަފުލާ އޮތެވެ. މުޅި މާލޭގެ ނުފޫޒުގަދަ މީހުން އެތަނަށް ޖަމާވެފައި އޮތެވެ. ޖަނާންވެސް އެތަނަށް ދިޔައީ ނާފިލްގެ މަންމަގެ އެދުމުގެ މަތިން ބައެއް ކަންތައްތަކުގައި އެހީތެރިވެދިނުމަށެވެ.
ޕާޓީގެ ތެރެއިން ނާފިލްގެ ނަޒަރު އިރުއިރުކޮޅާ ދުރަށް ހުއްޓެއެވެ. އަރުޝީ ކޮންމެވެސް ވާހަކައެއް ދައްކަދައްކާފައި ނާފިލްގެ އަޑެއްބަޑެއް ނީވިގެން ބަލައިލިއިރު ދުރަށް ގެއްލިފައި ހުރިތަން ފެނުމުން އަރުޝީގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. ނާފިލްގެ އަތުގައި ހިފައި ތަޅުވައިގަތުމުން ސިހިފައި ބަލައިލިއެވެ.
“ނާފިލް. ކިހިނެއް ވެފަތަ ތި ހުންނަނީ؟ ކޮންތާކަށް ތި ބަލަނީ؟” އަރުޝީ ނުރުހުމާއެކު އެހިއެވެ.
“ކަމެއް ނުވޭ. އެއްވެސް ތާކަށް ނުބަލަން.” ނާފިލް އަވަސްއަވަހަށް ބުނެލިއެވެ.
އެވަގުތު ޖަނާން ތަބަކެއްގައި ޖޫސް ހުސްކުރި ތަށިތަކެއް ހިފައިގެން ދަނިކޮށް މީހެއްގެ ގައިގައި ޖެހިފައި ތަބައް އަތުން ދޫވެގެން ވެއްޓުނެވެ. ތަށިތައް ތަޅައިގެން ދިޔަ އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔައިރު އަރުޝީ ބާރުބާރަށް އެދިމާލަށް ހިނގައިގަތެވެ.
“ޖަނާން. ތަންކޮޅެއް ބަލާލައިގެން އުޅެބަލަ. ކަލޭގެ ކޮންމެ ކަމެއްވެސް ހަމަ ތިހެން ތި ހުންނަނީ. ފަރުވާކުޑަކަމުގައިވެސް ހައްދެއް ނެތް. ދެން މީނައަށް ކޮންކަމެއް؟ މީނައަކަށް މީގެން އެއްޗެއް ހޯދާކަށް ނުޖެހޭނެ ވިއްޔަ.” އެންމެންގެ ތެރޭ އަރުޝީ ޖަނާންއަށް އެތިވަރު ގޮވައިގަތެވެ.
ވަގުތުން ޖަނާންގެ ދެލޯ ފެންކަޅިވެއްޖެއެވެ. ގަތް ލަދެއްގެ ބޮޑުކަމުން ބިން ފަޅާފައި އަޑިއަށް ދާނެނަމައޭ ވެސް އޭނާގެ ހިތަށް އެރިއެވެ.
“ދެން ކަމެއް ވާއިރަށް ރޯން ފެށީމަ ނިމުނީ. ތީ ހަމަ ތިކަހަލަ މީހުންގެ ފާޑޭ. ސިމްޕަތީ ކާޑާ ވިކްޓިމް ކާޑާ ދެންވެސް ހުރިއްޔާ ހުރި ކާޑެއް ކުޅެގެން މާ މާތް މީހަކަށް ވާން އުޅޭނީ. ކަލޭ ކަހަލަ މީހުންނަށް މިކަހަލަ ހައި ލެވެލް ޕާޓީތަކަށް އާދެވުނީމަ ވާގޮތް މީ. ފެންވަރު އޮޅެނީ.” ފުރުސަތަކަށް ބަލަބަލާ ހުރި އަރުޝީ ހިތަށް އެރިހާ އެއްޗެއް ގޮވާލިއެވެ. ޖަނާން ރޮއްވާލެވުމުން އޭނާގެ ހިތަށް ހަމަޖެހުމެއް ލިބެނީހެން ހީވެއެވެ.
“ހުއްޓާލާ އަރުޝީ. ތީ ދެން އެކަމު ތަންކޮޅެއް ބޮޑުވަރު. އެއީ އެކްސިޑެންޓެއް. އެވަރު ކަމަކާ ތިހެން އެންމެން ތެރޭގަ އެއްޗެހި ކިޔާކަށް ނުޖެހޭނެ.” ހިތްހަމަނުޖެހިފައި ނާފިލް ބުންޏެވެ.
މުޅި ހޯލް ތެރެއަށް ހިމޭންކަން ވެރިވިއެވެ. އަރުޝީ ހައިރާންވެފައި ނާފިލްއަށް ބަލަހައްޓައިގެން ހުއްޓެވެ. ނާފިލްއަށްވެސް ކުރެވުނު ކަންތަކުގެ ބޮޑުކަން އިހުސާސް ކުރެވުނީ ދެނެވެ. ނަމަވެސް އޭނާއަށް ކެތްނުކުރެވުނީއެވެ.
“ނާފިލް. ނާފިލް ތި ދިފާއު ކުރަނީ މި ކަޑަ ނޯކަރު ކުއްޖާތަ؟” އަރުޝީ ހިތްހަމަނުޖެހިފައި އެހިއެވެ.
“ވަރިހަމައޭ އެއީ ކޮންމެ މީހަކަށް ވިޔަސް. ތިހެން އެންމެން ތެރޭގަ އޭނަ ލަދުގަންނަވާލާކަށް ނުޖެހޭނެ. އެއީވެސް އިންސާނެކޭ. އޭނަ އެއްޗެކޭ ނުބުނެ މަޑުމަޑުން ހުންނާތީ ހީނުކުރައްޗޭ އެއީ ހިތަށް އެރިހާ އެއްޗެއް ކިޔަން ލިބޭ ހުއްދައެކޭ. އަހަރެންގެ ކުރިމަތީ އެއްވެސް މީހަކަށް އަނެކަކާ ދޭތެރޭ އެހެން ކަންތައް ކުރާކަށް ފުރުސަތެއް ނުދޭނަން. އެ ހެޔޮ ނޯކަރަކަށް ވިޔަސް، އެހެން މީހަކަށް ވިޔަސް. ސާފުވެއްޖެ؟” ނާފިލް ހުރީ ވަރަށް ހިތްހަމަނުޖެހިފައެވެ. އޭނާ ބޭނުންވީވެސް ވަގުތުން ޕާޓީ ދޫކޮށްލާފައި އެތަނުން ދާށެވެ. ނަމަވެސް އާއިލާގެ އިއްޒަތަށްޓަކައި ކެތްކޮށްލީއެވެ.
ޕާޓީގައި ބާކީ ހޭދަވީ ވަގުތުތަކުގައި އަރުޝީ ހިނިތުންވެފައި ހުރިނަމަވެސް އޭނާގެ ރުޅި ވަނީ ސަތޭކައަށް އަރާފައެވެ. އެ އެންމެންގެ ތެރޭގައި ނާފިލް އޭނާގެ ބަދަލުގައި ޖަނާންއަށް ސަޕޯޓުކުރީތީ އޭނާ ވަނީ ޖަނާންއަށް ހޭއަރުވާލަން ނިންމާފައެވެ. ޖަނާން އޭނާގެ ވާންއުޅޭ ފިރިމީހާގެ ބޮލަށް ވަންނަނީ ކަމަށް އޭނާ ޤަބޫލު ކުރެއެވެ.
“މަންމަ ކީއްކުރަންތަ ޖަނާން އެ ޕާޓީއަށް ގެންދިޔައީ؟ އެނގެއެއްނު އަރުޝީ ކިހާ ހިތްހަމަނުޖެހޭކަން އޭނަ ފެނުނަސް. އޭނަ އެ ހުންނަނީ ޖަނާންގެ ފަރާތުން ކުޑަވެސް ކަމެއް ފެނޭތޯ ބަލަބަލާ.” ޕާޓީ ނިންމާފައި ގެއަށް އައިގޮތަށް ނާފިލް އޭނާގެ މަންމަ ސުލްތާނާއާ ސުވާލުކުރިއެވެ.
“މަންމަ ހިއެއްނުކުރަމޭ އެހެން ވެދާނެ ކަމަކަށް. އެކަމަކު ނާފިލް ކަންތައް ތިކުރީ ރަނގަޅަކަށް ނޫން. އަރުޝީއަކީ ނާފިލްގެ ވާންއުޅޭ އަނބިމީހާ. އެކަމަކު އެ އެންމެންގެ ތެރޭގައި ނާފިލް ތި ނެގީ ޖަނާންގެ ސައިޑް.” ސުލްތާނާއަށް ގޯސްވީ ނާފިލްއެވެ. އަރުޝީގެ ބަދަލުގައި ޖަނާންއާ އެއްކޮޅަށް އެރީމައެވެ.
“މަންމައަށްވެސް އަހަރެން ދޯ މި ގޯސްވީ. މަންމައަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން ހުންނަ ތަނެއްގައި އެކަހަލަ ކަމެއް ހިނގަންޏާ އަހަރެން މަޑަކުން ނުހުންނާނެކަން. އެކަން ކުރީ މަންމަ ކަމަށް ވިޔަސް އަހަރެން އެވަގުތު ސްޓޭންޑް ނަގާނެކަން.” ނާފިލް އިތުރަށް ހިތްހަމަނުޖެހުނެވެ. އިތުރަށް ވާހަކަ ދައްކަން އުޅެގެން ޒުވާބަކަށް ބަދަލުވާނެކަން އެނގޭތީ ނާފިލް ބާރުބާރަށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ.
ޖަނާން ވެސް ކޮޓަރީގައި ރޯން އޮތްއިރު އޭނާގެ ހިތަށް އެތައް ބައިވަރު އެއްޗެއް އެރިއެވެ. އޭނާ ދެކެ އަރުޝީ އެހާ ރުޅިއަންނަނީ ކީއްވެ ހެއްޔެވެ؟ އޭނާއަކީ ނިކަމެއްޗަކަށް ވީމާ ހެއްޔެވެ؟ ނޫނީ ހަމަ ހަޤީޤަތުގައިވެސް އޭނާއަށް ގޯސްކޮށް ކަންތައް ކުރެވެނީބާއެވެ.
ޖަނާން އޭނާގެ ބާލީސް ދަށަށް އަތް ކޮއްޕާލާފައި ނެގީ އޭނާގެ ޑައިރީއެވެ. ފޮތް ހުޅުވާލާފައި އޭގެ ތެރެއިން އޭނާ ނެގީ ފޮޓޯގަނޑެކެވެ. އެ ފޮޓޮއަށް ބަލައިލުމާއެކު ކަރުނައިގެ ތެރެއިންވެސް އޭނާއަށް ހިނިތުންވެވިއްޖެއެވެ.
(ނުނިމޭ)
