އެއްބަސްވުން
ރޭގަނޑުގެ ވަގުތުތައް ފާއިތުވެގެން ދިޔައީ ރީޝާއަށް ބޭނުންވި އަރާމާއި ހަމަޖެހުން ނުލިބި، ހީކުރިވަރަށްވުރެ މާ އަވަހަށެވެ. ހިތްވަރު އެއްކޮށްލުމަށް އެކަށީގެންވާ ވަގުތު ނުލިބެނީސް، އޭނާއަށް ހުރެވުނީ ބިއްލޫރިތަކުން ފަރުމާކޮށްފައިވާ އުސް އިމާރާތެއްގެ ކުރިމަތީގައެވެ. އެ ބިއްލޫރިތަކުން ސިޓީގެ މަންޒަރުތަކާއެކު، އޭނާގެ މޫނުމަތިން ފެންނަން ހުރި ނުތަނަވަސްކަމާއި ސާބިތުކަންވެސް ދައްކައިދެއެވެ.
އިމާރާތަށް ވަނުމުގެ ކުރިން އޭނާ ކުޑަ ހިނދުކޮޅަކަށް މަޑުޖެހިލިއެވެ. ލައިގެން ހުރި ހުދު ކުލައިގެ ގަމީހާއި ކަޅު ކުލައިގެ ފަޓުލޫނު ހުރީ ވީވަރަކުން އިސްތިރިކޮށް، ތަރުތީބުކޮށްފައެވެ. ބޯ ރީތިކޮށް އައްސާލާފައިވާއިރު، މޫނުމަތިން ފެންނަނީ މަޑުމައިތިރިކަމެވެ. ނަމަވެސް އެ ބޭރުފުށުގެ ހަމަޖެހުމުގެ ފުރަގަހުގައި، އޭނާގެ ހިތް ވަނީ ނުތަނަވަސްކަމުން ފުރިފައެވެ.
“ބިސްމިﷲ..” ހިތްވަރަށް އެދި ދުޢާކުރާ ފަދަ މަޑު އަޑަކުން ކިޔާލުމަށްފަހު، އޭނާ އިމާރާތުގެ އެތެރެއަށް ވަނެވެ.
އެތެރެއަށް ވަދެވުމާއެކު މުޅި މާހައުލު ބަދަލުވެގެން ދިޔައެވެ. ފިނި އަދި ހަރުކަށި ގޮތެއް ހުރި އެ މާހައުލުގައި މީހުން ހަރަކާތްތެރިވަމުން ދިޔައީ ނުހަނު އިތުބާރާއި ހަލުވިކަމާއެކުއެވެ. އޮފީހުގެ ތަޅުންގަނޑުމަތީގައި އިވޭ ފިޔަވަޅުތަކުގެ އަޑާއި، ކޮންޓްރޯލް ކުރެވިފައިވާ އަޑުތަކުން އެތަނުގެ އަދަބުވެރިކަން ދޭހަވެއެވެ. އެންމެންނަކީވެސް އެ މާހައުލަށް ހޭނިފައިވާ ބައެއް ކަމުގައި ހީވާއިރު، ރީޝާއަށް އިޙުސާސް ކުރެވުނީ އޭނާއަކީ އެތަނާ ބީރައްޓެހި މީހެއްގެ ގޮތުގައެވެ.
އެހެންނަމަވެސް، އޭނާ ހިތްވަރު އެއްކޮށްގެން ކުރިއަށް ހިނގަމުން ދިޔައެވެ. އެންމެ ފަހުން އޭނާ ގެންގޮސް ވެއްދީ ޚާއްސަ ކެބިންއަކަށެވެ. އެތަނުގައި އޭނާ އިނީ އިންތިޒާރުގައެވެ. ވަށައިގެންވާ ހަމަހިމޭންކަމަށްވުރެ ބާރަށް އޭނާގެ ހިތުގެ ތެޅުން އިވެމުން ދިޔައެވެ.
“މިއީ ހަމައެކަނި އަހަރެންގެ ހިތުގެ ތެޅުން..” އޭނާ އަމިއްލަ ނަފުސަށް ބުނެލިއެވެ. އަދި ހަމަޖެހުމަށް އެދި އަމިއްލަ އަތްތިލައަށް ބާރުކޮށްލިއެވެ.
މޭޒުމަތީގައި ހުރި ރަންކުލައިގެ ނަންބޯޑަށް އޭނާގެ ނަޒަރު ހުއްޓުނެވެ. އޭގައި ލިޔެފައިވަނީ “އަޙްމަދު ރުޝްދާން މާހިރު، ސީ.އީ.އޯ” އެވެ. އެ ނަން ކިޔާލުމުންވެސް އޭނާގެ ހާސްކަން އިތުރުވިއެވެ. އެއީ ބާރާއި ނުފޫޒު ދޭހަކޮށްދޭ ނަމެކެވެ.
ކުއްލިއަކަށް، މީހަކު އޭނާއަށް ބަލަހައްޓައިގެން ހުރިކަން އިޙުސާސް ކުރެވުނެވެ. އެއީ ހަމައެކަނި ބަލާލުމެއް ނޫނެވެ. އެއީ އޭނާގެ ކޮންމެ ހަރަކާތެއް ވަޒަންކުރާ ފަދަ ތޫނު ބަލާލުމެކެވެ. ރުޝްދާންގެ ޝައްކުން ފުރިގެންވާ ބަލާލުމުގެ ސަބަބުން ރީޝާގެ އަރުތެރެ ހިކި، މޫނު ރަތްވެ، މުޅި މީހާއަށް އުނދަގޫވާން ފެށިއެވެ. އަމިއްލަ ނަފުސު މާ ބޮޑަށް ހާމަވެފައިވާ ކަމުގެ އިޙުސާސް އޭނާއަށް ކުރެވުނެވެ.
ކައިރީގައި ހުރި ފެންތަށި ފެނުމާއެކު، ރީޝާ އަތް ތުރުތުރުލާ ހާލުގައި އެ ތަށި ނަގައި އެއް ނޭވާއިން ބޯލިއެވެ. ނަމަވެސް އެ ފިނި ފެންފޮދުން އޭނާގެ ހިތުގެ ނުތަނަވަސްކަމަކަށް ބަދަލެއް ނައެވެ.
“ދީނާ.. ބައެއް ބުއިންތައް ގެނެސްދީ. ހީވަނީ މިއުޅޭ ކުއްޖާ އަހަރެންގެ ފެންތަށި އެއްކޮށް ބޯލީހެން.” ރުޝްދާންގެ އަޑު އިވުނެވެ. އެ އަޑުގައި މަޑުމައިތިރިކަމާއި ކުޑަ މަލާމާތެއްގެ އަސަރު ހުއްޓެވެ.
އެ ބަސްތައް އިވުމާއެކު ރީޝާ ލަދުން އިސްޖަހާލިއެވެ. “އަހަރެންނަށް މި ކުރެވުނީ ކީއްބާ؟” އޭނާގެ ހިތަށް އެރިއެވެ. އެއްވެސް އެއްޗެކޭ ނުބުނެ އޭނާ ހިމޭނުން އިނީއެވެ.
“އެންމެ ރަނގަޅު.” ރުޝްދާން އޭނާގެ ވާހަކަ ކުރިއަށް ގެންދިޔައެވެ. “އަހަރެމެން އެއްވެސް މީހަކަށް ޚާއްސަ އިސްތިސްނާއެއް ނުދެން. މިތަނުގައި މަސައްކަތް ކުރާއިރު، އެހެން އެންމެންނެކޭ އެއްފަދައިން ހުރިހާ ޤަވާއިދަކަށް ބޯލަނބަން ޖެހޭނެ.”
ރީޝާ އަވަސްއަވަހަށް ބޯޖަހާލިއެވެ.
“ގަޑިއަށް ފަރުވާތެރިވުން، ހެދުން އެޅުމުގެ މިންގަނޑު، އަދި ހަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ނިންމުން. އަދި އެންމެ މުހިންމު ކަމަކީ..” ރުޝްދާންގެ އަޑު ތަންކޮޅެއް ބާރުކޮށްލިއެވެ.
ރީޝާ ހައިރާންކަމާއެކު ބަލާލިއެވެ.
“އެއްވެސް ސިއްރެއް ހާމަކޮށްގެން ނުވާނެ. މި އޮފީސް ތެރޭގައި ހިނގާ އެއްވެސް ކަމެއް ބޭރުވެގެން ނުވާނެ.” ރުޝްދާން ސާފުކޮށްދިނެވެ.
“އަޅުގަނޑަށް ފަހުމްވެއްޖެ، ސަރ.” ރީޝާ ޖަވާބުދިނެވެ.
ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ރުޝްދާން ބުންޏެވެ، “އަހަރެންގެ ޝަރުތެއްވެސް އެބައޮތް. އަހަރެން ބޭނުންވަނީ އަހަރެންގެ ގޭގައި ހުރެގެން މަސައްކަތްކުރާނެ އެސިސްޓެންޓެއް. ކޮމްޕިއުޓަރުގެ މަސައްކަތްތަކުގެ އިތުރުން، ކެއްކުމާއި ސާފުކުރުމުގެ ކަންކަންވެސް ބަލަހައްޓަން ޖެހޭނެ.”
ރީޝާއަށް އެ ވާހަކަ ޤަބޫލުކުރަން ދަތިވިއެވެ. “ގޭގައި ހުރެގެން.. ކެއްކުމާއި ސާފުކުރުން؟” އޭނާއަށް ބުނެވުނެވެ. “ސަރ ތިޔަ ހޯދަނީ އަމިއްލަ ނޯކަރެއްތޯ؟”
ކެބިން ތެރެއަށް ބަރު ހިމޭންކަމެއް ވެރިވިއެވެ. ރުޝްދާން ކުޑަކޮށް ހިނިތުންވެލަމުން ބުންޏެވެ. “އާނ.. މިވަގުތު އޮތް ވަޒީފާއަކީ ތިޔައީ. މިއީ ފުލްޓައިމް ވަޒީފާއެއް. އެކަމަކު މުސާރަ ވަރަށް ރަނގަޅުވާނެ. ކުރިން އުންމީދުކުރި ވަރަށްވުރެ ތިންގުނަ އިތުރުވާނެ.”
“ތިންގުނަ!” އެ ލަފުޒު ރީޝާގެ ކަންފަތުގައި ގުގުމާލިއެވެ. އޭނާގެ މަންމައާއި، އެމީހުންގެ ދިރިއުޅުމުގެ ހާލަތު ލޯމަތިން ސިފަވެގެން ދިޔައެވެ.
“އަޅުގަނޑު މި ވަޒީފާ ޤަބޫލުކޮށްފިން.” ކުއްލިއަކަށް އޭނާއަށް ބުނެވުނެވެ. ނަމަވެސް ވަގުތުން އޭނާއަށް އެ ނިންމުމާ މެދު ވިސްނާލެވުނެވެ. “ސަރ..، އަޅުގަނޑަށް ވިސްނާލަން ކުޑަ ވަގުތުކޮޅެއް ދެއްވާ. އަދި ބޮޑުދައިތައަށްވެސް އަންގާލަން ބޭނުން. ވީ އެންމެ އަވަހަކަށް ޖަވާބެއް އަރުވާނަން.”
ރުޝްދާން ބޯޖަހާލަމުން ބުންޏެވެ. “މި ފުރުސަތު އޮންނާނީ ސައުވީސް ގަޑިއިރަށް. އިތުރު މަޢުލޫމާތު ދީނާ އޮޅުންފިލުވައިދޭނެ. އޭނާއާއެކު ދޭ. ބައްދަލުވުން ނިމުނީ.”
އޭނާގެ އެ ހަރުކަށި ގޮތުން ރީޝާ ދީނާއާއެކު ބޭރަށް ނިކުތެވެ. ދީނާ އޭނާ ގެންދިޔައީ ހަމަޖެހިލައިގެން ތިބެވޭ ފަދަ ކޮފީ އޭރިއާއަކަށެވެ.
“މިއީ ހެދޭ ގޯހެއްހެން ހީވޭ.. އަހަރެން މިތަނަށް އައުން އެއީ ރަނގަޅު ކަމެއްބާއޭ ހިތަށް އަރާ.” ރީޝާ މަޑުމަޑުން ބުންޏެވެ.
ދީނާ އޯގާތެރިކަމާއެކު ބުންޏެވެ. “ނޫން ދަރިފުޅާ. އަހަރެން ރުޝްދާންގެ އުމުރުން ދިހަ އަހަރުން ފެށިގެން. އަހަރެން މި އާއިލާއަށް ޚިދުމަތް ކުރާތާ މިހާރު ކިތަންމެ ދުވަހެއް. އޭނާއަކީ ގޯސް މީހެއް ނޫން. ތިއީ ހީވާގި، ވަފާތެރި އަދި ކެތްތެރި ކުއްޖެއްނަމަ، އެމީހުން ދަރިފުޅަށް ވަރަށް ހެޔޮކޮށް ހިތާނެ. މިއީ ކުރިއަށް ދާން ލިބޭނެ ވަރަށް ރަނގަޅު ފުރުސަތެއް.”
ދީނާގެ ވާހަކަތަކުން ރީޝާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. “އަހަރެން މިހާރު މި ވަޒީފާއިން މުސްކުޅިވެ ރިޓަޔާ ކުރަނީ. އެހެންވެ ބަދަލުގައި މީހަކު ބޭނުންވަނީ.” ދީނާ ހިނިތުންވުމަކާއެކު ބުންޏެވެ.
“އަޅެ ރިޓަޔަރ ކުރަނީއޭ.. އަހަރެންނަށް ހިއެއްނުވޭ މިކަން ވާނެހެނެއް.” ރީޝާ މަޑުމަޑުން ވާހަކަ ދެއްކިއެވެ.
“ދަރިފުޅަށް މިކަން ވާނެ. ކުރިއަށް ގެންދެވޭނެ.” ދީނާ ވަރަށް އޯގާތެރިކަމާއެކު ޔަޤީންކަން ދިނެވެ. “ހާސްނުވޭ.”
ރީޝާގެ ހިތުގެ ތެޅުން މަޑުވެ، އާ ހިތްވަރެއް ލިބުނު ފަދަ އިޙުސާސެއް ކުރެވުނެވެ. އެއީ ބިރުވެރިކަމެއް ނޫނެވެ. އަދި ޝައްކެއްވެސް ނޫނެވެ. އެއަށްވުރެ މާ ހަމަޖެހޭ، މާ ވަރުގަދަ އިޙުސާސެކެވެ.
“މި ފުރުސަތު ދޫކޮށްނުލާ.” ދީނާ މަޑުމަޑުން ބުންޏެވެ.
އެ ބަސްތައް ރީޝާގެ ހިތުގައި ބަދަލުނުވާނެ ފަދަ ގޮތަކަށް ބިންވަޅު ނެގިގެން ދިޔައެވެ. އެ ވަގުތު އޭނާއަށް އިޙުސާސް ނުކުރެވުނު ނަމަވެސް، އެ ނިންމުމަކީ އޭނާގެ ދިރިއުޅުމުގެ އާ ސަފުހާއެއްގެ ފެށުމެވެ. އެއީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ދަތުރެއްގެ ފުރަތަމަ ފިޔަވަޅެވެ.
ރީޝާ ގޮސް އެ ދޮރު ލެއްޕުމާއެކު، މުޅި ކޮޓަރި ތެރެއަށް ފެތުރިގެން ދިޔައީ ތަފާތު ހިމޭންކަމެކެވެ. އެއީ ކުރިން ހުރި ނުތަނަވަސްކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެތަނަށް ވެރިވެފައިވަނީ މަޑުމައިތިރި، ނަމަވެސް ބަރުދަންހުރި، ބާރުވެރިކަން ދައްކުވައިދޭ ހިމޭންކަމެކެވެ.
އަޙްމަދު ރުޝްދާން މާހިރު އޭނާގެ ގޮނޑީގައި ފަސޭހަކަމާއެކު ލެނގިލިއެވެ. އިރުކޮޅެއް ކުރިން އޭނާގެ ކިބައިން ފެނުނު ހަރުކަށި އުސޫލުތަކާއި ސީދާކަން މިހާރު ވަނީ ލުއިވެ، ބާރުވެރިކަމުގެ ހިތްހަމަޖެހުމަކަށް ބަދަލުވެފައެވެ. އޭނާގެ އިނގިލިތަކުން ގޮނޑީގެ އަތްގަނޑުގައި މަޑުމަޑުން ޓަކި ޖަހަމުން ދިޔައިރު، ތުންފަތްމަތީގައިވަނީ މަލާމާތުގެ ހިނިތުންވުމެކެވެ. އެއީ ހީވާގޮތުން، ދާދި ދެންމެއަކު އެތަނުން ނުކުމެގެންދިޔަ ކުއްޖާގެ ހާސްކަމާއި ބިރުގަތުން އޭނާއަށްވީ އިންޓަވިއުއަކަށްވުރެ ބޮޑަށް، މަޖާ ކުޅިވަރަކަށެވެ.
“ދީނާ. އަހަރެން ހަމަ ރަނގަޅަށްވެސް އެ ކުޑަކުޑަ މީދާގަނޑު ބިރުގަންނަވާލައިފިން ދޯ؟” ވަރަށް ފަރުވާކުޑަ ގޮތަކަށް އޭނާ ބުންޏެވެ. އޭނާގެ އަޑުގައިވީ ސަމާސާގެ އަސަރުން އެކަން ވަރަށް ބޮޑަށް ހާމަވެއެވެ.
ރީޝާ ބޭރަށް ނުކުތުމުން އޭނާއާއެކު ގޮސްފައި އެނބުރި ކޮޓަރިއަށް ވަން ދީނާ، އިރުކޮޅަކު މަޑުޖެހިލިއެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ރުޝްދާނާ މެދު އޮތް ގާތްކަމާއި ކަންބޮޑުވުމުގެ އަސަރެވެ. ދީނާއަށް ރުޝްދާނަކީ ހަމައެކަނި ކުންފުނީގެ ސީ.އީ.އޯ ކަމުގައި ދެކޭ މީހެއް ނޫނެވެ. އޭނާއަކީ ރުޝްދާން ބޮޑުވަމުން އައިއިރު އެ މަންޒަރު ގާތުން ދުށް މީހެކެވެ.
“އޯހް، ކުޑަ ސާހިބް..” ވަރަށް އޯގާތެރިކަމާއެކު ބޯހޫލާލަމުން ދީނާ ބުންޏެވެ. “ތިޔައީ ވަރަށް ދެރަ ކަމެއް. އެއީ ވަރަށް މަޑުމައިތިރި، ނިކަމެތި ކުއްޖެއް. އެކުއްޖާއާ ތިގޮތަށް ކަންތައް ނުކުރައްވާ.”
ދީނާގެ ބަސްމަގު މަޑުމައިތިރި ނަމަވެސް، އޭގައިވަނީ ސާބިތުކަމެވެ.
ރުޝްދާން ފަރުވާކުޑަ ގޮތަކަށް ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ބޯ އަރިކޮށްލަމުން އޭނާގެ މަލާމާތުގެ ހިނިތުންވުން އިތުރަށް ފުންކޮށްލިއެވެ.
“މަޑުމައިތިރިއޭ؟” އޭނާ އެ ބަސް ތަކުރާރުކޮށްލީ ޤަބޫލުކުރަން ދަތި ރާގަކަށެވެ. “މައުސޫމޭ؟”
އޭނާގެ ލޮލުގެ ކުލަވަރު ކޮންމެވެސް ވަރަކަށް ބަދަލުވެގެން ދިޔައެވެ. ނަމަވެސް އެ މަލާމާތުގެ އަސަރެއް މުޅިއަކުން ފިލައިގެންނެއް ނުދެއެވެ.
“މި ފުރުސަތު އޭނާއަށް ލިބުނީ ކިހިނެއްކަން އޭނާއަށް ނޭނގެނީތަ؟” އޭނާގެ އަޑު އިތުރަށް ހަރުކަށިވެ، އެތެރޭގައި ފޮރުވިފައިވާ ފިނިކަން ފާޅުވާން ފެށިއެވެ. “ނޫނީ އޭނާއަކީ ހަމަ އެހާވެސް މޮޔަ ކުއްޖެއްތަ؟”
ކަންތައްތައް ބަދަލުވަމުންދާކަން އިޙުސާސްވުމުން ދީނާގެ ނިތްކުރިއަށް ރޫތަކެއް އެރިއެވެ. ރުޝްދާންގެ އަޑުގައި މިހާރު ހުރީ ކުރިން ހުރި ސަމާސާ ގޮތެއް ނޫނެވެ. އޭގެ ބަދަލުގައި ހުރީ ރޭވުންތެރިކަމާއި ސަމާލުކަމެވެ.
ރުޝްދާން ކުޑަކޮށް ކުރިއަށް ޖެހިލައި، މޭޒުމަތީގައި އުޅަނބޮށި ވިއްދާލިއެވެ. އަދި އޭނާގެ އިނގިލިތައް ގުޅުވާލަމުން، ރީޝާ ނުކުމެގެންދިޔަ ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނީ، ހީވާގޮތުން އެކުއްޖާ އަދިވެސް އެތަނުގައި ހުރި ނަމަވެސް އޭނާއަށް އެއްވެސް ކަމެއް ނޭނގޭ ފަދައިންނެވެ.
“އަހަރެން އޭނާއަށް ވަޒީފާއެއް ދޭން އެބަޖެހޭ.” އޭނާގެ އަޑު މިހާރު ވަނީ މަޑުވެ، ބަރުވެފައެވެ. “އެއީ ކާފަގެ އެދުމަށްޓަކައި.”
އެ ޖުމްލައިގައިވަނީ ބޮޑު މަޖުބޫރުކަމެކެވެ. އެއީ އޯގާތެރިކަމެއް ނޫނެވެ.
“އަދި އަހަރެން ދަންނަން މި ކުއްޖާއަކީ މިކަމަށް ޝަރުތު ހަމަވާ މީހެއް ނޫންކަން.” ވަރަށް ފިނި ރާގަކަށް އޭނާ އިތުރުކޮށްލިއެވެ. އޭނާގެ ލޯ ހަނިކޮށްލީ ހީވާގޮތުން އޭނާ އެކަނި ޤަބޫލުކުރާ ކޮންމެވެސް ހަޤީޤަތެއް ހޯދުމަށެވެ. “މިތަނަށް އައުމަށް އޭނާ ބޭނުންކުރި ކޮންމެ އުކުޅެއް ވިޔަސް..” އޭނާ މަޑުޖެހިލިއެވެ. އަދި އެނގިހުރި ކަހަލަ ހިނިތުންވުމެއް ފާޅުވިއެވެ.
“އަހަރެން މިހުރީ އޭނާއަށްވުރެ ތިން ފިޔަވަޅު ކުރީގައި.”
ދީނާ ވަރަށް ފަރުވާތެރިކަމާއެކު އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ ލޮލުން ކަންބޮޑުވުން ފެންނަން ހުއްޓަސް، އެއްވެސް އެއްޗެކޭ ނުބުނެއެވެ.
“ކާފަގެ އެދުން އަހަރެން ފުރިހަމަކުރާނަން.” އަނެއްކާވެސް ފަސޭހަކަމާއެކު ގޮނޑީގައި ލެނގިލަމުން ރުޝްދާން ބުންޏެވެ. އޭނާގެ ކިބައިން ފެންނަނީ ފުރިހަމަ އިތުބާރެވެ. “ނަމަވެސް، އެކަން ކުރާނީ އަހަރެން ބޭނުންވާ ގޮތަށް.”
މުޅި ކޮޓަރިތެރެއަށް އިތުރު ހިމޭންކަމެއް ވެރިވިއެވެ.
އޭނާ މަޑުމަޑުން ހީނލިއެވެ. އެއީ ބާރު ހިނިގަނޑެއް ނޫނެވެ. ނަމަވެސް އެ އަޑުގައި ހުރި ނުރައްކާތެރިކަމުން މުޅި މާހައުލަށް ބިރުވެރިކަމެއް ވެރިކުރުވިއެވެ. އެއީ އޭނާ އެ ނިންމި ނިންމުމުގެ ނަތީޖާ، އެވަގުތު އެހެން އެއްވެސް މީހަކަށް އަންދާޒާވެސް ނުކުރެވޭނެ ފަދަ ބޮޑު ކަމަކަށް ވާނެތީއެވެ.
އަދި އެ ފާރުތަކުގެ ބޭރުގައި.. އޭނާގެ ވަށައިގެން އުފެދެމުންދާ ތޫފާނުގެ އެއްވެސް ޚަބަރެއް ނެތި ރީޝާ ހިނގަމުން ދިޔައީ އުންމީދުތަކަކާއެކުގައެވެ. ނަމަވެސް އޭނާގެ ފަހަތުގައި.. މާ ބޮޑު، ތޫފާނެއް ވަނީ ފެށިފައެވެ.
(ނުނިމޭ)
