ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާސްތާ – ޗެޕްޓަރ 8

ނުހުޅުވޭނެ ދޮރެއް

އަމީރާގެ ވިސްނުން ވަނީ ހަލަބޮލިވެފައެވެ.

އެ ރަށާއި، ދޮގުތަކާއި، އަދި އޭނާގެ ހިތުގެ ކަނެއްގައި މަޑުމަޑުން ރާވަމުންދިޔަ ރޭވުންތަކުގެ ތެރެއަށް ގެއްލިފައި އިންދާ، ދޮރު ހުޅުވުނު އަޑަށް އޭނާއަށް ސިހުން ލިބުނެވެ. އެ ދުވަސްވީ އަންހެންމީހާ އަލުން ކޮޓަރިއަށް ވަނެވެ. އޭނާގެ ދެލޮލުން ފެންނަނީ އޯގާތެރިކަމެވެ. އެކަމަކު އެއީ ވަރުބަލިވެފައިވާ ދެލޮލެވެ. މާ ގިނަ ކަންތައްތަކެއް ތަހައްމަލުކޮށް، ހަނުހުރެގެން ސަލާމަތްތެރިކަން ހޯދައިގެން ހުރި މީހެއްގެ ކުލަވަރު އެ ދެލޮލުން ފާޅުވެއެވެ. މިފަހަރު އަމީރާ ފަސްޖެހުމެއް ނެތި ސުވާލުކުރިއެވެ. “އަޅެ އަހަންނަށް އެހީތެރިވެދެވިދާނެތަ؟”. އެ އަންހެންމީހާ ހުއްޓުން އެރިއެވެ. އެއީ ހަމައެކަނި ސިކުންތުކޮޅަކަށެވެ. އެ ސުވާލަކީ ނުރައްކާތެރި އެއްޗަކަށް ވެދާނެތީ ބިރުގަތް ކަހަލައެވެ.

“އަހަރެން ބޭނުންވަނީ އަހަރެންގެ ދަރިންނާއެކު މިތަނުން ސަލާމަތްވާން،” ރޮވިފައިވާ އަޑަކުން އަމީރާ ކުރިއަށް ގެންދިޔައެވެ. “ﷲ އަށްޓަކައި އަހަންނަށް އެހީވެދީ.” މުޅި ކޮޓަރިއަށް ހިމޭންކަން ވެރިވިއެވެ. އެއީ ނުތަނަވަސްކަމުން ފުރިގެންވާ ބަރު ހިމޭންކަމެކެވެ. އެ އަންހެންމީހާ އިޚްތިޔާރުން ބޭރުގައި ދޮރާ ދިމާލަށް ބަލައިލުމަށްފަހު، އަލުން އަމީރާއަށް ބަލައިލިއެވެ.

“ތިޔަކަމެއް ނުވާނެ،” އޭނާ މަޑުމަޑުން ބުންޏެވެ. އަމީރާގެ އުންމީދުތައް ވަގުތުން ފެނަށްވިއެވެ. “އޭނާގެ ނުފޫޒު ކޮންމެ ތަނަކަށްވެސް ފޯރާ،” އެ އަންހެންމީހާ އަވަސް އަވަހަށް، މަޑުމަޑުން ކިޔައިދިނެވެ. “ކަލޭ ފިލަން އުޅޭކަން އޭނާއަށް އެނގިއްޖެނަމަ، ހަމައެކަނި ކަލެއަކަށް ނޫން އަދަބު ދޭނީ.”
އޭނާ ކުޑަކޮށް މަޑުޖެހިލިއެވެ. “މި ގޭގެ ފުރާޅުގެ ދަށުގައި ތިބި އެންމެންނަށް އޭނާ އަދަބު ދޭނެ.” އެ ބަސްތައް އަމީރާގެ ހިތަށް އެރީ ބާރުގަދަ ހަމަލާއެއް ފަދައިންނެވެ. އޭނާގެ މޭ ފިތި، ނޭވާލާން އުނދަގޫވިއެވެ. އެ އަންހެންމީހާގެ ދެލޮލުން އޯގާތެރިކަން ފެނުނަސް، އޭގެ ފަހަތުގައި ވަނީ ބޮޑު ބިރުވެރިކަމެކެވެ.

“އަހަރެންގެވެސް އާއިލާއެއް އެބައޮތް،” މާފަށް އެދޭ ފަދަ ރާގަކަށް އޭނާ ބުންޏެވެ. “އެމީހުންގެ ސަލާމަތް ނުރައްކަލުގެ ތެރެއަށް ވައްޓައެއް ނުލެވޭނެ.”
އެވަގުތު އަމީރާއަށް ހުރިހާ ކަމެއް ވިސްނުނެވެ. އެ އަންހެންމީހާ އެހީނުވީ އޭނާއަށް ހަމްދަރުދީއެއް ނުވާތީއެއް ނޫނެވެ. އެހީތެރިވުމުގެ ކުޅަދާނަކަން ނެތީމައެވެ. އަމީރާ ފަދައިން އޭނާވެސް ވަނީ މަޖުބޫރުވެފައެވެ. ތަފާތު ގޮތަކަށް ބަންދުވެފައެވެ. ފަހަރެއްގައި ކުރެވުނު ކުށަކުން، ނުވަތަ ވީ އެއްބަސްވުމެއްގެ ސަބަބުން، ނޫނީ އަމީރާ ފަދައިން މި ދުނިޔެއަށް ދަމައިގަނެވުނީ ކަމަށްވެސް ވެދާނެއެވެ. އަމިއްލަ އިޚްތިޔާރެއް ނެތި ޚިދުމަތްކުރަން ޖެހިފައިވާ ނިކަމެތި އިންސާނެކެވެ.

އަމީރާގެ އުންމީދުގެ އެންމެ ފަހު ރޮދިފަށްވެސް ކެނޑުނެވެ. އޭނާ މަޑުމަޑުން އަނެއް ފަރާތަށް އެނބުރުނެވެ. އޭނާއަށް އިހުސާސް ކުރެވުނީ އިންތިހާ ދަރަޖައިގެ ނިކަމެތިކަމެވެ. އެ އިހުސާސް އޭނާގެ ކަރުގައި ހިފާ ބާރުކުރާ ފަދައެވެ.

ހަޅޭއްލަވައިގަންނަން އޭނާ ބޭނުންވިއެވެ. ރޯން ބޭނުންވިއެވެ. އަމިއްލަ އިސްތަށިގަނޑަށް ދަމައި، ކޮންމެވެސް އެއްޗެއް ހޫރުވާލަން ބޭނުންވިއެވެ. އެއީ އޭނާގެ އަމިއްލަ ދިރިއުޅުމުގެ މައްޗަށް އަދިވެސް ބާރު ފޯރުވޭކަން އިހުސާސް ކުރުމަށެވެ. އެކަމަކު އޭނާގެ އެއްވެސް ބާރެއް ނެތެވެ. ސަލާމަތްވާނެ މަގެއް ނެތެވެ. އެހީވާނެ މީހަކު ނެތެވެ.

އޭނާގެ ނޭވާލުން އަވަސްވެ ކަރުނަތައް ކޯތާފަތް މަތިން އޮހެން ފެށިއެވެ. ނަމަވެސް އޭނާ ރުޅިވެރިކަމާއެކު އެ ކަރުނަތައް ފޮހެލިއެވެ. ނޫނެކެވެ. އެމީހުންގެ ކުރިމައްޗަކު ނޫނެވެ. ހާއްސަކޮށް އޭނާގެ ދަރިންނަށްޓަކައެވެ. އެ ދަރިންގެ ހަނދާންވުމާއެކު އޭނާގެ ހިތް ހަމައަކަށް އެޅުނެވެ. އަމީރާ ދެލޯ މަރާލައި، ފުންކޮށް ނޭވާލާން ފެށިއެވެ. ހަމަޖެހިލައިގެން ވިސްނަން ފެށިއެވެ. އެހީވާނެ އެއްވެސް މީހަކު ނެތް ނަމަ، އަމިއްލައަށް ކަންތައްތައް ކުރަން ޖެހޭނެއެވެ.

އޭނާގެ ވިސްނުން ބަދަލުވާން ފެށިއެވެ. ބިރުވެރިކަމުގެ ބަދަލުގައި ރޭވުންތެރިކަމަށެވެ. ފަރުވާތެރި، ހިމޭން، އަދި ނުރައްކާތެރި ރޭވުންތަކެވެ. އޭނާ މިހާރުވެސް އެއްފަހަރު ދޮގު ހަދައިފިއެވެ. މާލޭގައި ހުރި ގުދަނެއްގެ ވާހަކައެވެ. ގާއްޑޭ އެކަން ގަބޫލުކުރިއެވެ. އޭގެ މާނައަކީ އަމީރާގެ އަތުގައި އަދިވެސް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް އެބައޮތް ކަމެވެ. ހުރިހާ ކަމެއް އޭނާއަށް އެނގިފައި ނުވާ ކަމެވެ.

ބާލީހުގެ ދަށުގައި ފޮރުވާފައިވާ އޮތް އެ ރިހި ތަޅުދަނޑީގައި އޭނާގެ އިނގިލިތައް ޖައްސާލިއެވެ. ވިލަރެސްފުއްޓަކީ އަދިވެސް އޭނާގެ ސިއްރެކެވެ. އޭނާއަށް އެނގޭ ހަމައެކަނި ހަގީގީ މަގު އަދި، ސަލާމަތްވާން އޮތް ހަމައެކަނި އުންމީދަކީވެސް އެއީއެވެ. އަމީރާ އަލުން ދެލޯ ހުޅުވާލިއެވެ. މިފަހަރު އޭނާގެ ދެލޮލުން ފެންނަނީ ތަފާތު ކުލަވަރެކެވެ. އެއީ ވަރުގަދަ އަޒުމެކެވެ. މި ނުރައްކާތެރި ދުނިޔޭގެ ތެރޭގައި ހިނގަން ޖެހުނަސް، އަމީރާ އެކަން ކުރަން ނިންމިއެވެ. ދޮގު ހަދައިގެން ކެތްތެރިކަމާއެކު އިންތިޒާރު ކުރަން ޖެހުނަސް މެއެވެ. އެކަމަކު އަބަދަކު މިގޮތަކަށް ބަންދުވެގެން ނުހުންނަން ނިންމިއެއެވެ. ސަބަބަކީ އެމީހުންގެ ދޮގުތަކާއި، ފިރިމީހާގެ ސިއްރުތަކާއި، އަދި ހިމޭންކަމުގައި އޮތް އެ ރަށުގެ މެދުގައި ކޮންމެވެސް ޖަވާބެއް ވާނެކަމަށް އޭނާ ގަބޫލުކޮށް ކޮންމެފަދަ ނުރައްކަލަކާ ކުރިމަތިލާން ޖެހުނަސް، އަމީރާ އެ ޖަވާބެއް ހޯދަން އަޒުމް ކަނޑައެޅިއެވެ.

މުޅި ކޮޓަރިތެރެއަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. އެއީ އާދަޔާ ހިލާފު، ބިރުވެރި ހަމަހިމޭންކަމެކެވެ.
އަމީރާ ހުރީ ފާހާނާ ކައިރީގައެވެ. އޭނާގެ ތެތް އިސްތަށިގަނޑު އޮތީ ބުރަކަށީގައި ތަތްލާފައެވެ. ފެންތިކިތައް މަޑުމަޑުން ހަށިގަނޑުން ތިރިއަށް ފައިބަމުން ދިޔައެވެ. ފެންވަރައިގެން ނުކުތްއިރު، ފިނިކަން އިހުސާސްވުމުން އޭނާ އަމިއްލަ ހަށިގަނޑުގައި ދެއަތުން ބައްދާލިއެވެ. އޭނާގެ މުޅި ހަށިގަނޑު ދިޔައީ މަޑުމަޑުން ތުރުތުރުލަމުންނެވެ. އޭނާ ހުރީ އަވަސް އަރުވާލާފައެވެ. ވިސްނުމާއި ރޭވުންތަކުގައެވެ. ކޮންމެ ސިކުންތަކީވެސް އޭނާއަށް މުހިންމު ވަގުތެކެވެ.

ނަމަވެސް، ކުއްލިއަކަށް ކަމެއް ބަދަލުވިއެވެ. އޭނާއަށް ކޮންމެވެސް ނުރައްކާތެރި އިހުސާސެއް ކުރެވުނެވެ. މީހަކު އޭނާއަށް ބަލަހައްޓައިގެން ހުރިހެން ހީވިއެވެ. އަމީރާ މަޑުމަޑުން ފަސްއެނބުރި ބަލާލިއެވެ. އަދި ހުރި ފިޔަވަޅުމަތީގައި ގަނޑުވިއެވެ. އެއީ ގާއްޑެއެވެ. ފާހާނާ ދޮރާ މާ ދުރު ނޫން ހިސާބެއްގައި، އޭނާ ހުއްޓިގެން ހުއްޓެވެ. ހަރަކާތެއް ނެތެވެ. އަޑެއް ނީވޭ ފަދަ ހަމަހިމޭންކަމެއްގައެވެ. އޭނާ ހުރީ އަމީރާއަށް ބަލަހައްޓައިގެންނެވެ. އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭނާގެ ލޮލުން ފެންނަނީ ތަފާތު އަދި ފުން އަސަރުތަކެކެވެ. އަމީރާގެ ވިންދު އަވަސްވެގެން ދިޔައެވެ. މިފަހަރު އޭނާގެ އެ ބެލުމުގައި ހުރީ ރުޅިވެރިކަމެއް ނޫނެވެ. އެއަށްވުރެ މާ ނުރައްކާތެރި، މާ ބަރުދަން ހުރި އިހުސާސެކެވެ.

އަމީރާގެ ކުއްލިޔަކަށް ޖެހިލުންވެ ލަދުގަތެވެ. ކުޑަވަގުތުކޮޅަކަށް އޭނާއަށް ހަރަކާތެއްވެސް ނުކުރެވުނެވެ. ވިސްނުމެއްވެސް ނައެވެ. ގާއްޑެ އޭނާއަށް ބަލަމުންދިޔަ ގޮތުން، އެއީ ހަމައެކަނި ބަލާލުމެއް ނޫންކަން އެނގެއެވެ. އެ ބެލުން އަމީރާ ނުތަނަވަސްކުރުވިއެވެ. އޭނާގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ.

“ނުބަލާ،” އަމީރާ މަޑުމަޑުން ކިރިޔާ ބުނެލިވުނިީއެވެ. ގާއްޑެ އެއްވެސް ޖަވާބެއް ނުދެއެވެ. އަދި ނަޒަރުވެސް ވަކި ނުކުރެއެވެ. އޭގެ ބަދަލުގައި އޭނާގެ ބެލުން ކުރިއަށްވުރެ ފުންވެގެން ދިޔައެވެ. އަމީރާގެ ހިތުގެ ތެޅުން އިތުރަށް އަވަސްވިއެވެ. “އަނެއް ފަރާތަށް އެނބުރޭ،” އަމީރާ މިފަހަރު ތަންކޮޅެއް ބާރަށް ބުންޏެވެ. އަދި އަވަސް އަރުވާލާފައި ކައިރީ އޮތް ތުވާލި ނަގައި ގައިގަ އޮޅާލިއެވެ.

އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު، ގާއްޑެ ފުން ނޭވާއެއް ދޫކޮށްލިއެވެ. އޭނާ ހީވަނީ ކޮންމެވެސް ފުން ވިސްނުމަކުން އަނބުރާ އައިހެންނެވެ. އޭނާގެ ދަތްޕިލަ ބާރުކޮށްލުމަށްފަހު، އެއްވެސް ބަހެއް ބުނުމެއް ނެތި އަނެއް ފަރާތަށް އެނބުރުނެވެ. އަމީރާ ފުން ނޭވާއެއް ލުމަށްފަހު ވަރަށް އަވަސް އަވަހަށް ހެދުން ލާން ފެށިއެވެ. އޭނާގެ އިނގިލިތައް ތުރުތުރުލަމުން ދިޔައީ ފިނިވެގެންނެއް ނޫނެވެ. އެހެން ނަމަވެސް، އޭނާ އެ އިހުސާސަށް ނަމެއް ދޭން ބޭނުމެއް ނުވިއެވެ.

ގާއްޑެ މިހާރު ހުރީ ކުޑަދޮރު ކައިރީގައެވެ. އޭނާ ހުރީ ފުރަގަސްދީގެންނެވެ. އޭނާގެ ހަށިގަނޑުގެ ހަރަކާތްތަކުން ފެންނަނީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ތަނެވެ. އޭނާ ހުރީ ހަމަޖެހިފައެއް ނޫނެވެ. އަމީރާ ވަރަށް ފަރުވާތެރިކަމާއެކު އޭނާއަށް ބަލާލިއެވެ. މި މީހަކީ ހަމައެކަނި ބާރާއި ނުފޫޒު އޮތީމާ ނުރައްކާތެރި މީހެއް ނޫނެވެ. ނުވަތަ މާލޭގައި އޭނާގެ އޮތް ނެޓްވޯކެއްގެ ސަބަބަކުންވެސް ނޫނެވެ. އޭނާއަކީ ނުރައްކާތެރި މީހަކަށް ވަނީ އޭނާގެ މިޒާޖު ބަދަލުވާ ގޮތް ނޭނގޭތީއެވެ. އެއް ވަގުތެއްގައި އޭނާއަކީ އަނިޔާވެރި މީހެކެވެ. އަނެއް ވަގުތެއްގައި އޭނާއަކީ ހަމަހިމޭން، ފަރުވާތެރިކަމާއެކު ވިސްނާ މީހެކެވެ. މިއީ އަމީރާ ހީކުރި ވަރަށްވުރެ މާ ނުރައްކާތެރި ސިފައެކެވެ.

ހެދުން އަޅައި ނިމުމަށްފަހު، އަމީރާ އަމިއްލަ ނަފުސު ހަމަޖައްސާލިއެވެ. މިވީ ކަމަކުން އެއްވެސް ކަމެއް ބަދަލެއް ނުވެއެވެ. އޭނާ އަމިއްލަ ނަފުސަށް ހަނދާންކޮށްދިނެވެ. އޭނާގެ ރޭވުން އަދިވެސް އެބައޮތެވެ. އޭނާގެ ދަރިންނަކީ އެންމެ އިސްކަންދޭންޖެހޭ ފަރާތްތަކެވެ. ސަލާމަތްވުމަކީ އޭނާގެ ހަމައެކަނި މަގްސަދެވެ. ކޮންމެ ފަދަ ހާލަތެއް މެދުވެރިވިޔަސްމެއެވެ.

“ތައްޔާރުވޭ،” ކުއްލިއަކަށް ގާއްޑެގެ އަޑު އިވުނެވެ. އޭނާގެ އަޑުގައި ހުރީ ކުރިންވެސް ހުންނަ ފިނިކަމެވެ. “މިހާރު ނައްޓާލަންވެއްޖެ.”
އަމީރާ ބޯޖަހާލިއެވެ. ގާއްޑެއަށް އެ މަންޒަރު ނުފެނުނު ނަމަވެސްމެއެވެ. އަމީރާގެ އިނގިލިތަކުން، އޭނާ ފޮރުވާފައިވާ ތަޅުދަނޑީގައި މަޑުމަޑުން އަތްލިއެވެ. އެ ތަޅުދަނޑި އަދިވެސް އޮތީ އޭނާ އަތުގައެވެ. އެއީ އޭނާގެ ސިއްރެކެވެ. ގާއްޑޭ ޖީބަށް ލައިގެން އެ އުޅެނީ ހުސް ސިޓީ އުރައެކެވެ. އެކަން ނޭނގޭހާ ހިނދަކު އަމީރާއަށް ވަގުތު އެބައޮތެވެ.

އަމީރާ ގާއްޑެގެ ފަހަތުން ދޮރާ ދިމާލަށް ހިނގައިގަތްއިރު، އޭނާގެ ސިކުނޑި ދިޔައީ މާ ދުރަށް ވިސްނަމުންނެވެ. ރާވަމުންނެވެ. ހިސާބުތައް ޖަހަމުންނެވެ. ކުރިއަށް އޮތީ މާލޭގެ ކަންކަން ކަމުގައި ވިޔަސް، ނުވަތަ އެއަށްވުރެ ދުރު ތަނެއް ކަމުގައި ވިޔަސް، އޭނާ ހުންނަންވާނީ ތައްޔާރަށެވެ.

( ނުނިމޭ )

1
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top