ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާސްތާ – ޗެޕްޓަރ 14

ޒީވާ

ނުތަނަވަސްކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ބަދަލުވީ ހަމައެކަނި އޭގެ މިސްރާބެވެ.
އަމީރާއަށް އެކަން އިހުސާސް ކުރެވުނެވެ. ވައިގެ ތެރެއިން، ހިމޭންކަމުގެ ތެރެއިން، ގޭގެ ތެރެއިންނެވެ. އެގެއަކީ މިހާރު ހަމައެކަނި ނުރައްކާތެރި ތަނެއް ނޫނެވެ. އެއީ ފެންނަން ނެތް ލޯތަކަކުން ފާރަވެރިވަމުންދާ، ދިރުންހުރި ތަނެއްގެ ގޮތުގައި އޭނާއަށް ސިފަވާން ފެށިއެވެ. އަމީރާ ކޮޓަރިއަށް ވަދެ، މަޑުމަޑުން ދޮރު ލެއްޕިއެވެ. ނަމަވެސް އެއްކޮށް ތަޅުލީކީ ނޫނެވެ. ބޭރުން އިވޭ އަޑުތައް އަޑުއިވޭ މިންވަރަށެވެ. ކަންކަން ދެނެގަތުމަށެވެ.

މިނެޓްތަކެއް ފާއިތުވެގެން ދިޔައެވެ. ނުވަތަ ސިކުންތުކޮޅެއް ކަމަށްވެސް ވެދާނެއެވެ. އެއަށްފަހު އިވުނީ އަޑުތަކެކެވެ. ބާރު އަޑެކެވެ. އަންހެނެއްގެ އަޑެވެ. މީގެ ކުރިން ދުވަހަކުވެސް އަޑުއަހާފައި ނުވި ނަމަވެސް، އެ އަޑުގައި ހުރި ގޮތް އޭނާއަށް ފަރިތައެވެ. އެއީ މިލްކުވެރިކަމުގެ ބާރު ހުރި އަޑެކެވެ.

“އެއީ ކޮންކަމެއް؟”

އަމީރާ ހުއްޓުން އެރިއެވެ. އެ އަޑު އައީ ބޮޑުކޮޓަރިންނެވެ. ފުރަތަމަ މަޑުމަޑުންނެވެ. ނަމަވެސް މަޑުމަޑުން އަޑު ބާރުވަމުން ދިޔައެވެ. “ކަލޭ ތި ހީކުރަނީ އޭނާއާ ދިމާލަށް ބަލަން ހުރި ގޮތް އަހަންނަށް ނުފެންނަ ކަމަށްތަ؟” ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު، ގާއްޑޭގެ އަޑު އިވުނެވެ. މަޑުމައިތިރިއެވެ. އާދަޔާ ޚިލާފަށް މަޑުމައިތިރިއެވެ. “ތީ ޒީވާގެ ހީއެއް.” ޖަވާބުގައި އިވުނީ މަލާމާތުގެ ހިނިގަނޑެކެވެ. ހަރުކަށި އަޑެކެވެ. ނުރައްކާތެރި ގޮތަކަށެވެ. “އަހަރެން މުޅި އުމުރު މި ހޭދަކުރީ ކަލޭ ކަހަލަ ފިރިހެނުންގެ ތެރޭގައި. އަހަރެން ގާތު ދޮގު ނުހަދާ.”

އަމީރާ ދޮރާ ގާތަށް ޖެހިލިއެވެ. ހިތް ބާރަށް ތަޅެމުން ދިޔައެވެ. ކަނުލާ އަޑުއަހަމުން ދިޔައެވެ. ވަރަށް ސަމާލުވެ ހުރެގެންނެވެ. ޒީވާ މި ނަން އަމީރާ ހިތާހިތުން ކިޔާލިއެވެ. “ކަލޭ އޭނާ މިތަނަށް ގެނައީ ސަބަބެއް އޮވެގެން.” އެ އަންހެންމީހާ ކުރިއަށް ގެންދިޔައެވެ. “އަދި އެއީ ހަމައެކަނި ވިޔަފާރިއެއް ނޫން.” ހިމޭންކަން ފެތުރުނެވެ. އެއަށްފަހު އިވުނީ ފިޔަވަޅުތަކުގެ އަޑެވެ. ބަރު ފިޔަވަޅުތަކެކެވެ. ގާތްވަމުން އަންނަ އަޑެވެ. އަމީރާ އިޚުތިޔާރުން ބޭރުގައި ފަހަތަށް ޖެހިލިއެވެ. ހަމަ އެވަގުތު ދޮރު ހުޅުވާލިއެވެ. ވަރަށް ބާރަށެވެ.

ދޮރުމަތީގައި ހުރީ އަންހެނެކެވެ. އިސްކޮޅުން ދިގު، ދޮން، ބުޅި ދިގު އިސްތަށިގަނޑެއް އޮތް ތޫނު ސިފަތަކެއް ހުރި މީހެކެވެ. ދެލޮލުން އަލިފާނުގެ އަސަރު ފެންނަން ހުއްޓެވެ. އޭނާގެ ކިބައިގައި އޯގާތެރިކަމެއް ނެތެވެ. ޖެހިލުންވުމެއްވެސް ނެތެވެ. މިއީ އަމީރާ ފަދައިން ދިރިއުޅުމުގެ ހަނގުރާމައިގައި ސަލާމަތްވެފައި ހުރި މީހެކެވެ. ނަމަވެސް އޭނާ އިޚުތިޔާރުކުރީ ތަފާތު މަގެކެވެ. އަނިޔާވެރިކަމެވެ. ބާރުވެރިކަމެވެ. ބިރުވެރިކަމުން ނުފޫޒު ފޯރުވުމެވެ.

އޭނާގެ ނަޒަރު އަމީރާގެ ވީދިފައިވާ ގަމީހަށް ހުއްޓުނެވެ. ކަރު ކައިރީގައި ހުރި ފާހަގައަށް ބަލާލިއެވެ. އެއަށްފަހު ލަސްލަހުން އަނެއްކާވެސް އަމީރާގެ މޫނަށް ބަލާލިއެވެ. ނުރައްކާތެރި ހިނިތުންވުމެއް އޭނާގެ ތުންފަތަށް ވެރިވިއެވެ. ފިނި، ރަހުމުކުޑަ ހިނިތުންވުމެކެވެ.

“ކައޭ ތީ އޭނާގެ އާ ކުޅޭ އެތި.” އޭނާ ބުންޏެވެ.

އަމީރާ ޖަވާބެއް ނުދެއެވެ. ފަހަތަކަށް ނުޖެހެއެވެ. އަދި އިސްވެސް އުފުލައެއް ނުލައެވެ.

މި އަންހެންމީހާ އެއްވެސް ހުއްދައެއް ނެތި އެތެރެއަށް ވަނެވެ. އަމީރާގެ ވަށައިގެން އެނބުރެން ހިނގަން ފެށިއެވެ. އެއީ ޝިކާރައެއްގެ ވަށައިގެން އެނބުރޭ މިނިކާވަގެއް ފަދައިންނެވެ. “ކަލޭ ހީނުކުރާތި ތި ތަންތަން ދައްކައިން ބޭނުން ސްޓަންޓެއް ޖެއްސިދާނެކަމަށް.” އޭނާ ރުޅިވެރިކަމާއެކު ބުންޏެވެ. “ނުވަތަ ކައޭ ހަމަ ގަޅީ.” އަމީރާގެ އަޑު ހަމަޖައްސާލިއެވެ. “އަހަންނަށްވެސް ތިޔަހެން ބުނެވިދާނެ.” އެ ޖުމްލައާއެކު އޭނާ ހީލިއެވެ. ނުލަފާ، ތޫނު ހިނިގަނޑެކެވެ.

“އަހަރެން އޭނާދެކެ ލޯބިވޭ.” ގާއްޑޭ އެތެރެއަށް ނުވަދެ ހުރި ނަމަވެސް، އޭނާއަށް އިވޭވަރަށް އެ އަންހެންމީހާ ބުންޏެވެ. “އޭނާ ދެކެ ބިރަކުން ނޫޅެން.”

ދެން ކުއްލިއަކަށް، އޭނާގެ އަތް ހަރަކާތްކޮށްލާފައި އަމީރާގެ ދަތްދޮޅީގައި ހިފެހެއްޓިއެވެ. ވަރަށް ބާރަށެވެ. އަމީރާގެ މޫނު މައްޗަށް އުފުލުވިއެވެ. “އަހަރެން އެއް ކަމެއް ވަރަށް ސާފުކޮށްދޭނަން.” އޭނާ ސިއްރުން ބުންޏެވެ.

އޭނާގެ ހިފެހެއްޓުން އިތުރަށް ބާރުވިއެވެ.

“އަހަރެން އެއްވެސް އެއްޗެއް ހިއްސާއެއް ނުކުރަން. ގޮޓް އިޓް؟”

އެ ވާހަކަ ދެއްކީ ބާރަކަށް ނޫނެވެ. ބާރަށް ބުނާކަށް ނުވެސް ޖެހެއެވެ. އެ ބަސްތަކުގައި ބަރުދަނެއް ހުއްޓެވެ. ބިރުވެރިކަމާއި އިންޒާރެއް އޮތެވެ.

އަމީރާ ސީދާ އޭނާގެ ލޮލަށް ބަލާލިއެވެ. ޖެހިލުމެއް ނެތިއެވެ. “އަހަރެން މިއީ ކަލޭމެން އެކަކުވެސް ހިއްސާކުރަން އޮތް މުދަލެއް ނޫން.” ހިމޭންކަން ފެތުރުނެވެ. ދެން ފެނުނީ އެ އަންހެންމީހާގެ މޫނުމަތިން ނުރައްކާތެރި ކުލަވަރެއް ފާޅުވިތަނެވެ. އަދި ހަމަ އެހާ ކުއްލި ގޮތަކަށް އަމީރާ ފަހަތަށް ކޮއްޕާލިއެވެ. އަނިޔާވާ ވަރަކަށް ނޫނެވެ. ނަމަވެސް އިންޒާރެއް ދިނުމުގެ ގޮތުންނެވެ.

“ކަލޭގެ ފެންވަރު އޮޅިގެން ނޫޅޭތި! ތިހުރީ ކޮންތާކުކަން ކަލެއަށް އަދި ނޭނގެނީ.” އޭނާ ބާރަށް ބުންޏެވެ. “މިއީ ކޮންކަހަލަ ދުނިޔެއެއްކަން ކަލެއަކަށް ނޭނގޭ.” އަމީރާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ. “ޓްރޫ.” އަމީރާ ބުންޏެވެ. “އެކަމަކު އަހަރެން މިދަނީ ދަސްކުރަމުން.” އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. މިފަހަރު މާ ދިގު ވަގުތަކަށެވެ. އެއަށްފަހު، އެ އަންހެންމީހާގެ ތުންފަތަށް އަނެއްކާވެސް ލަސް ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް މިފަހަރު އެއީ މަލާމާތެއް ނޫނެވެ. އެއީ.. ޝައުގުވެރިކަމެކެވެ. “އޯ ބީ ކެއާރފުލް.” އޭނާ ބުންޏެވެ. “މާ އަވަހަށް ކަންކަން ދަސްކުރަން އުޅުމަކީ މީހުން މަރުވާ ކަމެއް.” އޭނާ ދޮރާ ދިމާލަށް އެނބުރުނެވެ. ދިއުމުގެ ކުރިން މަޑުޖެހިލިއެވެ.

“އަދި އެއް ވާހަކަ..”

އޭނާ ފަސް އެނބުރި ބަލާލިއެވެ. އަމީރާގެ ލޮލާ އޭނާގެ ލޯ ސީދާވިއެވެ.

“އޭނާ ކަލެއަށް ބޭނުންވާން ފަށައިފިނަމަ..” މަޑުޖެހުމަކަށްފަހު ބުންޏެވެ.

“ކަލޭގެ ނިމުން ގެންނާނީ އަހަރެން.”

އޭނާ ނުކުތުމާއެކު ބާރަށް ދޮރު ލެއްޕުނެވެ. ކޮޓަރި ތެރެއަށް އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. ނަމަވެސް މިއީ ކުރީގެ ހިމޭންކަމެއް ނޫނެވެ.

އަމީރާ ލަސްލަހުން ނޭވާ ދޫކޮށްލިއެވެ. އޭނާގެ ހިތް ބާރަށް ތަޅެމުން ދިޔައީ ހަމައެކަނި ބިރުންނެއް ނޫނެވެ. ކަމެއް ވިސްނުމުންނެވެ. މިހާރު މި ޖެހުނީ ހަމައެކަނި ގާއްޑޭއާ ކުރިމަތިލާކަށް ނޫނެވެ. އެހެން މީހުންވެސް އެބައުޅެއެވެ. އަދި އެމީހުން ތިބީ އޭނާއަށް ފާރަލައިގެން ބަލަހައްޓައިގެންނެވެ. އިންތިޒާރުގައެވެ. ދަނޑިވަޅެއް ހޯދަހޯދައެވެ. އަދި އެ އަންހެންމީހާ ހަމައެކަނި ހަސަދަވެރިވީކީ ނޫނެވެ. އޭނާއީ ނުރައްކާތެރި މީހެކެވެ. އޭނާ ކުރާނެ ކަމެއް ނޭނގެއެވެ. އަދި އޭނާއަކީ ގާއްޑޭއާ ގާތް ގުޅުމެއް އޮތް، އެއްވެސް ޖެހިލުމެއް ނެތި އަމީރާ ނައްތާލަފާނެ މީހެކެވެ. މިހާރު އަމީރާއަށް ކަމެއް ވަރަށް ސާފުކޮށް ވިސްނިއްޖެއެވެ. ގާއްޑޭއަކީ ތޫފާނެއް ނަމަ، އެ އަންހެންމީހާއަކީ އަލިފާނެވެ.

އެ ގޭތެރެއަށް ނިދި އެއީ ބީރައްޓެހި އެއްޗެކެވެ. އަބަދުވެސް ފާރަވެރިން ތިބެއެވެ. ސަމާލުވެގެނެވެ. ނޫނީ މި މީހުން ބޯ އެއްޗަކުން މިގޮތަށް މަސައްކަތް ކުރަން ތިބީ ހޭނިފައެވެ. އަމީރާއަށް އެކަން ވަރަށް ބޮޑަށް ވިސްނުނެވެ. ހެނދުނުވީ އިރުވެސް އެކަކުވެސް އެއްޗެކޭ ނުބުނެއެވެ. ކުރިމަތިލުމެއް ނެތެވެ. އެ އަންހެންމީހާގެ ވާހަކައެއް ނުދައްކައެވެ. ނަމަވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އެއީ ފާހަގަކުރަން އުނދަގޫ، ނަމަވެސް ނުރައްކާތެރި ބަދަލުތަކެކެވެ. އެއީ ބޮޑު ތޫފާނެއްގެ ކުރިން އަންނަ އަމާންކަން ކަހަލަ ކަމެކެވެ.

އަމީރާ ސިޓިންގ ރޫމަށް ނުކުތްއިރު، ގާއްޑޭ އިނީ މޭޒަށް ލެނގިލައިގެން ދެ މީހަކާ ސިއްރުން ވާހަކަދައްކާށެވެ. އަމީރާ އެތެރެއަށް ވަތް ވަގުތު ކުއްލި ހިމޭންކަމެއް ވެރިވިއެވެ. ހުރިހާ އެންމެންގެ ނަޒަރު އޭނާއަށް ހުއްޓުނެވެ. އެއީ ވަޒަންކުރުމާއި، ގޮތް ނިންމުމުގެ ބަލާލުމެކެވެ. ނަމަވެސް، އެންމެ ތަފާތު ނަޒަރެއް ހުރީ މޭޒުގެ އަނެއް ފަރާތުގައެވެ. އެއީ ރޭގައި ފެނުނު އަންހެން މީހާއެވެ. ޒީވާއެވެ. އޭނާ ހުރީ ގާއްޑޭ ކައިރީ ހުއްޓިގެންނެވެ. އަމީރާއަކީ މިހާރުން މިހާރަށް ނައްތާލަން ޖެހޭ މައްސަލައެއްގެ ގޮތުގައި ބަލަހައްޓައިގެންނެވެ. ދެމީހުންގެ ނަޒަރު ބައްދަލުވިއެވެ. އެއްވެސް ބަހެއް ބަދަލެއް ނުކުރެއެވެ. ނަމަވެސް، އެކަކު އަނެކަކަށް ކަންކަން ދޭހަވިއެވެ. މި ފަސޭހައިން ނިމުމެއް ނެތް ކަމެއްކަން އަމީރާއަށް ވިސްނުނެވެ. ގާއްޑޭއަށް މިކަން ފާހަގަކުރެވުނެވެ. އޭނާ އެ ދެމީހުންގެ މޫނަށް ބަލަމުން ދިޔައެވެ. ވިސްނުންތެރިކަމާއެކުގައެވެ. އޭނާއަކީ އަބަދުވެސް ރޭވުންތެރިއެކެވެ. ދެން “އަމީރާ.” އޭނާ ގޮވާލިއެވެ. އެއީ އާދައިގެ ގޮވާލުމެއް ނަމަވެސް، އޭގައި ބޮޑު މަގުސަދެއް އޮތެވެ.

އަމީރާ އޭނާއާ ދިމާއަށް ހިނގައިގަތެވެ. ހަމަޖެހިގެން ހުރެ، ކޮންމެ ފިޔަވަޅެއް އެޅީ ވަރަށް ބަލައިގެންނެވެ. އޭނާގެ ބުރަކަށީގައި އެ އަންހެންމީހާގެ ނަޒަރު ހުރިކަން އިހުސާސް ކުރެވުނެވެ. އެއީ ތޫނު ކަނޑިއެއް ފަދަ ނަޒަރެކެވެ.

“ކަލޭ ދާނީ އަހަރެމެންނާއެކު.” ގާއްޑޭ ބުންޏެވެ. އެއީ ސުވާލެއް ނޫނެވެ. އަމުރެކެވެ. އަމީރާ ބޯޖަހާލިއެވެ. “އޯކޭ. އެކަމު އަހަރެން ކުދިން. އެ ކުދިން އަހަރެން ގާތު އެއް ކޮޓަރިއެއްގައި ބަހައްޓަދީ ޕްލީޒް.” އަމީރާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “އެ ކުދިން އަހަރެން ހޯދާނެ.”

އެ އަންހެންމީހާ މަލާމާތުގެ ރާގަކަށް ވާހަކަ ދައްކަންފެށިއެވެ. “އޭނާ އަދި ތައްޔާރެއް ނޫން.” މުޅި ތަނަށް އަނެއްކާވެސް ހިމޭންކަން ވެރިވިއެވެ. ގާއްޑޭ އޭނާއަކަށް ނުބަލައެވެ. “އޭނާ ތައްޔާރުވާކަށް ނުޖެހޭ.” އެ ބަހާއެކު އެ އަންހެންމީހާ ކުރިއަށް ޖެހިލިއެވެ. އޭނާގެ ފަރާތުން ފެންނަނީ ނުރައްކާތެރިކަމެވެ. “ޔޫ އާރ މޭކިންގް އަ މިސްޓޭކް.” އޭނާ ބުންޏެވެ. “އޭނާއަކީ ހަމައެކަނި ހުރަހެއް.” ވަގުތުން ގާއްޑޭގެ މޫޑު ބަދަލުވިއެވެ. ނަމަވެސް އޭނާގެ އަޑު ހުރީ މަޑުމައިތިރިކޮށެވެ. “އޭނާއަކީ ކާކުކަން ނިންމާނީ އަހަރެން.” ވަގުތުކޮޅެއްގެ ހިމޭންކަމަށްފަހު އެ އަންހެންމީހާ އަމީރާއަށް ބަލާލިއެވެ. ވަރަށް ލަސްލަހުން، ނުރައްކާތެރި ގޮތަކަށެވެ އަދި އޭނާ ހީނލިއެވެ. އެއީ ހިތްހެޔޮ ހިނިތުންވުމެއް ނޫނެވެ. އެއީ ގޮތެއް ނިންމައިފިކަން އަންގައިދޭ ކަހަލަ ހިނިތުންވުމެކެވެ. “އޯކޭ އެހެންވީމަ އޭނާއަށް ކުރެވެނީ ކީއްތޯ ބަލަމާ ހިނގާ.” އޭނާ ބުންޏެވެ. އެއީ މާ ފަސޭހައިން ބުނެލި ބަހެކެވެ. އަމީރާއަށް ވަގުތުން ވިސްނުނެވެ. މިއީ ރޭވުމެކެވެ. މިއީ މަޅިއެކެވެ.

ގާއްޑޭއަށްވެސް އެކަން ފާހަގަވިއެވެ. ނަމަވެސް އޭނާ އެކަން ހުއްޓުވާކަށް ނޫޅުނެވެ. ސުވާލެއްވެސް ނުކުރެއެވެ. އޭގެ މާނައަކީ އޭނާވެސް ބަލަން ބޭނުންވަނީއެވެ. މިއީ ދެފަރާތުން އަމީރާއާ ކުރިމަތިވި އިމްތިހާނެކެވެ. ވަރަށް ރޭވުންތެރިކަމާއެކު ވަރަށް ފުރިހަމައަށެވެ. އަމީރާ ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. “އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކު އަހަންނަށް ލުޔެއް ދޭކަށް.” އޭނާ ހަމަޖެހިލާފައި ބުންޏެވެ. އެ އަންހެން މީހާގެ ހިނިތުންވުން ފުންވިއެވެ. “ވަރަށް ހަބޭސް.”

މި ފަހަރު ގެނައީ މީހުން މަދު، އެކަހެރި ތަނަކަށެވެ. ގުދަނެއްހާ ބޮޑު ނޫނަސް، އެތަނުގައި އޮތް ނުތަނަވަސްކަން ކުޑައެއް ނޫނެވެ. އެއީ މުއާމަލާތެއް ހިންގަން ހަމަޖެހިފައިވާ ތަނެކެވެ. ނުވަތަ އަމީރާއަށް ހީވިގޮތެވެ. އަމީރާ ހުރީ ގާއްޑޭގެ ކުޑަކޮށް ފަހަތުގައެވެ. އޭނާ ދިޔައީ ވަށައިގެންވާ ކަންކަން ބަލައި، ދަސްކުރަމުންނެވެ. ގާއްޑޭ ބުނި ފަދައިންނެވެ. ބަޔަކު އަތުވެއްޖެއެވެ. ސިއްރުން ވާހަކަދައްކަން ފެށިއެވެ. ނަމަވެސް ކޮންމެވެސް ކަމެއް ގޯސްކަމުގެ އިހުސާސް އަމީރާއަށް ކުރެވުނެވެ. މާ ހަމަހިމޭނެވެ. މާ ލަހެވެ. އަމީރާގެ ނަޒަރު އެތަނަށް ހިންގާލިއެވެ. ކަންކަނާއި، މީހުންގެ އަތްތަކާއި، ހަރަކާތްތަކެވެ. ދެން އޭނާއަށް ކަމެއް ފާހަގަވިއެވެ. އައިސް ތިބި މީހުންގެ ތެރެއިން އެކަކެވެ. އޭނާ ހުރިގޮތް ތަފާތެވެ. މާ ބޮޑަށް ތައްޔާރުވެގެން ހުރި ކަހަލައެވެ. އެހެން މީހުން ފަދައިން ހަމަޖެހިލައިގެންނެއް ނޫނެވެ. އަމީރާގެ ނަޒަރު ހުޝިޔާރުވިއެވެ. މިއީ ރަނގަޅު ގޮތެއް ނޫނެވެ. އޭނާ ގާއްޑޭއަށް ބަލާލިއެވެ. ގާއްޑޭއަށް އަދި އެކަން ފާހަގައެއް ނުވެއެވެ. ނުވަތަ އޭނާ މަޑުކުރަނީއެވެ. އަމީރާ އިމްތިހާން ކުރަނީއެވެ. އަމީރާ ގާއްޑޭއާ ކައިރިއަށް ޖެހިލިއެވެ. އަދި ހަމައެކަނި އޭނާއަށް އިވޭވަރަށް މަޑުމަޑުން ބުންޏެވެ. “އެ ހުރި މީހާ. ވާތްފަރާތުގައި. އޭނާ އެހުރީ ޑީލްއެއް ކުރާކަށް ނޫން.”

ގާއްޑޭ ވަގުތުން އެއްވެސް އިޖާބައެއް ނުދެއެވެ. ނަމަވެސް އޭނާގެ ހަށިގަނޑަށް އައި ކުޑަ ބަދަލެއް އަމީރާއަށް ފެނުނެވެ. އޭނާ މިހާރު ހުރީ ސަމާލުވެގެންނެވެ. ސިކުންތުކޮޅެއް ފާއިތުވިއެވެ. ދެން ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވިއެވެ. އެމީހާ ވަރަށް ހަލުވިކަމާއެކު ހަރަކާތްތެރިވިއެވެ. ޖީބުގައި އޮތް ހަތިޔާރެއް ނެގިއެވެ. ނަމަވެސް ގާއްޑޭ މާ ހަލުތްވެވެ. މުޅި ތަން ހަލަބޮލިވިއެވެ. އަޑުގަދަވެ، ހަމަލާތައް ބަދަލުކުރަން ފެށިއެވެ. މީހުން ހިފަހައްޓައި، ހަތިޔާރުތައް ނެގުނެވެ. އަދި މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހުރިހާ ކަމެއް ނިމުނެވެ. ގައްދާރުވި މީހާ އޮތީ ބިންމައްޗަށް ވައްޓާލާފައެވެ. އޭނާ ދިޔައީ ބާރަށް ވާހަކަ ދައްކަމުން އާދޭސް ކުރަމުންނެވެ. އޭނާ ބަލިވެއްޖެއެވެ. އެއަށްފަހު ވެރިވީ ބަރު ހިމޭންކަމެކެވެ. ގާއްޑޭ ލަސްލަހުން އެނބުރިލިއެވެ. އޭނާގެ ނަޒަރު އަމީރާއަށް ހުއްޓުނެވެ. މިފަހަރު އެ ނަޒަރު ތަފާތެވެ. ޝައްކެއް ނެތެވެ. ޖެހިލުންވުމެއް ނެތެވެ. ހަމައެކަނި ބަލައިގަތުމެވެ.

“ކަލެއަށް އެކަން ފާހަގަވީ ދޯ.” އޭނާ ބުންޏެވެ. އެއީ ސުވާލެއް ނޫނެވެ. އަމީރާ ބޯޖަހާލިއެވެ. “ޔެސް. އަހަރެން ހުރިހާ ކަމެއް ބަަލަމުން ދިޔައީ.”

ކޮޓަރީގެ އަނެއް ފަރާތުގައި އެ އަންހެންމީހާ ހުރީ ގަނޑުވެފައެވެ. އޭނާގެ މޫނުމަތިން ކުރިން ފެނުނު މަލާމާތާއި ޔަޤީންކަމެއް ނެތެވެ. މިއީ އޭނާ ހީކުރި ގޮތެއް ނޫނެވެ. އަމީރާ ކާމިޔާބުވާކަށް އޭނާ ބޭނުމެއް ނޫނެވެ. ނަމަވެސް އަމީރާ ގާއްޑޭގެ ސަމާލުކަން ކާމިޔާބުކޮށްފިއެވެ. އަދި މިހާރު ހުރިހާ ކަމެއް ބަދަލުވީއެވެ.

ގާއްޑޭ އޭނާގެ މީހުންނަށް ބަލާލިއެވެ. އަދި އަމުރުކުރިއެވެ. “މި މީހުންތައް ގެންދޭ.” ގައްދާރުން ގެންދިއުމާއެކު، އޮތް ނުތަނަވަސްކަން ފިލައިދިޔައެވެ. ނަމަވެސް އޭގެ ބަދަލުގައި އައީ އެހެން ކަމެކެވެ. ބާރެވެ. ހަޤީޤީ ބާރެވެ. ގާއްޑޭ އަމީރާއާ ކައިރިއަށް ޖެހިލިއެވެ. އަދި މަޑުމަޑުން ބުންޏެވެ. “ކަލެއަކީ ބޭނުންތެރި މީހެއް.” އަމީރާ ސީދާ އޭނާގެ ލޮލަށް ބަލާލިއެވެ. “ކަލޭ ހީކުރި ވަރަށްވުރެ ބޮޑަށް.” ވަގުތުކޮޅަކަށްފަހު، ގާއްޑޭގެ މޫނުމަތިން އަނެއްކާވެސް ނުރައްކާތެރި ގޮތެއް ފެނުނެވެ. “އައި ވޯންޓް ނޯ ސަރޕްރައިޒަސް.” އަމީރާ ކުޑަކޮށް ހީނލިއެވެ. “އެހެންވީމާ، އަހަރެން މީ މޮޔައެއް ކަމަށް ނުދެކޭ.”

އެމީހުންގެ ފަހަތުގައި، ޒީވާ ހުޝިޔާރުކަމާ ރުޅިވެރިކަމާއެކު ބަލަހައްޓައިގެން ހުއްޓެވެ. ހިމޭނުންނެވެ. ހަސަދަވެރިކަމާއެކުގައެވެ. އޭނާއަށް މިހާރު އެނގިއްޖެއެވެ. އަމީރާއަކީ ހަމައެކަނި ނުރައްކަލެއް ނޫނެވެ. އޭނާއަކީ ވާދަވެރިއެކެވެ އަދި މި ދުނިޔޭގައި ދެ މީހުންނަށް ޖާގައެއް ނެތެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top