ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ. އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން މާލެއިން ޓީމެއް ގެނައެވެ. ރަށަށް އެރުމާއި ރަށުން ފޭބުން މަނާކުރިއެވެ. އެކަމާއި ގުޅުންހުރި ކިތަންމެކުޑަ ކަމެއް ފެނުނަސް ހިއްސާކުރުމަށް އެދެމުން ދިޔައެވެ.

ދަނީނާއި ރައިހާން ތިބީ ހޮސްޕިޓަލުގައި އެނދުމަތިކޮށްފަ އެވެ. ރައިހާނާ މަޑުމަޑުން ހަމައަކަށް އެޅެމުންދިޔަ ނަމަވެސް ދަނީންގެ ހޭވެރިކަމެއް ނުހުރެއެވެ. ހޭއެރުމާއިއެކު ރޮއިގަނެއެވެ. އޭނާގެ ބައްޕަ މަރުނުވާ ކަމަށް ބުނެ އަޑުގަދަކުރެއެވެ. ބައްޕަ ކައިރިއަށް ދާން ބޭނުންކަމަށް ބުނެ އެނދުން ފައިބާން މަސައްކަތް ކުރެއެވެ. އިރުކޮޅަކުން ހޭނެތިދާނެއެވެ. ނޫނީ އަނބުރައިގަނެދާނެއެވެ. އަނގައިން ނުބުނެ އެތައް އިރަކު އޮވެވެސް ދާނެއެވެ.

ޖުމޭނާގެ މަރާއި ރާފިއުގެ މަރުގައި އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ. މަރުވިތަނާއި ވަގުތެވެ. މަރުވެފައި އޮތްއިރު އޮތް ގޮތާއި މީހާގެ ކިބައިން ފެންނަން ހުރި އަނިޔާތަކެވެ. ބިންމަތިން ފާހަގަ ކުރެވުނު ކަންކަމެވެ.

ޖުމޭނާގެ މަރާއި ރާފިއުގެ މަރު ގުޅިފައިވަނީ ރޫހާނީ ބާރަކާއި ކަމަށް ބުނަމުންދިޔަ މީހުންގެ ތެރޭގައި ގިނައީ މުސްކުޅިންނެވެ. އެމީހުނަށް ކުރެވިފައިވާ ތަޖުރިބާއާއި ކުރިމަތިލާން ޖެހުނު ހާދިސާތައް އިއްޔެ ދިމާވި ކަމެއްހެން މިހާރު ވެސް ހަނދާނުގައި ހަރުލާ އެބަހުއްޓެވެ. އެކަންކަން ދުވަހަކު ވެސް އެމީހުން ހަނދާން ނުނެތޭނެއެވެ.

ދިމާވެފައިވާ ނުރައްކަލުން އެގެ އާއި ރަށް ސަލާމަތް ކުރެވޭނީ ފަންޑިތަ ހަދައިގެން ކަމަށް ބުނާ މީހުން ގިނަވާން ފެށިއެވެ. އެ ވާހަކަތައް ރަށުތެރޭގައި ދެކެވޭން ފެށުމާއިއެކު ހިޔާލުތަފާތުވުން އުފެދުނެވެ. އެފަދަ ކަމެއް ކޮއްގެން ދުވަހަކު ވެސް ރަނގަޅެއް ނުލިބޭނެކަމަށް ގަބޫލުކުރާ މީހުން ވެސް މަދެއް ނޫނެވެ.

ކަމާއި ގުޅުންހުރި އިދާރާތަކުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ނިމުނުއިރު މެންދަމާއި ގާތްވެއްޖެއެވެ. ރާފިއު ހިނަވައި ކަފުންކޮށް ވަޅުލުމުގެ މަސައްކަތް ކުރަމުން ދިޔައީ ރަށުކައުންސިލްގެ ބެލުމުގެ ދަށުންނެވެ.

ރަށުތެރެއަށް ވެރިވެފައިއޮތް ހަމަހިމޭންކަމާއި ފަޅުކަން ފަހަރަކަށްވުރެ ފަހަރެއް ދިޔައީ އިތުރުވަމުންނެވެ.

މައިންބަފައިން ނިޔާވެ ދަނީން އެކަނިވިއެވެ. އެ ހިތާމަ އާއި ހިތްދަތިކަމުގައި ދުވަސްތައް ވޭތުކުރަން ޖެހުނުއިރު މާމަ ނޫނީ އަޅާލާނެ މީހަކު ނެތެވެ. ޢާއިލާއަށް ނިސްބަތްވާ ބައެއް މީހުނާއި ރައްޓެހިންގެ ފަރާތުން ހެޔޮއެދުމާއި ހިތްވަރު ލިބުނެވެ. ރަނގަޅު ނަސޭހަތާއި ކުރިމަގަށް ބޭނުންތެރި މުހިންމު އެތައް މަޢުލޫމާތެއް ލިބުނެވެ.

މައިންބަފައިންނާއިއެކު ދިރިއުޅުނު ގޭގައި އިތުރަށް މަޑުކުރުމަކީ ރައްކާތެރި ގޮތަކަށް ނުވާތީ މާމަ ކައިރިއަށް ދަނީން ބަދަލު ވިއެވެ.

ޝަމާއިލްގެ ފަރާތުން އޭނާއަށް ހާއްސަ ސަމާލުކަމެއް ލިބޭނެކަމަށް ދަނީނަށް ގަބޫލު ކުރެވުނު ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. ޝަމާއިލްގެ ހަބަރެއް ނުވިއެވެ. އެންމެ ކުޑަމިނުން ހާލު ބަލާލަން ވެސް ނައެވެ.

ރާފިއުގެ މަރަށް ހަފްތާއަކަށްވުރެ ގިނަދުވަސް ފާއިތުވެގެން ދިޔައިރު ވެސް ކުރިއެރުމެއް ނުފެނެއެވެ. އެކަމަށް ސައްކު ކުރެވޭ މީހަކު ނުވަތަ އެފަދަ ނިސާނެއް ވެސް ނުފެނެއެވެ. ހާލަތު ދުވަހަކަށްވުރެ ދުވަހެއް ދިޔައީ ގޯސްވަމުންނެވެ.

ހިތާމައަކަށްފަހު ހިތާމައެކެވެ. ޝަމާއިލާއި ބައްދަލުކުރަން ދަނީން ކުރި ހުރިހާ މަސައްކަތެއްވީ ބޭކާރެވެ. މާމަގެ ފަރާތުން ލިބެމުންދިޔަ ހެޔޮނަސޭހަތާއި ހިތްވަރުގެ ސަބަބުން ދަނީން ކެތްތެރިވިއެވެ. ކުރިމަގަށް ޓަކައި އިތުރަށް ވިސްނަން ފެށިއެވެ. އޭނާއަށް ވެސް ކޮންމެ ވެސް ގޮތެއް އޮންނާނެކަމުގައި ހިތް ބުނަމުން ދިޔައެވެ.

މައިންބަފައިން ދުނިޔޭގައި އަތުންފައިން މަސައްކަތެއް ނުކޮށް ހުއްޓަސް ދެން އެހެން ނުވާނެކަން އޭނާއަށް އެނގެއެވެ. ފިހާރައިން ލިބޭއެއްޗަކަށް ބަރޯސާވެގެން ހުރެވޭކަށް ނެތެވެ. އެއީ ހައްލެއް ނޫނެވެ. ކުރިމަގު އުޖާލާކުރެވެންއޮތީ މަސައްކަތް ކޮށްގެންނެވެ. މަސައްކަތެއް ދަސްކޮށްގެން ނޫނީ ވަޒީފާއެއް ވެސް ލިބޭކަށް ނެތެވެ.

އަލަށް ފެށި ކޮންޕިއުޓަރ ކޯހުގައި ދަނީން ބައިވެރިވިއެވެ.

ކޯހުގައި ކިޔަވައިދޭން އައި ދެމީހުން ތެރެއިން އެކަކީ ދިވެހި ޒުވާނެކެވެ. އުމުރުން އެކާވީހަކަށް އަހަރުގެ އަދުލީއަކީ ކަސްރަތީ ރީތި ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. ހެޔޮވަރުގެ އިސްކޮޅަކާއި ދިވެހިވަންތަ ގަދަ މުށިކުލައިގެ ހަންގަނޑެކެވެ. އިސްތަށިގަނޑު ކޮނޑާއި ހަމައަށް ދިގުކޮށްލާފައި ހުރިއިރު ތުނބުޅި އާއި މަތިމަސް ވެސް ހެޔޮވަރު ވަރަކަށް ދިގުކޮށްފައި ހުއްޓެވެ.

އަދުލީ އާއި ދަނީން ދިމާވީ ކުލާހުންނެވެ. ދަރިވަރަކާއި މުދައްރިސަކާއި ދެމެދު އޮންނަންޖެހޭ ގުޅުން ދަނީނާއި އަދުލީގެ މެދުގައި ވެސް އުފެދުނެވެ.

ފުރަތަމަ ފެނިލުމާއިއެކު ވެސް އަދުލީގެ ހިތުގައި ދަނީންގެ ސޫރަ ކުރެހުނެވެ. އެރީތިކަމާއި ފުރިހަމަކަމަށް ތަޢުރީފު ކުރެވުނެވެ. ހިތުގެ ހިނގުމާއި ކުޅެލިއެވެ. އަންހެންވަންތަ ކަމުގެ އިތުރު މިސާލެއްނެތްފަދަ އެހަށިގަނޑަށް އެދުވުނެވެ. ލޯތްބަކީ ވާ އެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. އެ ބުނުން ގަބޫލުކުރަން އަދުލީއަށް މަޖުބޫރު ވިއެވެ.

ދަނީންގެ ލޯތްބަށްއެދި ސަލާން ޖަހަމުން އާދޭސް ކުރަމުންދިޔަ ޒުވާނުންގެ އަދަދަށް މަދުވުމެއް ނާދެއެވެ. ދިމާވި ހާލަތާއިއެކު އެ ދަޢުވަތުތަކާއި ހުށަހެޅުންތައް އިތުރުވިހެން ވެސް ހީވިއެވެ. އެއްބަޔެއްގެ މަގްސަދަކަށްވީ އެހީތެރިކަމަށް އެންމެ ބޭނުންވި ދުވަހު ލޯތްބާއި އަޅާލުންދީ ހިތްފުރާލަ ދިނުމެވެ. ކުރިން ވީ ލޯތްބަށްވުރެ ބޮޑަށް މިހާރު ލޯބިވާ ބަޔަކު ވެސް ތިއްބެވެ. ރާފިއުގެ ފިހާރަ އާއި ގޯތި ފެނުނު ބަޔަކު ނެތެކޭ ވެސް ނުބުނެވޭނެއެވެ.

ދަގަތްފާނަށް ދަގަނޑު ދަމާހެން ދަނީނާއި ދިމާއަށް އަދުލީ ދަމަންފެށި ކަހަލައެވެ. ދަރިވަރަކާއި މުދައްރިސެއްގެ ގުޅުމުން ފެށުނު ގުޅުން ރަހުމަތްތެރިކަމަށް ބަދަލުވިއެވެ.

ދަނީނާއި އަދުލީގެ މެދުގައި އުފެދުނު ރަހުމަތްތެރިކަމުގެ ގުޅުން ރައިހާނާއާ ހަމައަށް ވެސް ފޯރިއެވެ. އަދުލީ މަދުމަދުން އެ ގެއަށް ދާންފެށިއެވެ. ރައިހާނާ އާއި އަދުލީގެ މެދުގައި ވެސް ރަހުމަތްތެރިކަން އުފެދުނެވެ.

އަދުލީ އާއި ދަނީންގެ މެދުގައި އުފެދި އާލާވަމުންދިޔަ ރަހުމަތްތެރިކަމުގެ ގުޅުމާއިއެކު ދަނީންގެ ކިބައިން ބަދަލުތަކެއް ފެންނަން ފެށިއެވެ. އޭނާގެ ކިބައިން ފެންނަމުންދިޔަ މާޔޫސްކަމާއި ހިތްދަތިކަން އެކަނިވެރިކަމާއި މަޑުމޮޅިކަން މަޑުމަޑުން ފިލައި ދިޔައެވެ. ފެނުނު މަންޒަރާއިމެދު ރައިހާނާ ހުރީ ހިތްހަމަ ޖެހިފައެވެ.

ލޯބިހުށަހަޅާނެ ގޮތަކާއިމެދު ވިސްނާ ފިކުރު ކުރަމުންދިޔަ އަދުލީއަށް ފެނުނީ ރާޝިދާއެވެ. އެކަމުގައި އެންމެބޮޑު އެހީތެރިކަމެއް ވެދެވޭނެ މީހަކީ ރާޝިދާކަން އޭނާއަށް ޔަގީނެވެ.

ޝަމާއިލާއި ނުލައި އޭނާއަށް ނޫޅެވޭނެކަމަށް ގަބޫލު ކުރެވުނު ނަމަވެސް، އެހެން އުޅެން ޖެހުމުން ދަނީން އެކަމަށް ހޭނުނެވެ. ޝަމާއިލާއި ނުލައި އޭނާއަށް އުޅެވޭނެކަން ޔަގީންވިއެވެ. ޝަމާއިލް ކަންތައްކުރި ގޮތާއިމެދު ވިސްނާލެވުނެވެ. އޭނާގެ މަންމަ ދެއްކި ވާހަކަތައް ހަނދާންވިއެވެ.

އަދުލީގެ ފަރާތުން އެފަދަ ހުށަހެޅުމެއް ލިބިދާނެ ކަމަކަށް ދަނީނަށް ގަބޫލެއް ނުކުރެއެވެ. ރާޝިދާ ދެއްކި ވާހަކަތައް ގަބޫލު ކުރާނެ ގޮތެއް އޭނާއަކަށް ނުވިސްނުނެވެ. އޭނާއަކީ އަދުލީއާ އެކަށީގެންވާ މީހެއް ނޫނެވެ. އޭނާއަށްވުރެ މާފުރިހަމަ މާރީތި އަންހެންކުދިން އަދުލީއަށް ވާނެއެވެ. މާލެއިން ވެސް އެފަދަ ކުއްޖެއް އޭނާއަށް ލިބިދާނެއެވެ. ސަމާސާއަކަށް ވެސް އެކަހަލަ ވާހަކަތައް ނުދެއްކުމަށް ދަނީން އެދުނީ އެހެންވެއެވެ.

ރާޝިދާ ދެއްކި ވާހަކަތައް ދަނީން ގަބޫލު ނުކުރުމުން އަދުލީ އަމިއްލައަށް އެވާހަކަ ދެއްކިއެވެ. ދަނީންދެކެ އޭނާ ލޯބިވާވަރު ހާމަކޮށްދީ އެލޯތްބަށް އެދި އާދޭސްކުރިއެވެ. ދުވަހަކު ވެސް ދަނީންގެ ހިތުގައި ޖެހޭވަރުގެ ދެރަވާވަރުގެ ކަމެއް ނުކުރާނެކަމަށް ހުވާކުރިއެވެ. އެންމެ ފަހު ނޭވާއާ ޖެހެންދެން ވެސް ދަނީން އުފަލުގައި ބަހައްޓާނެކަމަށް ވައުދުވިއެވެ.

ވަގުތާއި ހާލަތަށް ދަނީން އިސްކަން ދިނެވެ. އަދުލީގެ ލޯބި ގަބޫލުކުރި ނަމަވެސް އެކަން ސިއްރުކުރިއެވެ. އެހެން އެއްވެސް މީހަކަށް އެކަން އެނގޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ދަނީންގެ އެނިންމުން އަދުލީއަށް ކަމުދިޔައެވެ. އޭނާ ވެސް ބޭނުންވީ އެލޯބި ސިއްރެއްގެ ގޮތުގައި ބާއްވާށެވެ.

ދަނީނާއި އަދުލީ ސިއްރުން ބައްދަލުކުރެވޭނެ އެންމެ ރަނގަޅު މަގަކަށްވީ ދަނީންމެން ކުރިން އުޅުނު ގެއެވެ. އިރު އޮއްސޭ ވަގުތު އެގެއަށް ދާން ދަނީން ބިރުގަނެއެވެ. އެގޭ ތެރޭގައި ހިނގާދިޔަ ހާދިސާތައް ދެންމެ ދިމާވި ކަމެއްހެން އޭނާގެ ހަނދާނުގައި އެބަހުއްޓެވެ. އެ ހަނދާންތަކާއިއެކު އޭނާގެ ދެލޮލުން ކަރުނަ ހިލެއެވެ. އެހަނދާންތަކާއި ދުރަށް ދިއުމަކީ އޭނާއަށް ވާނޭ ކަމެއް ނޫނެވެ.

ހަވީރު ހައެއް ޖަހާކަން ހާއިރެވެ. އިރުއޮއްސޭން ކައިރިވުމުން ދަނީން އައީ ގެއަށެވެ. ތަކުރާއި އޭނާ ދިމާވީ މަގުމަތިންނެވެ.

ތަކުރު ގޮވާލުމުން ދަނީން މަޑުކުރިއެވެ. ދަނީންގާތު ތަކުރު އެތައް ވާހަކައެއް ދެއްކިއެވެ.

ގެއަށް ވަންނަން އައި ދަނީން މިސްރާބު ބަދަލުކޮށްލިއެވެ. ކޮންމެވެސް ވަރަކަށް ބިރުގަތުމާއި ޖެހިލުންވުން އޭނާގެ ކިބައިން ފެންނަން ހުއްޓެވެ. ދަނީނާއި ދިމާއަށް ބަލަހައްޓައިގެން ހުރި ތަކުރުގެ ކިބައިން ފެނުނީ ހިތްހަމަ ޖެހުމެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް