“މިވަރުގެ މީހަކު ރަށްރަށަށް އަރާ އަންހެންކުދިން ގޮވައިގެން މިއުޅެނީ. ހީހީ ހަލާކުވާވަރު ވެއްޖެ.” ހެމުންހެމުން ގޭތެރެއަށް ވަދެގެން އައި ގިޔާސް ސޯފާތެރެއަށް ވެއްޓިގަތެވެ. ހީނހީނ ބަނޑަށް ގޮށެއް އަރައިގެން ކަހަލަ ގޮތަކަށް ސިޔާހް ގުދަށް އޮތްއިރު ނާއިމާއި ސާނިހް ވެސް ތިބީ ފާޑަކަށް ހެވިފަ އެވެ.
“ބޮޑު ރޭވުންގަނޑެއް ދޯ؟ މަށަށް ހީވިއޭ މި މީހުން އެތަނުގަ މަޑުކުރިގޮތުން ކޮންމެވެސް ގަނޑެއް ގެންފާނެއޭ.” ވާހަކަ ދައްކަމުން ދައްކަމުން ކޮޓަރިއާ ދިމާއަށް ނިޔާސާ ހިނގައިގަތުމުން ދެންތިބި ތިން އަންހެނުން ވެސް އޭނާގެ ފަހަތުން ހިނގައިގަތެވެ.
“މަގޭ ކާމިޔާބުކަން ފެނި ކަލޭމެން ދެ މީހުން ވެސް ޖޭވީ ދޯ؟ މި ދެ މޯލަށް ރީތި ލަނޑެއް ދޭނަން.” ގިޔާސް ކައިރީ އިށީނދެ ހަމަޖެހިލަމުން ނިފާރު ވާހަކަ ދެއްކިއިރު އޭނާގެ ކިބައިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ.
މެންދަމާއި ދިމާއަށް ވަގުތު ދަތުރުކުރަމުން ދިޔައިރު ރަށުތެރޭން ފެންނަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ދުވަސްވަރަކީ މަދަރުސާތައް ބަންދު ދުވަސްވަރަކަށްވާތީ، ރަށަށް އައިސް އުޅޭ މީހުން ގިނަ ނަމަވެސް މިގަޑީގައި ބޭރަށް ނުކުމެ އުޅޭ މީހަކު ނެތެވެ. ގެއެއްގެ ތެރެއިން ބާރު އަޑެއް ނީވޭ ތާނގައި ގަދަފަދަ އައްޔެއް ވެސް ނުފެނެ އެވެ. އެންމެން ވެސް ނިދާ މަރުވެފައިވާ ފަދަ އެވެ.
ފަތިސް ނަމާދު ވަގުތުގެ ބަންޤީގެ އަޑާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށި އެވެ. ގެތަކުތެރެއިން އިވެމުންދިޔަ އަޑުތައް ބާރުވަމުން ދިއްލުންތަކުގެ އަލިގަދަވަމުންދިޔަ ގަދަވުން އަންގައިދެނީ ހޭލާ އުޅޭ މީހުން ގިނަވަމުންދާ ކަމެވެ. މަގުތަކުން ފެންނަމުންދިޔަ އެންމެންގެ ވެސް މިސްރާބަކީ މިސްކިތް ކަމުގައިވުމީ އުފާކުރަން ޖެހޭ ކަމެކެވެ.
އިރުގެ އަލިކަން ދުނިޔެއަށް ފާއްދާލިއިރު އަންހެންވެރިން އުޅުނީ މަގުތައް ކުނިކަހައި ސާފުކުރުމާއިގެން ނެވެ. މަސްވެރިންތައް މަހަށް ފުރުމަށް ތައްޔާރުވަމުން ދިޔައިރު އެމީހުނަށް ސައި ތައްޔާރުކުރުމާއިގެން އުޅެމުންދިޔަ އަންހެންވެރިން ވެސް މަދެއް ނޫނެވެ. ފުރިހަމަ ސިއްޙަތަކަށް އިސްކަން ދެމުންދިޔަ އަންހެން ޒުވާނުންނާއި ފިރިހެން ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ ދެތިން މީހަކު ވެސް ހެނދުނުގެ ކަސްރަތަށް ނުކުމެ އުޅުނެވެ.
ފުރަން ތައްޔާރުވެގެން ސުނޭހާމެން ގެއިން ނުކުތްއިރު ހައިފާ ދެތިން ފަހަރަށް ގުޅައިފި އެވެ. ސައި ތައްޔާރުކޮށްގެން ހުންނަތާ އެތައް އިރެއް ވީއިރު ވެސް ނުގޮސްގެނެވެ. ނިފާރުމެން ގެންގޮސް ފަޅުރަށަށް ލާފައި ފަހުން ބަލާދާގޮތަށް ލާންޗު ވެސް އޮތީ ތައްޔާރަށެވެ.
ދުވަހަކީ ކަނޑުމަޑު ވައިމަޑު މޫސުމް ރީތި ދުވަހެކެވެ. ދަތުރު ގޮސްލަން މިފަދަ ދުވަހެއް ލިބޭނީ ނަސީބު ރަނގަޅު ބަޔަކަށެވެ. ސައިބޮއިގެން ބަނދަރަށް ދިޔައިރު ލާންޗު މީހުން ތިބީ ތައްޔާރަށެވެ.
ދަތުރުގައި ބައިވެރި ނުވެވުނު ނަމަވެސް ނިފާރުމެން ފުރާތަނަށް ހައިފާ ދިޔަ އެވެ. ހުރިހާ ކަމެއް ބަރާބަރުތޯ އަހަމުން ކަމެއް ބޭނުން ވެއްޖެނަމަ ގުޅުމަށް ހަނދާން ކޮށްދިނެވެ.
“ވަރެއް އެބަހުރިތާ.” ހައިފާ ދުރަށް ޖެހިލުމާއެކު ސިޔާހް ދިމާކޮށްލި އެވެ.
“އަދި އޮތީ ކުރިޔަށް ދޯ ނިފާރު.” ނިފާރަށް ބަލާލަމުން ޒުލޭޚާ ބައިވެރިވެލި އެވެ.
ފަޅުރަށަކަށް ދެވިއްޖެނަމަ ވެލާ އަރާފައިވޭތޯ ބެލުމަކީ ދިވެހިންގެ ތެރެއިން ވަރަށްގިނަ ބަޔަކު ކުރާ ކަމެކެވެ. ނިފާރާއި ސާނިހް ވެސް އެކަމަށް އިސްކަން ދިނެވެ.
ދަތުރުގެ މަޖަލާއިގެން އުޅެމުން ދިޔައިރު އެންމެން ވެސް ވަރަށް އުފާވެ ހިތްހަމަޖެހިފަ އެވެ. ފަހިވެގެންދިޔަ ފުރުސަތުތަކާއިއެކު ދަތުރު އިތުރަށް ފުރިހަމަވެގެން ދިޔައީ ހައިފާގެ ސަބަބުން ކަމުގައި އެންމެން ވެސް ޤަބޫލު ކުރެ އެވެ. ޝުކުރުވެރިކަމާއެކު އެކަން ބަލައި ވެސް ގަނެ އެވެ.
“ވަރުގަދަ ފަހަރިއެއްނު މި ލައްވާލީ. ނަސީބެއް މި ނިފާރު ގެނެވުނުކަން.” ކުޑަދަށުގައި ހުރި އައިސްފޮށިން ކުޑަވަރެއްގެ ފެން ފުޅިއެއް ނަގަމުން ސިޔާހް ބަލާލީ ނިފާރަށެވެ.
ނުވަގަޑިއައް ފިނިބުއިމެއް ހަމަޖައްސާލަދޭނެ ކަމަށް ބުނި ހައިފާ ވަނީ ފިނިބުއިންތަކުގެ އިތުރުން ސޭންޑްވިޗާއި ޕިއްޒާފަދަ ލުއިކާނާގެ އެތައް ބާވަތެއް ވެސް އެއާއެކު ފޮނުވާފަ އެވެ. ހީވާގޮތުން އެއީ ފަތުރުވެރިން ވެސް ދަތުރު ދާއިރު ބޭނުންކުރާ ޕެކޭޖެވެ.
“އާނ. ތިޔަހުރީ ހަމަ ޖަވާހިރެއް ލިބިފަ. އެންމެ ތަންކޮޅެއް ވެސް ދޫނުކުރާތި.” ނުވަގަޑިއަށް ތަށިބަރި ތައްޔާރުކުރަމުން ދިޔަ ޒުލޭޚާ، ސިޔާހާއި ބައިވެރިވެލި އެވެ.
“އާނ. ދެން.. ތިކަމާ އުޅެންވީ ކަންނޭނގެ.” ސިއްރުސިއްރުން ނިފާރު ބަލާލީ ސުނޭހާއަށް ނަމަވެސް އެހެން މީހަކަށް އެކަމެއް ނޭނގެ އެވެ.
ސުނޭހާއަށް ވެގެންދިޔަގޮތް ނިފާރަށް ފެނުނެވެ.
ނިފާރުމެން ބުނި ގަޑިއަށް އެމީހުން ބަލައި ލާންޗް އައެވެ.
މާލެ ދާން ތައްޔާރުވެގެން ފުރަން ދިއުމުގެ ކުރިން ނިފާރު ގޮސް ވަލީދުގެ ދެމަފިރިންނާއި ބައްދަލުކުރި އެވެ. އެމީހުންގެ ފަރާތުން ލިބުނު މެހެމާންދާރީއާއި ހިތްހެޔޮކަމާއި އެހީތެރިކަމަށް އެތައް ފަހަރަކު ޝުކުރު އަދާކުރި އެވެ. ދުވަހަކު ވެސް އެކަން ހަނދާން ނުނެތޭނެ ކަމަށް ބުންޏެވެ.
“އަހަރުމެންގެ ޚިދުމަތާއިމެދު ނިފާރު ހިތްހަމަޖެހިއްޖެނަމަ އަހަރެންގެ އުންމީދު ހާސިލްވީ.. އަލްޙަމްދުލިﷲ.” ވަލީދުގެ ހިތް އުފަލުން ފުރުނެވެ.
ބޭނުންވިފަދަ ދަތުރަކަށް ދަތުރު ވެގެން ދިއުމުން އެންމެން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފަ އެވެ. ކިތަންމެ ބުރަކޮށް މަސައްކަތް ކުރަމުންދިޔަ ނަމަވެސް ނިފާރުމެން ފުރުވުމަށް ހައިފާ އައެވެ. އެހެން މީހުނާއި ވަކިން ދުރުގައި ހުރެ ނިފާރާއި ކޮންމެ ވެސް ވާހަކަތަކެއް ވެސް ދެއްކި އެވެ.
ހައިފާގެ ކިބައިން ފެންނަމުންދިޔަ މާޔޫސްކަން ނިފާރަށް ފާހަގަ ނުކެރުވުނު ނަމަވެސް އޭނާގެ ރައްޓެހިންނަށް އެކަން ފާހަގަ ކުރެވުނެވެ. ވަކިވަކިން ސިއްރުސިއްރުން އޭގެތެރެއިން ބައެއް މީހުން އެވާހަކަތައް ދެއްކި ވެސްމެ އެވެ.
ހިތްހަމަނުޖެހުމާއިއެކު ނިފާރަށް ބަލަން ހުރި ސުނޭހާގެ ހަރަކާތްތައް ނިފާރަށް ފާހަގަވި ނަމަވެސް ނިފާރު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ނުފެންނަކަމަށް ހެދީ ގަސްދުގަ އެވެ.
މާލެ ދެވުމާއިއެކު ނިފާރު އޭނާގެ މަސައްކަތް ފެށި އެވެ. ހޯދަން ޖެހޭ ތަންތަނާއި ހޯދަން ޖެހޭ މީހުން ހޯދައި ފާހަގަކުރި އެވެ. އިރުއޮއްސި ހަތެއް ޖަހާކަންހާއިރެވެ. ފުޓްބޯޅަ ކުޅެން ގޮސްފައި އައިސް ފެންވަރައިގެން ނުކުތް ނިފާރު މޭޒާއި ދިމާއަށް ދިޔައީ ފޯނު ރިންގްވާ އަޑު އިވިގެން ނެވެ.
“ފޯނަށް ޖަވާބު ދޭން ބޭނުން ނޫނިއްޔާ އެހެން ބުނެލައިގެން އުޅެންވީނު. އޭރުން ނުގުޅާ ހުރެދާނަން. އެ ހައިފާއަކާ ދިމާވި ފަހުން ހާދަވަރެއް ވެފައޭ ދޯ މި ހުންނަނީ. އަހަރެން ބޭނުން ބައްދަލުކުރަން. ނުވައެއް ޖަހާއިރަށް ރަސްފަންނަށް އާދޭ.” ހިތްހަމަނުޖެހުމާއިއެކު ވާހަކަ ދެއްކި ސުނޭހާ ފޯނު ކަނޑާލި އެވެ. ނިފާރު ދައްކާ ވާހަކަ އަޑުއެހުމެއް ނިފާރު ދޭ ޖަވާބެއް ބެލުމެއް އޭނާއަކަށް މުހިންމެއް ނުވި އެވެ.
ސުނޭހާ ބުނި ގަޑިއަށް ނިފާރު ރަސްފަންނަށް ގޮސް ސުނޭހާއާ ބައްދަލުކުރި އެވެ.
ފުރުސަތަކަށް އެދިއެދި ހުރި ސުނޭހާގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އަލިފާންގަނޑަކަށް ޕެޓްރޯލް އަޅާލި ފަދައިން ނެވެ. ހިތްހަމަނުޖެހުމާއެކު ފުލުފުލުގައި އެތައް އެއްޗެއް ނިފާރާއި ދިމާއަށް ކިޔާލި އެވެ. އޭނާދެކެ ލޯބި ނުވަންޏާ އިތުރަށް ގާތްކުރަން ނޫޅެ މިހާރުން މިހާރަށް ދޫކޮށްލުމަށް ބުންޏެވެ. އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ކުރިމަތިވިޔަސް ކެތްކުރުމުގެ ހިތްވަރު އޭނާގެ ކިބައިގައި ހުންނާނެކަމަށް ވެސް ބުންޏެވެ. އޭނާ ވީ ލޯބީގެ ނާޖާއިޒް ފައިދާ ނަގައި އޮޅުވާލާ މަކަރު ހަދައިގެން އޭނާގެ ބޭނުން ނުހިފުމަށް އެދުނެވެ. އޭނާއާމެދު ނިފާރު ކަންތައް ކުރަމުންދާ ގޮތުން ލިބެމުންދާ ހިތާމަ އާއި އުޅެމުންދާ ހިތްދަތި ހާލުގެ ވާހަކަ ދައްކަމުން ރޯން ވެސް ފެށި އެވެ.
ސުނޭހާ ހަމައަކަށް އަޅުވަން ނިފާރު އިސްކަން ދިނެވެ. ސުނޭހާދެކެ އޭނާ ވަނީ ތެދުވެރި ލޯބިކަން ހާމަކުރަމުން ހެކި ދެއްކި އެވެ. ހައިފާއާ އެހާ ގާތްވެލައިގެން އޭނާ އުޅުނީ އުޅެލަން ފަސޭހައަކަށް ކަމަށް ބުނެ އެކަމުގެ ސަބަބުން ލިބުނު ފަސޭހަތަކާއި ފައިދާ ހަނދާން ކޮށްދިނެވެ. އެކަމާ ގުޅުން ހުރި އެތައް ވާހަކައެއް ދެއްކި އެވެ.
ސުނޭހާ އާއި ނިފާރު ވާހަކަ ދައްކަން ގަޑިއެއްގެ ހާއިރު އެތަނުގައި ތިއްބެވެ. ނިފާރާއި ވަކިވެގެން ސުނޭހާ ދިޔައީ ހިތްހަމަޖެހުމާ އެކުގަ އެވެ.
ދޭއްޖަހައި ބޮޑުވެއްޖެ އެވެ. އޮފީސް ނިންމާލުމަށްފަހު ނިފާރު ބޭރަށް ނުކުތްއިރު ދުވާރު ކައިރީ މަޑުކޮށްލައިގެން ޔަޒީދާ ހުއްޓެވެ.
“ގެއަށް ވައްޓާލަދޭންވީތަ؟” ޔަޒީދާ ކައިރިއަށް ސައިކަލު މަޑުކޮށްލަމުން ނިފާރު ކޮށްލި ސުވާލާއިއެކު ޔަޒީދާ ދިޔައީ ސިއްސައިގެން ނެވެ.
“އޯކޭ. އަހަރެން ހީކުރީ ދެން އަހަރެން ނުވެސް ފެންނާނެ ކަމަށް.” ނިފާރާއި ދިމާއަށް އަންނަމުން ޔަޒީދާ ވާހަކަ ދެއްކި އެވެ.
“ތިބުނީ؟” ނިފާރަށް ލިބުނީ ހައިރާންކަމެވެ.
“އެކޮޅަށް ގޮސް މާ ވަރުގަދަ ކަމެއް ފެށި ވާހަކަ އަޑު އިވުނު. ފިސާރަ ކަނބަލެކޭ ވެސް ކިޔާ.” ވާހަކަ ދައްކަމުން ދައްކަމުން އައި ޔަޒީދާ ސައިކަލަށް އެރި އެވެ.
“އެހެންތަ؟” އިތުރަށް އެ ވާހަކަ ދައްކާކަށް ނިފާރު ނޫޅެ އެވެ.
ވާހަކަ ދައްކަމުން ދައްކަމުން ނިފާރު ސައިކަލު ދުއްވާލި އެވެ. ސައިކަލު ދުއްވާލުމާއިއެކު ނިފާރުގެ އުނަގަނޑުގައި ހިފަހައްޓާލަމުން މަގަށް ސަމާލުވުމަށް ޔަޒީދާ އެދުނެވެ.
“ކޮން މަގަކުން ތި ދަނީ؟ ގައިމު ބުނި އަހަރުމެންގެ ގެ ހުންނަތަން އެނގެއޭ.” މަޖީދީ މަގުން ގޮސް މާވެޔޮމަގަށް އެޅުމާއިއެކު ޔަޒީދާއަށް ލިބުނީ ހައިރާންކަމެވެ.
“ގެއަށް ވައްޓާލާ ވާހަކަ ދޯ އަހަރެން ބުނީ. ވަކި ގެއެކޭ ނުބުނަމެއްނު.. ހިހި. މިހިރަތާ ހުރި ފިހާރައެއް ބަލާލާފަ ދާން މިދަނީ. އޭރުން ދެން އެނބުރި އަންނާކަށް ނުޖެހޭނެއެއްނު.” ނިފާރު ކޮށްލީ ސަމާސާއެއްކަން އެނގުމުން ޔަޒީދާ ހަމަޖެހުނެވެ.
ފިހާރަ ކައިރިއަށް ސައިކަލު މަޑުކޮށްލި ވަގުތު ފިހާރައިން ނުކުތް ޖިހާދު ފެނިފައި ޔަޒީދާއަށް ވީގޮތް ނިފާރަށް ފެނުނެވެ.
“ދޮންބެގެ ބަފައިބެ.” ކިތަންމެ މަޑުމަޑުން ބުނެލި ނަމަވެސް ނިފާރަށް އެ އަޑު އިވުނެވެ.
ޖިހާދަށް އެއްވެސް ސަމާލުކަމެއް ނުދީ ސައިކަލުން ފައިބައިގެން ދިޔަ ނިފާރު ދިޔަ ގޮތަށް ގޮސް ވަނީ ފިހާރައަށެވެ. ޔަޒީދާއާ ވާހަކަ ދައްކަން ސައިކަލު ކައިރީ މަޑުކޮށްލައިގެން ހުރި ޖިހާދުގެ ހަރަކާތްތަކަށް ނިފާރު ސަމާލުކަން ދިނެވެ.
ނިފާރު އައިސް ސައިކަލަށް އެރުމުން ޖިހާދު ބަލާލި ނަމަވެސް އެކަމަކަށް ނިފާރު ސަމާލުކަމެއް ނުދިނެވެ.
“އޭނާ ދަންނަންތަ؟” ސައިކަލްގައި ނިފާރު ހަމަޖެހިލުމުން ޔަޒީދާ އަހާލި އެވެ.
(ނުނިމޭ)
