ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާސްތާ – ޗެޕްޓަރ 5

އަނދިރިކަމުގެ ތެރޭގައި

އަމީރާ ދުވަމުން ދިޔައެވެ. މޭގައި ބޮނޑިކޮށްލައިގެން އިން، ވަރުބަލިވެފައިވާ މީޝާ އުރައިގެން ހުރުމުން އޭނާގެ އަތަށް ވަނީ ވަރަށް ބޮޑަށް ތަދުވެފައެވެ. އަނެއް އަތުން މާވިންގެ ކުޑަކުޑަ އަތުގައި ހިފަހައްޓައިގެން، މާލޭގެ ހަނި ގޯޅިތަކުގެ ތެރެއިން އޭނާ ދިޔައީ ބާރުބާރަށް ދުވަމުންނެވެ. ބާރު ވަޔާއެކު އޭނާގެ މޫނުމަތީގައި އަޅާފައިވާ މާސްކު ދަލުން ތަތްލަމުން ދިޔައެވެ. ހިތުގެ ތެޅުން އަވަސްވެ، ނޭވާ ކުރުވެފައިވީ ނަމަވެސް، ހަށިގަނޑުގައި އުފެދިފައިވާ ޖޯޝެއްގެ ސަބަބުން ކޮންމެ ފިޔަވަޅެއްވެސް އެޅެނީ ވަރަށް ބާރަށެވެ.

ނަމަވެސް ކުއްލިއަކަށް ހުރިހާ ކަމެއް ހުއްޓުނެވެ.
މުޅިތަން އަނދިރިވިއެވެ.
ފަހަތުން މީހަކު ދިން ވަރުގަދަ ހަމަލާއަކާއެކު އޭނާ ބިމަށް ވެއްޓުނެވެ.
ބޮލަށް އެރި ތަދާއެކު މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ. މީޝާ ބިރުން ހަޅޭއްލަވައިގަތެވެ.

“މަންމާ! މަންމާ!”

މާވިންގެ ބިރުގަނެފައިވާ ތުރުތުރުލާ އަޑުވެސް އޭނާގެ ކަންފަތުގައި ޖެހުނެވެ. މަގުމަތީގެ ހަލަބޮލިކަން ކުއްލިއަކަށް ކެނޑިގެން ދިޔައެވެ. ދުރުދުރުން މީހުން ހަޅޭއްލަވާ އަޑާއި، ހިނގާބިނގާވާ އަޑުތައް އިވެމުންދިޔައެވެ. ދެން އިވުނީ މީހެއްގެ އަޑު ކަނޑުވާލުމަށް ކުރި މަސައްކަތުގެ އަޑެވެ. އެއަށްފަހު މުޅިތަނަށް ވެރިވީ ހިމޭންކަމެވެ.

ހޭނެތިފައި އޮތީ ކިހާ އިރަކު ކަމެއް އަމީރާއަކަށް ނޭނގުނެވެ. ސިކުންތުކޮޅެއް ބާވައެވެ؟ ނުވަތަ ގަޑިއިރުތަކެއް ބާވައެވެ؟ ލޯ ހުޅުވާލިއިރު މުޅި ހަށިގަނޑުގައި ވަނީ ރިހުމެވެ. ބޮލުގައި ވަރުގަދަ ރިހުމެއް ހުއްޓެވެ. އަތާއި ފައި އޮތީ ބަނދެފައެވެ. އަދި އަނގަޔަށް އެއްޗެއް ލައްވައި ބާރުކޮށްފައި އޮތުމުން ނޭވާލާންވެސް އުނދަގޫވިއެވެ.

ސިކުނޑި މަސައްކަތް ކުރަން ފެށުމާއެކު އެންމެ ފުރަތަމަވެސް ހަނދާނަށް އައީ އޭނާގެ ދެ ދަރިންނެވެ. މީޝާ އާއި މާވިންއެވެ. ވޭނަށްވުރެ ބޮޑަށް ހިތުގައި ބިރުވެރިކަން އުފެދުނެވެ. އޭނާ ވަރަށް ހާލުން ބޯ އަނބުރާލައި، އެ އަނދިރި ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ.

އެ ދެކުދިން ތިބީ އެތަނުގައެވެ. ކަނެއްގައި ދެކުދިން ބޮނޑިވެގެން ތިބިއިރު، ބިރުން ތުރުތުރުލައެވެ. މީޝާގެ ފިޔާތޮށި ކުލައިގެ މާސްކު އޮތީ ބޮނޑިވެފައެވެ. އޭނާގެ ބޮޑު ދެލޮލުން ކަރުނައާއެކު މަންމަ ހޯދަމުން ދިޔައެވެ. މާވިން އިނީ މީޝާގެ ގައިގައި ބައްދާލައިގެން، އޭނާއަށް ހިމާޔަތް ދޭން މަސައްކަތްކުރާ ފަދަ ގޮތަކަށެވެ. ނަމަވެސް އޭނާގެ ހަށިގަނޑުން ބަލިމަޑުކަމުގެ ވަރުބަލިކަން ފެންނަން ހުއްޓެވެ.

“މަންމާ..” ވަރަށް މަޑުމަޑުން އެކުދިން ގޮވާލި އަޑު އިވުނެވެ.

އަމީރާގެ ހިތް ކަފާލި ކަހަލައެވެ. އެކުދިންނަށް ޖަވާބުދީ، ހިތްހަމަޖައްސައިދޭން އޭނާ ބޭނުންވިއެވެ. ނަމަވެސް އަނގަ ބަނދެފައި އޮތުމުން އެއްވެސް އެއްޗެއް ބުނެވޭ ގޮތެއް ނުވިއެވެ. އޭނާ ބަނދެފައިވާ ވާގަނޑުތަކުން ސަލާމަތްވާން ގަދަހަދަން ފެށިއެވެ. އެއާއެކު އަތްތިލައާއި ފައިގެ ތަނބިކައްޓަށް ވާގަނޑުތައް ވަދެ، އިތުރަށް ތަދުވާން ފެށިއެވެ. އަމިއްލަ ނިކަމެތިކަމާއި އެ ކުޑަކުޑަ ދެ ފުރާނައަށްޓަކައި އޭނާގެ ލޮލުން ކަރުނަ ފޭދުނެވެ.

އޭނާ އެކުދިންނާ ހަމައަށް ދާން ބޭނުމެވެ. އެކުދިން ހިމާޔަތް ކުރަން ބޭނުމެވެ. މިފަދަ ނުރައްކާތެރި ހާލަތެއްގައިވެސްމެއެވެ. އެ އަނދިރިކަން ނިމުމެއް ނެތް ފަދައެވެ. ނަމަވެސް، ކުއްލިއަކަށް އޭނާގެ ހިތުގައި ވަރުގަދަ އަޒުމެއް އުފެދުނެވެ. ބޮލުގައި ރިއްސަމުން ދިޔަ ނަމަވެސް، އޭނާ ކުރިއަށް ޖެހިލައި، ތެޅިގަނެ އެގޮތް މިގޮތް ހަދައިން އަނގައިގާ އޮތް ފޮތިގަނޑު ބޭރުކޮށްލުމަށްފަހު އަޑަށް ބާރުލާފައި ބުންޏެވެ. “މަންމަ މިހިރީއެވެ. މަންމަ މިހިރީއެވެ. ބިރުނުގަންނާށެވެ.”

އެކުދިންގެ ނަޒަރު މަންމަގެ ބަސްތަކަށް ހުއްޓުނެވެ. ބިރުގެންފައި ތިބި ނަމަވެސް، އެކުދިން މަންމައަށް އިތުބާރު ކުރިއެވެ. އެ ވަގުތު އަމީރާއަށް އާ ހިތްވަރެއް ލިބުނެވެ. އެ އަނދިރިކަމާ ކުރިމަތިލުމަށް ބޭނުންވާނެ ހަކަތަ އޭނާގެ ހަށިގަނޑުގައި އުފެދުނެވެ. ސަބަބަކީ އޭނާގެ ދަރިން ތިބީ އެތަނުގައެވެ. ގާއްޑޭގެ ނުރައްކާތެރި ހިޔަނި އެތަނުގެ ބޭރުގައި އޮތް ނަމަވެސް، އޭނާގެ ދަރިންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އޭނާ ހިތްވަރު ދޫކޮށްލައިގެން ނުވާނެކަން އޭނާއަށް ޔަޤީންވިއެވެ.

އެހެނަސް..

ކަންކަން ހިނގަމުންދިޔައީ ވަރަށް ދުރުގައި ހުރެގެން އުޅޭ ފަދަ އިހުސާސް ކުރެވޭ ގޮތަކަށެވެ.
ހަށިގަނޑަށް ބަރުވެފައިވާވަރުން، އަމިއްލަ ހަށިގަނޑުގެ މައްޗަށް އެއްވެސް ބާރެއް ނެތް ކަހަލައެވެ. އަމީރާގެ ހޭވެރިކަން ދިޔައީ ވަމުން އަދި ކެނޑެމުންނެވެ. އަނދިރިގަނޑެއްގެ ތެރެއަށް ފެތި، އަނެއްކާވެސް މައްޗަށް ހިއްލި، އަލުން ފެތޭ ފަދައެވެ. ކޮންމެ ފަހަރަކު ހޭލަން މަސައްކަތް ކުރުމުން، ކޮންމެވެސް ބާރަކުން އޭނާ އަނބުރާ އެ އަނދިރިކަމުގެ ތެރެއަށް ދަމައިގަނެއެވެ.

ދުރުދުރުން މަޑުމަޑު އަޑުތަކެއް އިވެމުންދިޔައެވެ. ރޮއިލާ އަޑެވެ. “މަންމާ..” އޭނާގެ ދަރިންނެވެ. އެ އަޑު އިވެނީ ވަރަށް މަޑުންނެވެ. ފާރުގެ ތެރެއިން ފުރޭނިގެން އަންނަ ހިމަ އަޑެއް ފަދައިންނެވެ. އަމީރާ ޖަވާބެއް ދޭން އުޅުނެވެ. ނަމަވެސް އޭނާގެ ތުންފަތަށް ގުޑުމެއް ވެސް ނައެވެ.

ދެން.. ފިޔަވަޅުގެ އަޑެވެ. ބަރު، އަދި ލަސްލަހުން އިވޭ ފިޔަވަޅުތަކެކެވެ. ތަޅުންގަނޑުގައި އެއްޗެއް ޖެހުނު ތޫނު އަޑެއް އިވުނެވެ. ދަގަނޑު ތަށިތަކެއް ފަދަ އެއްޗެކެވެ. އެތަނުގެ ވައި ނުތަނަވަހެވެ. ހޫނުގަދަވެފައި، ނުބައި ވަހެއް ދުވައެވެ. ގިނަ ދުވަސްވެފައިވާ ކުނިވަހެވެ. އޭނާ އޮތް ތަޅުންގަނޑަކީ ހިރަފުހުން ފުރިފައިވާ، ހަރު ނުތާހިރު ތަނެކެވެ.

“އަހަންނަށް މިވަނީ ކީއްބާ؟”
މި ޚިޔާލުތައް އޭނާގެ ސިކުނޑިއަށް ގެނެވުނީވެސް ވަރަށް އުނދަގުލުންނެވެ.

ދެން.. ބަދަލެއް އައެވެ. އަތްލި ކަހަލަ އިހުސާސެއް ކުރެވުނެވެ. ފިނި، އަދި އޯގާތެރި އަތެކެވެ. ހޫނުވެފައިވާ އޭނާގެ ހަންގަނޑަށް އެއިން އަރާމެއް ލިބުނެވެ. އަމީރާ އުނދަގުލުން ލޯ ހުޅުވާލިއެވެ. އަންހެނެކެވެ. މެދުއުމުރުގެ، ވަރުބަލިވެފައިވާ ނަމަވެސް އޯގާތެރި ދެލޯ ހުރި އަންހެނެކެވެ. އެ އަންހެންމީހާގެ މޫނުމަތިން ކަންބޮޑުވުމުގެ އިތުރުން ހަމްދަރުދީގެ އަސަރު ފެންނަން ހުއްޓެވެ.

“ތެދުވެވިދާނެތަ؟” އޭނާ މަޑުމަޑުން އަހާލިއެވެ. “ހާލު ކިހިނެއް؟”

އަމީރާ މަސައްކަތް ކުރިއެވެ.
ކުރެވެން އޮތް ހުރިހާ ހިތްވަރެއް ކުރިއެވެ. ހަށިގަނޑު ބަރުވެ، ވަރުދެރަވެފައި ވީނަމަވެސް، އޭނާ ގަދަކަމުން ބޯ ހިއްލާލަން އުޅުނެވެ. އެވަގުތު މުޅި ބޮލަށް ނޭނގޭ ފަދަ ތޫނު ތަދެއް އެރިއެވެ. އޭނާގެ އަނގައިން މަޑު އާހެއް ބޭރުވުމާއެކު، އަނެއްކާވެސް ތަޅުންގަނޑު މައްޗަށް ވެއްޓުނެވެ.
އިހުސާސެއް ނެތް ގޮތަކަށް އޭނާގެ އަތް ބޮލުގެ ފަހަތުގައި ޖައްސާލެވުނެވެ. އަދި އެ އަތް އެތަނުގައި ހުއްޓުނެވެ. ބޮލުގެ ފަހަތް އޮތީ ދުޅަވެފައެވެ. އަތްލާންވެސް ނުކެރޭހާ ބޮޑަށް ތަދުވެއެވެ. އިސްތަށިގަނޑު އޮތީ ގަނޑުވެ، ތަތްލާފައެވެ. ހިކިފައިވާ ލެއެވެ.

އޭނާގެ ނޭވާ އަވަސްވިއެވެ.
ކިހާއިރެއް ވެއްޖެބާ؟
މިތަނުގައި އޮންނަތާ ކިހާ ދުވަހެއް ވެއްޖެބާ؟
ގަޑިއެއްތަ؟
ނޫނީ ދުވަސްތަކެއްތަ؟ ވަށައިގެންވާ އަނދިރިކަމުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ހަނދާނުގެ ކުނޑިތައް އެއްކުރަން އޭނާގެ ސިކުނޑި މަސައްކަތް ކުރިއެވެ.

ކެފޭ.
ދުވުން.
މަގުތައް.
ދިން ހަމަލާ. ދެން ހުރިހާ ކަމެއް ސާފުވިއެވެ.

އޭނާގެ ދަރިން!
ބިރުގަތް ވަރުން އަމީރާގެ ދެލޯ ބޮޑުވިއެވެ. ކުއްލިއަކަށް ހަށިގަނޑަށް ބާރުތަކެއް އައި ކަހަލައެވެ.

“މަގޭ ދަރިން ކޮބާ؟” އޭނާ ހަޅޭއްލަވައިގަތެވެ. އޭނާގެ އަޑު އޮތީ ކުރަކިވެފައެވެ. “މާވިން! މީޝާ! މަގޭ ދަރިން!” ތަދަށް ބެލުމެއް ނެތި، ތުރުތުރުލާ ހާލުގައި އޭނާ އަނެއްކާވެސް ތެދުވަން މަސައްކަތް ކުރިއެވެ. އެ އަންހެންމީހާ އޭނާ ހިފެހެއްޓިއެވެ.

“އުހުން ތެދުވަން އިހަށް ނޫޅޭ.” އޭނާ މަޑުމަޑުން ނަމަވެސް ސާބިތުކަމާއެކު ބުންޏެވެ. “އާދޭސްކޮށްފައި ބުނަން. ހަމަޖެހިބަލަ.” ނަމަވެސް އަމީރާއަކަށް ހަމައެއް ނުޖެހެވުނެވެ. އަދި ނުވެސް ވާނެއެވެ. ކޮންމެހެން އެނގެން ބޭނުންވާ ކަމެއް ނޭނގެނީހެއް ނުވާނެއެވެ.

“ކަލޭގެ ހުން ވަރަށް ގަދަ.” އެ އަންހެންމީހާ އަމީރާގެ ނިތްކުރީގައި އަތް ބާއްވަމުން ބުންޏެވެ. “އަދި ބޮލުގައި އިން ފާރުގަނޑުވެސް މިހިރީ ވަރަށް ބޮޑަށް ދުޅަވެ، ގޯސްވެފައި.”

އެ ބަސްތަކުން އަމީރާއަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާގެ މޭ ތެޅެމުންދިޔައީ ބާރަށެވެ. “މަގޭ ދަރިން.” އޭނާ އާދޭހާއެކު ސުވާލުކުރިއެވެ. އެ އަންހެންމީހާގެ މޫނުމަތިން ހަމްދަރުދީ ފެނުނެވެ.

“އެކުދިން ސަލާމަތުން އެބަތިބި.” އޭނާ މަޑުމަޑުން ބުންޏެވެ. “އެކުދިން ބަލަހައްޓާނެ މީހުން އެބަތިބި.”

އަމީރާ ހުއްޓުން އެރިއެވެ. އެ ބަސްތައް ސިކުނޑިއަށް ނަގައިގަންނަން ވަގުތުކޮޅެއް ނެގިއެވެ. ސަލާމަތުން. ބަލަހައްޓާނެ މީހުން. ނޭވާ ހަމައަކަށް ނޭޅުނަސް، ކުޑަ ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް ހަމަ އެއާއެކު ޝައްކުތަކެއްވެސް އުފެދުނެވެ.

“ކޮންތާކު؟” އޭނާ ތުރުތުރުލާ އަޑަކުން އެހިއެވެ. “އެކުދިން ތިބީ ކޮންތާކު؟”

އެ އަންހެންމީހާ މަޑުޖެހިލިއެވެ.
ހަމައެކަނި ސިކުންތަކަށެވެ.
ނަމަވެސް އަމީރާއަށް އެކަން ފާހަގަވިއެވެ. އަދި އެ މަޑުޖެހިލުމުން އެ ކުޑަކުޑަ ހިނދުކޮޅުން އޭނާގެ ހިތުގައި ބިރުވެރިކަމުގެ އާ ރާޅެއް އުފެދުނެވެ. އެއީ މިކަހަލަ ތަނެއްގައި “ސަލާމަތުން ތިބުން” އެއީ ކޮންމެ ފަދަ މާނައެއްވެސް ދޭހަވެދާނެ ކަމަކަށް ވާތީއެވެ.

(ނުނިމޭ)

3
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top