އުޑުމަތި ވަނީ ކަޅުބޯ ވިލާތަކުން ބައްދާލާފައެވެ. އިސާހިތަކު ވާރޭ ވެހެން ފަށައިފިއެވެ. ޖެހޭ ރުޅިވެރި ވައިގެ ސަބަބުން ހީވަނީ ގަސްތައް މުލުން ލުހެލަފާނެހެންނެވެ. މި ތޫފާނީ ރޭގައި އަހަރެން އޮތީ ލޮލަށް ނިދި ނައިސްފައެވެ. އަހަރެންގެ ލޮލުން ހޯސްލާފައި ކަރުނަފައިބަމުންދެއެވެ. މިތޫފާނީ ރޭ އަހަރެންގެ ހަޔާތަށް އައިސްފައިވާ ތޫފާން ތަމްސީލު ކުރާކަހަލައެވެ. ނުވަތަ އަހަރެންގެ ހަޔާތަށް އައިސްފައިވާ ތޫފާނީ ކޮޅިގަނޑު އެއަށްވުރެވެސް ބޮޑެވެ.

މިއަދު ހެނދުނުއްސުރެ އަހަރެންވަނީ ގޮތް ނޭނގޭ ބިރުވެރިކަމެއްގެ ތެރޭ ހިތާއި ނަފްސު ގައިދުވެފައެވެ. ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. މިކަން އަހަރެންގެ ފަސް އަހަރަށްދާ ކުޑަ ދަރިފުޅު ޙުޔޫން ވެސް ފާހަގަ ކޮށްފިއެވެ. ޙުޔޫން އާއެކު ވަގުތު ކޮޅެއް ހޭދަކޮށްލެވުމުން ހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ލިބޭނެކަމަށް އުންމީދުކުރެވުނީ މި ފަހަކަށް އައިސް އެ ދަރިފުޅާ އެކީ އަހަންނަށް ހޭދަކުރެވޭ ވަގުތު މަދުވުމުންވެސްމެއެވެ. ވުމާއެކު ހެނދުނުގެ ނާސްތާ އާއެކު އަތިރިމައްޗަށް ދިޔައީމެވެ. އެއާއެކު ޙުޔޫން އުފަލުން ފޮޅިފައިވާ ހާލު ގޮނޑުދޮށުން ބޮލިހޮވަން ފެށިއެވެ. އެ ދަރިފުޅުގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފެނިފައި ބޭއިހްތިޔާރުގައި އަހަންނަށް ހިނިތުންވެވުނެވެ. އެ ހިނިތުން އަބަދުގެ އަބަދަށް އެ ދަރިފުޅުގެ ތުންފަތުގައި ލެއްވުމަށް އެދެވުނެވެ.

“ހަޔާ!” މީހަކު އަހަންނައް ގޮވާލުމުން އަހަރެން ސިހުނެވެ. ދަރިފުޅު ކޮބާތޯ ހޯދާ ބަލާލެވުނެވެ.

“ހަޔާ!”ހަމަ އެއަޑުގެ ވެރިޔާ އަނެއްކާވެސް ގޮވާލިއެވެ. އެއީ ފިރިހެންވަންތަ އަޑެކެވެ. އެއަޑެއްގެ ޖާދޫގައި އެތައް އަންހެން ކުދިން ފިދާ ވާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. ނަމަވެސް އެއަޑު އިވުމުން އަހަރެން ގަތީ ބިރެވެ. ރުޅިއައެވެ. ދެރަވިއެވެ. ޝަކުވާއިން ހިތް ފުރުނެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ނުދެއްކުނެވެ. އަވަސް ހަރަކާތާއެކު ޙުޔޫން ގޮވައިގެން ގެއައް ދާން ހިނގައިގަތީމެވެ.

“ހަޔާ މަޑުކޮށްބަލަ. ތީ އަހަރެންގެ ދަރިފުޅުތަ؟” އަހަރެން ދިޔަ ނުދިނުމަށްޓަކައި އަހަރެންގެ އަތުގައި ހިފުމަށް މަސައްކަތް ކުރަމުން އޭނާ ބުންޏެވެ. އެއާއެކު އަލިފާނަށް ޕެޓްރޯލް އެޅުނުފަދައިން އަހަންނަށް އަހަރެންގެ ރުޅިވެރިކަމެއް ނުހުއްޓުނެވެ. އޭނާގެ މޫނާވީ ފަޅިއަށް އެނބުރުނީމެވެ.

“ހުޔޫ އަކީ ހަމަ އެކަނި އަހަރެންގެ ދަރިއެއް. ލިޔެކިޔުންތަކުވެސް ހުންނާނީ އެހެން. ކޯޓުން ވެސް ކަނޑައެޅީ އެހެން!” ރުޅިވެރިކަމާއެކު އޭނާއަށް އިނގިލިދިއްކޮއްގެން ހުރެ ބުނެލީމެވެ. އޭރުވެސް ޙުޔޫން ވާނުވާ ނޭނގިފައި ފަހަރަކު މީހެއްގެ މޫނަށް ބަލަން ހުއްޓެވެ.

ޙުޔޫން އަތު ހިފައިގެން އަވަސް ފިޔަވަޅުތަކެއް އަޅަމުން ގެއަށް ދިޔައީމެވެ. ގެއާ ހަމައަށް ދެވުމާއެކު ޙުޔޫން ކައިރީ ފިލާވަޅުތައް ދަސްކުރުމަށް ބުނުމަށްފަހު ކޮޓަރިއަށް ދިޔައީމެވެ .އަހަރެންގެ ފަސްފަހަތުން ޙުޔޫން ވެސް ކޮޓަރިއަށް ވަނެވެ. ޔަގީނެވެ. ވެދިޔަ ކަންތަކާ ސުވާލު ކުރާށެވެ. ޙުޔޫން އަހަރެންގެ މޫނަށް ބަލަމުންދިޔައީ ކަމެއް ދިރާސާ ކުރާ ބީދައަކުންނެވެ. ނަމަވެސް ސުވާލު ކުރަން ފަސްޖެހެނީ މިއީ އަހަރެންގެ ފުށުން ދުވަހަކުވެސް ފެނިފައިވާ ސިފައެއްކަމުގައި ނުވާތީއެވެ.

އަހަރެން އެނދުގައި އޮށޯވެލީމެވެ. ފުންނޭވާތަކެއް ދޫކޮށްލެވުނެވެ.

“މަންމީ ކިހިނެއްވީ؟ ބަލީތަ؟ އެއީ ކާކުތަ؟” ދަރިފުޅުގެ ލޯބި ނިޔަނެތި އަޑު އިވުމުން އަހަންނަކަށް ނަފުސު ނުހިފެހެއްޓުނެވެ. އެ ދަރިފުޅު ގައިގައި އޮޅުލައިގަނެވުނެވެ.

“ދަރިފުޅާ ކަމެއްނުވޭ! ދޭ ފިލާވަޅުތައް ދަސްކުރަން.” ދަރިފުޅުގެ ބުރަކަށީގައި ފިރުމާލަމުން ބުނެލީމެވެ. ޙުޔޫން ގަބޫލުނުކުރެވިފައި ފާޑަކަށް ބަލަހައްޓައިގެން ހުއްޓެވެ. އަހަރުމެން ދެމައިންވެސް ސިހިގެން ދިޔައީ މީހަކު ގޭގެ ދޮރުގައި ޓަކި ޖެހުމުންނެވެ. ކުރިމަތީގައި ތިބި މީހުން ފެނިފައި އަހަރެން ހުރީ ނޭވާލާން ހަނދާންނެތިފައެވެ. ހައިރާންވި ވަރުން އަނގަވެސް ހުޅުވިފައި ހުރެވުނެވެ.

ޙުޔޫންއާއި އެކު އަހަރެންވެސް އެމީހުންނާއިއެކު ދިޔުމަށް އެދުނެވެ.

– ނުނިމޭ –

ލިޔުންތެރިޔާގެ ފުރަމަލަ

އާއިޝަތު ޖަނާ ސަމީރު
ޖަނާ އަކީ ވާހަކަ ލިޔުމަށް ޝައުޤުހުންނަ ލިޔުންތެރިއެކެވެ. އެހެން ދާއިރާތަކުގައިވެސް ޖަނާ ހަރަކާތްތެރިވާނެއެވެ.