އަޔާން ގިޓާ ނެގުމާއެކު ވެސް ހީވީ އޭނާގެ ހިތުގެ އެތިކޮޅެއްގައި ބީހިލެވުނުހެންނެވެ. އޭނާ ގިޓާ ހިފައިގެން އައިސް ގޮނޑީގައި އިށީނދެލިއެވެ. އަދި މަޑުމަޑުން ނަރުތަކުގައި ކޮއްޓާލިއެވެ. މަޑުމަޑުން އެ ފުރިހަމަ ރާގަކަށް ބަދަލުވަމުން ދިޔައިރު އޭނާއަށް ބުނެދޭން ނޭނގޭ އިޙުސާސްތަކެއް ކުރެވުނެވެ. ގާތް ނަމަވެސް އޭނައަކަށް އެ ރާގުގެ ހަޤީޤަތަކަށް ވާސިލެއް ނުވެވުނެވެ.
ކެފޭއިން ނުކުތް ޒޯޔާގެ ކަންފަތުގައި އެ ރާގުގެ އަޑު ޖެހުނެވެ. އެއްވެސް އިޚްތިޔާރަކާނުލާ އޭނާ އެ ރާގު އިވޭ އަޔާންގެ ގެލެރީއާ ދިމާލަށް ހިނގައިގަނެވުނެވެ. އެ ރާގުގެ އަސަރު އެހާވެސް ގަދައެވެ. ހިތުގެ ހިމަނާރުތަކާ ކުޅެލާފަދަ ލޯބިވެތި އަސަރެއް އެ ރާގުގައި ހުއްޓެވެ. ދަގަތްފާނަށް ދަގަނޑު ދަމާހެން އިރުކޮޅެއް ވީއިރު ޒޯޔާއަށް ހުރެވުނީ އަޔާންގެ ގާތުގައެވެ. ދެލޯ މަރާލައިގެން އިން އަޔާންއަށް މީހެއްގެ ހިލަން ވެގެން ދެލޯ ހުޅުވާލިއެވެ. ކުރިމަތީގައި ހުރި ލޯގަނޑަކުން ފަހަތުގައި ހުރި ޒޯޔާ ފެނުމުން އަޔާންއަށް ޔަޤީން ނުވެފައި ފަހަތް ބަލާލިއެވެ.
ދެމީހުންގެ ހަތަރުކަޅި ހަމަވެފައި ދެމީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބިއިރު އެ ދެމީހުންނަށްވެސް ތަފާތު އިޙުސާސްތަކެއް ކުރެވެމުން ދިޔައެވެ. ނަމަވެސް އެއީ ކޮންކަހަލަ އިޙުސާސްތަކެއް ކަމެއް އަދި އެ އިޙުސާސްތަކަށް ދޭނެ ނަމެއް ނޭނގުނެވެ. އަދި އެ އިޙުސާސްތަކުގެ މާނައެއްވެސް ނޭނގުނުމެއެވެ.
“ތި ލަވަ.. ތި ލަވަ މީގެ ކުރިން ކޮންމެވެސް ތާކުން އަޑުއެހި ހަނދާނެއްވޭ. ތީގެ ޅެން އެނގޭތަ؟” ޒޯޔާ އޮޅުންފިލުވަން ބޭނުންވެފައިވާ އަޑަކުން ބުންޏެވެ.
“ނޭނގެ. މި ރާގަކީ ވެސް އަހަރެން ގަސްތުގައި ކުޅުނު ރާގެއް ނޫން.” އަޔާން ހައިރާންވެފައި ބުނެލިއެވެ.
“ތި ލަވަ އަހަރެން އަޑުއެހީ ކޮންތާކުން؟ ކޮންއިރަކު ކިހިނެއްބާ؟” ޒޯޔާއަށް މަޑުމަޑުން އަމިއްލަ ނަފުސު ގާތު އަހާހެން އަހާލެވުނެވެ.
“ނޭނގެ.” އަޔާން އަނެއްކާވެސް ބުނެލިއެވެ.
“އަހަރެންގެ ހަނދާނަކަށްވެސް އެއްވެސް އެއްޗެއް ނާދޭ. ކީއްވެބާ ހަނދާން..”
ޒޯޔާ ބުނަން ފެށި ޖުމްލަ މެދުކެނޑުނީ އޭނާގެ މޫނަށް ބަލަން ހުރި އަޔާން ފެނުމުންނެވެ. އެ ދެލޮލުން ކޮންމެވެސް އެއްޗެއް ހޯދަމުންދާ ކަހަލައެވެ. ޒޯޔާވެސް އަޔާންގެ ލޮލަށް ގެއްލޭކަށް ގިނައިރެއް ނުނެގިއެވެ. އެގޮތުގައި އެ ދެމީހުންނަށް ތިބެވުނީ ކިހާ އިރަކު ކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ.
ގެލެރީގެ މަތީ ބަޔަށް އަރައިގެން އައި ނަތާޝާއަށް އަޔާންއާ ޒޯޔާ އެކުގައި ތިބިތަން ފެނުމުން ހައިރާންވެގެން އަނގަ ހުޅުވުނެވެ. އަދި އެ ދެމީހުންގެ ކައިރިއަށް ހުއްޓިލުމުންވެސް އެމީހުންނަށް ރޭކާނުލިއެވެ. ދެމީހުން އެކަކު އަނެކަކުގެ ލޮލުގެ ތެރެއަށް ގެއްލިފައި ތިބިތަން ފެނި ފަހަރަކު މީހެއްގެ މޫނަށް ވަރަށް ފުންކޮށް ބަލާލާފައި، ކަރުކެހިލައި އެމީހުންގެ ސަމާލުކަން ހޯދިއެވެ.
“ވާވް! ތި ދެމީހުން އެކުގައި.. މިތާ؟” ނަތާޝާގެ ހައިރާންކަން އަދިވެސް ނުފިލައެވެ.
ޒޯޔާއަށް ހަދާނެ ގޮތެއް ކުރާނެ ކަމެއް ނޭނގުނެވެ. ކުޑަކޮށް ހިތް ނުތަނަވަސްވެ ފިނިވިއެވެ.
“މީ.. އަހަރެން.. އެއީ.. އެ ރާގު އިވުނީމަ މިތަނަށް އާދެވުނީ. އައިމް ސޮރީ.” އެހެން ބުނުމަށްފަހު މަޑުވެސްކޮށްނުލާ ޒޯޔާ އަވަސްއަވަހަށް ސިޑިން ފައިބައިގެން ދިޔައެވެ.
“އަޖައިބެއް ކަހަލަ ކަމެއް. އެ ހުރިހާ ކަމެއް ހިނގުމަށްފަހުވެސް އޭނާ ކުއްލިއަކަށް މިތަނަށް އެ އައީ. ހަމަ އެހެން ހުރެފައި..” ނަތާޝާ ބުނެލިއެވެ.
“އަހަރެން ގިޓާ ކުޅެން އިނީ. ދެން ކުއްލިއަކަށް އޭނާ..”
“އެ ރާގު އިވިގެން މިތަނަށް ދަމައިގަތީ ދޯ؟ އަޔާން! ތި ކުޅުނީ ކޮންފަދަ ރާގެއްތަ ދުޝްމަނުންވެސް މިތަނަށް އަންނަވަރުގެ. ނިކަން އަހަންނަށްވެސް ތި ރާގު އިއްވާލަބަލަ.” ނަތާޝާގެ އަޑުގައި ދިމާކުރުމުގެ ރާގު ހުއްޓެވެ.
“ފަހުން. އެހެން ފަހަރަކުން ނަތާ.” އެހެން ބުނަމުން އަޔާން ދާން ހިނގައިގަތެވެ.
“އޭތް މިހާރު ކޮންތާކަށް ތިދަނީ؟ މިހިރީ ހެދިކާ.” ނަތާޝާ އަޔާންއަށް ގޮވާލަމުން ބުންޏެވެ.
“މިވަގުތު ބޭނުމެއް ނޫން. ބަނޑުހައެއް ނުވޭ.” އަޔާން އެހެން ބުނުމަށްފަހު އަވަސްއަވަހަށް ސިޑިން ފައިބައިގެން ދިޔައެވެ.
“އަޔާން. އަޔާން.” ނަތާޝާ ގޮވި ނަމަވެސް އަޔާންއަށް އެ އަޑު އިވުނުހެނެއް ހިއެއްނުވެއެވެ.
“އަޖައިބެއް ކަހަލަ ފިރިހެނެއް. އަދި އެހާވަރުން އަހަރެން ހެދިކާ ގަންނަން ފޮނުވާފައި. ހުރެބަލަ. ނުދޭނަން އެންމެ އެތިކޮޅެއްވެސް.” ނަތާޝާ ކުދިކިޔަމުން އައިސް ގޮނޑީގައި އިށީނދެ ހެދިކާ ކާން ފެށިއެވެ.
**********
މެންދުރު ފަހުގެ ވަގުތެވެ. ޒޯޔާ އިނީ ފައިސަލްގެ ކެބިންގައެވެ. ފައިސަލް ވެސް އޭނާގެ ގޮނޑީގައި އިންއިރު ކުޑަ މަސައްކަތެއްގެ ނިންމާލަން ފަސް ވަރަކަށް މިނެޓު ދިނުމަށް އެދުނެވެ. ޒޯޔާ އިނީ އިންތިޒާރުގައެވެ. އޭނާ ދައްކަން އައި ވާހަކަ ދައްކާނެ ގޮތަކާމެދު ވިސްނަން އިނީއެވެ. އޭނާގެ ބޮލުގައި ރިއްސާތާ މިހާރު ދެ ދުވަސް ވީއެވެ. ބޭހަކުން ނުގުޑާ އެ ބޮލުގެ ރިހުމަށް އޮތް ހަމައެކަނި ހައްލަކީ އޭނާގެ މާޒީގެ ހަނދާންތައް އެނބުރި އައުމެވެ. ނަމަވެސް އެކަން ވާނީ މީހަކު އޭނައަށް ހަޤީޤަތް ކިޔައިދީގެންނެވެ.
ފައިސަލް މަސައްކަތް ނިންމާލުމަށްފަހު ޒޯޔާއަށް ސަމާލުކަން ދިނެވެ. އަދި ވާހަކަ ކުރިއަށް ގެންދިއުމަށް އެދުނެވެ.
“ފައިސަލް. އަހަރެން އެހާ ހާސަރު ދަމާކަށް ބޭނުމެއް ނޫން. ސީދާ ޕޮއިންޓަށް ދަމާ ދޯ. ފައިސަލް. އަހަންނަށް އެނގޭ އަހަރެން މީގެ ކުރިންވެސް އެތައް ފަހަރަކު މި ސުވާލު ކޮށްފިންކަން. އަދި ތި އެންމެން މިކަމާ ބެހޭގޮތުން ވާހަކަ ދައްކަން ބޭނުން ނުވާކަންވެސް އެނގޭ.” ޒޯޔާގެ ވާހަކައިން ފައިސަލްގެ މޫނުމަތީގައިވި ހިނިތުންވުން ފަނޑުވިއެވެ.
“ފައިސަލް. އާދޭސްކޮށްފައި ބުނަން. އަހަންނަށް އަހަރެންގެ މާޒީއާ ބެހޭގޮތުން ކިޔައިދީބަލަ. ތިއީ އަހަރެންގެ ހުރި ހަމައެކަނި އެކުވެރިޔާ. އަހަރެންގެ ފާއިތުވެދިޔަ ދިރިއުޅުން އެނގުމަކީ އަހަންނަށް ކިހާ މުހިންމު ކަމެއްކަން ފައިސަލްއަށް އެނގޭނެ. ފައިސަލް. އަހަރެން ނުވިސްނަން އުޅުނަސް ވިސްނެނީއޭ. އަހަރެންގެ މާޒީއާމެދު ވިސްނުން ހުއްޓާނުލެވޭހާ ހިނދަކު، އަހަންނަކަށް ކުރިއަކަށް ނުދެވޭނެޔޭ. މާޒީއާ ދޭތެރޭ ވިސްނުން ހުއްޓާލެވޭނީ އަހަންނަށް މާޒީ އެނގިގެން. އަހަންނަށް އެހީވެދީ. ޕްލީޒް.” ފައިސަލްގެ އަތުގައި ހިފާލަމުން ޒޯޔާ އާދޭސްކުރިއެވެ.
ފައިސަލް މަޑުމަޑުން ޒޯޔާގެ އަތުތެރެއިން އޭނާގެ އަތް ދަމައިގަތެވެ. ބޭނުންވިޔަސް އެއީ ކުރަން ކިހާ ބޮޑު ކަމެއްކަން އެނގެނީ ހަމަ އޭނާއަށެވެ. އެކަމުގެ ބޮޑުކަން ޒޯޔާއަކަށް އިޙުސާސެއް ނުކުރެވެއެވެ.
“ޒޯޔާ. ޒޯޔާ ތިކަމާ ވިސްނާ ވަރަށް އަހަރެންވެސް ވިސްނަން. ޒޯޔާގެ މާޒީ އެނގުމަކީ ކިހާ މުހިންމު ކަމެއްކަން އަހަންނަށް އެނގޭ. އަދި ތިކަމާ ދޭތެރޭ ޒޯޔާ ކުރާ އުންމީދުވެސް އެނގޭ. އެންމެ ގާތް އެކުވެރިޔާގެ ހައިސިއްޔަތުން އަހަރެން ޒޯޔާއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ޖެހޭނެ ދޯ.” ފައިސަލް އެހިސާބަށް ބުނެފައި ޒޯޔާއަށް ވަރަށް ފުންކޮށް ބަލައިލިއެވެ. ޒޯޔާ ބޯޖަހާލީ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ.
“އެކުވެރިއެއްގެ ހައިސިއްޔަތުން ކިޔައިދޭން ބޭނުންވިޔަސް، ޑޮކްޓަރެއްގެ ހައިސިއްޔަތުން އަހަންނަށް ޒޯޔާގެ މާޒީއާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭނެ. އަހަރެން ބިރުގަނޭ ޒޯޔާ. މީގެ އަހަރެއް ކުރިން އެ ހާދިސާ ހިނގައި، ޒޯޔާ ހޭއަރައި ރަނގަޅުވެލުމުން އަހަރެން ޒޯޔާގެ މާޒީގެ ވާހަކަ ކިޔައިދޭން އުޅުނިން. އެނގޭތަ އޭރު ކަންތައް ވީގޮތް؟ ޒޯޔާގެ ބޮލުގައި ރިއްސަން ފެށިގޮތަށް ގޮސް ހޭނެތުނީ. ފާއިތުވި އެއް އަހަރު ތެރޭގައި އަހަރެން އެކި ގޮތްގޮތަށް އެކި ފަހަރު މަތިން މަސައްކަތް ކުރިން. އެކަމަކު ޒޯޔާއަށް ކަމެއް ވެދާނެތީ އަހަރެން ބިރުގަނޭ. އަހަރެން ބޭނުމެއް ނޫން އެއްވެސް ރިސްކެއް ނަގާކަށް. ކުޑަމިނުން، އެވަރުގެ ސްޓްރެސްއެއް ޒޯޔާއަށް ތަހައްމަލު ކުރެވޭވަރު އެބަހުރިކަން އަހަންނަށް ޔަޤީންވަންދެން އަހަންނަށް މަޑުކުރަން އެބަޖެހޭ.” ފައިސަލް ވަރަށް ސާފުކޮށް ބުނެދިނެވެ.
“އެކަމަކު ފައިސަލް. އަހަރެން..”
“ޒޯޔާ އަހަންނަށް އިތުބާރު ކުރަންތަ؟” ޒޯޔާގެ ޖުމްލަ މެދުކަނޑާލަމުން ފައިސަލް އަހާލިއެވެ. ޒޯޔާ ބޯޖަހާލިއެވެ.
“އެހެންވިއްޔާ އަހަރެން ބުނާގޮތް ހަދަންވާނެ. ޒޯޔާ. މާޒީ ހޯދަން މަސައްކަތްކުރުން ހުއްޓާލާ. އަދި މާޒީ އަމިއްލައަށް ޒޯޔާ ހޯދައިގެން އަންނާނެ ދުވަހަކަށް އިންތިޒާރުކުރޭ.” ފައިސަލް ޒޯޔާގެ އަތުގައި ހިފާލަމުން ވަރަށް އޯގާތެރިކަމާއެކު ބުންޏެވެ.
ޒޯޔާއަށް ފައިސަލްގެ އަތުތެރެއިން އަތް ދަމައިގަނެވުނެވެ. އޭނާގެ ދެލޮލުން ފޭބި ކަރުނަތައް ފޮހެލަމުން އަތްދަބަސް ކޮނޑުގައި އަޅުވާލިއެވެ. އަދި އެތަނުން ނުކުންނަން ދިޔައީ ފައިސަލް ގޮވަގޮވާ ހުއްޓައެވެ. ހިތްހަމަނުޖެހުނު ނަމަވެސް ޒޯޔާ ނިންމީ އިތުރު އެއްޗެކޭ ނުބުނާށެވެ. އިތުރަށް އާދޭސް ނުކުރާށެވެ. އޭނާ ހިތާހިތުން އަޒުމެއް ކަނޑައެޅިއެވެ. ދެން އޭނާ ދުވަހަކުވެސް އޭނާގެ މާޒީއާ ބެހޭގޮތުން އެކަކާވެސް ސުވާލެއް ނުކުރާނެއެވެ.
**********
ޒޯޔާ ގެއަށް ދިޔައިރު ވެސް އޭނާގެ ކަންފަތުގައި މިއަދު ހެނދުނު އިވުނު ރާގު ގުގުމަމުން ދިޔައެވެ. އޭނާ ވިސްނާ ވިސްނާވެސް އެ ލަވަ ހަނދާނަކަށް ނައެވެ. އެކަމަކު އެއީ އޭނާ އަޑުއެހި ލަވައެއްކަން އޭނާއަށް ޔަޤީންކޮށް ބުނަން އެނގެއެވެ. ވިސްނާ ވިސްނާ އޭނާގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަމުން ދިޔައެވެ.
ޒޯޔާ ސިޑިން އަރަމުން ގޮސް ވަކި ހިސާބަކުން ހުއްޓުނެވެ. އަދި ދެއަތުން ބޮލުގައި ހިފަހައްޓާލިއެވެ. އިރުކޮޅަކު މަޑުކޮށްލައިގެން ހުރެފައި އަނެއްކާވެސް ސިޑިން އެރީ ބޮލަށް ލުއިވެލުމުންހެން ހީވެއެވެ. ޒޯޔާ ކޮޓަރިއަށް ވަދެވުމާއެކު ދޮރު ލައްޕާލިއެވެ. ނަމަވެސް އޭނާއަށް ޑްރެސިން ޓޭބަލާއި ހަމައަށް ދެވުނުތަނާ އަނެއްކާވެސް ބޮލުގެ ރިހުން އިތުރަށް ގަދަވިއެވެ. ކެތްނުވާވަރު ވެގެން އޭނާއަށް ގޮނޑީގައި އިށީނދެވުނު ވަގުތު އޭނާ އަތުން ޖެހިފައި ޑްރެސިން ޓޭބަލް މަތީ ހުރި ސެންޓު ފުޅި ވެއްޓި ތަޅައިގެން ދިޔައެވެ.
“ރަފިއްޔާ. ކޮން އަޑެއް؟” ސިޑި ކައިރީ މައްޗަށް ބަލަހައްޓައިގެން ހުރި ރަފިއްޔާ ފެނުމުން ކޮޓަރިން ނުކުތް ކާގެއިން ނުކުތް އާފިޔާ އަހާލިއެވެ.
“ޒޯޔާ އައީތަ؟” އާފިޔާ އެހިއެވެ.
“އާނ. ޒޯޔާގެ ހާލަތު އެހާ ރަނގަޅުހެން..” ރަފިއްޔާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް އާފިޔާ ސިޑިން އަރަން ދުއްވައިގަތެވެ.
“ޒޯތާ. ދަރިފުޅާ. ކިހިނެއްވީ؟” ކޮޓަރިއަށް ވަން ވަގުތު ޒޯޔާގެ ހާލަތު ފެނިފައި އާފިޔާ އައިސް އަވަސްއަވަހަށް އެހިއެވެ. އޭރުވެސް ޒޯޔާ ދެއަތުން ބޮލުގައި ހިފަހައްޓައިގެން ވޭނަށް ކެތްކުރެވޭތޯ މަސައްކަތް ކުރަނީއެވެ.
“މަންމާ. މިއަދު އަހަންނަށް އިވުނު ރާގެއް ތަކުރާރުކޮށް އަހަރެންގެ ކަންފަތުގައި ގުގުމަނީ. މަންމާ. އަހަރެން އެ ލަވަ ހަނދާން ކުރެވޭތޯ ވަރަށް މަސައްކަތް ކޮށްވެސް ހަނދާނަކަށް ނައި. އަހަރެން އެ ލަވަ ހަނދާން ނުވަނީ ކީއްވެގެންތަ؟ މީގެ ކުރިން އަހަރެން އެ ލަވަ އަޑުއެހީމޭ. މަންމާ. އާދޭސްކޮށްފައި ބުނަން. އަހަންނަށް އެހީވެދީ. އަހަރެންގެ ބޯ ފަޅައިގެން ހިނގައިދާނެ.” ޒޯޔާ ރޮމުން ބުންޏެވެ.
އާފިޔާ ހުރީ ގޮތް ހުސްވެފައެވެ. ޒޯޔާ އެ ކިޔާ އެއްޗެއް އޭނާއަކަށް އެއްގޮތަކަށްވެސް ނުވިސްނެއެވެ.
“ކޮން ލަވައެއް؟ ކޮން ރާގެއް؟”
“މަންމާ. އަހަންނަކަށް ނޭނގެ. އެކަމަކު އެ ރާގު އިވުނީމަ މާޒީގެ ހަނދާންތަކެއްހެން ސިފަވީ.” ޒޯޔާ ބުންޏެވެ.
“އަޅެ ހިނގާބަލަ މަންމައާއެކު.” ޒޯޔާ ގޮނޑިން ނަގަމުން އާފިޔާ ބުނެލިއެވެ. އަދި އޭނާ ގައިގައި ބައްދާލައިގެން އެނދާ ދިމާލަށް ގެންދިޔައެވެ.
“ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.” އާފިޔާ ބުންޏެވެ.
“އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ! ތިހެން އަހަރެން ހައްދައިގެން އަދި ކިތައް ދޮގު މަންމަ ހަދާނަންތަ؟ އަހަންނަށް ދުވަހަކުވެސް އެއްވެސް ކަމެއް ހަނދާނެއް ނުވާނެ. އަދި މަންމަމެން އަހަރެން އެ ކަންކަން ހަނދާންވިޔަކަ ވެސް ނުދޭނެ.” ޒޯޔާ ހަޅޭއްލަވައިގަތެވެ. އޭނާގެ ކެތްތެރިކަން ކޮޅުންލީއެވެ.
“އެކަންކަން ހަނދާންކޮށްގެން ކުރާނީ ވަކި ކީއް؟ އަހަރެމެން މިއީ ދަރިފުޅުގެ ހަޤީޤަތަކީ. ތަނަކުން ރާގެއް އިވިގެން ތިހާ ކަންބޮޑުވެގެން ތި އުޅެނީ ކީއްވެ؟” އާފިޔާ އެހިއެވެ.
“މަންމާ. އެއީ ހަމަ ތަނަކުން އިވުނު ރާގެއް ނޫން. އެ ރާގު އިވުނީމަ އަހަންނަށް ތަފާތު އިޙުސާސްތަކެއް ކުރެވުނު. އެއީ އަހަރެންގެ މާޒީގެ ބައެއް ކަހަލަ. މަންމާ، މިހެން ދިރިއުޅެއުޅެ އަހަރެން ވަރުބަލިވެއްޖެ. އަހަރެން އެއްވެސް ކަމެއް ހަނދާނެއް ނުވޭ. ނުވިސްނަން އުޅުނަސް ވިސްނަން މަޖުބޫރުވާ ކަހަލަ ކަންކަން ވަނީ. މަންމަމެން އަހަންނަށް ހަޤީޤަތް ކިޔައިދީ. ނޫނީ އަހަރެން މޮޔަވެދާނެ. އަހަރެންގެ ބޯ ފަޅައިގެން ދާވަރުވޭ. އަހަރެން މޮޔަވެދާނެ.. މޮޔަވެދާނެ.. މޮޔަ..” ޒޯޔާގެ އަޑު މަޑުވަމުން މަޑުވަމުން ގޮސް އޭނާ ހޭނެތިގެން އެނދުމައްޗަށް ވެއްޓުނެވެ.
(ނުނިމޭ)
