ސަންތި މަރިޔަނބު
ސާރާގެ އަޑު މަޑުވިއެވެ. “ގަދީމީ ވާހަކަތަކުގައި އަބަދުވެސް ހުރަސްކޮށްގެން ނުވާނެ ރޮނގެއް އޮވޭ.” މައިންބަފައިން އެއްޗެއް ނުބުނެ ތިއްބެވެ. ސާރާ ކުރިއަށް ގެންދިޔައެވެ. “އެމީހުން ބުނަނީ މާ ފުންކޮށް ހޯދަން އުޅެފިނަމަ.. މާ ގިނަ ސުވާލު ކޮށްފިނަމަ.. ދާން ނުޖެހޭ ތަންތަނަށް ގޮސްފިނަމަ..” ސާރާގެ މޭ ތެޅެން ފެށިއެވެ. “ހަމައެކަނި ޖަވާބެއް ނޫން ލިބޭނީ.” ވަގުތުކޮޅަކަށް ހުއްޓާލިއެވެ. “ތިމާގެ ހަޤީޤަތްވެސް އެފަރާތަށް ފެންނާނެ.”
ކުއްލިއަކަށް ބޮކިތައް ނިވިދިއްލެން ފެށިއެވެ. އަދި ކޮޓަރީގައި ހުރި މެޝިންތަކުގެ އަޑު ގަދަވިއެވެ. މަންމަ އަދި ބައްޕަ އަތުގައި އޮތް ފޯނު ބަލާލިއެވެ. މަންމަ އަވަހަށް ކުރިއަށް ޖެހިލިއެވެ. “އަހަރެމެން މިކަން މިހާރު ނިންމަން އެބަޖެހޭ. ސޯފީގެ ހަރަކާތްތައް އަވަސްވެއްޖެ!”
އެމީހުންނަށް ދުވެފައި ގޮސް ކިރިޔާ އެ ކޮޓަރިއަށް ވަދެވުނީ.. ހަމަ އެވަގުތު ސޯފީގެ ހަށިގަނޑަށް ބަދަލުތަކެއް އައެވެ. މޮނިޓަރުތަކުން ފެންނަ ނިޝާންތައް ކުއްލިއަކަށް މައްޗަށް ދިޔައެވެ. އޭނާގެ އިނގިލިތައް ބާރަށް ތެޅިގަތެވެ. ސޯފީގެ ދެލޯ އަދިވެސް ހުރީ މެރިފައެވެ. އެކަމަކު އެސްފިޔަތައް ވަރަށް ބާރަށް ހަރަކާތް ކުރަމުން ދިޔައެވެ. ހުވަފެނެއް ފެންނަނީ ނޫނީ ކޮންމެވެސް ހަނގުރާމައެއް ކުރަނީއެވެ.
ސާރާ އަވަހަށް ސޯފީއާ ދިމާލަށް އެނބުރުނެވެ. “ސޯފީ.” އޭނާގެ އަޑުގައި ކުއްލި ކަންބޮޑުވުމެއް ހުއްޓެވެ. “ކޮންމެ ހަނގުރާމައަކާ ކުރިމަތިލަނީ އަހަރުން ދެމީންނުން.” ކުއްލިއަކަށް ބޮކިތައް މުޅިން ނިވިއްޖެއެވެ. ކޮޓަރިއަށް ގަދަ އަނދިރިކަން ވެރިވިއެވެ. އަދި އެ އަނދިރިކަމުގެ ތެރެއިން ސިއްރު އަޑެއް އިވުނެވެ. އެއީ މައިންބަފައިންގެ އަޑެއް ނޫނެވެ. އެ ކޮޓަރީގެ ތެރެއިން އައި އަޑެއްވެސް ނޫނެވެ. އެކަމަކު އެއީ މާ ފުން، މާ ދުރު ތަނަކުން އައި އަޑެކެވެ. ނުފެންނަ، ގަދީމީ، ބަލަހައްޓައިގެން ހުރި ފަރާތެއްގެ އަޑެވެ.
“ބައެއް ދޮރުތަކަކީ..” އެ އަޑު މަޑުމަޑުން ގުގުމާލިއެވެ. “ދުވަހަކުވެސް ހުޅުވަންޖެހޭނެ ދޮރުތަކެއް ނޫން.”
ސާރާ ގަނޑުވިއެވެ. މިފަހަރު އެއީ ސޯފީއެއް ނޫނެވެ. އަދި އެއީ ހުވަފެނެއްވެސް ނޫނެވެ. އިވުނު އަޑުގެ ވާހަކަ ސާރާ އޭނާގެ މައިންބަފައިންނަކަށް ކިޔައެއް ނުދެއެވެ. އެ އަޑުގެ ވާހަކައެއް، އެ އަނދިރިކަމުގެ ވާހަކައެއް އަދި އެ ދިން އިންޒާރުގެ ވާހަކަވެސްމެއެވެ. ބައެއް ކަންކަމަކީ.. އެހެން މީހުންނާ ހިއްސާކުރާ ކަންކަމެއް ނޫނެވެ. އަމިއްލައަށް އެކަމުން ސަލާމަތްވާންޖެހޭ ކަންކަމެވެ.
އެރޭ، އާދަޔާ ޚިލާފަށް މާ ކުރިން ސޯފީގެ ކޮޓަރިއަށް ސާރާ ދިޔައެވެ. މިފަހަރު އޭނާގެ ދައްތައަށް ބަލަން ހުރި ވަގުތު މާ ބޮޑަށްވެސް ދިގުވިއެވެ. “ދައްތައަށްވެސް އެކަން އިޙުސާސްވީ ދޯ؟” އޭނާ މަޑުމަޑުން ބުންޏެވެ. ސޯފީ އޮތީ ހަރަކާތެއް ނެތިފައެވެ. ނަމަވެސް ސާރާއަށް މިހާރު ކަންކަން އެނގެއެވެ. ފެންނަ ހުވަފެންތައް ބަދަލުވަމުންދަނީއެވެ. އަދި އެއާއެކު އެމީހުންވެސްމެއެވެ.
ސާރާ ފޮތް ހަރުގަނޑާ ދިމާއަށް މަޑުމަޑުން ހިނގައިގަތެވެ. އޭނާއަށް ފަރިތަ ފޮތްތަކުގެ މަތީގައި އިނގިލިތައް ހާކަމުން ދިޔައެވެ. ކަނޑުފޭރޭ މީހުންނާއި ކުރީގެ ހުރި ހިތްވަރުގަދަ މީހުންގެ ވާހަކަތަކެވެ. ކަނޑުގެ މަޚްލޫޤުންނެވެ. ނަމަވެސް މިރޭ.. އޭނާ އިޚްތިޔާރުކުރީ މުޅިން ތަފާތު އެއްޗެކެވެ. އޭނާ ކުރިން ދުރުހެލިވެފައިވާ އެއްޗެކެވެ. ސާރާގެ އަތް އެ ފޮތާ ދިމާލަށް ހުއްޓުނެވެ. ދެން މަޑުމަޑުން އެ ފޮތް ނެގިއެވެ.
އެ ފޮތް އޭނާގެ އަތަށް ބަރުހެން ހީވެއެވެ. ނަމަވެސް އެއީ އަތަށް އިޙުސާސްވާ ބަރުދަނެއް ނޫނެވެ. އޭނާގެ ހިތަށް ކުރާ ބަރުކަމެކެވެ. މިފަހަރު ސާރާ ވާހަކަ ކިޔައިދޭން ފެށީ އަވަސް އަރުވާލައިގެންނެއް ނޫނެވެ. ސޯފީގެ ކައިރީގައި މަޑުމަޑުން އިށީނދެލައިގެން، އޭނާގެ މޭމަތި ތިރިވެ އަރަމުންދާ މަންޒަރަށް ބަލަން އިރުކޮޅަކު އިނެވެ. ފުން ވިސްނުމެއްގައެވެ. ބުނާނެ ބަސްތައް ވަރަށް ފަރުވާތެރިކަމާއެކު އިޚްތިޔާރު ކުރަމުންނެވެ.
“މިރޭ..” އޭނާ މަޑުމައިތިރިކަމާއެކު ފެށިއެވެ. “މިރޭ އަހަރެން ކިޔައިދޭން މިއުޅެނީ މިތަނުގެ ކޮންމެ ކުއްޖަކުވެސް ބޮޑުވަމުންދާއިރު އަޑުއަހާ ވާހަކައެއް.”
ސާރާ ކުޑަކޮށް މަޑުޖެހިލިއެވެ.
“ބުނެވޭ ގޮތުގައި އޭނާ އަންނަނީ ރޭގަނޑު.”
ސާރާގެ އަޑު މަޑުވިއެވެ. އިޚްތިޔާރަކާ ނުލައި އޭނާއަށް ބުނެވުނެވެ.
“ސަންތި މަރިޔަނބު..” އޭނާ ކުޑަކޮށް މަޑުޖެހިލިއެވެ. “އެކަމަކު އޭގެ އަސްލު މާނަ އެންމެންނަކަށް ނޭނގޭ.”
އޭނާގެ އިނގިލިތަކުން ފޮތުގެ ޞަފުހާގެ ކައިރިފަށުގައި ފިރުމާލިއެވެ. “ސަންތި މަރިޔަންބު..”
ބޭރުން، ދިގު ކުޑަދޮރުތަކުން ފާޅުވާ ހަނދުގެ ރިހި އަލިކަން ތަޅުންގަނޑުމައްޗަށް އެޅިފައި އޮތެވެ. ރީތި، ފުރިހަމަ ހަނދުވަރެކެވެ. ސާރާއަށް އެކަން ފާހަގަވިއެވެ. އަދި އޭނާގެ އަޑު އިތުރަށް މަޑުކޮށްލިއެވެ.
“ބުނެވޭ ގޮތުގައި އޭނާ އަންނަނީ ހަމައެކަނި މިކަހަލަ ރޭރޭ.”
މަޑުމަޑު ނޭވާއެއް ދޫކޮށްލިއެވެ. “ސާދަވިލޭރޭ ފަދަ ހަނދުވަރުދޭ ރޭރޭ.”
ކޮޓަރީގެ ތެރޭގައި ފިނިކަމެއް އިޙުސާސްވާން ފެށިއެވެ. “ކުދިން ނިދާފައި ތިބޭ ގެތަކަށް އޭނާ ވަންނަނީ ހިމޭންކަމާއެކު..” ސާރާ ސޯފީއަށް ބަލާލިއެވެ. “އަދި އޭނާގެ އަތުގައި ގޯންޏެއް އޮވޭ.”
މަޑުޖެހިލުމަކަށްފަހު ބުންޏެވެ. “އެއީ ދަތުން ފުރިފައިވާ ގޯންޏެއް.”
ފަހަތުން މެޝިންތަކުގެ އަޑު މެދުކެނޑުމެއްނެތި އިވެމުންދިޔައެވެ. ނަމަވެސް ސާރާގެ އަޑު ކުރިއަށްވުރެ ވެސް މަޑުވިއެވެ. “ދަތް ނުއުނގުޅާ ކުދިންނާއި، ބަސްނާހާ ކުދިން އޭނާ ޗެކްކުރޭ..” ކުޑަ އަލިކަމެއް ފާޅުވެލިއެވެ. “އަދި އެކުދިންގެ ދަތްތައް ހަޑިނަމަ..” އޭނާ ކަރުތެރެ ހިއްކާލަމުން ބުންޏެވެ. “އޭނާ އެ ދަތްތައް އުފުރާލާ.”
ވަރަށް ގިނައިރު ވަންދެން ހިމޭންވެފައި އިނުމަށްފަހު، ސާރާ ވިސްނުންތެރިކަމާއެކު ބުންޏެވެ. “އެކަމަކު.. އެ ކުއްޖަކީ ހިމޭނުން ހުންނަ ކުއްޖެއްނަމަ..” އޭނާގެ ލޮލުން އޯގާތެރިކަން ފާޅުވިއެވެ. “އޭނާ އެ ދަތްތައް ބަދަލުކޮށްދޭ. އާ ރަން ދަތްތަކަކުން.”
ސާރާ ފޮތް ބައިކުޅަބަޔަށް ލައްޕާލިއެވެ. “މިއީ ކުދިންނަށް އަދަބު އަޚްލާޤު ދަސްކޮށްދޭން ކިޔައިދޭ ވާހަކައެއް.” އޭނާ މަޑުމައިތިރިކަމާއެކު ބުންޏެވެ. “ސާފުތާހިރުކޮށް ހުރުމަށާއި ހިމޭނުން ހުރުމަށް. އެކަމަކު..” އޭނާގެ އަޑުގެ ރާގަށް ބަދަލެއް އައެވެ. “ނޫނީ ފަހަރެއްގައި.. މިއީ އެހެން ކަމެއް ދަސްކޮށްދޭ ވާހަކައެއް.”
ބޮކީގެ އަލި ކަނިޖަހާލިއެވެ. އަދި މުޅި ދުނިޔެ ބަދަލުވާން ފެށިއެވެ. ކުއްލިއަކަށް ކޮޓަރީގެ ތެރެއަށް ބަދަލެއް އައި ފަދަ އިޙުސާސެއް ކުރެވުނެވެ.
ކޮޓަރީގެ ބައްތިތައް ކުޑަކޮށް ފަނޑުވެލިއެވެ. ސާރާއަށް އެންމެ ފުރަތަމަ ފާހަގަވީ އަލިކަމެވެ. ރިހިކުލައިގެ، މަޑު، އާދަޔާ ޚިލާފު އަލިކަމެކެވެ. މުޅި ދުނިޔެ އޮތީ ހަނދުވަރުގެ ތެރެއަށް ގެނބިފައެވެ. އެއީ ހިމޭން ރަށެއްގެ އަވަށެކެވެ. މަޑުމައިތިރި، އެއްވެސް އަޑެއްބަޑެއް ނެތް ތަނެކެވެ. މާބޮޑަށް ވެސް ހިމޭނެވެ.
“ސޯފީ؟” ސާރާ މަޑުމަޑުން ގޮވާލިއެވެ. “އަހަރެން މިހުރީ.” ސާރާ އެނބުރި ބަލާލިއިރު ސޯފީ ހުރީ އޭނާގެ ކައިރީގައެވެ. ނަމަވެސް ސޯފީގެ ނަޒަރު ހުރީ ކުރިމައްޗަށް ހުއްޓިފައެވެ.
“މާ ބާރަށް ވާހަކަ ނުދައްކާ.” ސޯފީ މަޑުމަޑުން ބުންޏެވެ. ސާރާ ކުޑަކޮށް ނުރުހުންވެފައި އަހާލިއެވެ. “ކީއްވެ؟”
ސޯފީ ޖަވާބެއް ނުދެއެވެ. އޭގެ ބަދަލުގައި އޭނާ އިޝާރާތްކުރީ ކުޑަ ގެއަކަށެވެ. އެގޭގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ސާރާގެ ހިތް ބާރަށް ތެޅެން ފެށިއެވެ. އެތެރެއިން މަޑު އަޑެއް އިވެމުންދިޔައެވެ. “ކްލިންކް.. ކްލިންކް..”
ސާރާ ހުއްޓުން އެރިއެވެ. “ނޫން..” އޭނާ މަޑުމަޑުން ބުންޏެވެ. އެމީހުން ވަރަށް ފަރުވާތެރިކަމާއެކު ގާތަށް ޖެހިލިއެވެ. އަދި ދޮރުން އެތެރެ ބަލާލިއިރު، އެމީހުންނަށް އޭނާ ފެނުނެވެ. ނިދާފައި އޮތް ކުއްޖެއްގެ ކައިރީގައި އޭނާ އިށީނދެލައިގެން އިނެވެ. ހަމަޖެހިލައިގެން، އަވަސްއަރުވާލުމެއް ނެތިއެވެ. އޭނާގެ ކައިރީގައި ގޯންޏެއް އޮތެވެ. އޭނާ ހަރަކާތްކޮށްލާ ކޮންމެ ފަހަރަކު “ކްލިންކް” އަޑު އިވެއެވެ. އެއީ ދަތްތަކެވެ.
“ސަންތި މަރިޔަންބު..” ސާރާގެ ނޭވާ ކުރުވާން ފެށިއެވެ. “އޭނާ އެ ކުއްޖާއަށް އަނިޔާއެއް ނުކުރޭ.” ސާރާ މަޑުމަޑުން ބުންޏެވެ. “ނޫން.” ސޯފީ ހަމަހިމޭންކަމާއެކު ބުންޏެވެ.
އެމީހުން ބަލަން ތިއްބާ، އެ ސޫރަ އެ ކުއްޖާއާ ގާތަށް ޖެހިލިއެވެ. ވަރަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. ވަރަށް އޯގާތެރިކަމާއެކުގައެވެ. ދެން އޭނާ އަތް ދިއްކޮށްލިއެވެ. ކުއްޖާ ކުޑަކޮށް ގުޑާލި ނަމަވެސް، ހެއެއް ނުލައެވެ. ރޮއެއް ނުގަނެއެވެ. ވާހަކައެއް ނުދައްކައެވެ. ހިމޭންކަމެވެ.
އެ ސޫރަ ކުޑަކޮށް މަޑުޖެހިލިއެވެ. އަދި ވަރަށް ލަސްލަހުން، އެއްޗެއް އަލުން ލައްވައިދިނެވެ. ގޯނި ގުޑާލުމާއެކު “ކްލިންކް” އަޑު އިވުނެވެ.
“އޭނާ އެއްޗެއް ނުއެއް ގެންދޭ..” ސާރާ މަޑުމަޑުން ބުންޏެވެ. “އޭނާ އެ ބަދަލުކޮށްދިނީ.” ސޯފީ ބުންޏެވެ.
އެ ސޫރަ ހުއްޓުނެވެ. އަދި ވަރަށް ލަސްލަހުން، އެމީހުން ތިބި ދިމާއަށް ބޯ އަނބުރާލިއެވެ. ސާރާގެ ނޭވާ ހުއްޓުނު ކަހަލައެވެ. “އޭނާއަށް އަހަރެމެން ފެނިއްޖެ.” ސޯފީ، ސާރާގެ އަތުގައި ވަރަށް ބާރަށް ހިފެހެއްޓިއެވެ. “ވާހަކަ ނުދައްކާ.” އެ ސޫރަ ތެދުވިއެވެ. ގޯނި ބިންމަތީގައި ދަމަމުން އޭނާ އަންނަން ފެށިއެވެ. “ކްލިންކް.. ކްލިންކް..” ފިޔަވަޅަކަށްފަހު ފިޔަވަޅެއް އެމީހުންނާ ގާތަށް ޖެހެމުންދިޔައެވެ. ބާރަކަށް ނޫނެވެ. ނުރައްކާތެރި ގޮތަކަށްވެސް ނޫނެވެ. ނަމަވެސް ޔަގީންކަމާއެކުގައެވެ.
“މީގެ މާނައަކީ ކޮބައިބާ؟” އޭނާގެ ހިތަށްއެރިއެވެ. ހުވަފެނެއް؟ ނިޝާނެއް؟ މެސެޖެއް؟ ދަތްތައް.. ގެންދިއުން.. ބަދަލުކުރުން.. ހިމޭންކަން..
ސާރާގެ ސިކުނޑީގައި ޚިޔާލުތައް އެނބުރެން ފެށިއެވެ. “ކޮން އެއްޗެއްބާ ގެންދިޔައީ؟” އޭނާގެ ހިތުގެ އަޑު ތުރުތުރުލަމުން ދިޔައެވެ. “އަދި ބަދަލުގައި ދިނީ ކޮން އެއްޗެއްބާ؟”
ކުއްލިއަކަށް އޭނާއަށް ހަޤީޤަތް ވިސްނުނެވެ. “ސޯފީ..” ސޯފީ އޭނާއަށް ބަލާލިއެވެ. “އެމީހުން ހަމައެކަނި ކަލެއަށް އަނިޔާކުރީކީ ނޫން..” ސާރާގެ ލޮލުން ބިރުވެރިކަން ފާޅުވިއެވެ. “އެމީހުން ކޮންމެވެސް އެއްޗެއް ބަދަލުކޮށްފި.”
އެ ސޫރަ އައިސް އެމީހުންގެ ކުރިމައްޗަށް ހުއްޓުނެވެ. އެއީ އޭނާގެ ލޯ ސާރާއަށް ފެންނަހާ ގާތެވެ. އެ ލޮލުގައި އެއްވެސް ދިރުމެއް ނެތެވެ. ނަމަވެސް ހުރިހާ ކަމެއް އެނގޭ ކަހަލައެވެ. އަދި މަޑުމަޑު ތޫނު އަޑަކުން ބުންޏެވެ: “ހިމޭނުން ހުރޭ.. އޭރުން ދިން އެތި ލިބޭނެ..” މަޑުޖެހިލުމަކަށްފަހު ބުންޏެވެ. “ވާހަކަދައްކާ.. އޭރުން ބާކީ ހުރި އެތިވެސް ގެއްލޭނެ..”
ސާރާ، ސޯފީގެ އަތުގައި ކުރިއަށްވުރެ ބާރަށް ހިފެހެއްޓިއެވެ. “މިއީ ކުޑަކުދިންގެ ވާހަކައެއް ނޫން.” އޭނާ މަޑުމަޑުން ބުންޏެވެ. “މިއީ އަހަރެމެންގެ ވާހަކަ.”
ސާރާއަށް ސިއްސައިގެން ގޮސް ހޭލެވުނެވެ. އޭނާގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުންދިޔައެވެ. އޭނާގެ އަތުން ސޯފީގެ އަތުގައި އޮތީ ވަރަށް ބާރަށް ހިފެހެއްޓިފައެވެ. އޭނާ ތިރިއަށް ބަލާލިއެވެ. އަދި ހުއްޓުން އެރިއެވެ.
ސޯފީގެ ލޯ.. ހުރީ ހުޅުވިފައެވެ. ކުޑަކޮށެއް ނޫނެވެ. މުޅިން ހުޅުވިފައެވެ. އޭނާގެ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ. އޭނާގެ ތުންފަތް ވަރަށް ލަސްލަހުން ހަރަކާތްކުރިއެވެ.
“އެމީހުން..” ސޯފީ މަޑުމަޑުން ބުންޏެވެ. “ކޮންމެވެސް އެއްޗެއް ބަދަލުކޮށްފި..”
ސާރާގެ ނޭވާ ހުއްޓުނެވެ. “ކޮން އެއްޗެއް ސޯފީ؟ އެމީހުން ބަދަލުކުރީ ކޮން އެއްޗެއް؟”
ސޯފީގެ އަތުގެ ހިފެހެއްޓުން ކުޑަކޮށް ބާރުވިއެވެ. އޭނާގެ އަޑު އިވޭނީ ކިރިޔާއެވެ. “ކަލޭގެ އެތި އެމީހުން އަތުލިޔަ ނުދީ..”
މެޝިންތަކުގެ އަޑު ބާރުވެ، ނުރައްކާތެރި ސިގްނަލެއް ދޭން ފެށިއެވެ. ކޮޓަރިއާ ދިމާއަށް މީހުން ދުވެފައި އަންނަ އަޑު އިވުނެވެ. ދޮރު ބާރަށް ހުޅުވާލިއެވެ.
މިފަހަރު ސާރާ އެނބުރި ބަލައެއް ނުލައެވެ. ސަބަބަކީ މިހާރު އޭނާއަށް ހުރިހާ ކަމެއް ވިސްނިއްޖެއެވެ. މިއީ ދުވަހަކުވެސް ހަމައެކަނި ސޯފީއަށް ފަރުވާ ދިނުމުގެ ވާހަކައެއް ނޫނެވެ. މިއީ ސޯފީގެ ކިބައިން އަތުލި އެއްޗެއްގެ ވާހަކައެވެ. އަދި އޭގެ ބަދަލުގައި، ސިއްރުސިއްރުން ދިން އެއްޗެއްގެ ވާހަކައެވެ. އެއީ ބަލާބެލުމަށް އެއްގޮތް އެއްޗެކެވެ. އެކަމަކު އޭގެ އަސްލު ތަފާތެވެ.
(ނުނިމޭ)
