ހިތުގެ ތޫފާން
މާލޭގެ ހަލަބޮލި ދިރިއުޅުމުގެ ތެރޭގައި ޒީނިޔާގެ ހަޔާތް އައު މިސްރާބަކަށް އެނބުރެން ފެށިއެވެ. ކޮލެޖުގެ ކިޔެވުން ބުރަވެ، ފޮތްތަކުގެ ދުނިޔޭގައި އޭނާ ވަގުތުތައް ހޭދަކުރަމުން ދިޔައީ ޖަޒްލާންގެ ހަނދާންތަކުން ފިލުމަށްޓަކައެވެ. ނަމަވެސް އެއް ފުރާޅެއްގެ ދަށުގައި އުޅެމުން، ޖަޒްލާންގެ ސޫރަޔާ ދުރަށް ދިއުމަކީ އޭނާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ކޮންމެ ދުވަހަކު ފެންނަ ޖަޒްލާންގެ ހިނިތުންވުމާއި، ރާޔާއާއެކު އޭނާ ހޭދަކުރާ އުފާވެރި ވަގުތުތަކަކީ ޒީނިޔާގެ ހިތަށް ދެވޭ ތޫނު އަނިޔާއަކަށް ވިއެވެ. މި ހިތްދަތިކަމުގެ ތެރޭގައި އޭނާއަށް އުންމީދުގެ ހުޅުކޮޅެއް ދެއްކީ އައިމަންއެވެ.
އައިމަންއަކީ ޒީނިޔާއަށްވުރެ އެއް އަހަރު ކުރީގައި ކިޔަވަމުންދާ، ބަސްމަދު ނަމަވެސް ވިސްނުންތެރި ޒުވާނެކެވެ. ކޮލެޖުގެ ލައިބްރަރީން ފެށުނު އެ ބީރައްޓެހި ޒުވާނާ، މަޑުމަޑުން ގާތް އެކުވެރިކަމަކަށް ބަދަލުވިއެވެ. އައިމަންއަށް ޒީނިޔާގެ ދެލޮލުން ފެންނަ ފުން ހިތާމަ ދެނެގަނެވުނެވެ.
“ޒީނިޔާ، ކޮންމެ އަނދިރި ރެއަކަށްފަހު އުޖާލާ ދުވަހެއް އަންނާނެ. ހިތާމަތަކުގެ ތެރޭގައި ބަންދުވެފައި ހުރުމުގެ ބަދަލުގައި، ކުރިއަށް ހިނގައިގަންނަން މަސައްކަތް ކުރޭ،” އެއްދުވަހަކު ކޮލެޖުގެ ގޯތިތެރޭގައި އިށީނދެގެން ތިއްބާ އައިމަން ބުންޏެވެ. އެ ބަސްތަކުން ޒީނިޔާގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ.
ޒީނިޔާއާއި އައިމަންގެ ގާތްކަން އިތުރުވަމުން ދިޔަ ވަރަކަށް، ޖަޒްލާންގެ ހިތުގައި ނުތަނަވަސްކަމެއް އުފެދެން ފެށިއެވެ. އެއީ ކީއްވެގެންވާ ކަމެއްކަން އޭނާއަށް އަމިއްލައަށްވެސް ބަޔާންކޮށްދޭކަށް ނޭނގެއެވެ. ޒީނިޔާ އައިމަންއާއެކު ފޯނުން ވާހަކަދައްކާ އަޑު އިވުމުން ނުވަތަ އެކުގައި ބޭރަށްދާ މަންޒަރު ފެނުމުން، ޖަޒްލާންގެ މޫނުމަތިން ފެންނަނީ ނުރުހުމުގެ ކުލަވަރެވެ. އޭނާގެ ހިތުގައި އުފެދެމުންދިޔަ ހަސަދަވެރިކަން ފޮރުވަން އޭނާ މަސައްކަތް ކުރި ނަމަވެސް، އެކަން ޒަޔާންއަށް ފާހަގަކުރެވުނެވެ. ޖަޒްލާންއަށް ހީވަނީ އޭނާގެ މިލްކެއް އެހެން މީހަކު އަތުލަން އުޅޭ ހެންނެވެ.
އެއްދުވަހަކު ހަވީރު، ޒީނިޔާ ގެއަށް އައީ އައިމަންއާއެކު ސައިކަލުގައެވެ. ގޭގެ ދޮރުމަތީގައި ޖަޒްލާން މަޑުކޮށްލައިގެން ހުރީ އެ މަންޒަރު ބަލާށެވެ. ޒީނިޔާ ސައިކަލުން ފޭބުމާއެކު އައިމަންއަށް ހިނިތުންވެލާފައި ބާއްޖަވެރި ހަވީރަކަށް އެދުނެވެ. އައިމަން ދިއުމާއެކު ޖަޒްލާން ޒީނިޔާގެ ކުރިމައްޗަށް އެރިއެވެ.
“ކޮންތާކުން ތިއައީ؟ އެއީ ކާކު؟” ޖަޒްލާންގެ އަޑުގައި ހުރީ ހަރުކަށިކަމެވެ. ޒީނިޔާ ހައިރާންވެފައި ބަލަހައްޓައިގެން ހުއްޓެވެ.
“އެއީ އަހަރެންގެ އެކުވެރިއެއް. އަހަރެން ދާ ތަންތަނާއި އުޅޭ ގޮތް ޖަޒްލާންއަށް ކިޔައިދޭން ޖެހޭތަ؟” ޒީނިޔާގެ ޖަވާބުން ޖަޒްލާން އިތުރަށް ރުޅިއައެވެ.
“އަހަރެން މިއީ ޒީނިޔާގެ ބޭބެ ފަދަ މީހެއް. ޒީނިޔާ އުޅޭ ނޫޅޭ ގޮތް ބެލުމަކީ އަހަރެންގެ ޒިންމާއެއް،” ޖަޒްލާން ބުންޏެވެ.
“ބޭބެއެއް؟” ޒީނިޔާގެ އަޑުގައި ހުރީ މަލާމާތުގެ ރާގަކެވެ. “ޖަޒްލާން، ތި ބޭބެގެ ނަންބޯޑު އަޅުވައިގެން އަހަރެންގެ ދިރިއުޅުމަށް އަތްނުބާނާ. ޖަޒްލާންގެ އަމިއްލަ ދިރިއުޅުމާއި ރާޔާއަށް ސަމާލުކަން ދީ.” މިހެން ބުނެފައި ޒީނިޔާ ހަލުވިކަމާއެކު ގޭތެރެއަށް ވަދެގެން ދިޔައެވެ. ޖަޒްލާން އެހުރި ފިޔަވަޅުމަތީގައި ގަނޑުވެފައި ހުއްޓެވެ. ޒީނިޔާގެ ދުލުން ބޭރުވި ބަސްތަކުން އޭނާގެ ހިތަށް ތޫނު ތަދެއްވިއެވެ.
މި ހާދިސާއަށްފަހު ގޭގެ މާހައުލު ވަރަށް ބޮޑަށް ބަދަލުވެގެން ދިޔައެވެ. ޖަޒްލާންއާއި ޒީނިޔާއާ ދެމެދު އޮތް ގުޅުން މުޅިން ކެނޑި، އެކަކު އަނެކަކާ ކުރިމަތިލާންވެސް ބޭނުން ނުވާ ފަދައެވެ.
ރާޔާ އެގެއަށް އަންނަ ވަގުތުތަކުގައި ޒީނިޔާ އުޅެނީ އޭނާގެ ކޮޓަރީގައި ދޮރު ތަޅުލައިގެންނެވެ. ނަމަވެސް ޖަޒްލާންއަށް އުނދަގޫވަމުން ދިޔައީ ޒީނިޔާގެ އެ ހިމޭންކަމުންނެވެ. އޭނާއަށް އަބަދުވެސް ޒީނިޔާގެ ޚަބަރު ބެލެނީއެވެ. ޒީނިޔާ ކައިފިތޯ ނުވަތަ ނޫންތޯ ޒަޔާން ގާތުން އަހާލެވެނީ ބޭއިޚްތިޔާރުގައެވެ. އޭނާގެ ހިތުގެ އެންމެ ފުންމިނުގައި ވަނީ ޒީނިޔާއަށްޓަކައި އުފެދިފައިވާ ފުން އިހުސާސެއްކަން އޭނާއަށް ގަބޫލުކުރަން އުނދަގޫވަނީއެވެ.
އެއްރެއަކު ޒަޔާން ބޭރުގައި އުޅުނު ވަގުތަކު، މުޅި މާލެއަށް ބޯކޮށް ވާރޭ ވެހެން ފެށިއެވެ. ގޭގެ ހުރިހާ ދޮރުތަކެއް ލައްޕަން އުޅުމުގެ ތެރޭގައި ޖަޒްލާންއަށް ޒީނިޔާގެ ކޮޓަރީގެ ދޮރު ހުޅުވިފައި ހުރި ތަން ފެނުނެވެ. އޭނާ މަޑުމަޑުން ގޮސް ދޮރު ކައިރީގައި ހުއްޓުނުއިރު، ޒީނިޔާ އިނީ ކުޑަދޮރު ކައިރީގައި ބޭރަށް ބަލަހައްޓައިގެންނެވެ. އޭނާގެ އަތުގައި އޮތް އޮތީ ބިންމަތިން ނަގައިގެން ތަތްކޮށްފައިވާ އެ ބިއްލޫރި ބޯޅައެވެ. ޒީނިޔާ ރޮމުންދިޔަ އަޑު އިވުމުން ޖަޒްލާންގެ ހިތް ކުދިކުދިވިއެވެ. އޭނާއަށް އެވަގުތު ވިސްނުނީ ޒީނިޔާގެ އެ ހިތާމައިގެ އަސްލަކީ އޭނާ ކަމެވެ.
“ޒީނިޔާ…” ޖަޒްލާން ވަރަށް މަޑުމަޑުން ގޮވާލިއެވެ. ޒީނިޔާ ސިހިފައި ފަސްއެނބުރި ބަލާލިއެވެ. އޭނާ އަވަސްއަވަހަށް ކަރުނަތައް ފޮހެލާފައި ބޯޅަ ފޮރުވަން މަސައްކަތް ކުރިއެވެ.
“ޖަޒްލާން މިތާ ކީއްކުރަނީ؟” ޒީނިޔާ ތުރުތުރުއަޅާ އަޑަކުން އެހިއެވެ. ޖަޒްލާން މަޑުމަޑުން ހިނގާފައި ގޮސް ޒީނިޔާގެ ކުރިމަތީގައި ހުއްޓުނެވެ.
“އަހަރެން ދިން ހަދިޔާ އަދިވެސް އެބަ ގެންގުޅެންތަ؟ އަހަރެން ހީކުރީ ޒީނިޔާ އެ އެއްލާލީ ކަމަށް،” ޖަޒްލާން އޯގާތެރިކަމާއެކު ބުންޏެވެ. ޒީނިޔާ އިސްޖަހާލިއެވެ.
“މީގެ ބިއްލޫރިތައް ތަތްކުރެވިދާނެ، އެކަމަކު ހިތް ކުދިކުދިވީމާ އެއެއް ތަތެއް ނުކުރެވޭނެ،” ޒީނިޔާގެ އެ ބަސްތަކުން ޖަޒްލާންއަށް ހަގީގަތް އިހުސާސްވިއެވެ.
އެ ވަގުތު ޖަޒްލާންއަށް ކުރެވުނު އިހުސާސަކީ އޭނާ ދުވަހަކުވެސް ތަޖުރިބާކޮށްފައިވާ އިހުސާސެއް ނޫނެވެ. އޭނާގެ ކުރިމަތީގައި މިހުރީ އޭނާގެ އެންމެ ގާތް އެކުވެރިޔާގެ ކުޑަ ކޮއްކޮ އެކަނި ނޫންކަން އޭނާއަށް ވިސްނުނެވެ. އެއީ އޭނާގެ ހިތުގެ ވިންދާ ގުޅިފައިވާ، އޭނާގެ މުޅި ދިރިއުޅުމުގެ އެއްބައިކަން އޭނާއަށް ކަށަވަރުވިއެވެ. ރާޔާއާއެކު އޭނާ އުޅެމުންދިޔައީ ހަމައެކަނި ދެއްކުންތެރިކަމެއްގެ ގޮތުގައިކަން އޭނާގެ އަމިއްލަ ނަފްސަށް އިއުތިރާފުވިއެވެ. ނަމަވެސް މިހާރު ހުރިހާ ކަމެއް ވަނީ އޮޅުންބޮޅުންވެފައެވެ.
“ޒީނިޔާ، އަހަރެން…” ޖަޒްލާން ވާހަކަދައްކަން އުޅެނިކޮށް ފޯނު ރިންގުވާން ފެށިއެވެ. އެއީ ރާޔާއެވެ. ޒީނިޔާ ހިތި ހިނިތުންވުމަކާއެކު ޖަޒްލާންއަށް ބަލާލިއެވެ.
“ދޭ، ލޯބިވެރިޔާ އެ ގުޅަނީ. އަހަރެންގެ ކައިރީގައި ހުރެގެން ވަގުތު ބޭކާރު ނުކުރޭ،” ޒީނިޔާ ބުންޏެވެ. ޖަޒްލާން ފޯނަށް ބަލާލާފައި އެ ނިވާލިއެވެ. އޭނާ ބޭނުންވީ ޒީނިޔާއާ ހުރިހާ ވާހަކައެއް ދައްކާށެވެ. ނަމަވެސް އެވަގުތު ޒަޔާން ގެއަށް ވަދެގެން އައުމުން އެ ފުރުސަތު ގެއްލުނެވެ. ޖަޒްލާން އެ ކޮޓަރިން ނުކުމެގެން ދިޔައީ ނުހަނު ބަރު ހިތަކާއެކުގައެވެ.
އެރެއަށްފަހު ޖަޒްލާންގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައެވެ. އޭނާ ރާޔާއާ ބައްދަލުކުރުން މަދުކޮށް، ގިނަ ވަގުތު ގޭގައި ހޭދަކުރަން ފެށިއެވެ. އޭނާ މަސައްކަތް ކުރަމުން ދިޔައީ ޒީނިޔާގެ ހިތް ހޯދުމަށެވެ. ނަމަވެސް ޒީނިޔާ ހުރީ ވަރަށް ވަރުގަދަ އަޒުމެއްގައެވެ. އޭނާ އައިމަން އާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރީ ޖަޒްލާންއަށް ދެއްކުމަށެވެ. އެކަކު އަނެކަކަށް ދެވޭ މި ނަފްސާނީ އަނިޔާތަކުގެ ތެރޭގައި، ހަގީގީ ލޯބިވަނީ ފޮރުވިފައެވެ. މި ހިތުގެ ތޫފާން މައިތިރިވާނީ ކޮން އިރަކުންބާވައެވެ؟
ކޮލެޖުގެ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަފުލާއަކީ މި ވާހަކައިގެ ބޮޑު ބަދަލެއް އައި ރެއެކެވެ. ޒީނިޔާ އެރޭ ހުރީ އައިމަންއާއެކު ވަރަށް ނަލަވެގެންނެވެ. ޖަޒްލާންއާއި ޒަޔާންވެސް އެ ހަފުލާއަށް ދިޔައެވެ. ޖަޒްލާންގެ ލޯ ހުރީ ހަމައެކަނި ޒީނިޔާއަށް ހުއްޓިފައެވެ. އައިމަން ޒީނިޔާގެ އަތުގައި ހިފާލައިގެން ހުރި މަންޒަރު ފެނުމުން، ޖަޒްލާންގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނާ ގޮސް އައިމަންއާ ކުރިމަތިލިއެވެ.
“ޒީނިޔާއާ ދުރަށްދޭ،” ޖަޒްލާން ހަރުކަށިކަމާއެކު ބުންޏެވެ. މި ހާދިސާއިން މުޅި ހަފުލާ ހުއްޓުމަކަށް އައެވެ. ޒީނިޔާ ލަދުގަނެ، ދުވެފައި އެތަނުން ނުކުމެގެން ދިޔައެވެ.
ޖަޒްލާން ޒީނިޔާގެ ފަހަތުން ދުވެފައި ގޮސް، ބޭރުގައި އޮތް ބަގީޗާ ތެރެއިން އޭނާ ހިފެހެއްޓިއެވެ.
“ޒީނިޔާ، މަޑުކޮށްބަލަ! އަހަރެން މި ބުނާ ވާހަކަ އަހާބަލަ،” ޖަޒްލާން އާދޭހާއެކު ބުންޏެވެ.
“ކޮން ވާހަކައެއް؟ އަހަރެންގެ ދިރިއުޅުން ބަރުބާދުކުރަންތަ ތިއުޅެނީ؟” ޒީނިޔާ ހަޅޭއްލަވައިގަތެވެ.
“ނޫން، އަހަރެން ލޯބިވަނީ ޒީނިޔާ ދެކެ! އަހަރެންނަށް މިހާރު ވިސްނިއްޖެ، އަހަރެންގެ ހަޔާތުގެ ހަގީގީ ބައިވެރިއަކީ ޒީނިޔާކަން،” ޖަޒްލާންގެ އެ އިއުތިރާފުން މުޅި މާހައުލު ހިމޭންވިއެވެ. ޒީނިޔާ ގަނޑުވެފައި ޖަޒްލާންގެ މޫނަށް ބަލަހައްޓައިގެން ހުއްޓެވެ. މިއީ އޭނާ އެތައް އަހަރެއް ވަންދެން އަޑުއަހަން ބޭނުންވި ބަސްތަކެވެ. ނަމަވެސް މިހާރު މި ބަސްތަކުގެ އަގަކީ ކޮބައިބާވައެވެ؟
ނުނިމޭ
