ސުނޭހާއާ ބައްދަލުކުރުމަށް ކުރަމުންދިޔަ މަސައްކަތަށް، އެކަށީގެންވާ ކާމިޔާބެއް ކުރިއެރުމެއް ނުލިބުނު ނަމަވެސް ނިފާރު އުންމީދު ނަގައެއް ނުލައެވެ. އިތުރު މަގެއް ފެނޭތޯ އަބަދުވެސް ބަލަމުން ދިޔައެވެ.
އުންމީދުތައް ވިއްސިވިހާލިވެ ހުވަފެންތައް ބިލާހަކަށް ވެދާނެކަން ސުނޭހާއަށް އެނގުނެވެ. ދިރިއުޅުން ރާވައި އާރާސްތު ކުރަމުން ބިނާކުރަމުން އައި ހުވަފެނީ ގަނޑުވަރު ފުނޑުފުނޑުވެ ބިމާއި ހަމަވެއްޖެއެވެ. ދުނިޔެމަތިން ފޫހިވެއްޖެއެވެ. ހަތަރު އުދަރެސް ފެނުޖެހިފައިވާކަމުގެ އިޙުސާސް ވާން ފެށިއެވެ. ކުރިމަތިވަމުންދިޔަ ނާކާމިޔާބީގެ އަސަރުތައް ސުނޭހާގެ ކިބައިން ފެންނަން ފެށިއެވެ. ދުވަހަކަށްވުރެ ދުވަހެއް ކެއިން ބުއިމާއި ދުރުވެ އެހެން މީހުނާއި ދުރުވާން ފެށިއެވެ. އެކަހެރިކަމަށް ލޯބިކުރުމާއި މީހުނާއި ވާހަކަދެއްކުން މަދުވާން ފެށިއެވެ.
ވާނުވާ ނޭނގި ހަދާނެގޮތް ހުސްވެ މަގުމަތިވެފައިވާ ފަދައަކުން ހުރި ނިފާރަށް ކުއްލިއަކަށް އިވުނީ ސުނޭހާގެ ކައިވެނީގެ ވާހަކައެވެ. ސުނޭހާއާ ކައިވެނި ކުރުމަށް އޭނާގެ އާއިލާއިން ހަމަޖައްސާފައިވާ ޒުވާނާގެ ތަނަވަސްކަމުގެ ވާހަކައެވެ. ދެ އާއިލާގެ މެދުގައި އޮންނަ ޒަމާންވީ ގުޅުމުގެ ވާހަކައެވެ. ގުޅިލާމެހިފައިވާ ތަނަވަސްކަމާއި ފޯރުންތެރިކަމުގެ ވާހަކައެވެ. ލިބިފައިވާ އިއްޒަތާއި ޤަދަރުގެ ވާހަކައެވެ.
އުމުރުގެ ޒުވާން ދުވަސްތައް ގުނަމުންދިޔަ ނާއިމަކީ ފިރިހެންވަންތަ ކަސްރަތީ ފުރިހަމަ ހަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. އަންހެން ކުދިން ގަޔާވާފަދަ އެތައް ސިފައަކާއި ބައްޓަމެއް އެ ހަށިގަނޑުން ފާޅުވާން އެބަހުއްޓެވެ. ރާއްޖެއިން ބޭރުން ތަޢުލީމު ހާސިލުކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ދިރިއުޅުމަކަށް އެންމެ ބޭނުންވާނެ ރިވެތި އަޚުލާޤާއި ހަރުދަނާކަން އޭނާގެ ކިބައިގައިވެއެވެ.
އެއާރޕޯޓްގައި މަސައްކަތްކުރަމުންދާ ނާއިމަކީ އެތަނުގެ އިސް މަގާމެއް އަދާކުރަމުންދާ ޒިންމާދާރު ޒުވާނެކެވެ. ވަޒީފާއަށް ދޭންވާ ސަމާލުކަމާއި ބަހައްޓަންވާ ފަރުވާތެރިކަން ބެހެއްޓުމުގެ ސަބަބުން އެތައް މުއައްޒަފެއްގެ އިޙުތިރާމާއި ލޯބި އޭނާއަށް ލިބިފައިވެއެވެ. ސުނޭހާގެ ލޯތްބަށް އެދި އާދޭސްކުރަމުންދިޔަ ނާއިމްގެ ހާލު އޭނާގެ މަންމަ ރާނިޔާއަށް އެނގުނު ހިސާބުން އޭނާގެ މަސައްކަތް ފެށިއެވެ.
ނާއިމާއި ކައިވެނި ކުރަން ސުނޭހާ ދެކޮޅު ހަދަމުންދިޔަ ނަމަވެސް އެއިން އެއްވެސް ކަމެއް ނާއިމަކަށް ނޭނގެއެވެ. ސުނޭހާގެ ޢާއިލާއިން ބުނަމުންދިޔަ ގޮތުގައި ސުނޭހާވެސް ނާއިމާއި ކައިވެނި ކުރަން ބޭނުންވެއެވެ.
ނާއިމާއި ކައިވެނި ކުރުމަށް ސުނޭހާ ރަންކީ އެހެން ގޮތެއް ނެތިގެންނެވެ. ބަފާ ބުނީތީ ރަންކިޔާ އުސޫލުން ރަންކީއެވެ. ނާއިމް ރީތިވެފައި ފުރިހަމައެވެ. އަޚްލާޤު ރަނގަޅުވެފައި ޢާއިލާ ތަނަވަހެވެ. ޒިންމާދާރުކަމާއި ހަރުދަނާކަން އެބަހުއްޓެވެ. ދިރިއުޅުމެއް އާރާސްތު ކުރުމަށް ބޭނުންވާ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި އެބަހުއްޓެވެ. ހިތުގެ އެންމެ ފުންމިނުން އެ ހުރިހާ ކަމެއް ޤަބޫލުކުރެވުނު ނަމަވެސް ސުނޭހާއަކަށް ނާއިމްދެކެ ލޯތްބެއް ނުވެވުނެވެ.
ސުނޭހާދެކެ ކިތަންމެ ލޯބިވި ނަމަވެސް ނިފާރު އޭނާގެ ނަފްސް ކޮންޓްރޯލް ކުރިއެވެ. ސުނޭހާއަކީ ދުނިޔޭގައި ހުރި ހަމައެކަނި އަންހެން ކުއްޖާއެއް ނޫނެވެ. ކޮންމެ މަހަކަށް ގަލެއް ވާނެއޭ ބުނާ އުސޫލުން ނިފާރަށްވެސް އަންހެނަކު ވާނެ ކަމުގައި އޭނާގެ ހިތް ބުންޏެވެ. ފަހަރުގައި އެއަށްވުރެ ރަނގަޅުގޮތެއްވެސް ވެދާނެއެވެ. ލޯބިވެރިޔާ ބީވުމުން މާޔޫސްވެ އިނދަ ޖެހުމަކީ ނިފާރު ޤަބޫލުކުރާ އުސޫލެއް ނޫނެވެ. ބޭނުންވަނީ ހިތްވަރާއި ކެރުމެވެ. ކެރިގެން ކުރިމަތިލައި ކާމިޔާބު ހޯދުމެވެ.
ސުނޭހާގެ މަޖުބޫރީ ހާލަތު ނިފާރަށް އަންގަން ކިތަންމެ ބޭނުންވި ނަމަވެސް ސުނޭހާއަކަށް އެ ފުރުސަތެއް ނުލިބުނެވެ.
ވަގުތުތައް ފާއިތުވަމުން އައިސް ދުވާލުގެ އަލިކަމުގެ މައްޗަށް ރޭގަނޑުގެ އަނދިރިކަން ވެރިވެގަތެވެ. މަގުތަކުން ފެންނަމުންދިޔަ ހަލަބޮލިކަމަށް ކޮންމެވެސް ވަރެއްގެ ބަދަލެއް އައި ނަމަވެސް މާބޮޑު ތަފާތެއް ނުފެނުނެވެ. ސައިކަލު ދުއްވާލަން ނުކުމެ އުޅޭ މީހުނާއި ކަސްރަތަށް ނުކުމެ އުޅޭމީހުން މަދެއް ނުވިއެވެ. ފިނިބުރުޖަހާ ޒުވާނުންނާއި ގޯޅިކަންމަތި ގުރޫޕްތަކަށް އިރުއޮއްސުނުހެނެއް ހިއެއްނުވެއެވެ.
ބާސެލޯގައި ކުރިޔަށްދިޔަ ސުނޭހާ އާއި ނާއިމްގެ ކައިވެނީގެ ރަސްމިއްޔާތު ކިތަންމެހާވެސް ފުރިހަމައެވެ. ދެ ޒުވާނުންގެ ގާތް ރައްޓެހިންނާއި ދެފަރާތުގެ ޢާއިލާގެ މެންބަރުންގެ އިތުރުން ކަމުވޮށިގެންވާ އެތައް ބަޔަކާއި މަޝްހޫރު އެތައް ފަންނާނުންނެއް އެ ހަފުލާގައި ބައިވެރިވަމުން ދިޔައެވެ.
ސުނޭހާ އާއި ނާއިމްގެ ކައިވެނީގެ ސަބަބުން އެންމެ ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބިފައިވާ އެއްބަޔަކީ ސުނޭހާގެ ބައްޕަ ޖިހާދާއި އޭނާގެ މަންމަ ސަލްމީނާއެވެ. ސުނޭހާގެ ހަޔާތުގެ ބައިވެރިއަކަށް ވާންވާނީ އެމީހުން ފަދަ އިއްޒަތާއި ޤަދަރު ލިބިގެންވާ ތަނަވަސް ޢާއިލާއެއްގެ މެންބަރެއް ކަމުގައި ޖިހާދު ބުނަމުންދިޔަ ބުނުން ހަޤީޤަތަކަށް ހެދިއެވެ. އެފަދަ އާއިލާއެއްގެ ތެރެއަށް ރާއްޖެތެރެއިން އައި އާދައިގެ ނިކަމެތި މީހަކު ވަނުމަކީ އެއްގޮތަކަށްވެސް އޭނާ ބޭނުންވާ ގޮތެއް ނޫނެވެ.
ހާބަރު ފުޑްކޯޓްތަކުން ފުޑްކޯޓެއްގައި ނިފާރާއި އޭނާގެ ރައްޓެހިން ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. ކެއުމަށް އިންސާފުކުރަމުން ދިޔައިރު ތިން މީހުންގެ މެދުގައި ތަފާތު މަޢުލޫތަކަށް ވާހަކަ ދެކެވެމުން ދިޔައެވެ. ވަޒީފާއާއިގެން ކުރިޔަށް ދިއުމަށް ނިފާރު އެންމެ ބޭނުންވި ދާއިރާއިން އިތުރު ތަމްރީނު ހެދުމުގެ ފުރުސަތު ލިބުންވީ ނިފާރަށް ލެއްވި ރަހުމަތަކަށެވެ. ދިމާވެފައިވާ ހާލަތުގެ ސަބަބުން އެ ފުރުސަތު ދޫކޮށްލަން ގަސްދުކުރި ނަމަވެސް އޭނާގެ އެންމެ ގާތް ދެ ރަހުމަތްތެރިންގެ ވާހަކަތަކުގެ ސަބަބުން ނިފާރަށް ޖެހުނީ އޭނާގެ ވިސްނުން ބަދަލު ކުރާށެވެ. ހަޤީޤީ ރަހުމަތްތެރިންނަކީ އެއީއެވެ.
“ސުނޭހާގެ ކައިވެނީގެ އުފަލުގައިދޭ ކެއުމެއްތަ؟” ފުޑްކޯޓަށް ވަދެގެން އެމީހުނާއި ދިމާއަށް އައި ވަފާއު ދިމާކޮށްލިއެވެ. އޭނާގެ މަޤުސަދަކީ ކޮބައިކަން ވިސްނުމުން ލިޔާހާއި ސަމާޢިލް ހީނގަތެވެ.
“މާގިނަ ވާހަކަ ނުދައްކާ އާދޭ. ކަލޭމެންގެ ވާހަކަ ނުދައްކަން މަ މި ހުންނަނީ.” އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ނިފާރު ބުނެލިއެވެ. އެމީހުންގެ މަޤުސަދަކީ ކޮބައިކަން އޭނާއަށް އެނގުނެވެ.
“ކޯސް ކިހިނެއް ވާނެހެން ހީވަނީ؟” ލިޔާހް ބޭނުންވީ މަޢުލޫ ބަދަލުކޮށްލާށެވެ. މިވަގުތަށް އެންމެ މުހިންމީ އެ މަޢުލޫއެވެ.
“ފުރަތަމަކޮޅު ވަރަށް ބާރުބޮޑުހެން ހީވެދާނެ. އެކަމު ޖެހޭނެ ހިތްވަރު ކުރަން. އޭރުން ފަހުން ވަރަށް ފަސޭހަވާނެ. ބޭނުންވަނީ ކެރިގެން ކުރިމަތިލުން. ކާމިޔާބަކީ ކާމިޔާބަށް އެދިގެން ކުރަންޖެހޭ ކަންކަންކުރާ މީހާއަށް ލިބޭ އެއްޗެއް.” ދިމާވެފައިވާ ހާލަތުގެ ސަބަބުން ނިފާރަށް ހިތްވަރުދިނުން ކިތަންމެހާވެސް މުހިންމެވެ. ހެޔޮއެދޭ ގާތް އެކުވެރިންގެ އަސްލަކީ އެއީއެވެ. ރައްޓެހިންނަށް ހިތްވަރާއި ނަސޭހަތްދީ ރަނގަޅު މަގުގައި ބޭތިއްބުމަކީ ވަފާއުގެ އަބަދުގެވެސް ޓާގެޓެވެ.
“އެއީ ވަރަށް މުހިންމު ޕޮއިންޓެއް. އަހަރެންނަށްވެސް ވީ އެކަހަލަ ގޮތެއް. ތަމްރީނަށް ދިޔަ ދުވަސްކޮޅު ވަރަށް އުނދަގޫ. ވަރަށް ފޫހިވެސްވި. ތަމްރީން ދޫކޮށްލާފައި އަންނަންވެސް ހިތަށްއެރި. އެކަމު.. ރައްޓެހިން ދިން ނަސޭހަތުގައި ހިފައިގެން ހިތްވަރާއިއެކު މަސައްކަތް ކުރީތީ މިއަދު މިހުރި ހިސާބަށް މި އާދެވުނީ.” ސަމާޢިލް ކިޔައިދިނީ އޭނާގެ ތަޖުރިބާއެވެ.
ކެއުން ނިންމާލުމަށްފަހުވެސް ވާހަކަ ދައްކާލައި ޚިޔާލު ބަދަލުކޮށްލާ މަޝްވަރާ ކޮށްލުމަށްޓަކައި އެތައްއިރެއް ވާންދެން ހަތަރު މީހުން ތިއްބެވެ.
އުމުރުން ތިރީސް އަށް އަހަރުގެ އާޖިޒާއަކީ ރީތި އަންހެނެކެވެ. ގައިގެ ކުލައަލި އަންހެންވަންތަ ފުރިހަމަ ހަށިގަނޑެއް އޭނާއަށް ލިބިފައިވެއެވެ. ކަޅުކަންގަދަ އިސްތަށިގަނޑު ފަންވެފައި ދިގެވެ. ބައްޓަމާއި ވަނާތައް ޗާލެވެ. ރީތިވުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއި އެންމެ ފަހުގެ އަންނައުނުތަކުގެ ސަބަބުން އޭނާގެ ރީތިކަމާއި ފުރިހަމަކަން އިތުރުވެފައިވެއެވެ.
އާޖިޒާގެ ދޮށީ ދަރިފުޅު އަކުވާޒްގެ އުމުރުން ސަތާރަ އަހަރު ވެފައިވާއިރު ހަގު ދަރިފުޅު ރީނާޒްގެ އުމުރުން ސޯޅަ އަހަރެވެ. އާޖިޒާއަކީ ޒުވާން އުމުރަށް އަޅަމުންދާ ދެކުދިން މައެއް ނަމަވެސް އެކަން ޤަބޫލުކުރާ މީހުން މަދެވެ. އޭނާގެ އުމުރާއިމެދު ސުވާލު އުފައްދާ އެތައް ބަޔަކާއި، އޭނާއާ ދިމާވުމުގެ އެންމެ ބޮޑު އަސްލަކީވެސް އޭނާގެ ރީތިކަމާއި ފުރިހަމަކަމެވެ.
“ނިފާރު! ހާދަ ފަހުން ތިއައީ؟ ނިފާރު ނާންނާތީ އަހަރެން މި އިންނަނީ ނިދަންވެސް ނުކެރިފައި.” ނިފާރު އައިސް ގެއަށް ވަތްއިރު އާޖިޒާ އިނީ ފެންޑާތެރޭގައެވެ.
“ރައްޓެހިންތަކަކާއި ޖެހިގެން ލަސްވީ. ދައްތަ ނިދިނަމައެއްނު.” ނިފާރު ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ.
“ނިފާރު ދައްކާ ވާހަކަ. ތިހެން ބުނާއިރުވެސް އެނގެއެއްނު ނިފާރު ނާންނަނީސް އަހަރެންނަކަށް ނުނިދޭނެކަން.” ސޯފާއިން ތެދުވެގެން ހިނގައިގަތް އާޖިޒާގެ މިސްރާބަކީ ނިފާރެވެ. ނިވާކަންކުޑަ ޓީޝާޓަކާއި ކުރު ސޯޓެއް ލައިގެންހުރި އާޖިޒާއަށް ބަލާލުމުން އޭނާ ހުރީ ނިދާން ތައްޔާރުވެގެންކަން އެނގެއެވެ.
އެތައް އަހަރެއް ކުރިއްސުރެ ދެކެމުން އައި ހުވަފެން ހަޤީޤަތަކަށްވެ ސުނޭހާއާ ކައިވެނި ކުރެވުމުން ނާއިމް ހުރީ ވަރަށް ހިތްހަމަޖެހި އެހާމެ އުފާވެފައެވެ. ސުނޭހާގެ ކިބައިންވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ.
ސުނޭހާ އާއި ނާއިމްގެ ކައިވެންޏާއިއެކު ސުނޭހާގެ ދިރިއުޅުން ނާއިމްގެ އާއިލާ ކައިރިއަށް މާލެއަށް ބަދަލުކުރިއެވެ. ނާއިމަކީ އެއާރޕޯޓްގައި މަސައްކަތްކުރަމުންދާ މީހަކަށް ވާތީ ސުނޭހާއަށް އެންމެ ރަނގަޅުވާނީ އެގޮތް ކަމުގައި ސުލްތާނާވެސް ބުންޏެވެ. ނާއިމްގެ އާއިލާ ކައިރިއަށް ސުނޭހާ ބަދަލުވުމުން އެ އާއިލާއިން ސުނޭހާއަށް ހޫނު މަރުޙަބާއެއް ކިޔެވެ. އެންމެންވެސް ތިބީ ނުހާނު އުފާވެ ހިތްހަމަޖެހިފައެވެ.
މާމުއިހަނދުގެ ދުވަސްތައް ނިންމާލުމަށްފަހު މާލެ އައިސް މާގިނަ ދުވަހެއް ނުވެ ނާއިމް ވަޒީފާއަށް ނުކުންނަން ފެށިއެވެ.
އަބަދު ގޭގައި އިނުމަކީ ސުނޭހާއަށް ފަސޭހަ ކަމަކަށް ނުވިއެވެ. ފޫހިފިލުވާލައި ހިތްހަމަޖައްސާލަން ނަމަވެސް ވަޒީފާއަކަށް ދާން ބޭނުންވިއެވެ. އޮފީހެއްގެ ޒިންމާދާރު ވަޒީފާއަކަށްވުރެ ބޮޑަށް އޭނާ ބޭނުންވީ އުފާވެރި މިނިވަން މާހައުލެއްގައި އަދާކޮށްލެވޭ ކަހަލަ ވަޒީފާއެކެވެ. ސުނޭހާގެ އެ ވާހަކަތައް ނާއިމް އަޑުއެހިއެވެ.
ކުޅިވަރުގެ ސާމާނު ވިއްކުމަށް ޚާއްސަކޮށްފައިވާ ބޫޓް ސްޕޯރޓްސްއަކީ ނާއިމްގެ ރައްޓެއްސެއްގެ ފިހާރައެކެވެ. އެތަނުން ސުނޭހާއަށް ވަޒީފާ ހަމަޖައްސައިދިނީ ނާއިމްއެވެ.
(ނުނިމޭ)
