ފުރަތަމަ ފިލާވަޅު
“އަހަންނާ ދިމާލަށް ބަލާލަބަލަ.” ސާރާ މަޑު މަޑުން ބުންޏެވެ.
ސޯފީގެ ނަޒަރު ބަދަލުވިއެވެ. ވަރަށް ލަސްލަހުން ވަރަށް އުނދަގުލުންނެވެ. ނަމަވެސް، އޭނާ ބަލައިލިއެވެ. އެ ކަޅީގެ ތެރޭގައި ކޮންމެވެސް އަސަރެއް ހުއްޓެވެ. ދިިރިހުރިކަމުގެ އިޙުސާސެކެވެ. އެހެނަސް، އޭގެ ފަހަތުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ ދުރުކަމެކެވެ. އެއީ މުޅިން ސޯފީއެއް ނޫނެވެ.
ސާރާގެ ހިތަށް ނުހަނު ތަދުވިއެވެ. “އެމީހުން ބަދަލުކުރީ ކޮން އެއްޗެއް؟” އޭނާ ސިއްރުން އަހައިލިއެވެ.
ސޯފީގެ ތުންފަތް ކުޑަކޮށް ހަރަކާތްވެލިއެވެ. އޭނާގެ އަޑު ނުކުތީ ކިރިޔަ ކިރިޔާއެވެ. “ނުބުނޭ.. އެއްޗެކޭ..”
ސާރާ ހައިރާންވިއެވެ. “ކީއްވެ؟”
ސޯފީގެ އިނގިލިތަކުން ސާރާގެ އަތަށް ކުޑަކޮށް ބާރުކޮށްލިއެވެ. “އެމީހުންނަށް.. އަޑުއިވޭ..”
ސާރާ ހުއްޓުން އެރިއެވެ. އޭނާގެ ނަޒަރު މަޑުމަޑުން މައްޗަށް އުފުލައިލިއެވެ. ކޮޓަރީގެ ކަންތަކަށެވެ. ފާރުތަކަށެވެ. ސީލިންގަށެވެ. އެތަނުގައިވާ ކެމެރާތަކަށެވެ. އަބަދުވެސް އެތަނުގައި ހުރެ، ބަލަހައްޓައިގެން ހުންނަ ކެމެރާތަކެވެ.
ދޮރުމަތިން ފިޔަވަޅުގެ އަޑު އިވުނެވެ. އޭނާގެ މައިންބަފައިން އެތެރެއަށް ވަނެވެ. ފަހަތުން ޑޮކްޓަރުންވެސް ވަނެވެ. ބައްޕަ ސާރާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ. މަންމަ އަވަސްއަވަހަށް އެނދާ ދިމާލަށް ހިނގައިގަތެވެ. ޑޮކްޓަރުން މޮނިޓަރުތައް ޗެކްކުރަން ފެށިއެވެ. ކޮޓަރިތެރެ އަޑުގަދަވިއެވެ. އެއީ ކޮންޓްރޯލް ކުރެވިފައިވާ، ސައިންޓިފިކް އަޑުތަކެކެވެ.
ނަމަވެސް ސާރާއަށް އެއިން އެއްވެސް އަޑެއް ނީވެއެވެ. އޭނާގެ މުޅި ސަމާލުކަން ހުރީ އެންމެ ކަމަކަށެވެ. އެއީ ސޯފީއެވެ. އަދި އޭނާގެ އިނގިލިތަކުގައި ސޯފީ ހިފަހައްޓާފައިވާ ގޮތެވެ. އެއީ ބާރު ހިފުމެއް ނޫނެވެ. އެހެނަސް އެއީ ގަސްތުގައި ހިފަހައްޓާފައިވާ ހިފެހެއްޓުމެކެވެ. އޭނާ ދިރިހުރިކަމުގެ ހެއްކެކެވެ.
އެރޭ ކޮޓަރިތެރެ އަނެއްކާވެސް އާދަޔާ ޚިލާފަށް ހިމޭންވިއެވެ. ސާރާ މިފަހަރު އިނީ ކުޑަދޮރު ކައިރީގައެވެ. ފޮތެއް ނުކިޔައެވެ. ވާހަކައެއް ނުދައްކައެވެ. އޭނާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. “ހިމޭނުން ހުރެއްޖެނަމަ، ހަލާކުވެފައިވާ ބައިތައް އޭނާ ބަދަލުކުރެއެވެ..” އެ ޖުމްލަ އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. “ސަންތި މަރިޔަނބަކީ” ހަމައެކަނި ކިޔައިދޭ ވާހަކައެއް ނޫނެވެ. އެއީ ހިނގަމުންދާ ކަމެއްގެ ތަރުތީބެކެވެ. އަތުލުން. ޗެކްކުރުން. ބަދަލުކުރުން.
އޭނާގެ ނޭވާލުން މަޑުވިއެވެ. “އެމީހުން ސޯފީ ހޭލެއްވީ އެއް ނޫން..” އޭނާ މަޑުމަޑުން ބުނެލިއެވެ. އޭނާގެ ނަޒަރު ސޯފީއަށް ހުއްޓުނެވެ. “އެމީހުން ކޮންމެސް ކަމެއް އަލުން އުފެއްދީ..”
ސޯފީ ކުޑަކޮށް ހަރަކާތްވެލިއެވެ. ސާރާ ވަގުތުން ތެދުވެގެން ގޮސް އޭނާގެ ކައިރީގައި ހުއްޓުނެވެ. “ދައްތައަށް އަހަރެން ދައްކާ ވާހަކަ އަޑުއިވޭތަ؟” މަޑުމަޑުން އަހައިލިއެވެ.
ސޯފީ ލޯ މަރައިލިއެވެ. ވަރަށް ލަހުންނެވެ. “އާނ..”
ސާރާ އުނދަގުލުން ކޮޅަށް ހުއްޓެވެ. “ތީ.. ހަމަ ދައްތަ ތަ؟”
ވަރަށް ގިނައިރު ވަންދެން ހިމޭންވިއެވެ. އާދަޔާ ޚިލާފަށް ގިނައިރެވެ. އެއަށްފަހު ޖަވާބު އައެވެ. “މުޅިއަކުން ނޫން..”
ސާރާގެ ހިތް މާޔޫސްވިއެވެ. “ތީގެ މާނައަކީ ކޮބާ؟”
ސޯފީގެ ކަޅި ކުޑަކޮށް ހަރަކާތްވިއެވެ. އެ ލޮލުން ފެންނަނީ ބިރުވެރިކަމެވެ. “ބައެއް.. މަދު..”
ސާރާގެ އަތް ތުރުތުރުލާން ފެށިއެވެ. “އަދި އޭގެ ބަދަލުގައި އެހެން އެއްޗެއް؟” އޭނާ ސިއްރުން އަހައިލިއެވެ.
ސޯފީ ޖަވާބެއް ނުދިނެވެ. ނަމަވެސް އެ ހިމޭންކަން ފުދެއެވެ.
“އެމީހުން ހަމައެކަނި އަހަރެމެން ދިރާސާކުރީއެއް ނޫން.” ސާރާ މަޑުމަޑުން ބުންޏެވެ. “އެމީހުން މަސައްކަތް ކުރީ ކޮންމެވެސް އެއްޗެއް އަލުން އުފައްދަން.”
އޭނާގެ ހިތް ނުތަނަވަސްވިއެވެ. “އެކަން ކޮންޓްރޯލް ކުރަން.”
މިހާރު އޭނާގެ ވިސްނުން ތޫނުވިއެވެ. އަމާޒެއް ހުއްޓެވެ. “އެމީހުން ދައްތަގެ ހަށިގަނޑުން ބައެއް ބަދަލުކުރި ނަމަ..” އޭނާ ހުއްޓައިލިއެވެ. “އަދިވެސް އެކަން ކުރަން އެމީހުން މަސައްކަތް ކުރާނެ.”
ސާރާގެ ނަޒަރު ވަރުގަދަވިއެވެ. “އެކަމަކު މިފަހަރަކު ނޫން.” އޭނާ އަނެއްކާވެސް ސޯފީއާ ދިމާލަށް އެނބުރުނެވެ. މިހާރު ސާރާއަކީ ހަމައެކަނި ބިރުގަނެފައި ހުރި ކުއްޖެއް ނޫނެވެ. އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. “ކިޔަވާދޭން ހަމަޖެހުނު ޓީޗަރު އައިއްސި މެޑަމް ސާރާ.” ކުއްލިއަކަށް މެއިޑްގެ މި ޖުމްލައިން ސާރާ ޚިޔާލުތަކުން ނިކުމެ ހަޤީޤަތަށް އެނބުރި އައެވެ.
ސާރާގެ ހަޔާތުގައި އެއްވެސް ކަމެއް މިނިވަންކަމާއެކު ހިނގާފައެއް ނުވެއެވެ. އުންމީދު ކުރުމަކީވެސް އޭނާއަށް އަމިއްލަ އިޚުތިޔާރުގައި އޮތް ކަމެއް ނޫނެވެ. ކިޔެވުމަށް އޭނާ ކުރި އާދޭސްތަކަށް އޭނާގެ މައިންބަފައިން އެއްބަސްވީ ވަރުގަދަ ޝަރުތުތަކަކާ އެކުގައެވެ. ހަރުކަށި، ހިސާބުޖެހިފައިވާ، އަދި އަބަދުވެސް ފާރަވެރިވެވޭ ފަދަ ގޮތަކަށެވެ.
އޭނާގެ ބައްޕަ މަޑުމައިތިރިކަމާއެކު ބުންޏެވެ. “ދަރިފުޅު ކިޔަވާނީ، އެކަމަކު އެކަން ކުރާނީ ސީދާ އަހަރެމެންގެ ބެލުމުގެ ދަށުން.” އޭނާގެ މަންމަ ސާރާއާ ދިމާއަށް ބަލާވެސް ނުލައި އިތުރުކޮށްލިއެވެ. “ބޭކާރު އެއްވެސް މުއާމަލާތެއް ކޮށްގެން ނުވާނެ. ސަމާލުކަން އެހެން ދިމާއަކަށް ހުއްޓިގެން ނުވާނެ.”
ދެން ސާރާގެ ކުރިމައްޗަށް ދިއްކޮށްލީ ލިޔުމެކެވެ. އެއީ ސިއްރުތައް ހިފެހެއްޓުމާ ގުޅޭ ޤާނޫނީ އެއްބަސްވުމެކެވެ. ސާރާ އެތައް ސަފުހާގެ އެ ލިޔުމަށް ކުރު ނަޒަރެއް ދިނުމަށްފަހު، ސޮއިކޮށްލިއެވެ. އެއީ އޭނާގެ މި ހައްޔަރުވެފައިވާ ދިރިއުޅުމުން ބޭރަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމުގައި ވާތީއެވެ.
ކިޔަވައިދިނުމަށް ތައްޔާރުކުރެވުނު ކޮޓަރިއަކީ އާ ތަނެއް ނޫނެވެ. އެ ގަނޑުވަރުގެ ކޮންމެ ތަނަކީވެސް ވަކި އުސޫލެއްގެ ތެރެއިން ފަރުމާކުރެވިފައިވާ، ފުރިހަމަ، އަދި ކޮންޓްރޯލް ކުރެވިފައިވާ ތަންތަނެވެ. ނަމަވެސް މިއަދު އެތަނުން ތަފާތު އިޙުސާސެއް ކުރެވެމުން ދިޔައެވެ.
ސާރާ އެ ބޮޑު މޭޒުދޮށުގައި އިށީނދެގެން އިނީ ނުތަނަވަސްކަމާ އެކުގައެވެ. ދޮރު ހުޅުވުނު ވަގުތަކީ އޭނާގެ ދުނިޔެއަށް މުޅިން އާ މީހަކު ތައާރަފުވި ވަގުތެވެ.
“އައްސަލާމުއަލައިކުމް މިސް ސާރާ.” އެމީހާ ސަލާމް ގޮވައިލިއެވެ. އެއީ އިތުބާރާއެކު އިވުނު މަޑުމައިތިރި އަޑެކެވެ. ސާރާ އިސްއުފުލާލި ވަގުތު ކުޑަހިނދުކޮޅަކަށް ނޭވާ ހިފަހައްޓާލެވުނެވެ. އެއީ އޭނާ ހީކުރި ވަރަށްވުރެ ޒުވާން ރީތި، މޫނުމަތިން ތޫނުފިލިކަން ފެންނަ، އަދި ހަރުދަނާ ސިފައެއް ހުރި މީހެކެވެ. އޭނާގެ ލޮލުން ފެންނަނީ ހަމައެކަނި ބަލައިލުމެއް ނޫނެވެ. އެއީ ކަންކަން ފުންކޮށް ދެނެގަންނަ ފަދަ ނަޒަރެކެވެ.
“އަހަރެންގެ ނަމަކީ ސާޖިދު.” އޭނާ ތައާރަފުވިއެވެ. “ބައްދަލުވީތީ އުފާކުރަން.”
ސާރާ އަވަސްއަވަހަށް ކޮޅަށް ތެދުވެ، “އާނ.. މަރުހަބާ.” އޭ ބުންޏެވެ. އޭނާގެ އަޑުގައި ހުރި މަޑު ތުރުތުރުލުމެއްގެ ސަބަބުން އޭނާ އަމިއްލަ ނަފުސުދެކެ ރުޅިއައެވެ. ސާރާއަކީ ދުވަހަކުވެސް ފަސްޖެހޭ މީހެއް ނޫނެވެ. ނަމަވެސް ސާޖިދުގެ ފަރާތުން ފެނުނު ކޮންމެވެސް ކަމެއްގެ ސަބަބުން، އޭނާއަކީ ސޯފީގެ ހިޔަނި ނޫންކަމާއި، އޭނާއަކީވެސް ވަކި އިންސާނެއްކަން އިޙުސާސްކޮށްދިނެވެ. އެކަނި އެކަމުގެ ސަބަބުންވެސް ސާރާގެ ހިތް އޭނާއަށް ބޯލަނބަން ފެށިއެވެ. އާދަޔާ ޚިލާފު އިޙުސާސެއް އޭނާގެ ހިތުގައި އުފެދުނެވެ. އޭނާ އަވަސްއަވަހަށް ނަޒަރު އެހެން ދިމާއަކަށް އަނބުރާލިއެވެ.
ސާޖިދު ވަގުތު ބޭކާރު ނުކޮށް ފިލާވަޅު ފެށިއެވެ. “ހުވަފެންތަކަކީ ހަމައެކަނި އިއްތިފާޤެއް ނޫން.” އޭނާ ހިނގަމުން ވާހަކަދެއްކިއެވެ. “އިސްލާމްދީނުގައި ހުވަފެންތައް ތިން ބަޔަކަށް ބެހިގެންވޭ. އެއީ ﷲ ގެ ހަޟްރަތުން އަންނަ ތެދުވެރި ހުވަފެންތަކާއި، އިންސާނާގެ އަމިއްލަ ވިސްނުމާ ގުޅިފައިވާ ކަންކަމާއި، އަދި އޮޅުވާލުމުގެ ގޮތުން އިވިގެންދާ ވަސްވާސްތައް.”
ސާރާ ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހަމުން ދިޔައެވެ. މިއީ އޭނާގެ ދުނިޔެއެވެ. މިއީ އޭނާ ސޯފީއާ ގުޅުވައިދޭނެ އަދި މި ހިޞާރުން ސަލާމަތްކޮށްދޭނެ މަގެވެ.
“މާނަ ދެނެގަތުމަށްޓަކައި،” ސާޖިދު ހުއްޓިލުމަށްފަހު ސާރާއާ ސީދާ ދިމާއަށް ބަލާލިއެވެ. “އެކަމަށް ހަމައެކަނި އިލްމެއް ބޭނުމެއް ނުވޭ. އެކަމަށް ތެދުވެރިކަން ބޭނުންވޭ.”
ސާރާ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރެފައި، އިރުކޮޅަކުން ނަޒަރު ވަކިކޮށްލިއެވެ.
“ބުނެބަލަ.” ސާޖިދު އެހިއެވެ. “ކުއްޅަވައްފަލު ރަނިންގެ ވާހަކަ އަޑުއެހިންތަ؟” ސާރާ މަޑުމަޑުން ބޯޖަހާލިއެވެ. “އާނ، ކުޑައިރު އަޑުއެހިން.” “ރަނގަޅު، އެހެންވީމާ އެ ވާހަކައިން ލިބޭ ފިލާވަޅަކީ ކޮބާ؟”
ސާރާ ކުޑަކޮށް ފަސްޖެހުމަށްފަހު މަޑުމަޑުން ބުންޏެވެ. “އެއީ މުއްސަނދިވި އަންހެނަކު، އޭނާ އައި ތަން ހަނދާން ނައްތާލި ވާހަކަ. ކުރިން އޭނާ އުޅުނު ތަނުގެ މޭވާ (ކުޅަވަށް) ފެނުމުން، އެއީ ކޮން އެއްޗެއްކަން ނޭނގޭ ކަމަށް ހެދުނީ. އެއީ އާދަޔާ ޚިލާފު، ހުތުރު އެއްޗެއްގެ ގޮތުގައި އޭނާއަށް ސިފަވީ.”
ސާޖިދު ވަރަށް ފަރުވާތެރިކަމާއެކު ސާރާއަށް ބަލަން ހުއްޓެވެ. “އެއިން ދަސްވަނީ ކޮން އެއްޗެއް؟”
ސާރާ އޭނާގެ އިނގިލިތަކަށް ބާރުކޮށްލަމުން ބުންޏެވެ. “މުއްސަނދިކަމާއި ބާރުގެ ސަބަބުން.. އިންސާނާގެ ހަނދާންތައް ފޮހެވިދާނެކަން.”
ކޮޓަރިތެރެއަށް ހިމޭންކަން ވެރިވިއެވެ. އެއީ މާނަފުން ހިމޭންކަމެކެވެ. “ނޫނީ އެއަށްވުރެ ގޯސް ކަމެއްވެސް ވެދާނެ.” ސާޖިދު މަޑުމަޑުން ބުންޏެވެ. “އެ ހަނދާންތަކުގެ ބަދަލުގައި އެހެން އެއްޗެއް އުފަންކުރުވިދާނެ.”
ސާރާގެ ހިތް ނުތަނަވަސްވިއެވެ. އޭނާ ސާޖިދުގެ ލޮލަށް ބަލައިލިއެވެ. “ބަދަލުކުރުން” ނުވަތަ “ރިޕްލޭސްމަންޓް” – މިއީ ހަމައެކަނި ފިލާވަޅެއް ނޫނެވެ. މިއީ ދެވުނު އިންޒާރެކެވެ.
ވަގުތު ދިޔައީ ވަރަށް އަވަަށެވެ. ސާޖިދު އޭނާގެ ލިޔުންތައް އެއްކުރަމުން ބުންޏެވެ. “މާދަމާ އަދި ކުރިއަށް ގެންދާނަން.” އޭނާ ހިނގައިގަންނަމުން މަޑުޖެހިލާފައި ސާރާއަށް ބުންޏެވެ. “މިސް ސާރާ.. ތިޔަ ހޯދާ ހޯދުންތަކުގެ ތެރެއިން އަމިއްލަ ނަފުސު ގެއްލުނަނުދިނުމަށް ސަމާލުވާތި.”
ސާރާގެ ނޭވާ ކުޑަކޮށް ހުއްޓުނު ފަދަ އިޙުސާސެއް ކުރެވުނެވެ. “އަހަރެން އެހެނެއް ނުވާނަން.” އޭނާ ޖަވާބު ދިނެވެ. ނަމަވެސް އަމިއްލަ ނަފުސަށް އެކަން ޤަބޫލެއް ނުކުރެވުނެވެ.
ސާޖިދު ދިއުމުން ކޮޓަރިތެރެ އަނެއްކާވެސް ފަޅުވިއެވެ. ސާރާ އިނީ ވިސްނުމަކަށް ގެއްލިފައެވެ. ހުވަފެންތައް، ބަދަލުކުރުން، ހަނދާންތައް، އޭނާގެ މައިންބަފައިން، ސޯފީ، އަދި ސާޖިދު. އޭނާގެ ހިތުގައި އުފެދުނު އެ އާދަޔާ ޚިލާފު އިޙުސާސަކީ ނުރައްކާތެރި ކަމެކެވެ. އޭނާ ކެމެރާތަކަށް ބަލައިލުމަށްފަހު، ސޯފީގެ ކޮޓަރިއާ ދިމާއަށް މިސްރާބުޖެހިއެވެ.
(ނުނިމޭ)
