ހާމަވި ބޮޑު ސިއްރު
ޒާރާ އަވަސްއަވަހަށް އޭނާގެ ފޯނުން މެއިލް ހުޅުވާލިއެވެ. އަތްތުރުތުރުލާ ހާލު، ފޯނުގެ ސްކްރީނަށް ބަލައިލިއިރު، އޭނާގެ ހިތް އިންތިހާއަށް ތެޅެމުން ދިޔައެވެ. ލެބޯޓްރީން ފޮނުވާފައިވާ ރިޕޯޓުގެ ކޮންމެ އަކުރަކުން ޒާރާގެ ހިތް ހުއްޓޭ ފަދަ އިހުސާސެއް ކުރެވުނެވެ. އެއީ އޭނާގެ މުޅި ހަޔާތް ބަދަލުކޮށްލާނެ ލިޔުމެއްކަން އޭނާއަށް އެނގެއެވެ.
ޒާރާ ދެލޯ ބޮޑުކޮށްލައިގެން އިނދެ، އެ ރިޕޯޓުގެ ނަތީޖާއަށް ބަލައިލި ވަގުތު، ޒާރާގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފައިބަން ފެށިއެވެ. ރިޕޯޓުގައިވާ ގޮތުން ލާރާ އާއި ލަޔަލް އަކީ ސީދާ ޒާރާގެ ދަރިންނެވެ. ޑީ.އެން.އޭ ޓެސްޓުގެ ނަތީޖާއިން އެކަން ސައްތަ އިން ސައްތަ ކަށަވަރުވީއެވެ. ޒާރާގެ ހިތަށް ލިބުނު އުފަލެއްގެ ބޮޑުކަމުން، މުޅި ކޮޓަރިތެރޭގައި އޭނާގެ ނޭވާގެ އަޑު ގުގުމާލިއެވެ.
ޒާރާ އުފަލުން ފޮޅުނެވެ. ބާރަށް ހަޅޭޢްލަވައި ނުގަނެވުނީ ކިރިއާއެވެ. އެތައް އަހަރެއްގެ ހިތްދަތިކަމާއި، ނޭނގުމުގެ ކަނޑެއްގައި އުފުލި ވޭނަށް ނިމުން އައީއެވެ. އޭނާގެ ހަށިގަނޑުން ބޮޑު ބުރައެއް ލުއިވެގެން ދިޔަ ފަދަ އިހުސާސެއް ކުރެވުނެވެ. ޒާރާއަށް ހަމަނޭވާއެއް ލެވުނެވެ. މޭގައި އަތްއަޅާލަމުން، އިސްޖަހާލައި ﷲ އަށް ހަމްދުކުރިއެވެ. “އަލްހަމްދުލިއްލާހި!، އިބަ ރަސްކަލާނގެ މިއަޅުގެ ދުޢާ އިޖާބަކުރައްވައިފި،” އޭނާގެ ދުލުން މި ބަސްތައް މަޑުމަޑުން ބޭރުވިއެވެ.
އޭނާގެ ކަންފަތުގައި އަނެއްކާވެސް އެ އަޑު ގުގުމާލިއެވެ. ނަމަވެސް މިފަހަރު އެއީ އޭނާއަށް އުނދަގޫކުރި ބިރުވެރި ނުވަތަ ހާސްކުރުވި އަޑެއް ނޫނެވެ. މިފަހަރު އެއީ އުފާވެރިކަމުގެ، ހިތްހަމަޖެހުމުގެ އަޑެވެ. އެއީ އޭނާގެ ދަރިންގެ ހީނލުމުގެ އަޑު ފަދަ ނުހަނު އުންމީދީ އަޑެކެވެ.
ޒާރާ ވަގުތުން އޭނާގެ ސެކްރެޓަރީއަށް ގުޅިއެވެ. އޭނާގެ އަޑުގައި ހުރީ މީގެ ކުރިން ނުފެންނަ ފަދަ ސާބިތުކަމެކެވެ. “ހަލޯ. އަހަރެން ދެތިން މަސްދުވަސް ވަންދެން މަސައްކަތް ކުރާނީ ގޭގަ. ހުރިހާ ޑޮކިއުމެންޓެއް މެއިލް ކޮށްލާ،” ޒާރާ އެހެންބުނުމާއެކު ފޯނު ބޭއްވިއެވެ. އޭނާގެ މިހާރުގެ ހަމައެކަނި މަގްސަދަކީ ގެއްލިފައިވާ އެތައް އަހަރެއްގެ ލޯތްބާއި އަޅާލުން އޭނާގެ ދަރީންނަށް ދިނުމެވެ. އެކުދިންނަށްޓަކައި އޭނާގެ މުޅި ހަޔާތް ގުރުބާންކުރަން އޭނާ ހުރީ ތައްޔާރަށެވެ. މާޒީގައި ހިނގާފައިވާ ކަންތައްތަކުގެ ސަބަބުން އެކުދިންނަށް ލިބިފައިވާނެ ހިތްދަތިކަން ފިލުވައިދިނުމަށް ޒާރާ އަޒުމް ކަނޑައެޅިއެވެ.
ޖެހިގެން އައި ދުވަހު ހެނދުނު، އިރުގެ ރަން އަލިކަން މުޅި މާހައުލަށް ފެތުރިގެން އައިއިރު، ޒާރާ ހުރީ ފުރިހަމައަށް ތައްޔާރުވެގެންނެވެ. އޭނާ ކޯޓުގެ އަމުރަކާއެކު ފުލުހުން ގޮވައިގެން އަޒީލްގެ ގެއަށް ވަނެވެ. ގޭގެ ބޮޑު ދޮރު ހުޅުވާލުމާއެކު ފެނުނީ ސިޓިންގ ރޫމުގައި ވަރަށް ހަމަޖެހިލައިގެން، ކޮފީއެއް ބޯލަން އިން އަޒީލެވެ. އޭނާގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމެއް ނެތް ފަދަ ފަރުވާކުޑަ ގޮތެކެވެ. އޭނާ ހީކުރީ ފައިސާގެ ބާރުގައި ހުރިހާ ކަމެއް އޮބަހައްޓާލެވޭނެ ކަމަށާއި، ޒާރާއަށް ދުވަހަކުވެސް ހަގީގަތާ ހަމައަށް ނުދެވޭނެ ކަމަށެވެ. ނަމަވެސް ފުލުހުން ފެނުމާއެކު އޭނާގެ އަތުން ކޮފީ ޖޯޑު ދޫނުވީ ކިރިއާއެވެ. އޭނާގެ މޫނުމަތީގައިވި ކިބުރުވެރިކަން ވަގުތުން ފިލައި، ބިރުވެރިކަން ވެރިވިއެވެ.
“އަޒީލް، ކޮބާ އަހަރެންގެ ދަރިން؟” ބާރު ރާގަކަށް ޒާރާ ސުވާލުކުރިއެވެ. އޭނާގެ އަޑު މުޅި ގޭތެރޭގައި ގުގުމާލިއެވެ. އަޒީލް އިސްޖަހާލިއެވެ. އޭނާއަށް ދައްކާނެ އެއްވެސް އުޒުރެއް ނެތެވެ. ޒާރާގެ އަތުގައި އޮތީ އިންކާރު ނުކުރެވޭނެ ފަދަ ވަރުގަދަ ހެކިތަކެވެ. އަޒީލްގެ މަކަރުވެރިކަމާއި ރޭވުންތައް މިއަދު މިވަނީ ބޭޒާރުވެފައެވެ. އޭނާ ބިނާކުރި ދޮގުގެ ފާރުތައް މިއަދު ވެއްޓި ފުނޑުފުނޑުވެއްޖެއެވެ.
އިރުކޮޅެއްފަހުން މަރްޔަމް އެ ދެކުދިންނާއި އެ ތިންމީހުންގެ ފޮށި ހިފައިގެން ތިރިއަށް ފޭބިއެވެ. މަރްޔަމްގެ ލޮލުންވެސް ހިތްހަމަޖެހުމުގެ އަސަރު ފާޅުވެއެވެ. އޭނާވެސް އެ އުޅުނު އަޅުވެތިކަމުން މިއަދު މިނިވަންވީއެވެ. ލާރާއާއި ލަޔަލް ތިބީ ވާނުވާ ނޭނގި ބިރުންނެވެ. ނަމަވެސް ޒާރާ ފެނުމާއެކު، އެކުދިން ދުވެފައި ގޮސް ޒާރާގެ ގައިގައި ބައްދާލިއެވެ. އެއީ ފިތުރީ ކުލުނެވެ. އެކުދިންގެ ހިތްތަކަށް ވެސް މިއަދު އެއީ އެކުދިންގެ ހަގީގީ މަންމަކަން އިހުސާސުވާ ފަދައެވެ.
“ދެން ބިރުގަންނާނެ ކަމެއް ނެތް. ހަގީގަތް ހާމަވެއްޖެ، ތި ދެކުދިންނަކީ އަހަރެންގެ ވެސް ދަރިން،” ޒާރާ ކުދިންގެ ބޮލުގައި ފިރުމާލަމުން، ކަރުނުން ފުރިފައިވާ އަޑަކުން ބުންޏެވެ. އޭނާ އެކުދިން މޭގައި ޖައްސާ ބާރުކޮށްލިއެވެ. “ހިނގާ ގެއަށް ދަމާ! އާދޭ މަރްޔަމް.” ޒާރާގެ އަޑުގައި ހުރީ އޯގާތެރިކަމާއި ކުލުނެވެ. އޭނާ މަރްޔަމްއަށް ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ.
ޒާރާ އާއި ދެކުދިންނާއި މަރްޔަމް އެގޭގެ ދޮރުން ނުކުމެގެން ދިޔައިރު، އަޒީލް ހުރީ ބަސްހުއްޓިފައެވެ. އޭނާ ބިނާކުރި ދޮގުގެ ގަނޑުވަރު ބިމާ ހަމަވެ، އޭނާގެ ވަށައިގެންވި ދުނިޔެ ބަނަވެއްޖެއެވެ. އެމީހުން ދިޔަ މަންޒަރު ބަލަހައްޓައިގެން ހުރި އަޒީލަށް މިފަހަރު އިވުނީ އޭނާގެ އަމިއްލަ ނަފްސުގެ ކުށްވެރިކަމުގެ އަޑެވެ. ޒާރާގެ ހިތްވަރާއި، ހަގީގަތް ހޯދުމަށް އޭނާ ކުރި މަސައްކަތުގެ ނަތީޖާ މިއަދު ފެނިއްޖެއެވެ. އިންސާފު ގާއިމުވެ، ހަގީގީ ލޯބި ކާމިޔާބުވީއެވެ. ޒާރާގެ ހިތުގައި އޮތް ބިރުވެރިކަން ފިލައި، އުއްމީދުގެ އާ ދަންމަރެއް ދިއްލުނެވެ. އޭނާގެ ދިރިއުޅުމުގެ އާ ބާބެއް މިއަދު މިވަނީ ފެށިފައެވެ.
(ނުނިމޭ)
