ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 53
މުނިއަވަސް ގްރެފިކްސް

އެ ދެމެދުގައިވާ ހަޤީޤަތް

ވަަޝިއްޔާ ނުކުމެގެން ދިޔުމުން، ޖާބިރު އެ ކޮޓަރީގައި މަޑުކުރިއެވެ. އޭނާގެ ނަޒަރު ހުއްޓުނީ އަދިވެސް ގޮނޑީގައި އިށީނދެގެން އިން މިރުޒާއަށެވެ. މިރުޒާއަށް އޭނާގެ ބޯ ސީދާކޮށްލައިގެން އިނުމަށްވެސް ވަނީ އުނދަގޫވެފައެވެ.

“ސޯ މިރުޒާ ގަފޫރު” ޖާބިރު ބުންޏެވެ. “ކަލެއަށް އެންމެ ފަހުން އޭނާއާ ވާހަކަދެކެވިއްޖެތާ.”

މިރުޒާ އިސްއުފުލައި ބަލައިލިއެވެ.

“ވަޝިއްޔާ އަހަންނާ ބައްދަލުކުރަން ބޭނުންވިކަން ކަލެއަށް އެނގޭ..”

“އޮފްކޯރޒް.. ޝައްކެއްވެސް ނެތް.”

“ދެން ކީއްވެ އެއްބަސްވީ؟”

ޖާބިރު މިރުޒާއާ ގާތަށް ޖެހިލިއެވެ.

“ސަބަބަކީ އަހަރެންގެ ޝްރެޔާ ރަނގަޅަށް ކައިބޮއި ނުހަދާތީ. ޑޮކްޓަރުންނަށް އެއްބާރުލުން ދިނުމަށް އޭނާ ވަނީ އިންކާރުކޮށްފައި. އަދި އޭނާ ކޮންޓްރޯލްކުރުން ދަނީ ދުވަހުން ދުވަހަށް އުނދަގޫވަމުން.”

މިރުޒާގެ މޫނުމަތިން ހަރުކަށިކަން ފެނިގެންދިޔައެވެ.

“އޭނާއަކީ ކަލޭމެން ކޮންޓްރޯލްކުރަން ޖެހޭ އެއްޗެއް ނޫން.”

ޖާބިރު ފިނި ހިނިތުންވުމެއް ރައްދުކުރިއެވެ.

“ކަލެއަށް އަދިވެސް ނުވިސްނޭ ދޯ؟”

“ކޮން އެއްޗެއް؟”

“މިތަނަކީ، މިރުޒާ، މީހަކު ބޭނުންވާއިރަށް ހަމަ ފަސޭހައިން ދެވޭނެ ތަނެއް ނޫން. ޚާއްސަކޮށް އެ މީހަކީ މީހެއްގެ މިލްކަކަށް ވެފައިވާނަމަ.”

މިރުޒާ އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

“އޭނާއަކީ ކަލޭގެ މިލްކެއް ނޫން.”

ޖާބިރުގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ.

“ތިޔަ ބަސްތައް ބޭނުންކުރުމުގައި ވަރަށް ބޮޑަށް ސަމާލުވުމަށް އަހަރެން ނަސޭހަތްތެރިވަަން.”

“އޭނާއަކީ އިންސާނެއް. މީހެއްގެ މުދަލެއް ނޫން.”

ޖާބިރު އޭނާއާ އިތުރަށް ގާތްވެލިއެވެ.

“އިންސާނުންނާމެދު އަމަލުކުރަންޖެހޭ ގޮތާ ބެހޭގޮތުން އަހަންނަށް ނަސޭހަތް ދިނުމުގެ އެއްވެސް ޙައްޤެއް ކަލެއަކަށް ނެތް.”

އެ ބަސްތަކުން މިރުޒާއަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ. މިރުޒާ އިސްޖަހާލިއެވެ. ސަބަބަކީ އެއްކަމެއްގައި ޖާބިރު ބުނި ބަސް ތެދުވީމައެވެ. އޭނާއަކީ އަބަދުވެސް އެހެން މީހުންގެ ކަރާމާތަށް އިޙުތިރާމުކުރި މީހެއްކަމަށް ދެއްކުމުގެ ފުރުސަތު މިރުޒާއަކަށް ނެތެވެ.

ޖާބިރު ސީދާވެލިއެވެ. “މީނާ ގެންދޭ.”

ދެ ފިރިހެނަކު އެތެރެއަށް ވަނެވެ. އެމީހުން ގޮނޑިން މިރުޒާ ނެގި ވަގުތު، ޖާބިރު އަނެއްކާވެސް ވާހަކަދެއްކިއެވެ.

“އަހަރެން ވަކި ގޮތަކަށް ނިންމައިފިނަމަ މެނުވީ، ދެން ދުވަހަކުވެސް ކަލެއަކަށް އޭނާއެއް ނުފެންނާނެ.”

މިރުޒާ އޭނާގެ ބޯ އަނބުރާލިއެވެ.

“އެހެންވިޔަސް، އޭނާއަށް ހަޤީޤަތް އެނގެން ދޫކޮށްލާ. ވަޝިއްޔާ މިނިވަންކުރޭ!”

މިރުޒާ ގެންދާތަން ޖާބިރު ބަލަން ހުއްޓެވެ.

މިވެސް ކިޔާލަން:  ވޭނުގާ - އަށާރަވަނަ ބައި

“ކަލޭއަކަށް އަމުރެއް ނުހިންގޭނެ.. މިކަން ފަހުން އެނގޭނެ.”

*****

އެރޭ، ވަޝިއްޔާ އިނީ ކޮޓަރީގެ ކުޑަދޮރު ކައިރީގައެވެ. ނަރުސް ކުއްޖާ ވަނީ އޭނާއަށް ހެދުން ބަދަލުކޮށްދީ، ނިދަން އޮށޯތުމަށް އެހީތެރިވެދީފައެވެ. ބޭސްތަކުގެ ސަބަބުން އޭނާއަށް ނިދި އަންނަގޮތްވި ނަމަވެސް، އަރާމު ނިދީގެ ފުރުސަތު ވަނީ ގެއްލިފައެވެ.

އޭނާގެ ހިތުގައި އެނބުރެމުން ދިޔައީ ދެކެވުނު ވާހަކަތަކެވެ. މިރުޒާ ވަނީ އޭނާގެ ކުށްތަކަށް އިއުތިރާފުވެފައެވެ. މަސްތުގެ މުއާމަލާތްތަކުގައި އޭނާ ބައިވެރިވިކަމަށް އިންކާރެއް ނުކުރެއެވެ. އޭނާއަކީ އެއްވެސް ކަމެއްގައި ކުށެއް ނެތް މައުސޫމު މީހެއް ކަމަކަށް ނުދައްކައެވެ. އަދި އޭނާއަށް މާފުކުރުމަށްވެސް އެދިފައެއް ނުވެއެވެ. އަދި އޭނާ ހޯދުމަށް މަސައްކަތްކުރި ކަމަށް ބުންޏެވެ. ތިން އަހަރު ދުވަހެވެ.

އޭނާގެ އެނދު ކައިރީގައި ހުރި މޭޒުމަތީގައި އޮތް ނޯޓުފޮތަށް އޭނާ ބަލައިލިއެވެ. ލަސްލަހުން އޭނާ އެ ފޮތް ނެގިއެވެ. އަތް ތުރުތުރުލާ ހާލު، އޭނާ ހުސް ސަފުހާއެއް ހުޅުވާލިއެވެ. އަދި ލިޔުނެވެ.

“އޭނާގެ މޫނު ހުރީ ކުރިއެކޭ އެއްގޮތަށެވެ. އެކަމަކު އޭނާގެ ދެލޯ ތަފާތެވެ.”

ވަޝިއްޔާ މަޑުޖެހިލިއެވެ. ދެން އަނެއްކާވެސް ލިޔަން ފެށިއެވެ.

“އޭނާ ބުނަނީ އޭނާ އަހަރެން ނުވިއްކާ ކަމަށެވެ.”

އަނެއްކާވެސް މަޑުޖެހިލުމަކަށްފަހު، “އޭނާ ބުނަނީ އޭނާ އަހަރެން ހޯދި ކަމަށެވެ.”

ވަޝިއްޔާ އެ ލިޔުނު ބަސްތަކަށް ބަލަހައްޓައިގެން ހުއްޓެވެ. ގިނަ އިރުތަކެއް ވަންދެން ހަމައެކަނި އެ ލިޔުންތަކަށް ބަލަން އިނުމަށްފަހު، އެންމެ ފަހު ޖުމުލަ ލިޔުނެވެ.

“އަހަރެން ބޭނުންވަނީ އަހަންނަށް މިހެން ހެދީ ހަޤީޤަތުގައި ކާކުކަން އެނގޭށެވެ.”

ވަޝިއްޔާ ނޯޓުފޮތް ލައްޕާލިއެވެ.

ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި ފުރަތަމަ ފަހަރަށް، އޭނާ ރޭގަނޑުގެ ކެއުމުން ކޮންމެވެސް ވަރެއް ކައިފިއެވެ. ނަރުސް ކުއްޖާއަށް އެކަން ފާހަގަވި ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.

ކޮލޮމްބޯ ސިޓީގެ އަނެއް ފަރާތުގައި، މިރުޒާ ހުރީ އޭނާއަށް ނޭނގޭ ތަނެއްގައި ބަންދުކޮށްފައެވެ. ހަމައެވަގުތު، ޖާބިރު ރަހުމާން ދިޔައީ ދެން ވާނެ ގޮތެއް ނިންމުމަށްޓަކައި ގޮތްތަކެއް ނިންމަމުންނެވެ.

އަދި ވަޝިއްޔާ، އޭނާގެ ހަޔާތުގެ އެންމެ ބިރުވެރި އަހަރުތައް ބައްޓަންކުރި ދެ ފިރިހެނުންގެ ދެމެދުގައި ތާށިވެފައި ހުރެ، އެންމެ ފަހުން ތަފާތު ސުވާލެއް ކުރަން ފަށައިފިއެވެ. އެއީ މިރުޒާ އޭނާދެކެ ލޯބިވޭތޯ ކުރާ ސުވާލެއް ނޫނެވެ. ނުވަތަ ޖާބިރު އޭނާ ރައްކާތެރިކޮށްދޭނެތޯ ކުރާ ސުވާލެއްވެސް ނޫނެވެ. އަދި ކުރީގެ އޭނާގެ ހަޔާތަށް އެނބުރި ދެވޭނެތޯ ކުރާ ސުވާލެއްވެސް ނޫނެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - ހަތާވީސްވަނަ ބައި

އޭނާ ބޭނުންވަނީ ހަޤީޤަތެވެ. އަދި މިފަހަރު، އޭނާ ގަސްތުކުރީ އަމިއްލައަށް އެ ހަޤީޤަތް ހޯދުމަށެވެ.

*****

ނަމަވެސް، ޖާބިރަށް ނޭނގޭ ކަމެއް އޮތެވެ. އެއީ ޑޮކްޓަރުންނާއި، އެހީތެރިންނާއި، އަދި ރޭދުވާލު އޭނާގެ ފާރަވެރިއަކަށް ހުރި ނަރުސް ކުއްޖާއާވެސް ވަޝިއްޔާ ހިއްސާނުކުރާ ކަމެކެވެ. އޭނާގެ ރޭވުމެއް އޮތެވެ. އެއީ މާ ފުރިހަމަ ރޭވުމެއް ނޫނެވެ. އަދި ބުއްދިވެރި ރޭވުމެއްވެސް ނުމެނޫންމެއެވެ. އޭގައި ހުރި ނުރައްކާތައް އޭނާއަށް އެނގެއެވެ. އަދި އެކަން ކުރަން އުޅުމުގެ ތެރޭގައި ފުރާނަ ގޮސްފާނެކަންވެސް އޭނާއަށް ވިސްނެއެވެ. ނަމަވެސް، ދެން އޭނާގެ އަތުން ބީވެގެންދާނެ އިތުރު އެއްޗެއް ނެތެވެ.

ވަޝިއްޔާ އެންމެ ލޯބިވި މާޒީ ވަނީ ވަޅުލެވިފައެވެ. އޭނާގެ އަމިއްލަވަންތަކަމާއި، މިނިވަންކަމާއި، ކުރީގެ ދިރިއުޅުން ވަނީ ނިގުޅައިގަނެފައެވެ. އެމީހުން އޭނާގެ ހަށިގަނޑުގެ ބޭނުން ހިފައި، ވިސްނުމާ ކުޅެ، އޭނާ ދުވަހަކުވެސް ބޭނުންނުވި މަސްތުވާތަކެއްޗަށް އޭނާ ދެވިހިއްޕިއެވެ. އާދައިގެ ހުވަފެންތަކެއް ދެކެމުން އައި އަންހެނަކު، އޭނާ ނަފުރަތުކުރާ ދުނިޔެއަކަށް އެމީހުން ގަދަކަމުން ވެއްދިއެވެ. މަސްތުގެ ދުނިޔެއަށެވެ. އޭގެ ނުރައްކާތެރިކަން ނޭނގި ވަޝިއްޔާއަށް އެ ދުނިޔެއަށް ވެއްދިގޮތަށް، އެތަނުން ނުކުތުމުގެ ފުރުސަތެއް އެމީހުން ދުވަހަކުވެސް ނުދިނެވެ.

އަހަރުތަކެއް ވަޝިއްޔާ ހޭދަކުރީ އެހެން މީހުންގެ ނިންމުންތަކަށް ތަބާވެގެންނެވެ. ލާނެ ހެދުމާއި، ދާނެ ތަނާއި، ބައްދަލުކުރާނެ މީހުން ނިންމަނީ ޖާބިރެވެ. އޭނާއަށް ފަރުވާ ދޭނެ ވަގުތާއި، ފޯނު ކުރެވޭނެ ވަގުތާއި، އަދި ކޮޓަރިން ބޭރަށް ނުކުމެވޭވަރަށް ހާލަތު ރަނގަޅުތޯ ނިންމަނީ ޖާބިރުގެ މީހުންނެވެ. އެންމެ ފަހުން އޭނާގެ ނަންވެސް ވެފައިވަނީ އެހެން މީހެއްގެ ނިންމުމަކަށެވެ.

ދެން މިރުޒާ އެވެ. އޭނާ އެނބުރި އައީ އުޒުރުތަކާއި، ހިތާމަތަކާއި އަދި ވަޢުދުތަކަކާ އެކުގައެވެ. ނަމަވެސް އޭނާ އެ ދައްކާ ވާހަކައިގައި ހަޤީޤަތް އެކުލެވިގެންވަނީ ކިހާ މިންވަރަކަށް ކަމެއް ވަޝިއްޔާއަކަށް އަދިވެސް ނޭނގެއެވެ. މިވަގުތަށް، އެއިން އެކަކަށްވެސް އޭނާއަށް އިތުބާރެއް ނުކުރެވޭނެއެވެ.

ވަޝިއްޔާ އޭނާގެ ކޮޓަރީގެ ދޮރާ ދިމާލަށް ބަލާލިއެވެ. ދޮރުން ބޭރުގައި ތިބީ ސެކިއުރިޓީންނާއި، އެހީތެރިންނާއި، އަދި އޭނާއަށް އެންމެ ރަނގަޅު ގޮތް އެނގެނީ ތިމަންމެންނަށް ކަމަށް ޤަބޫލުކޮށްގެން ތިބި މީހުންނެވެ.

މިވެސް ކިޔާލަން:  ވަކިވާކަށް ނޭދެން - އެކާވީސްވަނަ ބައި

ދެން އޭނާ އަނދިރި ކުޑަދޮރުން ފެންނަން ހުރި އޭނާގެ އަމިއްލަ ސޫރައަށް ބަލާލިއެވެ. އެއިން ފެންނަނީ ވަރުބަލިވެ، ބިރުގެންފައިވާ، ނާޒުކު އަންހެނެކެވެ. ނަމަވެސް އެ ވަރުބަލިކަމުގެ އަޑީގައި، އަދިވެސް ކޮޅަށް ހުރި އެއްޗެއް ވެއެވެ. އެއީ ވަޝިއްޔާއެވެ.

އޭނާގެ ނޯޓުފޮތް ހުޅުވާލުމަށްފަހު އާ ގަނޑަކަށް ރުޖޫއަވިއެވެ. އިރުކޮޅެއް ވަންދެން އެއްވެސް އެއްޗެއް ނުލިޔެ ގަލަން ހިފަހައްޓައިގެން އިނެވެ. ދެން، ވަރަށް ސަމާލުވެ ހުރެ، ކުދި އަކުރުން ލިޔެލިއެވެ.

“އަހަރެން މީ ވަޝިއްޔާ.. އަހަރެން މިދަނީއެވެ.”

އެ ޖުމްލައަށް އޭނާ ބަލަހައްޓައިގެން އިނެވެ. އެއީ އެންމެ ކުރު އެއްޗެކެވެ. ނަމަވެސް ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި އޭނާ ލިޔުނު ކޮންމެ އެއްޗަކަށްވުރެ އެ ޖުމްލައިގެ މާނަ މާ ފުންވެފައި ބަރެވެ.

އޭނާ ނާކާމިޔާބުވެދާނެކަން އޭނާއަށް އެނގެއެވެ. ޖާބިރު އެހާ ފަސޭހައިން އޭނާ ދިޔަނުދޭނެކަންވެސް އެނގެއެވެ. އަދި އޭނާގެ ދިރިއުޅުން ބަރުބާދުކޮށްލި މީހުން އަދިވެސް ބޭރުގައި އުޅޭނެކަން އެނގެއެވެ. ނަމަވެސް، މަޑުކުރުމުގެ މާނައަކީ އޭނާގެ ކިބައިގައި ބާކީ ހުރި މިންވަރުވެސް ދޫކޮށްލުމެވެ. އަދި އެކަން ކުރާކަށް އޭނާ މިހާރު ބޭނުމެއް ނޫނެވެ. އޭގެ ނަތީޖާ އަންދާޒާކުރަން ނޭނގުނަސް، އޭނާގެ ނިޔަތް ވަރަށް ސާފެވެ. އޭނާ ފިލާނީއެވެ. ޝްރެޔާ ރަހްމާންގެ ގޮތުގައެއް ނޫނެވެ. ޖާބިރުގެ އެންމެ ގާތް މީހާގެ ގޮތުގައެއްވެސް ނޫނެވެ. އަދި މިރުޒާ ގަފޫރުގެ ނުނިމި އޮތް ހިތާމަވެރި ވާހަކައިގެ ބައެއްގެ ގޮތުގައެއްވެސް ނޫނެވެ. އޭނާ ދާނީ ވަޝިއްޔާގެ ގޮތުގައެވެ.

މަސްތުގެ ދުނިޔެއިން އޭނާއަށް އެއްޗެއް ދަސްވެފައިވާނަމަ، އެއީ އޭނާފަދަ މީހުންނަށް މިނިވަންކަމަކީ ދުވަހަކުވެސް ހަދިޔާއަކަށް ލިބޭނެ އެއްޗެއް ނޫންކަމެވެ. ބައެއް ފަހަރު، އެ މިނިވަންކަން އަނބުރާ ހޯދުމަށްޓަކައި ހުރިހާ އެއްޗެއް ޤަރުބާން ކުރަން ޖެހެއެވެ.

އޭނާ ނޯޓުފޮތް ލައްޕާލުމަށްފަހު ބާލީސް ދަށަށް ލިއެވެ. މިއީ ވަރަށް ގިނަ ދުވަސްތަކަކަށްފަހު، އާ ދުވަހަކަށް ދިރިހުންނާނެ ގޮތަކާމެދު އޭނާ ނުވިސްނާ ފުރަތަމަ ފަހަރެވެ. އޭނާ ވިސްނަމުން ދިޔައީ މިތަނުން ސަލާމަތްވާނެ ގޮތަކާ މެދުގައެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top