ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ފުރަބަންދު ކޮށްފައިވާތީވެ، ހުއްޓާލާފައިވާ ވެކްސިން ދިނުމުގެ ޚިދުމަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާގޮތް އެ ދަމަނަވެށިން އާންމުކޮށްފިއެވެ.

ދަމަނަވެށިން އާންމުކުރި ބަޔާނެއްގައި ބުނެފައިވާގޮތުގައި ކޮވިޑް-19 އާއި ގުޅިގެން ޚިދުމަތްތައް މެދުކަނޑާލާފައިވާ ދުވަސްތަކުގައި ވެސް 18 އަހަރުން ދަށުގެ ކުދިންނަށް ކޮންމެހެން ދޭންޖެހޭ ވެކްސިންތަކުގެ ތެރެއިން ޤައުމީ ވެކްސިން ތާވަލުގައި ހިމެނޭ ވެކްސިންތައް ދިނުމަށް 03 މެއި 2020 އިން ފެށިގެން އޮފީސް ހުޅުވުމަށް ނިންމާފައިވާ ކަމުގައެވެ.

އާންމު އުސޫލާއި ޚިލާފަށް ފުރަބަންދުގެ މުއްދަތުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ އެޕޮއިންޓްމަންޓްގެ އުސޫލުންނެވެ. އަދި ދަމަނަ ވެށީގެ ޚިދުމަތް ހަފްތާގެ ހުކުރު ހޮނިހިރު ފިޔަވައި ކޮންމެ ދުވަހަކު ދިނުމަށް ހަމަޖައްސާފައިވާއިރު، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ން މެންދުރު 13:00 އަށް 3322403 ނަމްބަރަށް ގުޅައިގެން އެޕޮއިންޓްމަންޓް ހެއްދޭނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެޕޮއިންޓްމަންޓް ނޯޓުކުރުމުގައި ފޯރުކޮށްދޭންޖެހޭނެ މަޢުލޫމާތުގެ ތަފްސީލުވެސް ބަޔާންކޮށްފައިވެއެވެ. އެގޮތުން ވެކްސިންދޭ ކުއްޖާގެ ނަމާއި، އުފަން ތާރީޚާއި، އެންމެ ފަހުން ވެކްސިންޖެހި ތާރީޚާއި، ޖެހި ވެކްސިނުގެ ނަމާއި، ކުއްޖާ މިވަގުތު ދިރިއުޅޭ އެޑްރެސް އަދި ކުއްޖާ މިވަގުތު ދިރިއުޅޭ ގެއަކީ މޮނިޓަރިންގެ ހާލަތުގައި ހުރި ގެއެއްތޯ ނުވަތަ ނޫންތޯ ސާފުކޮށްދޭން ޖެހެއެވެ.

ހަމައެކަނި ފަނީ ބޭސް އަދި ވިޓަމިން-އޭ ދޭންޖެހޭ އުމުރުން 5 އަހަރުން ދަށުގެ ކުދިންނަށް ބޭސް އަދި ވިޓަމިން ދޫކުރުމަށް ހަމަޖެހިފައިވަނީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 ން މެންދުރު 13:00 އަށް ކަމަށާއި، މި ބޭސްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ކުއްޖާ ވެކްސިން ފޮތް ހިފައިގެން ހަމައެކަނި ބެލެނިވެރިޔާ ވަޑައިގަތުމުން ކަމަށާއި މީގެއިތުރުން އެމް.އާރު ވެކްސިން ޖަހަން ބޭނުން ފުޅުވާ 40 އަހަރުން ދަށުގެ ބޭފުޅުންނާއި، އިންފުލުއެންޒާ ވެކްސިން ޖަހަން ބޭނުންވާ ބޭފުޅުން ވެސް އެޕޮއިންޓްމެން ހެއްދުމަށް ހުކުރު ހޮނިހިރު ފިޔަވައި ބަޔާންކުރެވި ދިޔަ ގަޑިތަކުގައި ގުޅުއްވުމަށް އެ މަރުކަޒުން އެދިލައްވާފައި ވެއެވެ.

އެ އޮފީހުން އާންމުކުރި ބަޔާނުގައި އިތުރަށް ބުނެފައިވަނީ ވެކްސިން ދިނުމުގެ ޚިދުމަތްތައް ފިޔަވައި އެ މަރުކަޒުން ދެމުން އައި އިތުރު ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށާއި، ދެމުން ގެންދާ ޚިދުމަތްތަކަށް ގެނެވޭ ބަދަލުތައް އިއުލާންކުރަމުން ގެންދާނެ ކަމުގައެވެ. އަދި ވެކްސިން ދިނުމުގެ ޚިދުމަތްތައް ހޯދުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑާއި، ކުޑަކުދިންގެ ވެކްސިން ޖެހުމަށް ވަޑައިގަންނަވާއިރު ކުއްޖާގެ ވެކްސިން ފޮތް ގެންނަން ވާނެކަމުގައި ދަމަނަވެށިން ބުނެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.