ދިވެހިރާއްޖޭގެ ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި އެޑިއުކޭޝަން މިނިސްޓަރ އައިޝަތު އަލީ ވާރޗުއަލްކޮށް މިއަދު ބައްދަލުކުރައްވައިފިއެވެ.
ކޮވިޑް-19 ގެ ސަބަބުން މިދިޔަ މާރިޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުކޫލުތަކުގެ ކިޔެވުން މެދުކަނޑާލާފައި ވާއިރު، މިއަހަރުގެ ޖީސީއީ އޯލެވެލް އަދި އެސް.އެސް.އީ އިމްތިހާނު ފަސް ކުރުމަށް ނިންމާފައިވާ މިދަނޑިވަޅުގައި މިނިސްޓަރު މިއަދު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުން 212 ސުކޫލެއްގެ ޕްރިންސިޕަލުންނާއި އޮންލައިންކޮށް ބައްދަލުކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސުކޫލުތައް ބަންދުކޮށްފައިވާ މުއްދަތު ދިގު ދެމިގެންދާތީ، ސުކޫލުތަކުގެ ކިޔެވުން ދެން ކުރިއަށް ގެންދާނެ ގޮތްތަކާމެދު ވަަނީ މަޝްވަރާކޮށްފައެވެ.
ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން މާލެ ސަރަހައްދު އިތުރު 14 ދުވަހަށް ފުރަބަންދުކޮށް ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތުވަނީ މި މެއި މަހުގެ ނިޔަލަށް ދަމަހައްޓާފައެވެ. އެހެންކަމުން ސުކޫލުތަކުގެ ކިޔެވުން އަލުން ފެށޭނެ ވަކި ދުވަހެއް އަދިވެސް ނޭނގެއެވެ.
