މިހާރު ދުނިޔެއަށް ކުރިމަތިވެފައި މިވާ ވަބާ ކޮވިޑް-19 ގެ ވަކިތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިވަނީ ވަކި ހިއްޕާލާފައެވެ. ހަލުވިކަމާއެކު ފެތުރެމުން މިދާ ބަލިމަޑުކަމުން އެތައް ފުރާނަ އެއް އެ ދަނީ މި ފަނާވަނިވި ދުނިޔެ ދޫކުރަމުންނެވެ.
ދުނިޔޭގެ ކުރިއަރާފައިވާ ބޮޑެތި ގައުމުތައް ވެސް މިވަނީ ލޮލަށް ނުފެންނަ މި ކުޑަ ވައިރަސްގެ ކުރިމަތީގައި ކުޑަކަކޫ ޖަހާފައެވެ. ކޮވިޑް-19 އާއި ހެދި ދުނިޔޭގެ ގިނަ ގައުމުތައް ފުރަބަންދުކޮށްފައި ވާއިރު، ދުނިޔޭގެ އިޤްތިޞާދަށް ވެސް މިވަނީ ވަރަށް ބޮޑު ހީނަރުކަމެއް އައިސްފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުން އެތައް ބައެއްގެ ވަޒީފާތައް ގެއްލި މީސްތަކުން ވަނީ ބިކަވެ ހާލުގައި ޖެހިފައެވެ. އެތައް ބައެއް ބަނޑުފުރާނަ މުއްތި ކޮށްލެވޭނެ ފަދަ ނެތި ސަލާން ޖަހަނީއެވެ. އެހީތެރިކަމަށް އެދި ކަރުނައަޅާ އާދޭސް ކުރަނީއެވެ.
ކޮވިޑް-19 ދުނިޔެއަށް ފެތުރުމުގެ ކުރިންވެސް ދެކުނު އެފްރިކާ އަކީ ދުނިޔޭގެ ނިސްބަތުން ފަގީރުން ވަރަށް ގިނަ ގައުމެކެވެ. އެހެންކަމުން މިފަދަ އިންސާނީ ބޮޑު ކާރިސާ އެއް ކުރިމަތިވެފައި ވާއިރު، އަމުދުން އެފަދަ ނިކަމެތި މީހުންގެ ހާލަތު ވިސްނާލަބައްލަވާށެވެ.
ދަންނަވަން މިއުޅެނީ ދެކުނު އެފްރިކާގެ އަވަށެއްގައި ހިނގާދިޔަ ކަމެއްގެ ވާހަކައެވެ. ކޮވިޑް-19 ގެ ސަބަބުން މުޅި ގައުމު ފުރަބަންދު ކޮށްފައި އޮތުމުން މަސައްކަތްތައް ހުއްޓި، އާމްދަނީ ލިބޭނެ މަގުތައް ބަންދުވެފައި އޮތް މި ފަގީރު އަވަށުގެ އެތައް ހާސް ބަޔަކު ދެ މޭލުގެ ދިގު ކިޔޫއެއް ދަމާލާފައި އޮތެވެ. މިގޮތަށް ކިޔޫ އެއް ދަމާލާފައި އޮތީ ކީއްވެގެން ކަން އެނގިލައްވައިތޯއެވެ؟ ބަނޑުހައިހޫނުކަން އިންތިހާއަށް ތަހައްމަލުކުރަން ޖެހިފައިވާ މި ނިކަމެތި މީހުން ކިޔޫ އެއް ދަމާލާފައި އޮތީ ކާތަކެތީގެ ޕާރުސަލެއް ހޯދުމަށެވެ. ބޯނެ ސާފު ފެންފޮދެއް ނުލިބިގެން ބޮނީ ކިސަޑު ފެނެވެ. ގިނައީ އެއްވެސް އެއްޗެއް ނުކައި ތިބޭ ދުވަސްތަކެވެ. މިއީ ދުނިޔޭގައި އުޅޭ ބައެއް މީހުންގެ ހާލަތު ގޮސްފައިވާ ހިސާބެވެ.
Via Pro -Active Security: a birds eye view of the queues in Mooiplaas Centurion today. 8000 food hampers were distributed. @CityTshwane @DMLaudium @Lesufi @Abramjee @The_DSD pic.twitter.com/tFHYRtnrKC
— Operation SA (@OperationSA1) April 29, 2020
އަޅުގަނޑުމެންދިވެހިރާއްޖޭގެ ރައްޔިތުން ޝަކުވާ ކުރަނީ ކޮންކަމެއް ނުވެގެންތޯ އެވެ؟ މިފަދަ ނާޒުކު ދަނޑިވަޅެއްގައި އެކަކު އަނެކަކު ބަދުނާމުކޮށް، އިނގިލި ދިއްކޮށް ހަދަނީ ކީއްވެގެން ހެއްޔެވެ؟ ފުރަބަންދު ގައި އޮންނަ އިރު ވެސް އަޅުގަނޑުމެންގެ ހުރިހާ ބޭނުންތައް އެބަ ފުދެއެވެ. މީރުހާ ކާއެއްޗެތި ކައިގެން ގެތަކުގައި ތިބޭއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ކަންކަން ވަމުންދާ ގޮތާއި މެދު ވިސްނާލިންތޯ އެވެ؟ ކަރަންޓާއ، ފެނުގެ ޚިދުމަތް ލިބޭ ގެތަކުގައި ނުވަތަ އެޕާޓްމަންޓުތަކުގައި ދިރިއުޅޭއިރު، މީސްތަކުން އުޅޭ ނިކަމެތި ހާލަތާއި މެދު ވިސްނާލިންތޯ އެވެ؟
ދަންނަވަންތޯއެވެ؟ މިއީ ފިލާވާޅުތަކުން ފުރިގެންވާ އިމްތިޙާނެކެވެ. އަރައިގެން މި އުޅޭ ތޫފާނުގެ ކޮޅެއް އަދި މެދެއް ނޭނގެއެވެ. މިކަމުން ސަލާމަތްވާނީ ކޮން އިރަކުން ކަމެއް ނޭނގެއެވެ. ވީމާ، ކެތްތެރިކަން އިސްކުރައްވާ އެކަކު އަނެކަކަށް އިނގިލި ދިއްނުކޮށް އެންމެން އެކީ މިކަމުން ސަލާމަތްވުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ. މާތް ﷲ ގެ އިރާދަފުޅުން މިކަމުން އަޅުނގަޑުމެން މިންޖުވާނެއެވެ.
