ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ، އެ މިސްކިތްތަކުގެ މުހިއްމުކަން ފާހަގަކުރުމުގެ ގޮތުން ޚާއްސަ ވެބްސައިޓެއް ޤާއިމުކޮށްފިއެވެ.

މިއަދު ބޭއްވި ވަރޗުއަލް ރަސްމިއްޔާތެއްގައި މި ވެބްސައިޓް އިސްފިތާޙުކޮށް ދެއްވީ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލާ ޔުމްނާ މައުމޫން އާއި، ވިލާތުގެ އިއްތިޙާދުން ސްރީލަންކާއާއި ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަހާސިރި ޑެނިސް ޗައިބީއެވެ. މި ވެބްސައިޓަކީ ވިލާތުގެ އިއްތިޙާދުގެ މާލީ އެހީއާއި، ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އެއްބާރުލުމާއި އެކު، ދިވެހި އާކިޓެކްޓް އަދި ހިރިގަލު މިސްކިތްތަކާއި ބެހޭ ތަޖުރިބާކާރެއް ކަމުގައިވާ އަލްފާޟިލް މައުރޫޕް ޖަމީލް ތައްޔާރުކުރައްވާފައިވާ ވެބްސައިޓެކެވެ. ވެބްސައިޓް ޑިވެލޮޕްކޮށް ފަރުމާކޮށްފައިވަނީ އަލްފާޟިލް މުއައްވިޒް ޔޫސުފެވެ.

ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތަކަކީ ސަގާފީ ގޮތުންނާއި އާކިޓެކްޗަރގެ ގޮތުންވެސް ތަފާތު ޚާއްސަ ސިފަތަކެއް އެކުލެވިގެންވާ މިސްކިތްތަކެކެވެ. މިއީ ދިވެހީންގެ ރީތި ހިރިގަލު ވަޑާމާއިި، ލިޔެލާޖެހުމުގެ މަސައްކަތާއި ކެލިގްރަފީގެ ފަންނު ފެނިގެންދާ މިސްކިތްތަކެކެވެ. ރޫޅާ ރޭވޭގޮތަށް ބިނާކޮށްފައިވާ، ދިވެހީންގެ އިސްލާމީ އަޤީދާއާއި ސަގާފަތާއި، ދިވެހީންގެ  މަސައްކަތްތެރިކަން މަތީ ފެންވަރަކަށް
ދައްކުވައިދޭ މި މިސްކިތްތަކަކީ ދުނިޔޭގެ ފެންވަރުގައިވެސް އެފަދަ ދެވަނައެއް ނުވާ މިސްކިތްތަކަކަށް ވުމުން، މި މިސްކިތްތައް ރައްކާތެރިކަމާއި އެކު، އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ކޮންމެހެންވެސް ކުރަންޖެހޭ ކަމެކެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އަލްފާޟިލާ ޔުމްނާ މައުމޫނާއި ސަފީރު މަހާސިރި ޑެނިސް ޗައިބީ އަދި އަލްފާޟިލް މައުރޫފް ޖަމީލް އާއި އެކު، މިނިސްޓަރ އޮފް ސްޓޭޓް ފޯ އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް އަލްފާޟިލް މުޙައްމަދު ޠާރިޤާއި، ވިލާތުގެ އިއްތިޙާދުން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ޕޮލިޓިކަލް، ޓްރޭޑް އެންޑް ކޮމިއުނިކޭޝަންސް ސެކްޝަންގެ ވެރިޔާ ތޯސްޓަން ބާޑްފްރީޑް އާއި މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ޕަރމަނަންޓް ސެކްރެޓަރީ އަލްފާޟިލް ޝަމްޢޫން ޙަމީދާއި، ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ޙައްވާ ނަޒުލާގެ އިތުރުން މި ވެބްސައިޓް ފަރުމާކޮށް އުފެއްދި އަލްފާޟިލް މުއައްވިޒް ޔޫސުފް ބައިވެރިވެވަޑައިގެންނެވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.