އަޅުގަނޑުމެން ކޮންމެ އިންސާނަކު ދުނިޔެއަށް އައުމަށްފަހު ދުނިޔޭގައި އުޅުމުގައި ދަސްކުރަން ޖެހޭ އެތައް ކަމެއް ހުރެއެވެ. އުނގެނެން ޖެހޭ އެތައް ކަމެއް ހުރެއެވެ. ގިރާ ކުރަންޖެހޭ އެތައް ހަރުފަތްތަކެއް ހުރެއެވެ. އެކަންކަމުގެ ތެރެއިން ބައެއް ކަންކަމަކީ ގިރާކުރުމުގެ ބަދަލުގައި “އޯވަޓޭކް” ކޮށްފިކަމަށް ވާނަމަ އޭގެ ގެއްލުން ފަހުން ކުރާނެ ކަންކަމެވެ. އޭގެ މިސާލެއްގެ ގޮތުން އަޅުގަނޑަށް ފެންނަ ކަމެއް މިތަނުގައި ފާހަގަ ކޮށްލާނަމެވެ.

ކުރީޒަމާނު ކުދިން ފިރުކޭ އުމުރުން ފެށިގެން ވެލިގަނޑުތެރެއަށް ދޫކޮށްލައެވެ. އެ ކުދިން ވެލިގަނޑުތެރޭގައި މޮޑެވި، ވެލިކެއުމަކީ އާންމު ކަމެކެވެ. އެ ކުދިން ބޮޑެތިވެގެން އަންނަ އިރު ހިރަފުހަށް، ހަށިގަނޑުގެ ދިފާއީ ނިޒާމު ހަނގުރާމަ ކުރުމަށް ހުންނަނީ ފައްކާ ވެފައެވެ. އެހެން ނަމަވެސް މި ޒަމާނުގައި ބޮޑެތިވަމުން އަންނަ ކުދިން ހިރަފުހުގައި ނުޖައްސައި މާ ބޮޑަށް ބަލައިގެން ގެންގުޅުމުގެ ސަބަބުން ގޭތެރެ ފޮޅައި ސާފުކޮށް ހަދާ ދުވަސްދުވަހު ވެސް އެތައް ބައިވަރު އުނދަގޫ ތަކާއި ކުރިމަތިލާން ޖެހެއެވެ.

އަޅުގަނޑުމެން ކުޑައިރު ފިލޮޅު ފަހައި ހިފުމަކީ ވަރަށް ފޯރިއާއިއެކު ކުރާ ކަމެކެވެ. ތޮށްޓަށް ނުވަތަ ފުއްޓަރަށް އެރި މަސް ހިފުމަކީ ވެސް ވަރަށް ކުރާ ހިތުން ކުރާ ކަމެކެވެ. އެހެން ނަމަވެސް ތޮށިމަތީގައި ދުވެ ހަދަނީ ހަމަ ހުސްފައިގައެވެ. އެކަމަކީ މާ ބޮޑުކަމަކަށް ނުވެއެވެ. ބައެއް ފަހަރު ފަޔަށް އެތިކޮޅެއް ހެރުނަސް އެކަން ބޮޑު ކަންތައްގަނޑަކަށް ހަދައިގެން ނޫޅެމެވެ. ކޮންމެވެސް ގޮތަކުން އެ ނަގައިގެން، ޖެހިގެން އޮންނަ ދުވަހު ވެސް ތޮށްޓަށް ދެވޭތޯ ބަލަނީ އެވެ. އެހެން ނަމަވެސް މިއަދު ހުސް ފައިގައި ތޮށްޓަށް އެރެން މީހަކު ބުންޏަސް އެ ބުނިމީހާ ވާނީ މޮޔައަކަށެވެ.

އަޅުގަނޑުމެން ޅަ އުމުރުގައި މަދަރުސާގެ ތެރެއިން މީހުންގެ ފަރާތުން ފުރައްސާރަ އާއި ކުރިމަތިވަނީ ވަކިވަރެއް ބަލާފައެއް ނޫނެވެ. ނަސީބު ކަންދިމާކުރިގޮތުން އަޅުގަނޑު މުޅިންވެސް އުޅެން ޖެހުނީ އަޅުގަނޑަށްވުރެ އުމުރުގެ ގޮތުން ދޮށީ މީހުނާއި އެކުގައި ކަމަށް ވުމާއިއެކު، އަޅުގަނޑު މީ އެންމެ ހަގުމީހާ ވީމާ، އެންމެ ބޮޑަށް ދިމާކުރުން އޮންނަނީ އަޅުގަނޑަށެވެ. އަޅުގަނޑު މިއަދު ގަބޫލުކުރާ ގޮތުގައި އެކަމަކީ މައްސަލައެއް ނޫނެވެ. އެއީވެސް މީހާ ގިރާ ކުރަންޖެހޭ ހަރުފަތެކެވެ.

މިއަދު އަޅުގަނޑުމެންގެ މައިންބަފައިންގެ ފަރާތުން އެންމެ ގިނައިން އިވޭ އަޑަކީ ތިމަންނަގެ ދަރިއަށް ގަނާކުރާ (ބުލީ ކުރާ) ވާހަކައެވެ. އެކަމާއި މަދަރުސާގެ އޮފީހަށް ގޮސް ޓީޗަރުންނާއި މިކަމުގައި ދެބަސްވެ ހަދާތަން މަދުން ނަމަވެސް ފެނެއެވެ. ހަޤީގަތުގައި މިކުރެވެނީ ކީއްތޯއެވެ؟ ދަރިން މަދަރުސާއިން ދަސްކުރަން ޖެހޭ އެއްޗަކީ ހަމަ އެކަނި ފޮތްތަކުގައި ލިޔެފައި ހުންނަ އެއްޗެއް ކަމަށް ހީވާ ނަމަ އެ ކުރެވެނީ ވަރަށް ބޮޑު ކުށް ހީއެކެވެ. އެ ކުދީން މަދަރުސާގެ މާހައުލުތެރޭއިން ދަސްކުރަންޖެހޭ އެތައްކަމެއް ހުންނާނެއެވެ. އެކަމަކާއި ދިމާވުމުން އަމިއްލައަށް “ސަވައިވް” ވާންޖެހޭ އެތައްކަމެއް ހުންނާނެއެވެ.

އެއްވަރުގެ ކުދިން އުޅޭ އިރު ދިމާކުރުން އޮންނާނެއެވެ. އެކަމުން އަމިއްލައަކަށް ސަލާމަތްވުމަށް ކުރަންޖެހޭ ކަންކަން ވެސް އެއީ ދަސްކުރަން ޖެހޭ ކަމެކެވެ. ކުދިންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަ ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ. އެހެންނޫން ކަމަށް ވާނަމަ މަދަރުސާ ނިމި ވަޒީފާގެ މާހައުލުގައި އެތައް ގޮންޖެހުމަކާއި ކުރިމަތި ލާންޖެހި ކުރިއަށް ދިއުމަކީ ދަތި އުނދަގޫ ކަމަކަށް ވެދާނެއެވެ.

އެއްވެސް ޝައްކެއް ނެތެވެ. ގަނާކުރުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް، ގަނާކުރުމާ ކުރިމަތިލުމަކީވެސް ލިބޭ ތަޖުރިބާއެއް ކަަމަށް ޤަބޫލުކުރެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.