ކޮވިޑް-19 އަށް ފަރުވާ ދެމުން އަންނަ މީހުންގެ ތެރެއިން ހާލު ސީރިއަސް 4 މީހަކު ވެންޓިލޭޓަރުގައި ފަރުވާދެމުންގެންދާކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

މިރޭ އެ ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ކޮވިޑް-19 އަށް ފަރުވާ ކުރަމުންދާ 4 މީހަކު ވެންޓިލޭޓަރު ގައި  އޮތްކަމުގައެވެ.

އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލުގައި ޖުމްލަ 3 މީހަކަށް ފަރުވާދެމުންދާކަމަށާއި، އޭގެތެރެއިން 2 މީހަކު ވެންޓިލޭޓަރު ގައި އޮތް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދާ އެކެއްގެ ހާލު ރަނގަޅު ކަމަށާއި އެ މީހާ ވަރަށް އަވަހަށް އައިސޮލޭޝަން ފެސިލިޓީ އަކަށް ގެންދެވޭނަކަމަށް ވެސް އޭނަ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ދާދި ފަހުން ޚާއްސަ ކުރި ޓްރީ ޓޮޕް ހޮސްޕިޓަލް ގައި މުޅި އެކު 10 މީހަކު ބައްޔަށް ފަރުވާކުރަމުންދާކަމަށް ޑރ މޫސާ މުރާދު ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލްގައި ވެސް 2 މީހަކު ވެންޓިލޭޓަރު ގައި އޮތް ކަމަށާއި، ވެންޓިލޭޓަރަށް ނުލާ އޮތް އެހެން މީހެއްގެ ހާލު ވެސް ސީރިއަސް ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އިން ދިވެހިރާއްޖޭގައި ފަރުވާލިބި ބަލިން ރަނގަޅު ވެފައިވަނީ މިހާތަނަށް 40 މީހެކެވެ. އެއީ 26 ދިވެހިންނާއި 14 ބިދޭސީންނެވެ. އަދި މިހާތަނަށް ބައްޔަށް ފައްސި ވެފައިވަނީ މުޅިއެކު 956 މީހުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.