ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު، މި ހިނގާ މެއި މަހުގެ 28 ވަނަ ދުވަހާ ހަމައަށް އިތުރު ކުރުމަށް ރައީސް އޮފީހުން ނިންމައި، އެކަން އިޢުލާންކޮށްފިއެވެ.

ރައީސް އޮފީހުން ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި ޓަކައި މާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ނެރެފައިވާ އަމުރުގެ މުއްދަތު މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ދެމެހެއްޓުމަށް އެ އެޖެންސީން ނިންމާފައިވާތީ، އެ އަމުރު ތަންފީޒު ކުރުމުގެ ގޮތުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން މޭ މަހުގެ 28 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސް އިބްރާހިމް މުހައްމަދު ހަމަޖައްސަވާފައިވާ ކަމަށެވެ.

މީގެ އިތުރަށް ކޮވިޑް-19 އާ ގުޅިގެން، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި، ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އަސާސީ ޚިދުމަތްތައް ދިނުމުގައި މިހާރުވެސް އަމަލުކުރަމުން އަންނަ ގޮތަށް ކުރިއަށް ގެންދިއުމަށާއި، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯދުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސް ވަނީ އަންގަވާފައެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިބެގެން ކުރަމުން ގެންދިއުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެމުން ގެންދަން ވެސް ރައީސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.

ސަރުކާރު ބަންދުކުރި ނަމަވެސް، ބޭންކިން ޚިދުމަތްތަކާއި، ސަރުކާރުގެ އެހެނިހެން އިދާރާތަކުން ދޭން ޖެހޭ އަސާސީ ޚިދުމަތްތައް ދެމުން ގެންދާ ގޮތަށް ވެސް ރައީސް އޮފީހުން ވަނީ ހަމަޖައްސަވާފައެވެ

ލިޔުންތެރިޔާގެ ފުރަމަލަ

ޙަސަން މުޚްތާރް
މުޚްތާރަކީ ނޫސްވެރިކަމުގައި ތަޖްރިބާ ހޯދުމަށް ނުކުމެހުރި ތަމްރީނު ލިބިފައިވާ ނޫސްވެރިއެކެވެ.