މާތް ﷲ ޙަރާމްކުރައްވާފައިވާ ގޮތްގޮތުން ހޯދާ ތަކެއްޗާއި އަދި ޙަރާމްކުރައްވާފައިވާ ތަކެތި ކައިބޮއި ހެދުމަކީ ހިތްތަކުގައި ސިއްކަ ޖެއްސެވި، ހިތްތައް ކަޅުވެ އަދި މާތް ﷲ ގެ ހަޟްރަތުގައި ކުރާ ދުޢާ އިޖާބަކުރެއްވުމަށް އެޅިގެންދާ ހުރަހެކެވެ. ނަމަވެސް މިއަދުގެ މުޖުތަމަޢުގައި މިވަނީ ޙަރާމެއް، ޙަލާލެއް ބެލުމެއް ނެތި ފައިސާ އާއި މުދާ ހޯދައި، އެތަކެތި ކެއުން އާންމުވެފައެވެ.

އިންސާނުންގެ ހިތްތައް ކަޅުވެ، އީމާންކަމުގެ ނޫރު ހިތްތަކުގައި ފަނޑުވުމާއި އާމްދަނީ ހޯދައިގެން ކައިބޮއި އުޅޭ ގޮތާ ވަރަށް ބޮޑު ގުޅުމެއްވެއެވެ.

ކީރިތި މާތް ރަސޫލާ މުޙައްމަދު صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.

“ހަމަކަށަވަރުން ހަލާލު ކުރެއްވި ކަންތައްތައް ތަކާއި، ޙަރާމްކުރެއްވި ކަންތައްތައް އޮތީ ސާފުކޮށް ފެންނާށެވެ. އަދި އެ ދެ ކަންތަކުގެ ދެމެދުގައި ސުވާލު އުފެދޭ ކަންތައްތަކާއި، ވަރަށް ގިނަ މީހުންނަށް ނޭނގޭ ކަންތައްތަކެއް ވެއެވެ.”

ދެން އެކަލޭގެފާނު އެ ހަދީޘް އާ ގުޅުވައިގެން މިފަދައިން ހަދީޘް ކުރެއްވިއެވެ.

“އިންސާނާގެ ހަށިގަނޑު ތެރޭގައި މަސްކޮޅެއް ވެއެވެ. އެ މަސްކޮޅު ރަނގަޅު ވެއްޖެނަމަ މުޅި ހަށިގަނޑު ވެސް ރަނގަޅު ވެއްޖެއެވެ. އަދި އެ މަސްކޮޅު ނުބައި ވެއްޖެނަމަ މުޅި ހަށިގަނޑު ވެސް ނުބައިވެއްޖެއެވެ. ދަންނާށެވެ. އެއީ ހިތެވެ.” (ބުޚާރީ، މުސްލިމް)

ޢިލްމުވެރިން ވިދާޅުވާގޮތުގައި ކީރިތި ރަސޫލާ صلى الله عليه وسلم، ޙަރާމް އަަދި ޙަލާލުގެ ވާހަކައަށް ފަހު ހިތުގެ ވާހަކަ ހަދީޘް ކުރެއްވީ ޙަލާލު ގޮތުގައި ހޯދާ ތަކެތި ކައިބޮއި ހެދުމުން ހިތް އަލިވެ، ޙަރާމް ގޮތުގައި ހޯދާ ތަކެތި ކައިބޮއި ހެދުމުން ހިތް ކަޅުވެ، ހަރުވާ ވާހަކަ މީސްތަކުންނަށް އަންގައި ދިނުމުގެ ގޮތުންނެވެ.

ޙަރާމް ގޮތުގައި ހޯދާ ތަކެތި ކައިބޮއި ހެދުން އިސްލާމް ދީނުގައި ވަނީ ވަރަށް ބޮޑަށް ނަހީ ކުރައްވާފައެވެ. މުދަލާއި، ފައިސާއާއި، ކާބޯތަކެތި ވިޔަސް މާތް ﷲ ޙަރާމްކުރެއްވި ގޮތުގައި ހޯދާ އެ ބޭނުންކުރުމަކީ ބޮޑުވެގެންވާ ފާފައެކެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

“އަދި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ބާޠިލް ގޮތުގައި ނުކާށެވެ. އަދި ތިޔަބައިމީހުން ދެނެތިބެގެންމެ، ފާފަވެރި ގޮތުގައި މީސްތަކުންގެ މުދާތަކުގެ ތެރެއިން ބައެއް ކެއުމަށްޓަކައި އެ މުދާތައް ޙާކިމުންނަށް ނުދޭށެވެ.” (ސޫރަތުލް ބަޤަރާ 188 ވަނަ އާޔަތް)

މި އާޔަތުގެ ތަފްސީރުގައި އަބްދުﷲ އިބްން އައްބާސް رحمه الله ވިދާޅުވަނީ މިއާޔަތުގައި މާތް ﷲ ވަހީކުރައްވާފައި އެވަނީ މީހަކަށް މުދާ ވާރުތަވެ ނަމަވެސް އެމީހާ އަށް އެކަން ސާބިތުކޮށްދެވެން ނެތުމާއެކުވެސް، އޭނާގެ ހައްގު ހޯދުމަށް ވަކާލާތުކުރުމުން، އެ މުދާތައް އަނބުރާ ދިނުމަށް ދެކޮޅު ހަދައި، އޭގެ ހައްގުވެރި ފަރާތާ ދެކޮޅަށް ދައުވާކޮށް އެ މުދާތައް ޙަރާމް ވާނެކަން އެނގިތިބެ، ބާޠިލް ގޮތުގައި އެ މުދާތައް ހޯދާ އެ ބޭނުންކޮށް އުޅޭ މީހުންގެ ވާހަކަ އެވެ.

އިމާމް އަބޫ ގަތާދާ رحمه الله ވިދާޅުވެފައިވެއެވެ.

“އޭ އާދަމުގެ ދަރިޔާއެވެ. ޙާކިމާގެ ޙުކުމަކުން މާތް ﷲ ޙަރާމްކުރެއްވި ކަމެއް ތިޔަބައިމީހުންނަށް ހުއްދަ އެއް ނުވާނެއެވެ. ޙާކިމާ ނިޔާ ކަނޑައަޅަނީ ހުށަހެޅޭ ހެކިތަކާއި، ހޯދުންތަކުގެ މައްޗަށް ބިނާކޮށެވެ. ޙާކިމާ އަކީ ވެސް އިންސާނެއް ކަމުން ފަހަރެއްގައި ގޯހެއްވެސް ހެދިދާނެ އެވެ. ދަންނާށެވެ. އެއްވެސް މީހަކަށް މި ދުނިޔޭގައި ގޯސް ނިޔާ އެއް ލިބިފައިވާނަމަ، އެ ހިސާބުން އެކަން ނިމުނީ ކަމުގައި ހީނުކުރާށެވެ. ހިސާބު ބައްލަވާ ދުވަހު މާތް ﷲ އެމީހަކަށް އެންމެ އިންސާފުވެރި ނިޔާ ކަނޑައަޅުއްވައި ދެއްވާނެއެވެ.”

ޔަތީމުންގެ މުދާ ބާޠިލް ގޮތުގައި ހޯދާ އެތަކެތި ކެއުން:

މާތް ﷲ ޙަރާމްކުރެއްވި ގޮތްގޮތުން މުދާ ހޯދައި އެތަކެތި ބޭނުންކުރެވޭ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. ނަމަވެސް އޭގެތެރެއިން ވެސް އެންމެ ނުބައިވެގެންވަނީ ޔަތީމުންގެ މުދާ ބާޠިލް ގޮތުގައި ހޯދާ އެތަކެތި ބޭނުންކުރުމެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައި ވެއެވެ.

“އަދި ތިޔަބައިމީހުން ޔަތީމު ކުދިންގެ ގޮތް ބަލާށެވެ. އެކުދިން ކައިވެނި ފުރާވަރަށް ދާންދެނެވެ. ފަހެ މުދަލާއި މެދު ބުއްދި ފުރިހަމަކަން އެއުރެންގެ ކިބައިން ތިޔަބައިމީހުންނަށް ފެނިއްޖެނަމަ، އެއުރެންގެ މުދާތައް އެއުރެންނަށް ދޭށެވެ. އަދި އިސްރާފުގެ ގޮތުންނާއި އެކުދިން ބޮޑެތި ވެދާނެތީ ބިރުން އަވަސްވެގަނެގެން ތިޔަބައިމީހުން އެ މުދާ ނުކާށެވެ. މުއްސަންޖަކު ކަމުގައި ވެއްޖެމީހާ ޢިއްފަތްތެރި ވާ ހުށިކަމެވެ. (އެ މުދަލުގައި ނުޖެހޭ ހުށިކަމެވެ.) އަދި، ފަގީރަކު ކަމުގައި ވެއްޖެމީހާ ހެޔޮ ރަނގަޅު ގޮތުގައި އެ މުދަލުން ކާ ހުށިކަމެވެ. ފަހެ އެއުރެންގެ މުދާތައް ތިޔަބައިމީހުން އެއުރެންނަށް ދޭހިނދު، އެއުރެންގެ މައްޗަށް ތިޔަބައިމީހުން ހެކިކުރާށެވެ. ޙިސާބު ބައްލަވަނިވި ކަލަކު ކަމުގައި ﷲ ފުދެއެވެ.” (ސޫރަތުލް ނިސާ 6 ވަނަ އާޔަތް)

މިއާޔަތުގެ ތަފްސީރުގައި ޢިލްމުވެރިން ވިދާޅުވަނީ ޔަތީމު ކުދިން ކުޑަ ކަމުން އެކުދިންގެ މުދާތައް އެހެންމީހުންގެ ކިބައިން ރައްކާތެރި ނުކުރެވި، ނޫންނަމަ އެހެން މީހުންގެ ކިބައިން އެ މުދާތައް ހޯދަން މަސައްކަތް ނުކުރެވޭނެ ޙާލުގައި ވަނިކޮށް އެކުދިންގެ މުދާ ބޭނުންކުރުން މި އާޔަތުގައި މަނާކުރައްވާފައިވެއެވެ. އެފަދަ ކުދިން ބެލެހެއްޓުމަށް ހަވާލު ތިބޭ ބައެއް ފަރާތްތަކުން އެކުދިން ފުރާ ފުރިހަމަ ނުވަނީސް މާތް ﷲ ގެ ކިބަފުޅަށް އެއްވެސް ބިރެއް ނެތި އެކުދިންނަށް އެއްވެސް ހަމްދަރުދީ ވުމެއް ނެތި އެކުދިންގެ މުދާ ކައި ހަދައެވެ. އެބައިމީހުން އެފަދަ ދަނޑިވަޅުތަކުގެ ނާޖާއިޒު ފައިދާ ނަގައި މާތް ﷲ ޙަރާމްކުރެއްވި ކަންކަން ކުރުމަށް އަވަސްވެ ގަނެއެވެ. އެހެންވެ މާތް ﷲ ވަކިން ޚާއްޞަކޮށް މިއާޔަތުގައި ޔަތީމުންގެ ވާހަކަ ވަޙީކުރައްވާ އެކުދިންގެ މުދާތައް ބާޠިލް ގޮތުގައި ކެއުން ޙަރާމްކުރެއްވިއެވެ.

ޔަތީމުންގެ މުދާތައް ބާޠިލް ގޮތުގައި ކައިއުޅޭ މީހުންނަށް ހުރި ވޭންދެނިވި ޢަޛާބުގެ ވާހަކަ މާތް ﷲ ކީރިތި ޤުރުއާނުގައި ވަހީކުރައްވާފައިވެއެވެ.

“ހަމަކަށަވަރުން އަނިޔާވެރިކަމުގެ ގޮތުން ޔަތީމުންގެ މުދާ ކައި އުޅޭ މީހުން ދަންނާށެވެ. އެއުރެން ކައިއުޅޭކަން ކަށަވަރީ ނަރަކައިގެ އަލިފާނެވެ. އަދި އަނދައަނދާ ހުންނަ ނަރަކައަށް އެއުރެން ވަންނާނެތެވެ.” (ސޫރަތުލް ނިސާ 10 ވަނަ އާޔަތް)

ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަކީ މި އުއްމަތުގެ ޙާލަތާއި މެދު އެންމެ ކަންބޮޑުވެ ވަޑައިގަންނަވާ ސާހިބާއެވެ. އެކަލޭގެފާނު ހަދީޘް ކުރައްވާފައިވެއެވެ.

“ފަހެ ހަލާކުކުރަނިވި ބޮޑު ހަތް ފާފަ އިން ތިޔަބައިމީހުން ދުރުވެގަންނާށެވެ. އޭގެ ތެރެއިން އެއް ފާފަ އަކީ ޔަތީމުންގެ މުދާ ބާޠިލް ގޮތުގައި ކެއުމެވެ.” (ބުޚާރީ އަދި މުސްލިމް)

ރިބާ ކެއުން

މާތް ﷲ ޙަރާމްކުރެއްވި ނަމަވެސް މީސްތަކުން އެކަމަކަށް އެހާ ބޮޑު ފަރުވާލެއް ނުބަހައްޓާ އެންމެ ބޮޑު އެއް ފާފަ އަކީ ރިބާއެވެ. ރިބާ އަކީ މިއަދުގެ މުޖްތަމަޢުގައި ވަރަށް އާދައިގެ ކަމަކަށް މިވަނީ ވެފައެވެ.

މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

“ރިބާ ކާމީހުން ޖިންނި މޮޔަވެގެން ޝައިތާނާ އާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ ޤިޔާމަތް ދުވަހު ކަށްވަޅުން ނުތެދުވާނެތެވެ. އެހެނީ އެއުރެން ބުނެއުޅެނީ ވިޔަފާރި ވާކަން ކަށަވަރީ ރިބާ ކަހަލަ ކަމެއް ކަމުގައެވެ. ނަމަވެސް ވިޔަފާރި ކުރުން ﷲ ވަނީ ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ޙަރާމްކުރައްވާފައެވެ. ފަހެ އެމީހާގެ ވެރި ރަސްކަލާނގެ ހަޟްރަތުން ދެއްވާ ވައުޟާއި ނަސޭހަތް އެމީހަކާ ހަމައަށް އައުމުން އެކަން (ރިބާ ކެއުން) ހުއްޓާލައިފި މީހާ ދަންނާށެވެ. ފަހެ އިސްވެދިޔަ އެއްޗެއް އެމީހަކަށް ހުއްޓެވެ. (ރިބާގެ ޙުކުމްތަށް އައުމުގެ ކުރިން އޭނާ ބޭނުންކުރި ތަކެތި މާފުކުރެއްވިއެވެ.) އަދި އެމީހެއްގެ ކަންތައް އޮތީ ﷲ އަށް ޚާއްޞަ ވެގެންނެވެ. އަދި އަލުން އެކަމަށް އެނބުރި އަތުވެއްޖެ މީހާ ދަންނާށެވެ. އެއުރެންނީ ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެންނީ އެތާނގައި ދެމިތިބެނިވި ބައެކެވެ.” (ސޫރަތުލް ބަޤަރާ 275 ވަނަ އާޔަތް)

މާތް ﷲ ރިބާ ޙަރާމްކުރައްވާ އޭގައި ހުރި ސުންޕާކަމާއި، އޭގެއިން ނިކުންނާނެ ނަތީޖާއާ މެދު އިންޒާރު ކުރައްވާ ވަހީ ކުރައްވާފައިވެއެވެ.

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲ އަށް ތިޔަބައިމީހުން ތަޤްވާވެރި ވާށެވެ. އަދި ތިޔަބައިމީހުން މުއުމިނުން ކަމުގައިވާނަމަ ރިބާގެ ތެރެއިން ބާކީ ލިބެން ހުރި އެއްޗެއް ތިޔަބައިމީހުން ދޫކޮށްލާށެވެ. ފަހެ ތިޔަބައިމީހުންނަށް އަމުރު ވެވިގެން ވާގޮތަށް ޢަމަލު ނުކޮށްފިނަމަ، ﷲ އާއި އެކަލާނގެ ރަސޫލާގެ ހަޟްރަތުން ހަނގުރާމަ އެއް އަތުވެދާނެ ކަމަށް ތިޔަބައިމީހުން ޔަގީންކޮށް ދެނެގަންނަ ހުށިކަމެވެ. ތިޔަބައިމީހުން ރިބާ ދޫކޮށް ރުޖޫޢަވެ ތައުބާވެއްޖެނަމަ، ފަހެ ތިޔަބައިމީހުންގެ ރައުސުލްމާލުތައް ތިޔަބައިމީހުންނަށް ހުއްޓެވެ. އިތުރުކޮށްގެން ތިޔަބައިމީހުންނަށް އަނިޔާވެރި ނުވާ ގޮތުގައެވެ. އަދި އުނިވުމުން ތިޔަބައިމީހުންނަށް ވެސް އަނިޔާ ނުލިބޭ ގޮތުގައެވެ.” (ސޫރަތުލް ބަޤަރާ 278 އަދި 279 ވަނަ އާޔަތް)

سبحان الله، ކޮންފަދަ ނުބައި ކަމެއްތޯއެވެ. ރިބާ ކާ މީހުންނާ ދެކޮޅަށް މިއާޔަތުގައި މާތް ﷲ އެވަނީ ހަނގުރާމަ އިޢުލާނު ކުރައްވާފައެވެ. މާތް ﷲ އާ އެކަލާންގެ މާތް ނަބިއްޔާ އާ ދެކޮޅަށް ހަނގުރާމަ ކުރުމުގެ ކުޅަދާނަކަން އެއްވެސް މީހަކަށް ލިބިގެންވޭ ހެއްޔެވެ؟ މި އާޔަތުން ވެސް ރިބާގެ ހުރި ގެއްލުމާއި، އޭގެ ނުރައްކާ އެނގިގެން އެބަދެއެވެ. ނަމަވެސް މިއަދުގެ މުޖުތަމަޢުގައި ﷲ ޙަރާމް ކުރައްވާފައިވާ މި ފަދަ ބޮޑު މުންކަރާތަކަށް އަރައިގަންނަމުން އެ ދަނީ އެއީ މާބޮޑުކަމެއް ކަމުގައި ނުދެކޭ ހާލުގައެވެ.

ރިބާގެ ހުރި ގެއްލުން ބަޔާންކުރައްވައި މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

“ﷲ ރިބާ އުނިކުރައްވައި، އޭގެ ބަރަކާތް ނެތިކުރައްވައެވެ. އަދި ޞަދަޤާތް އިތުރުކުރައްވައެވެ. (ދުނިޔޭގައި އޭގެ ބަރަކާތް އިތުރުކުރައްވައި، އާޚިރަތުގައި އޭގެ ދަރުމަ ގިނަގުނަ ކުރައްވައެވެ.) އަދި ފާފަވެރި، ކޮންމެ ކާފިރަކު ދެކެ ﷲ ލޯބިވޮޑިގެނެއް ނުވެއެވެ.” (ސޫރަތުލް ބަޤަރާ 276 ވަނަ އާޔަތް)

މަތީގައި ބަޔާންކުރެވުނު ކަންކަން ނޫނަސް ޙަރާމް ގޮތުގައި މުދަލާއި ފައިސާ ހޯދާ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. ވައްކަންކުރުމާއި، ފޭރުމާއި، ޖުވާކުޅުމާއި، މަކަރާއި، ޙީލަތް ހެދުމާއި ނުއަގުގައި މުދާ ވިއްކުމަކީ ވެސް މާތް ﷲ ޙަރާމްކުރެއްވި ކަންކަމެވެ. ހުރިހާކަމެއްގެ ތަފްޞީލަށް ނުދެވުނު ނަމަވެސް އަޅުގަނޑުގެ މައިގަނޑު ބޭނުމަކީ މާތް ﷲ ޙަރާމްކުރެއްވި ގޮތްގޮތުން މުދަލާއި، ފައިސާ ހޯދައި އެތަކެތިން ކައިބޮއި ހެދުމުގެ ނުބައިކަން ހާމަކޮށްދިނުމެވެ.

މާތް ﷲ ޙަރާމްކުރެއްވި ގޮތްގޮތުން ހޯދާ ތަކެތި ބޭނުންކުރުމާއި، ދުޢާ އިޖާބަ ނުކުރެއްވުން:

އިންސާނުން ދިރިއުޅުގައި މުދަލާއި، ފައިސާ ހޯދައި އުޅޭ ގޮތާއި، ދުޢާ އިޖާބަކުރެއްވުމާ ސީދާގޮތުން ވަނީ ގުޅިފައެވެ. މާތް ﷲ ޙަލާލު ކުރެއްވި މަގުން އިންސާނާ އާމްދަނީ ހޯދައި ބަނޑުފުރާނަ މުއްތިކޮށް އުޅޭނަމަ އޭނާގެ ދުޢާ އިޖާބަކުރެއްވުން ގާތް ވާނެއެވެ. ހަމަ އެފަދައިން މާތް ﷲ ޙަރާމްކުރެއްވި މަގުން އާމްދަނީ ހޯދައި ބަނޑުފުރާނަ މުއްތިކޮށް އުޅޭނަމަ އޭނާ ކުރާ ދުޢާ އިޖާބަކުރެއްވުން ދުރުވާނެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

“އޭ ރަސޫލުންނޭވެ. ޙަލާލު ރަނގަޅު ތަކެތިން ތިޔަ ބޭކަލުން ފަރިއްކުޅުވައި އުޅުއްވާށެވެ. އަދި ޞާލިޙް ޢަމަލު ކުރައްވާށެވެ. ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ ތިޔަ ބޭކަލުން ކުރައްވާ ޢަމަލުތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ.” (ސޫރަތުލް މުއުމިނޫން 51 ވަނަ އާޔަތް)

“އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިމަން ރަސްކަލާންގެ ތިޔަބައިމީހުނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ. އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާންގެ އަށް ޝުކުރުވެރި ވާށެވެ.” (ސޫރަތުލް ބަޤަރާ 172 ވަނަ އާޔަތް)

ކީރިތި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.

“ވަރަށް ދުރަށް ދަތުރު ކުރަމުން ދިޔަ މީހެކެވެ. އޭނާގެ އިސްތަށިގަނޑު ވަނީ މުޑުދާރުވެ ހިރަފުހުން ފުރިފައެވެ. އޭނާ އުޑާ ދިމާލަށް ދެ އަތް އުފުލާ ދުއާކުރެއެވެ. “އޭ އަޅުގެ ވެރިރަސްކަލާކޮ. އޭ އަޅުގެ ވެރިރަސްކަލާކޮ.” ނަމަވެސް އޭނާ ކައި އުޅުނީ ޙަރާމް ތަކެއްޗެވެ. އޭނާ ބޮއެ އުޅުނީ ޙަރާމް ތަކެއްޗެވެ. އޭނާގެ ފޭރާން ހޯދީ ޙަރާމް ގޮތުގައެވެ. ދެން ފަހެ އޭނާގެ ދުޢާ އިޖާބަކުރައްވާނީ ކޮންފަދައަކުން ހެއްޔެވެ؟” (މުސްލިމް)

އިމާމް އިބްން ކަޘީރު رحمه الله ވިދާޅުވިއެވެ.

“ޙަލާލު ގޮތުގައި ހޯދާ ތަކެތި ކައިބޮއި އުޅުމަކީ ކުރާ އަޅުކަންތަކާއި، ދުޢާ އިޖާބަކުރެއްވުމުގެ ސަބަބެކެވެ. ހަމަ އެފަދައިން ޙަރާމް ގޮތުގައި ހޯދާ ތަކެތި ކައިބޮއި އުޅުމަކީ ކުރާ އަޅުކަންތަކާއި، ދުޢާ އިޖާބަކުރެއްވުމަށް އެޅިގެންދާ ހުރަހެކެވެ.”

އިބްން ރަޖަބް رحمه الله ވިދާޅުވިއެވެ.

“ޙަރާމް ގޮތުގައި ހޯދާފައިވާ ތަކެތިން ކެއުމާއި، ބުއިމާއި އަދި ފޭރާން ލައި އުޅުމަކީ ކުރާ އަޅުކަންތަކާއި، ދުޢާ އިޖާބަކުރެއްވުމަށް އެޅިގެންދާ ހުރަހެކެވެ.”

އިބްން އައްބާސް رحمه الله ވިދާޅުވިއެވެ. “އެމީހެއްގެ ހަށިގަނޑު ތެރޭގައި ޙަރާމް ތަކެތި ވާ މީހާގެ ނަމާދު މާތް ﷲ ގަބޫލުފުޅު ނުކުރައްވާނެއެވެ.”

އެހެންކަމުން އަޅުގަނޑުމެން މުސްލިމުން މާތް ﷲ ގެ ކިބަފުޅަށް ބިރުވެތިވެ، މިފަދަ ބޮޑެތި ފާފަތަކުން ދުރުވެ ތަޢުބާވުމަށް އަވަސްވެގަންނަން ޖެހެއެވެ. އަދި ހައްގު ޙަލާލު ގޮތުގައި އާމްދަނީ ހޯދައި ބަނޑުފުރާނަ މުއްތި ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ދާއިމަށް ދެމިގެންވާ ދުނިޔެ އަދި އޮތީއެވެ. ބިރުވެރި ޤިޔާމަތް ދުވަހު އަޅުގަނޑުމެން މިއަދު ހޯދާ ފައިސާ އާއި، މުދާތަކުން ކުރާނެ ފައިދާއެއް ނެތެވެ. އެދުވަހުން ހިސާބު ބެއްލެވޭ ހުށީ އަޅުގަނޑުމެން ކުރާ ޢަމަލުތަކުގެ މައްޗަށެވެ.

މާތް ﷲ އަޅުގަނޑުމެންނަށް ތެދުމަގު ދައްކަވައި، އެންމެހާ މުންކަރާތްތަކުން ދުރުކުރައްވައި، ޙަލާލު ގޮތުގައި ހޯދާ ތަކެތިން ކައިބޮއި އުޅޭ ބައެއް ކަމުގައި ލައްވާށި. އާމީން.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.