19 މެއި 2020، މިއަދަކީ ހަނިމާދޫ ސްކޫލުގެ ފަންސާސް އެއްވަނަ އަހަރީ ދުވަހެވެ. އަޅުގަނޑުވެސް ތަޢުލީމު ހާސިލުކުރީ ހަނިމާދޫ ސުކޫލުންނެވެ. އުނގެނުމުގެ މަރުހަލާގެ އެތައް އަހަރެއް އެތަނުގައި ހޭދަކުރެވިފައި ވުމާއިއެކު، ހަނިމާދޫ ސުކޫލުގެ ނަންގަނެވުނު ކޮންމެ ވަގުތެއްގައި ނުވަތަ ކޮންމެ ތަނެއްގައި، އެ ދުވަސްވަރާއި ގުޅޭ ގިނަ ހަނދާންތަކެއް އާވެގެންދާނެކަމީ ދެބަސް ވެވެން ނެތް ހަޤީޤަތެވެ. މިފަދަ ހަނދާންތަށް ނުވަތަ މި ޚިޔާލުތަށް އެއްކޮށް ލިޔެ ހިއްސާކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ. ނަމަވެސް ކޮންމެވެސް މިންވަރެއް ހިއްސާކޮށްލުމަކީ އުފަލެއްކަމުގައި ދެކެމެވެ.

ކޮންމެ ދުވަހަކު ކުލާހުގެ ހުރިހައި ދަރިވަރުން ސުކޫލަށް ހާޟިރުވާނެއެވެ. ކިރިޔާވެސް އާދެވޭވަރު ވާނަމަ ކުލާހެއް ދުލެއްނުކުރާނެއެވެ. އުޒުރެއް މެދުވެރި ވެގެންވިޔަސް ސުކޫލަށް ހާޟިރު ނުވެވިއްޖެނަމަ، ދެން އެ ދުވަހަކު އެ ކުއްޖަކު ގެއިންވެސް ނުނިކުންނާނެއެވެ. ސުކޫލަށް ހާޟިރުނުވެވުން އޮންނަނީ ލަދުވެތިކަމަކަށް ވެފައެވެ.

ގޭގައި ހަދަންދޭ ފިލާވަޅެއް އޮޅިގެން ވެސް ނުނިންމައި ސުކޫލަށް ދެވިއްޖެނަމަ، ކުލާހުގެ ދޮރުމަތީ ބޭރުގައި ކޮޅަށް ހުރެގެން އެ ފިލާވަޅެއް ނިންމަން ޖެހޭނެއެވެ. ނުވަތަ ސުކޫލުގެ ރަސްމީގަޑި ނިންމާފައި އެ ފިލާވަޅު ނިންމަން މަޑުކުރަން ޖެހުން ކަހަލަ އަދަބެއް ލިބެއެވެެެ.

ހަނިމާދޫ ސުކޫލު ކުރީގައި އޮންނަ ގޮތާ / ފޮޓޯ: ހަނިމާދޫ ސުކޫލް

ސުކޫލުގެ އިނާމު ދިނުމުގެ ޖަލްސާއަށް ސްޓޭޖު ތައްޔާރު ކުރުމާއި އަދި، މިނޫން ވެސް އެހެން ކަންމަކަށް ސުކޫލު ތައްޔާރުކުރަން ޖެހޭނަމަ، އެކަމުގައި ސަތޭކަ އިންސައްތަ މަސައްކަތް އަމަލީގޮތުން ކުރާނީ ދަރިވަރުންނޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. ޖަލްސާއަށް ގޮނޑި ޖަހަނީ އަޅުގަނޑުމެންނެވެ. ޖަލްސާ ނިމުމުން ހުރިހައި ގޮނޑިތަކެއްނަގައި، ޖެހިގެން އޮންނަ ދުވަހު ކިޔެވުމަށް ކުލާސްތައް ތައްޔާރު ކުރަނީ ވެސް އަޅުގަނޑުމެނެނެވެ.

ޕާކުތައް ބެލެހެއްޓުން އޮންނާނީ ކުލާސްތަކަށް ބަހާލެވިފައެވެ. އެ ކުލާހަކަށް ލިބޭ ޕާކެއް ޑިޒައިންކޮށް، ގަސްއިންދާ ބެލެހެއްޓުމަކީ އެ ކުލާހެއްގެ ޒިންމާއެކެވެ. ގަސްއިންދައި ކޮންމެ ދުވަހަކު ފެންޖަހައި ޕާކު ބަލަހައްޓާނީ ހަމަ އެ ކުލާހެއްގެ ދަރިވަރުންނެވެ. އެކަންކުރާނީ ހުރިހައި ކުދިންގެ މެދުގައި ޑިއުޓީ ބަހައިގެންނެވެ.

މޫދަށް އެރުމަކީ ވަރަށް ކުރާހިތްވާ ކަމެކެވެ. ނަމަވެސް ހަމަ ހިތުހުރިހާ ދުވަހަކު ހިތުހުރި ވަގުތެއްގައި މޫދަށް އެރެވޭކަށް ނޯވެއެވެ. މޫދަށް އެރުން މަނާދުވަހެއްގައި މޫދަށް އެރެފިނަމަ ކުއްވެރިވާނެއެވެ. ކުއްވެރި ވުމަކުން ނުނިމޭނެއެވެ. އެކަމަށް އަދަބެއް ވެސް ލިބޭނެއެވެ. އެކިފަހަރު އެކިކަހަލަ އަދަބެވެ. ސުކޫލު ނިންމާފައި ފޮޅުވަތް ލިޔަން ވެސް ޖެހިދާނެއެވެ. ހަމައެކަނީ މޫދަށް އެރުމުގެ ހުއްދަ އޮންނާނީ ހަފުތާ ބަންދުގެ ދެ ދުވަހު އެކަންޏެވެ. އެއީވެސް ކަނޑައެޅިފައިވާ ވަގުތެއްގައެވެ.

ހުކުރު ވިލޭރޭ އަދި ހޮނިހިރު ވިލޭރޭ، މި ދެރޭފިޔަވައި ހަފުތާގެ ބާކީ އޮންނަ ފަސް ރޭ، ރޭގަނޑު ނުވައެއްގެ ފަހުން އެއްވެސް ސުކޫލު ދަރިވަރަކު ގެއިން ބޭރަށް ނުކުތުމަކީ މަނާކަމެކެވެ. ހުކުރު އަދި ހޮނިހިރު ވިލޭރޭ ނުވަތަ މި ނޫންވެސް ބަންދު ރެއެއް އަތުވެއްޖެނަމަ، އެ ރެއެއްގެ ދިހައެއް ޖަހަންދެން ބޭރުގައި އުޅުމުގެ ހުއްދަ އޮވެއެވެ.  މި އުސޫލަކީ އެންމެން ދަންނަ އުސޫލަކަށް ވުމުން އެ ދުވަސްވަރު ދެންނެވުނު ގަޑިތަކާ ޚިލާފަށް ބޭރުގައި އުޅުމަކީ ވަރަށް ލަދުވެތި އަދި ޖެހިލުންވާ ކަމަކަށް އޮންނަނީ ވެފައެވެ. މި އުސޫލާއި ޚިލާފުވެއްޖެ ނަމަ، އެކަމަށް ވެސް އަދަބެއް ދެއެވެ. ޖެހިގެން އަންނަ ދުވަހު ސުކޫލަށް ދާއިރަށް، ސުކޫލުގެ ގުދަނަށް ވެސް ލާފާނެއެވެ.

ތަފާތު މަޢުރަޒުތައް ބާއްވާނެއެވެ. މިސާލަކަށް ކާބޯތަކެތީގެ މަޢުރަޒެވެ. މިކަހަލަ ހަރަކާތަކަށް ކާ ތަކެތި ތައްޔާރު ކުރުމުގައި ބެލެނިވެރިން ކޮންމެވެސް ވަރަކަށް އެހީތެރިވި ކަމުގައި ވީނަމަވެސް، ގާތްގަނޑަކަށް އެކަމަށް ތައްޔާރުކުރާ ތަކެތި، ތައްޔާރު ކުރުމުގައި ހަރަކާތްތެރިވާނީ ހަމަ ދަރިވަރުންނެވެ. ބެލެނިވެރިންގެ ދައުރަށްވުރެ ދަރިވަރުންގެ ދައުރު އެތައްގުނައަކަށް ބޮޑުވާނެއެވެ.

ސުކޫލުގައި މަސައްކަތް ކުރާނީ ނިސްބަތުން މަދު ޓީޗަރުންނެވެ. ކޮންމެ މާއްދާއަކަށް ޓީޗަރަކު ނުހުރެއެވެ. އެއް ޓީޗަރަކު ތިން ހަތަރު މާއްދާވެސް ކިޔަވައިދެއެވެ. އެކަށީގެންވާވަރާ ގާތަށްވެސް މަސައްކަތު މީހުން ނުތިބޭނެއެވެ. ވުމާއިއެކު އެކުލާހެއްގެ ބިއްލޫރިތައް ފުހުމާއި، ފަންކާތަށް ސާފުކުރުމަކީ ވެސް ދަރިވަރުން އެކި ދުވަސްވަރުމަތިން ކޮށްއުޅުނު މަސައްކަތްތަކެވެ.

އިންޓަރ ހައުސް ފުޓްބޯޅަ މުބާރާތް ނުވަތަ ވޮލީ މުބާރާތްފަދަ މުބާރާތްތަކަށް ވާންޖެހޭ ގިނަ ތައްޔާރީތަކުގެ މަސައްކަތްވެސް ކުރާނީ ހަމަ ދަރިވަރުންނެވެ. ކޯޓު ތައްޔާރު ކުރުމާއި، ދަނޑުތައްޔާރު ކުރުމުގައި ވެސް އަމަލީގޮތުން ހަރަކާތްތެރިވާނީ އެ ހުންނަވާ މުދައްރިސެއްގެ އިރުޝާދާއިއެކު ދަރިވަރުންނެވެ.

ބަޔާންކުރެވި އެ ދިޔައީ އެދުވަސްވަރުގެ ބައެއް ކަންތައްތައް ބައްޓަންވެފައި އޮންނަ ގޮތްތަކުގެ ވާހަކައެވެ. ބަޔާންކުރެވި ދިޔަ ހާލަތްތަކުގައި އޭރު އަމަލުކުރެވުނު ގޮތާއި މިހާރު އަމަލުކުރެވޭ ގޮތްތަކުގައި ތަފާތުތަކެއް ހުންނާނެ ކަން ޔަޤީނެވެ. އެކަން އެންމެ ބޮޑަށް އިހުސާސްކުރެވޭނީ އެ މާހައުލުގައި އުޅެމުންދާ ބަޔަކަށެވެ.

ހަނިމާދޫ ސުކޫލަށް ފަންސާސް އެއްއަހަރު ފުރުމުގެ އުފަލުގައި އެ ދާއިރާގައި މަސައްކަތްކުރާ ހުރިހާފަރާތްތަކަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަމެވެ. އަދި ތިޔަ ޤައުމީ މަސައްކަތުގައި ވަރުގަދަ އަޒުމުގައި ކުރިއަށް ދިއުމަށް ހިތްވަރުދެމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.