ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައިފައިވާތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ބަލީގެ ނުރައްކާތެރިކަން ނެތް ރަށް ރަށުގެ މިސްކިތްތައް މާދަމާގެ ހުކުރު ނަމާދުގެ ޖަމާއަތާއެކު ހުޅުވާލަން ނިންމައިފިއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ، މިސްކިތުގެ ޖަމާއަތް މެދުކަނޑާލީ ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ކަމަށާއި، އެއީ ކޮވިޑްގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް ޑޮކްޓަރުން ލަފާ ދެއްވުމުން އެ ފިޔަވަޅު އެޅުމުގެ ކުރިން ރާއްޖޭގައި ތިއްބެވި ދީނީ އިލްމުވެރިންނާ ވެސް، މަޝްވަރާ ކުރައްވާފައިވާކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބަލީގެ ހާލަތު ކޮންމެވެސް މިންވަރަކަށް ބަދަލުވެފައިވާތީ، ފުރަބަންދުގެ ހާލަތަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ނިންމުމުން މިއަދު ޑޮކްޓަރުންނާއެކު މަޝްވަރާތަކެއް ކުރައްވާފައިވާ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މިސްކިތްތައް ހުޅުވުމާއެކު ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި، ދުވަސްވީ މީހުން މިސްކިތަށް ނުދިއުމަށާއި، މިސްކިތުގައި ގިނަވަގުތު ހޭދަނުކުރުމާއި، ގެއިން މުސައްލައެއް ހިފައިގެން ދިއުމަށާއި، މިސްކިތު ކާޕެޓް ނަގާފައި ބޭއްވުމަށް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި ރޯގާގެ އަލާމާތެއް ހުރިނަމަ މިސްކިތަށް ނުދިޔުމަށާއި މިސްކިތަށް ދާއިރު މާސްކް އަޅައިގެން ދިޔުމަށްވެސް މިނިސްޓަރު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.