ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އިގާލޯގެ ލޯނު އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އެއްބަސްވުމަކަށް އަތުވެއްޖެ

މިދިޔަ ފިނި މޫސުމުގެ ޓްރާންސްފަރ ބާޒާރުގައި ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވި އޮޑިއޮން އިގާލޯގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް އޭނާގެ ކުލަބު ކަމަށްވާ ޝަންގްހާއީ ޝެންހުއާ އާއި މެންޗެސްޓަރ ޔުނައިޓާ ދެމެދު އެއްބަސްވުމަކަށް އަތުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިއަންނަ އަހަރުގެ ޖެނުއަރީ މަހާއި ހަމައަށް އިގާލޯ މެންޗެސްޓަރ ޔުނައިޓެޑުގައި ބެހެއްޓުމަށް އެކުލަބުން ވަނީ އެއްބަސްވެފައެވެ. ޗައިނާ ސުޕަރ ލީގުގެ ކުލަބެއް ކަމަށްވާ ޝަންގްހާއީ ޝެންހުއާ އާ ދެމެދު އިގާލޯ ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ރިޕޯޓުތައް ބުނާ ގޮތުން ޝަންގްހާއީ ޝެންހުއާ އާއި ދެމެދު ވެފައިވާ އެއްބަސްވުން 2024 ގެ ނިޔަލަށް އިގާލޯ އާކުރާނެއެވެ. މި އެއްބަސްވުމުގެ ދަށުން އޭނާ އަށް ހަފުތާއަކު ހަތަރު ލައްކަ ޕައުންޑު ލިބޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވުމަށްފަހު، އުމުރުން 30 އަހަރުގެ އިގާލޯ ވަނީ އެޓީމުގައި ރަނގަޅު ކުޅުމެއް ދައްކާފައެވެ. މެންޗެސްޓަރ ޔުނައިޓެޑަށް ކުޅުނު 8 މެޗުގައި އޭނާ 4 ގޯލު ޖަހާފައިވާ ކަން ފާހަގަކޮށްލެވެއެވެ.

ޝަންގްހާއީ ޝެންހުއާ އިން ކުރިން ބުނެފައިވާ ގޮތުގައި އިގާލޯ އާއި މެންޗެސްޓަރ ޔުނައިޓެޑާ ދެމެދު ހަދާފައިވާ ލޯނު އެއްބަސްވުން އާ ކުރުމަށް އެޓީމުން އެއްބަސްވާނީ އެ އެއްބަސްވުމުގައި އޭނާ ދާއިމީކޮށް ގަތުމާއި ގުޅާ މާއްދާ އެއް ހިމެނޭނަމައެވެ. ނަމަވެސް ޗައިނާގެ ސުޕަރ ލީގު ފެށުމަށް މަސައްކަތް ކުރަމުން އަންނައިރު، އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެ ގައުމަށް ދިއުމަށް އިގާލޯ އަށް ހުރަސްތަކެއް ކުރިމަތިވާނެއެވެ. އެކަމާއި ގުޅިގެން ޝަންގްހާއީ ޝެންހުއާ އިން ވަނީ އެޓީމުގެ ވިސްނުން ބަދަލުކޮށް އިގާލޯގެ ލޯނުގެ މުއްދަތު އިތުރުކޮށް ދިނުމަށް އެއްބަސްވެފައެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top