ވާހަކަ ލިޔުންތެރިޔާ އަހުމަދު އިގްބާލްގެ ވާހަކަ “އެހެނަސް ހަމަ ލޯބިވެޔޭ…” އަށް ބިނާކޮށް އުފެއްދި ވެބް ސީރީޒް “އެހެނަސް” ގެ ދެވަނަ ސީޒަންގެ ޓްރެއިލާ އަންނަ ބުރާސްފަތި ދުވަހު ރިލީޒްކުރަން ނިންމައިފިއެވެ. ދެވަނަ ސީޒަން ސްޓްރީމް ކުރަން ފަށާނެ ތާރީޚުވެސް ޓްރެއިލާ ރިލީޒްކުރުމާއި އެކު އެނގިގެންދާނެއެވެ.

މި ސީރީޒްގައި ދަައްކުވައިދެނީ ކުޑައިރުއްސުރެ ޖިންސީ ގޯނާ އާއި ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފިރިހެނަކަށް ދިމާވާ އަސަރުގަދަ ހާދިސާތަކެކެވެ.

“އެހެނަސް”އިން މުނިފޫހިފިލުވުމުގެ ދާއިރާއަށް މުޅިން އާ ގިނަ ފަންނާނުންތަކެއް ތަޢާރަފު ވެގެން ދިޔަ އިރު. މީގެ ދެވަނަ ބައިންވެސް އާ އެކްޓަރުން ތަކެއް ފެނިގެންދާނެއެވެ. މީގެ އިތުރުން މިފަހަރުގެ ސީޒަނުން ބަތަލާ ޢާއިޝަތު ރިޝްމީ މުހިންމު ރޯލަކުން ފެނިގެން ދާއިރު، ކުޅަދާނަ ޑައިރެކްޓަރ އަދި އެކްޓަރ ރަވީ ފާރޫޤްގެ ތަފާތު ފެނިލުމެެއްވެސް “އެހެނަސް” ސީޒަން ދެއަކުން ފެނިގެން ދާނެކަަމަށް މީގެ ކުރިން ބުނެފައި ވެއެވެ. ބުލީކުރުމާމެދު މީހުން ހޭލުންތެރި ކުރުވުމުގެ މަގްސަދުގައި އުފެއްދި އެ ސީރީޒް ޑައިރެކްޓްކުރަނީ ރަވީ ފާރޫގެވެ.

ބައިސްކޯފު އެޕްލިކޭޝަނުން ދައްކާ “އެހެނަސް” އަކީ ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ސީރީޒްއެކެވެ. މިހާރު ވަނީ ސީޒަން ދޭއްގެ ޓީޒާއެއްވެސް ދައްކާލައިފައެވެ. އެހެނަސް 2 ގެ ޓްރެއިލާ ބަލާލުމަށް ކުޑަ ކުޑަ އިންތިޒާރެއް ކޮށްލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ނަބީލް މުޙައްމަދު
މައިގަނޑުގޮތެއްގައި ނަބީލް ލިޔާނީ ފިލްމީ ޚަބަރާއި މަޢުލޫމާތެވެ. އިޖްތިމާޢީ މަޢުޟޫތަކަށްވެސް ނަބީލްގެ ގަލަން ފަރިތައެވެ.