ކޯވިޑް19 އަށް ޓެސްޓް ކުރަން ނޭފަތަށް ކަފަބުރެއް ބާނައިގެން ހަދާ ޓެސްޓްގެ އިތުރުން ކުޅު ބޭނުންކޮށްގެން މިޓެސްޓް ހެދޭނެގޮތް ޖަޕާނުން އީޖާދުކޮށް، އެތާނގެ ސިއްހަތާ ބެހޭ ވުޒާރާއިން މިޓެސްޓް ހެދުމުގެ ހުއްދަ ދީފިއެވެ.
މިޓެސްޓްގެ ކިޓާއެކު ޓެސްޓް މެނުއަލް އެއްވެސް ނެރެފައި ވެއެވެ. މިހުއްދަ ދީފައިވަނީ އަންގާރަ ދުވަހުއެވެ.
ތަހުލީލު ތަކުން ދެއްކިގޮތުގައި ކޯވިޑް19ގެ އަލާމާތެއް މީހެއްގެ ކިބަައިން ފެންނަތާ 9 ދުވަހުގެ ތެރޭގައި މިޓެސްޓް ހެދުމުން ނުކުންނަނީ ކުރީގެ ގޮތަށް ހަދާ ޓެސްޓެކޭ އެއް ނަތީޖާއެކެވެ. ވީމާ އަލާމާތެއް ފެންނަތާ 9 ދުވަހުގެ ތެރޭގައި މިޓެސްޓް އިތުބާރާއެކު ހެދޭނެއެވެ.
ކަފަބުރު ބޭނުންކޮށްގެން ޓެސްޓް ހަދާއިރު ސިއްހީ ޚިދުމަތްތެރިންގެ ސަލާމަތީ ކަންކަން ވަރަށް ވަރުގަދަ ކުރަން ޖެހެއެވެ. ނަމަވެސް ކުޅު ބޭނުންކޮށްގެން އާދައިގެ ޓެސްޓެކޭ އެއްގޮތަށް ހަދާލެވެއެވެ. މިއާގޮތް ފަސޭހަވެފައި ސަލާމަތްތެރިކަން ބޮޑެވެ. ވީމާ އަވަހަށް ގިނަ ޓެސްޓް ހެދޭނެއެވެ.
ޖަޕާނުގެ ސިއްހަތާބެހޭ ވަޒީރު ކަޓޯ ކަޓްސުނޮބު ރިޕޯޓަރުންނަށް ޚަބަރު ދިންގޮތުގައި ކުޅު ބޭނުން ކޮށްގެން ހަދާ ޓެސްޓްގެ ސަބަބުން، ބަލިމީހުންނަށް ވޭނެއް ތަހައްމަލް ކުރަން ނުޖެހި، ސިއްހީ ޚިދްމަތްތެރިންނަށްވެސް މިކަން ފަސޭހަ ވާނެއެވެ.
