ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރް މިވަނީ އަނެއްކާވެސް މުޅިން އެހެން ހަރުފަތަކަށް ޖެހިލާފައެވެ. ވޭތުވެ ދިޔަ 2019 ވަނަ އަހަރު އޭނަގެ 4 ފިލްމެއް ބޮކްސް އޮފީހުގައި ކާމިޔާބުވެފައިވެއެވެ. އެ 4 ފިލްމަކީ ކޭސަރީ، މިޝަން މަންގަލް، ހައުސްފުލް 4 އަދި ގުޑް ނިއުޒްއެވެ.

މި ކާމިޔާބާއެކު ފޯބްސް މަޖައްލާއިން އާންމުކުރި ދުނިޔޭގެ އެންމެ އަގުބޮޑު ތަރިންގެ ލިސްޓުން އޭނައަށް ވަނީ ޖާގަ ލިބިފައެވެ. ލިސްޓުގެ 52 ވަނައިގައި އަކްޝޭ ހިމެނިފައިވާއިރު އޭނާއަކީ އިންޑިޔާއިން އެ ލިސްޓުގައި ހިމެނުނު ހަމައެކަނި ތަރިއެވެ. އެ ލިސްޓުގައި ހިމެނޭ އެހެން ތަރިންގެ ތެރޭގައި ޓެނިސް ކުޅުންތެރިޔާ ރޮޖާ ފެޑެރާއާއި މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލެއޯނަލް މެސީ ހިމެނެއެވެ.

ލިބުނު ކާމިޔާބާއިމެދު ވާހަކަދައްކަމުން އަކްޝޭ ފޯބްސްއަށް ބުނެފައިވެއެވެ.

“އަސްލު އަހަރެން ބޭނުންވަނީ 1 ކްރޯޑު ރުޕީސް. އެ ނިމުނީ. އެކަމަކު އަހަރެންނަކީވެސް އިންސާނެއް. އެންމެ ފުރަތަމަ އަހަރެން ހިތަށްއެރީ އަހަރެންނަށް ކީއްވެހޭ 100 ކުރޯޑް ނުހޯދެންވީ. އަސްލު ތެދަށް ބުނަންޏާ އެކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތް.”

ކުރިއަށްވެސް އަކްޝޭގެ ޝައުޤުވެރި ގިނަ ފިލްމުތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ރޯހިތު ޝެޓީގެ “ސޫރިޔަވަންޝީ”، ރަގަވާ ލައުރެންސްގެ “ލަކްސްމީ ބޮމްބް”، ޔާޝް ރާޖް ފިލްމްސްގެ “ޕްރިތުވިރާޖް” އަދި އާނަންދު އެލް ރާއީގެ “އަތުރަންގީ ރޭ” ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.