ބޮލީވުޑްގެ މަޝްހޫރު ކޮރިއޮގްރާފަރު އާދިލް ޝެއިޚް ޑައިރެކްޓަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ފިލްމު “މަޖްނޫ” ގެ މަސައްކަތް ރަސްމީކޮށް އިޢުލާނުކޮށްފިއެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެންދާނީ ހުނަރުވެރި އެކްޓަރު ހަރްޝްވަރުދަން ރާނޭއެވެ.
“ސީކްރެޓް ސުޕަސްޓާ”، “ބަޖްރަންގީ ބައިޖާން”، “ކަޕޫރް އެންޑް ސަންސް” އަދި “ހަމްޕްޓީ ޝަރުމާ ކީ ދުލްހަނިޔާ” ފަދަ ކާމިޔާބު އެތައް ފިލްމެއްގެ ލަވަތައް ކޮރިއޮގްރާފްކޮށްދީފައިވާ އާދިލް ޑައިރެކްޓްކުރާ މި ފިލްމަކީ ޖަޒުބާތީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. މި ފިލްމު ޕްރޮޑިއުސްކުރަނީ އަންޝުލް ގަރްގްއެވެ.
މި ޕްރޮޖެކްޓަކީ 2025 ވަނަ އަހަރު ރިލީޒްކުރި ކާމިޔާބު ރޮމޭންޓިކް ޑްރާމާ “އެކް ދީވާނޭ ކީ ދީވާނިޔަތު” ގައި އެކުގައި މަސައްކަތްކުރި ޓީމު އަލުން ގުޅުވައިދޭ ފިލްމެކެވެ. ސޯނަމް ބަޖްވާއާއެކު ހަރްޝްވަރުދަން ފެނިގެންދިޔަ އެ ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމެކެވެ.
“މަޖްނޫ” ގެ ޝޫޓިން އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. ފިލްމާ ގުޅޭގޮތުން ވާހަކަދައްކަމުން އެކްޓަރު ހަރްޝްވަރުދަން ބުނީ، އަސަރުގަދަ އިޙުސާސްތަކާއި ޖަޒުބާތުތައް އެކުލެވޭ މޮޅު ވާހަކައެއް ގެނެސްދިނުމަށް ވިސްނުން އެއްގޮތް ޓީމަކާއެކު އަލުން މަސައްކަތްކުރަން ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ.
ޕްރޮޑިއުސަރު އަންޝުލް ގަރްގް ފާހަގަކުރި ގޮތުގައި، ކުރީގެ ފިލްމަށްފަހު އާ ވާހަކައެއް ހޯދުމުގެ ޝައުޤުވެރިކަން އުފެދުނު ކަމަށާއި، “މަޖްނޫ” އަކީ ބެލުންތެރިންނަށް ވަރަށް ޚާއްސަ ތަޖުރިބާއެއް ގެނެސްދޭނެ ފިލްމަކަށް ވާނެ ކަމަށެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ރޮމޭންޓިކް ފިލްމުތަކަށް ލޯބިކުރާ އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ އެއް ފިލްމަށް މި ފިލްމު ވާނެކަމަށް ބެލެވޭއިރު، ފިލްމުގެ ކާސްޓުގައި ދެން ހިމެނޭ ތަރިންގެ ތަފްސީލު ވަރަށް އަވަހަށް ހާމަކުރާނެ ކަމަށް ޚަބަރުތައް ބުނެއެވެ.
