ހަނިމާދޫގެ ބަނދަރު ބޮޑުކުރުމުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.

ހަނިމާދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް 24 ސެޕްޓެމްބަރ 2019 ގައި އެމްޓީސީސީއާއި ހަވާލުކޮށްފައި ވީ ނަމަވެސް، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެން ގޮސްފައިވަނީ 28 މެއި 2020 ގައެވެ.

މިމަޝްރޫއުގެ ދަށުން ހަނިމާދޫގެ ބަނދަރަށް އިތުރު ކުރެވޭބައިގައި 355 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓަކާއި، 270 މީޓަރުގެ އެއްގަމު ތޮއްޓަކާއި، 2583 ސްކޮޔާރ މީޓަރުގެ ދުވާރެއް ތަރައްގީ ކުރާނެއެވެ. ދެ ނެރު ބައްތި ޖެހުމަށް ހަމަޖެހިފައިވާއިރު، ވިހި ބަނދަރު ބައްތިވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަނިމާދޫގެ ބަނދަރު ސަރަހައްދު 53،522 ކިއުބިކް މީޓަރަށް ފުންކޮށް ކޮނުމާއި، ނެރު 31،575 ކިއުބިކް މީޓަރަށް ފުން ކުރުމަށް ހަމަޖެހިފައިވާއިރު، އެ ބަނދަރުގައި 50 މީޓަރު ރިވެޓްމެންޓް ވެސް ޖަހުމަށްވަނީ ހަމަޖެހިފައެވެ.

މި ޕްރޮޖެކްޓް ޖުމުލަ 57.1 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ 10 މަސްދުވަހުގެ ތެރޭގައި ނިންމާ ހަވާލުކުރާ ގޮތަށެވެ.

ހަނިމާދޫ މަގު ހެދުމުގެ މަޝްރޫޢު ވެސް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް މިއަހަރުގެ މާރިޗު މަހުގައި ހއ އަދި ހދ އަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން، ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ހަނިމާދޫގެ މަގުހެދުމުގެ މަސައްކަތްވެސް ނިންމާލެވޭވަރު ވާނެކަމުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.