ޖަޕާނު ސަރުކާރުން ރާއްޖެއަށް 86.4 (600 ޖަޕަނީޒް ޔެން) މިލިއަން ރުފިޔާގެ ހިލޭ އެހީދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއަދު މެންދުރު ފަހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގައި މިކަމަށް ބެއްވި ހާއްސަ ރަސްމިއްޔާތުގައި މި އެހީގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ރާއްޖެގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދެވެ. މި އެއްބަސްވުމުގައި ޖަޕާނުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީއެވެ.
މި އެއްބަސް ވުމުގެ ދަށުން ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައްވެސް ހިމެނޭނޭހެން އެތަންތަނަށް ހޯދުމަށް ހަމަޖެހިފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ
* 10 ބެޑްސައިޑް އެކްސްރޭ މެޝިން
* 65 ބެޑްސައިޑް މޮނީޓަރު،
* 19 ޕޯޓަބަލް އަލްޓްރާ ސައުންޑް އިމޭޖް ސިސްޓަމް
* 200 އޮޓޮމޭޓެޑް އެކްސްޓާނަލް ޑިފިބްރިލޭޓަރު
* 160 ސިރިން ޕަމްޕް
މި ރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާހަކަފުޅުގައި ކޮވިޑް19 ގެ މި ހާލަތުގައި ޖަޕާނުގެ ސަރުކާރުގެ އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ލިބޭނެކަމުގައިވަނީ ވިދާޅުވެފައެވެ.
ޖަޕާނަކީ އަބަދުވެސް ރާއްޖެއާއި ގާތްގުޅުމެއް އޮންނަ ޤައުމެކެވެ. މިގޮތުން ކޮވިޑް-19 ގެ މި ހާލަތުގައި މީގެ ކުރިންވެސް ޖަޕާނުން ވަނީ ޔުނިސެފް މެދުވެރިކޮށް 5.6 މިލިއަން ރުފިޔާ، މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށް 2.9 މިލިއަން ރުފިޔާ، އަދި ޔޫއެންޑީޕީ މެދުވެރިކޮށް ރާއްޖޭގެ އިގްތިސާދަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށް، ކުދި ވިޔަފާރިތަކަށް އެހީވުމަށް 21.5 މިލިއަން ރުފިޔާގެ އެހީވެސް އެގައުމުން ވަނީ ފޯރުކޮށް ދެއްވާފައެވެ.
ކޮވިޑް-19 އާ ދެކޮޅަށް ރާއްޖެއިން މަސައްކަތްކުރަމުންދާ މިދަނޑިވަޅުގައި ޖަޕާނުން ރާއްޖެއަށް ދެއްވަމުން ގެންދަވާ ދީލަތި އެހީތެރިކަމަށް ޝާހިދު ވަނީ ޝުކުރު އަދާކުރާއްވާފަ އެވެ.
