29 މެއި 2020 ގައި ހަނިމާދޫއަށް ކުރި ވިއްސާރައިގައި ލިބުނު ގެއްލުންތަކާއި ގުޅިގެން ޚިދުމަތް މެދުކަނޑާލި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ދޭން ފަށައިފިއެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ހަނިމާދޫއަށް ކުރި ވިއްސާރައިގައި ބޭންކް އޮފް މޯލްޑިވްސްއިން ހަނިމާދޫ އިންޓަރނޭޝަނަލް އެއާރޕޯޓް ސަރަހައްދުގައި ޤާއިމްކޮށްފައިވާ އޭޓީއެމް ހުންނަ އިމާރާތުގެ ފުރާޅު ހަލާކުވެ ސީލިންގގެ ތެރެއަށް ފެންއެޅުމުގެ ސަބަބުން ސީލިންގ ވެއްޓުމުގެ އިތުރުން ކަރަންޓް ވައިރިންނަށްވެސް ގެއްލުންތަކެއް ލިބިފައިވެއެވެ.
މި ނޫހަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ އިމާރާތް ހުޅުވައި އެތަނުގެ ޚިދުމަތް ދޭން އަލުން ފަށާފައި މިވަނީ އެ އިމާރާތުގެ ފުރާޅާއި ސީލިންގގެ އިތުރުން ވައިރިންވެސް އެއްކޮށް ބަދަލުކުރުމަށްފަހުއެވެ.
އޭޓީއެމްގެ ޚިދުމަތް އަލުން ދޭން ފަށާފައިވާއިރު ކުރިންވެސް އޭޓީއެމް މެދުވެރިކޮށް ލިބެމުންދިޔަ ހުރިހައި ޚިދުމަތެއް ލިބިލައްވާނެކަމުގައި އެފަރާތުން މަޢުލޫމާތު ދެއްވައެވެ.
