ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ޕީއެސްޖީގެ ބޮޑު މުސާރަ އަށް ފުރަގަސްދީ ވެން ޑައިކް ލިވަޕޫލްގެ އެއްބަސްވުން އާކުރަނީ

ފްރާންސުގެ ގަދަބާރު ޕީއެސްޖީން ހުށަހެޅި ބޮޑު މުސާރަ އަށް ނޫނެކޭ ބުނެ، ލިވަޕޫލްގެ އެއްބަސްވުން އާކުރުމަށް އެ ޓީމުގެ ހުނަރުވެރި ޑިފެންޑަރު އަދި ޔުއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ހޯދި ވާޖިލް ވެން ޑައިކް ނިންމައިފި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލިވަޕޫލުން ވެން ޑައިކަށް މިހާރު ދެމުން އަންނަ މުސާރައަށް ވުރެން އެއް ލައްކަ ޕައުންޑު އިތުރަށް ޕީއެސްޖީން ވަނީ އޭނާ އަށް ހުށަހަޅާފައެވެ. ވެން ޑައިކަށް ލިވަޕޫލުން މިހާރު ދެމުން އަންނަނީ ހަފުތާއަކު، 180،000 (އެއްލައްކަ އަށްޑިހަ ހާސް) ޕައުންޑުގެ މުސާރަ އެކެވެ. ނަމަވެސް، ޕީއެސްޖީން އޭނާއަށް ހުށަހެޅީ ހަފުތާއަކު، 280،000 (ދެލައްކަ އަށްޑިހަ ހާސް) ޕައުންޑުގެ މުސާރަ އެއް ކަމަށް އިނގެރޭސިވިލާތުގެ ނޫހެއް ކަމަށްވާ “ދަ ސަން” އިން ރިޕޯޓުކޮށްފައިވެއެވެ.

ޕީއެސްޖީން މިފަދަ ބޮޑު މުސާރައެއް ހުށަހެޅި ނަމަވެސް، އެ ހުށަހެޅުމަށް ފުރަގަސްދީ ވެން ޑައިކް ނިންމާފައި ވަނީ ލިވަޕޫލް އާއި ދެމެދު ހަދާފައިވާ އެއްބަސްވުން 2025 ވަނަ އަހަރާ ހަމައަށް އާ ކުރުމަށެވެ. ލިވަޕޫލް އާއި އެކު އެއްބަސްވުން އާކުރުމުން ހަފުތާ އަކު، 240،000 (ދެލައްކަ ސާޅީސް ހާސް) ޕައުންޑުގެ މުސާރައަކާ އެކު، އޭނާ ވެގެންދާނީ އެޓީމުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ. ހަފުތާ އަކު، 200،000 (ދެލައްކަ) ޕައުންޑުގެ މުސާރައަކާ އެކު މިވަގުތު ލިވަޕޫލް ގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކީ އެޓީމުގެ ހުނަރުވެރި ފޯވާޑު މުހައްމަދު ސަލާހެވެ.

ޚަބަރުތައް ބުނާގޮތުގައި ވެން ޑައިކާ ދެމެދު ހަދާފައިވާ އެއްބަސްވުން ލިވަޕޫލުން އާކުރާނީ އިނގެރޭސި ޕްރިމިއަރ ލީގު އެޓީމަށް ކަށަވަރުވުމުންނެވެ. ލީގުގެ ތާވަލަށް ބަލައިލާއިރު، ތަށި އުފުލާލުމަށް ލިވަޕޫލުން އިތުރަށް ބޭނުން ވަނީ 6 ޕޮއިންޓު ކަން ފާހަގަކޮށްލެވެއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Home
Menu
Search
Back to top