ބާލާޖީ ޓެލެފިލްމްސްގެ ޓީވީ ސިލްސިލާތަކެއްގެ ޝޫޓިން މި ހިނގާ ޖޫން މަހުގެ 26 ގައި ފަށާނެކަމަށް ޚަބަރުތައް ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުން ޝޫޓިން ފަށާނެކަމަށް ވަނީ ޒީ ޓީވީން ދައްކާ “ކުމްކުމް ބާގްޔާ”، ސްޓާ ޕްލަސްގެ “ކަސޯޓީ ޒިންދަގީ ކޭ 2” އަދި ކަލާސް ޓީވީގެ ސުޕަހީރޯ ސީރީޒް “ނާގިން” ގެ 5 ވަނަ ސީޒަންއެވެ. “ނާގިން” ގެ 5 ވަނަ ސީޒަންއަކީ މުޅިން އަލަށް ޝޫޓިން ފަށާ ސިލްސިލާއެކެވެ.

ފިލްމީ މަސައްކަތްތައް ހުއްޓިފައި އޮންނަތާ ދުވަސްތަކަކަށްފަހު، އަލުން މަސައްކަތްތައް ފެށުމުގެ ހުއްދަ ދީފައިވާއިރު މި ސިލްސިލާތަކުގައި ޝާމިލްވާ އެންމެހާ ފަރާތްތަކުން ތިބީ މަސައްކަތްތައް ފެށުމަށް ކެތްމަދުވެފައެވެ. ޝޫޓިންތައް ފެށި ނަމަވެސް ހުރިހާ އެކްޓަރުންނާއި ކްރޫގެ އެހެން ހުރިހާ އެންމެންވެސް ސަރުކާރުން އަންގާފައިވާ ގޮތަށް ސަލާމަތީ ފިޔަވަޅުތައް އަޅާނެކަމަށް ފިލްމީ ސިނާއަތާއި ގާތް ފަރާތަކުން ހާމަކޮށްފައިވެއެވެ.

“ކަސޯޓީ”، “ކުމްކުމް ބާގްޔާ” އަދި “ނާގިން” އަކީ ދިވެހީންގެ މެދުގައިވެސް ވަރަށް މަޤުބޫލު 3 ސިލްސިލާއެވެ. މި 3 ސިލްސިލާގެ އިތުރުންވެސް ސިލްސިލާތަކެއްގެ ޝޫޓިން ފެށިދާނެއެވެ. ނަމަވެސް އެކަމަށް އަދި ކުޑަ އިންތިޒާރެއް ކޮށްލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.