ސްޓާ ޕްލަސްއިން ދައްކަމުން އަންނަ އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާ “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ”ގެ އާ ބައިތައް މި ޖުލައި މަހުގެ 13 ވަނަ ދުވަހު ދައްކަން ފަށާނެކަން ހާމަކޮށްފިއެވެ.

ސިލްސިލާގެ ޝޫޓިންގ ފެށުމާއެކު ފޭނުންގެ ހިތުގައި އެންމެ ބޮޑަށް އުފެދޭނެ ސުވާލަކީ އަލުން ސިލްސިލާ ފަށާއިރު ކާތިކްއާއި ނައިރާގެ “ކައިރާ”ގެ ދިރިއުޅުމަށް ދެން ވާނީ ކިހިނެއްބާއޭކަން ޔަޤީނެވެ. ޕްރޮމޯ ވީޑިއޯއަކުން އެ ސުވާލުގެ ޖަވާބުވެސް މިހާރު ވަނީ ދީފައެވެ.

އިސްތިހާރު ވަރަށް ޝައުޤުވެރިއެވެ. އިސްތިހާރުގައި ދައްކާ ގޮތުން ދެން މި ސިލްސިލާގައި ޝިވާންގީ ކުޅޭނީ ޑަބަލް ރޯލެވެ. އެއީ ނައިރާއާއި އޭނާގެ ނިބޫ، ޓީނާގެ ރޯލެވެ. އެއަށްފަހު “ކައިރާ”ގެ ދިރިއުޅުމަށް ވާނެގޮތް ބަލައިލަން އަދި ކުޑަ އިންތިޒާރެއް ކޮށްލާށެވެ. ކުރިއެކޭވެސް އެއްގޮތަށް “ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ގެ ޓީމުން ބެލުންތެރިން މާޔޫސްކޮށްނުލާނެކަން ގައިމެވެ.

“ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ” ގެ އިތުރުންވެސް ބައެއް ސިލްސިލާތައް ދައްކަން ފަށާނެ ތާރީޚު އިޢުލާނުކޮށްފިއެވެ. އޭގެ ތެރޭގައި “ކުމްކުމް ބާގްޔާ”، “ކުންޑްލީ ބާގްޔާ”، “ގުއްޑަން ތުމްސޭ ނަ ހޯ ޕާޔޭގާ”، “ތުޖްސޭ ހޭ ރާބްތާ” އަދި “ޤުރުބާން ހުއާ” ހިމެނެއެވެ. މި ސިލްސިލާތައްވެސް ޖުލައި 13 ގައި ދައްކަން ފަށާނެއެވެ. މި ސިލްސިލާތަކުގެ ޝޫޓިންގ ވަރަށް ބާރަށް ކުރިއަށް ދާއިރު ކަލާސް ޓީވީގެ މަޝްހޫރު ސުޕަހީރޯ ސިލްސިލާ “ނާގިން 4” ގެ ޝޫޓިންގވެސް ކުރިއަށް ދާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މި ސިލްސިލާ ދައްކަން ފަށާނެ ތާރީޚެއް އަދި އިޢުލާނެއް ނުކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.