އިސްލާމިކް މިނިސްޓްރީން މާލެ ސަރަހައްދުގެ މިސްކިތްތައް މިއަދު މަޣްރިބު ނަމާދުން ފެށިގެން ހުޅުވާލަން ނިންމި ނަމަވެސް ޖަމާޢަތުގައި ނަމާދު ނުކުރާނެ ކަމުގައި އެ މިނިސްޓްރީން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ޖަމާޢަތުގައި ނަމާދުކުރުން މެދުކަނޑާލާފައިވަނީ މާޗު މަހުގެ 18 ވަނަ ދުވަހުއެވެ. އެއަށްފަހު އޭޕްރީލް 15 ވަނަ ދުވަހު މާލެ ސިޓީން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުމާއި ގުޅިގެން މާލެ ވިލިމާލެ ހުޅުމާލެ ތިލަފުށި އަދި ގުޅީފަޅު ހިމެނޭހެން އެ ސަރަހައްދުގެ މިސްކިތްތައް މިއަދާ ހަމައަށްވެސް ހުރީ ބަންދުކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ފުރަބަންދުގެ ހާލަތަށް މާދަމާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދިނުމަށް ނިންމާފައިވުމާއި ގުޅިގެން މި ހާލަތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއިއެކު މިސްކިތުގައި ޖަމާޢަތް ހެދުމަކާއިނުލާ ނަމާދުކުރުމަށް ބޭނުންވާ މީހުންނަށް މިސްކިތްތައް ހުޅުވާލުން އެންމެ ރަނގަޅުކަމަށް އެޗްޕީއޭއާއި ޓެގް ޓީމުގެ އިތުރުން ދީނީ ޢިލްމުވެރިންވެސް އެ މިނިސްޓްރީއަށް ލަފާ ދީފައިވާ ކަމުގައެވެ.

މާލެ ސަރަހައްދުގެ މިސްކިތްތައް ހުޅުވާލިކަމުގައި ވިޔަސް މާލެ ސިޓީ ކައުންސިލުން ތިރީގައި މި ބަޔާންކުރާ ކަންކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

ނަމާދުކުރާ މިސްކިތްތަކުގައި ކާޕެޓް ނެތުމާއި، ކޮންމެ ނަމާދެއް ފެށުމުގެ ކުރިން މޮޕްލައި މިސްކިތް ސާފުކުރުމާއި، މިސްކިތުގައި ސައިބޯނި ލައިގެން އަތް ދޮވެވޭނެ އިންތިޒާމު ހަމަޖެހިފައި ހުރުމުގެ އިތުރުން އެއާރ ކަންޑިޝަން (އޭސީ) ހަރުކުރެވިފައިވާ މިސްކިތްތަކުގެ އޭސީ ބޭނުން ނުކުރުން ހިމެނެއެވެ.

މީގެ އިތުރުން މިސްކިތްތަކަށް ނަމާދަށް ދާ މީހުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ގެއިން ވުޟޫކޮށްގެން ދިޔުމާއި، މުސައްލަ ގެންދިޔުމާއި، މިސްކިތަށް ވަދެނުކުތުމުގައި ގައިދުރުކަން ބެހެއްޓުމާއި، މުސައްލަ އެޅުމުގައި ގައިދުރުކަން ބެހެއްޓުމާއި، މުސައްލަ މަތީގައި ނޫނީ ނަމާދު ނުކުރުމާއި، ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑުނުކުރުމާއި، ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި ދުވަސްވީ މީހުން މިސްކިތަށް ނުދިޔުމާއި، ރޯގާ ނުވަތަ ހުމުގެ އަސަރެއް ހުރިނަމަ މިސްކިތަށް ނުދިޔުމާއި، މިސްކިތާއި މިސްކިތުގެ ބޭރުގައިވެސް އަތްޖޯޑުކޮށް ސަލާމް ނުކުރުމުގެ އިތުރުން މިސްކިތުގެ ޚަތިމް ބޭނުން ނުކުރުންފަދަ ކަންކަމަށް ސަމާލުކަން ދިނުމަށް އިސްލާމިކް މިނިސްޓްރީން އިރުޝާދު ދީފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.