މޯލްޑިވްސް ބްރޮޑްކާސްޓިންގ ކޮމިޝަނުން ދޫކޮށްފައިވާ ބްރޮޑްކާސްޓިންގއާއި ރީބްރޯޑްކާސްޓިން އަދި ފްރެކުއެންސީ ލައިސްގެ އަހަރީ ފީގެ ގޮތުގައި ދައްކަންޖެހޭ ފީތައް ބަލައިގަތުމުގެ މުއްދަތު 31 އޯގަސްޓް 2020 ގެ ނިޔަލަށް އެ ކޮމިޝަނުން އިތުރުކޮށްފިއެވެ.

މިއީ މި މުއްދަތު އެ ކޮމިޝަނުން އިތުރުކުރި ތިންވަނަ ފަހަރެވެ. ކޮންމެ އަހަރަކުވެސް އެ ކޮމިޝަނަށް ދައްކަންޖެހޭ ފީތައް ދައްކަން ޖެހޭ އެންމެފަހު ތާރީޚެއްގެ ގޮތުގައި ކަނޑައަޅާފައި އޮންނަނީ 31 މާރިޗެވެ. ނަމަވެސް ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އެ ކޮމިޝަނުން ވަނީ 27 އޭޕްރިލް 2020 ގައި އިޢުލާނެއް ނެރެ އެ ކޮމިޝަނަށް ދައްކަންޖެހޭ ފީތައް ދެއްކުމުގެ މުއްދަތު 31 މެއި 2020 އަށް އިތުރުކޮށްފައެވެ. އެ މުއްދަތު ދެވަނަ ފަހަރަށް އިތުރުކޮށް އެ ކޮމިޝަނުން 25 މެއި 2020 ގައި އިޢުލާނެއް ނެރެފައިވެއެވެ. އެ ފަހަރު އެ މުއްދަތު 30 ޖޫން 2020 ގެ ނިޔަލަށް އިތުރުކޮށްފައިވެއެވެ. އެ ކޮމިޝަނުން ތިންވަނަ ފަހަރަށް އެ މުއްދަތު އިތުރުކޮށް އިޢުލާން ނެރެފައިވަނީ 15 ޖޫން 2020 ގައެވެ. މިހާރު އެ ކޮމިޝަނަށް ދައްކަންޖެހޭ ފީތައް ދެއްކުމުގެ މުއްދަތު މިވަނީ 31 އޯގަސްޓް 2020 ގެ ނިޔަލަށް އިތުރުކޮށްފައެވެ.

އެ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން، ބްރޯޑްކާސްޓަރުންނަށް މާލީގޮތުން ދަތިތަކާ ކުރިމަތިލާންޖެހިފައިވުމުގެ ސަބަބުން ބައެއް ބްރޯޑްކާސްޓަރުން ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދެމުންދާތީ، ލައިސަންސް ލިބިފައިވާ ފަރާތްތަކުން ކޮމިޝަނަށް ދައްކަވަންޖެހޭ 2020 ވަނަ އަހަރުގެ އަހަރީ ފީ ދެއްކުމުގެ މުއްދަތު އިތުރުކޮށްދީ، މި ދެންނެވި ފީތައް (ޖޫރިމަނާއަކާނުލައި) ބަލައިގަތުމަށް މިހާރު ހަމަޖައްސާފައިވާ އެންމެފަހު ތާރީޚަކީ 31 އޮގަސްޓް 2020 ކަމުގައި ދެންނެވީމެވެ.

މިހާރު ކުރިމަތިވެފައި މިވާ ހާލަތާއި ގުޅިގެން ދެންނެވުނު ސުންގަޑިއަށް އެއްވެސް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެކަން އަލުން އިޢުލާނުކުރެވޭނެ ކަމުގައި އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އިބްރާހިމް ޚަލީލް
އިބްރާހިމް ޚަލީލް
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ އިބްރާހިމް ޚަލީލްގެ ޚާއްޞަ ދާއިރާ ތަކަކީ ދީނީ، އިޖްތިމާޢީ އަދި އަދަބިއްޔާތެވެ. ކަރަންޓް އެފެއާޒަކީވެސް އޭނާ ފަރިތަ ދާއިރާއެކެވެ.