ކޮންމެ މީހެއްގެ ވެސް އެންމެ ހާއްސަ ދުވަހަކަށް ވާނީ އެމީހެއްގެ ކައިވެނި ކުރެވޭދުވަހެވެ. އުމުރު ދުވަހު ފައިސާ ޖަމާ ކުރަނީ އެމީހަކަށް ކުރެވުނު އެންމެ ފުރިހަމައެއްކޮށް ކައިވެނީގެ ކަންކަން ކުރިއަށް ގެންދިޔުމަށެވެ. މިފަހަރު މިބަލާލަނީ ބޮލީވުޑްގެ އެންމެ ހަރަދު ބޮޑު އެންމެ އަގުބޮޑު ކައިވެނި ހަފްލާތަކަށެވެ.

5. ސައިފް – ކަރީނާ
ނަވާބް ޚާން އަދި ބޭބޯގެ ކައިވެންޏާ ނުލައި މިލިސްޓް ނިންމާލެވޭކަށް ގައިމުވެސް ނޯންނާނެއެވެ. ދެތަރިންގެ ކައިވެނި ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ޝާހީ ކައިވެންޏެއްގެ ގޮތުގައެވެ. އަދި ކައިވެނީގެ މެހުމާނުންގެ ތެރޭގައި އިންޑިޔާގެ މިނިސްޓަރުންވެސް ވަނީ ހިމެނިފައެވެ. މިހަފްލާއަކީ ބޮލީވުޑްގެ 5ވަނައަށް އެންމެ ބޮޑު ހަރަދެއް ކުރި ކައިވެންޏެވެ.

4. އަބީޝޭކް – އައިޝްވާރިޔާ
ބޮލީވުޑްގެ ރަސްގެފާނުގެ ހަމައެކަނި ފިރިހެން ދަރިފުޅު އަބީޝޭކް ބައްޗަން އަދި ރީތީގެ ރާނީ އައިޝްވާރިޔާ ރާއިގެ ކައިވެނި މިއަންނަނީ ލިސްޓުގެ 4 ވަނައަށެވެ. ކައިވެނިކޮށްފައިވަނީ 2007 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހު އިންޑިޔާގެ މުމްބާއިގައެވެ. ކައިވެނި ހަފްލާގެ ހަރަދުތަކަށް ބަލާލާއިރު މަޝްހޫރު ތާޖް ހޮޓެލްގެ ކައްކާއިންގެ އަގު ބޮޑު ކެއްކުމާއި ވަރުގަދަ ސެކިއުރިޓީއަށް ވަނީ ބޮޑެތި ހަރަދުތަކެއްކޮށްފައެވެ.

3. ރާޖް – ޝިލްޕާ
ރާޖް ކުންދުރާއާއި ޝިލްޕާ ޝެޓީގެ ކައިވެނި މިއަންނަނީ ލިސްޓްގެ 3 ވަނައަށެވެ. 2009 ވަނަ އަހަރުގެ ނޮވެމްބަރު 22 ވަނަ ދުވަހު އިންޑިޔާގެ ކަންޑާލާގައި ބޭއްވި މި ކައިވެނީގެ ހަފްލާގައި ކުރި ބޮޑެތި ހަރަދުތަކަށް ބަލާލާއިރު 8000 ސްވަރޮވްސްކީ ޖަވާހިރު ޖަހައިގެން ފަރުމާކޮށްފައިވާ އަގުބޮޑު ކައިވެނީގެ ލެހެންގާ (ހެދުން) އަށް 50 ލައްކަ އިންޑިއަށް ރުޕީސް ވަނީ ހަރަދުކޮށްފައެވެ. މީގެ އިތުރުން މިކައިވެނީގައި ބޭނުންކުރި ވެޑިންކޭކް އަކީގެ ހާއްސަ ކޭކެކެވެ. މިކޭކުގެ އެންމެ ހާއްސަކަމަކީ އެކޭކުގެ ބަރުދަން ކަމުގައިވާ 80 ކިލޯއެވެ.

2. ވިރާޓް – އަނުޝްކާ
އިންޑިޔާގެ ގައުމީ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާއި އަނުޝްކާ ޝަރުމާގެ ޖޯޑަކީވެސް ބޮލީވުޑްގެ ޕަވާ ކަޕުލްއެކެވެ. ލިސްޓްގެ ދެވަނައަށް ހޮވިފައިމިވަނީ މިދެތަރިންގެ އަގުބޮޑު ކައިވެނީގެ ހަފްލާއެވެ. 2017 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 11 ވަނަ ދުވަހު، މިކައިވެނިވެސް ކޮށްފައިވަނީ އިޓަލީގައެވެ. ވަރަށް މަދު މެހުމާނުން ކޮޅަކާއެކު ބޭއްވި މިހަފްލާގައިވެސް ބައިވެރިން ތިބުމުގެ ހަރަދަށް 45 ކުރޯޑް އިންޑިއަން ރުޕީސް ވަނީ ހަރަދުކޮށްފައެވެ. އިންޑިޔާގެ ސަގާފީ ކައިވެނި ހެދުމުގައި ކޮށްފައިވާ މިކައިވެނީގެ ހެދުމަށް އެކަނިވެސް 1 ކުރޯޑު އިންޑިއަން ރުޕީސް ވަނީ ހަރަދުކޮށްފައެވެ. އަދި އިންޑިޔާގެ ކައިވެނީގެ ސަގާފަތާ ގުޅޭ ކަންކަމަށްވެސް 100 ކުރޯޑު އިންޑިއަށް ރުޕީސް ވަނީ ހަރަދުކޮށްފައެވެ.

1. ރަންވީރު – ދީޕިކާ
ލިސްޓުގެ ފަހުރުވެރި 1ވަނަ، އާދެ ބޮލީވުޑްގެ އެންމެ ބޮޑު ހަރަދެއް ކައިވެނި ހަފްލާގެ ކަންކަމަށް ހަރަދުކޮށްފައިވަނީ ބޮލީވުޑްގެ އެންމެ ލޯބި ޖޯޑު ކަމަށް ގިނަ ބަޔަކު ބުނާ ރަންވީރާއި ދީޕިކާގެ ޖޯޑެވެ. 2018 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހު އިޓަލީގައި ބޭއްވި މިހަފްލާގައި ބައިވެރިވެފައިވަނީ އާއިލާއާއި ރައްޓެހިންނެވެ. ހަފްލާގައި ބައިވެރި ވުމަށް އިޓަލީއަށް ދިޔަ ފަރާތްތަކަށް 75 ކޮޓަރީގެ ހޮޓަލެއް މިދެތަރިން ވަނީ ކުއްޔައް ހިފާފައެވެ. މިއިން ކޮންމެ ކޮޓަރިއަކަށް ދުވާލަކަށް ކުލީގެ ގޮތުގައި 400 ޔޫރޯވަނީ ހަރަދުކޮށްފައެވެ. މުޅި އާއިލާއާއި ރައްޓެހިންގެ ތިބުމުގެ ހަރަދަށް އެކަނިވެސް 1.7 މިލިއަން އިންޑިއަށް ރުޕީސް ވަނީ މިދެތަރިން ހަރަދުކޮށްފައެވެ. މީގެ އިތުރުން ކައިވެނީގެ ގަހަނާތަކަށްވެސް 1 ކުރޯޑް ރުޕީސް އަދި މަންގަލްސުތުރާ އަށް އެކަނިވެސް 20 ލައްކަ އިންޑިއަން ރުޕީސް ހަރަދުކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ސަޒްރާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސަޒްރާ އަކީ ކުރިން ރާއްޖެ ޓީވީގައި މަސައްކަތްކޮށްފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. މުނިފޫހިފިލުމުގެ ދާއިރާގެ އިތުރުން އިޖުތިމާޢީ ދާއިރާގައިވެސް ސަޒްރާ ޚާއްޞައެވެ.