އަރތު ޑޭ ނެޓްވޯކުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާ އެމްބެސެޑަރަކަށް ޒުވާން ލަވަކިޔުންތެރިޔާ މަރިޔަމް މައިޝާ (ރާޅު މަރިޔަނބު) ހަމަޖައްސައިފިއެވެ.

އަރތު ޑޭ ނެޓްވޯކުގެ ރާއްޖޭގެ އެމްބެސެޑަރުކަމަށް ލަވަކިޔުންތެރިޔާ މައިޝާ ހަމަޖައްސާފައިވާކަން އިޢުލާންކޮށްފައިވަނީ އާތު ޑޭ ނެޓްވޯކުގެ ރަސްމީ ވެބްސައިޓުގައެވެ.

މޯލްޑިވިއަން އައިޑަލްގެ 3ވަނަ ސީޒަންގައި ވާދަކޮށް، މުބާރާތުގެ 2 ވަނަ ހާޞިލުކޮށް ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ މައިޝާ ބުނެފައިވަނީ ތިމާވެށީގެ މަައްސަލަތަކަށް ޢާއްމުން ހޭލުންތެރިކުރުވުން، ވަކިން ޚާއްސަކޮށް، ދުނިޔެ ހޫނުވުން ފަދަ މައްސަލަތައް ހުއްޓުވުމަށް އާތު ޑޭ ނެޓްވޯކުގެ ފަރާތުން ކުރަމުންދަނީ އޭނާ ވަރަށް ބަލައިގަންނަ މަސައްކަތްތަކެއް ކަމަށެވެ. އަދި ތިމާވެށީގެ މައްސަލަތަކަކީ ދިވެހިރާއްޖެފަދަ ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ޤައުމަކަށް އޭގެ ނުރައްކާ އެތައް ގުނައަކަށް އޮތް މައްސަލަތަކެއްކަމުން އެކަންކަމަށް އަވަސް ހައްލުތަކެއް ބޭނުންވާކަން މައިޝާ ފާހަގަކުރިއެވެ. މައިޝާ ބުނީ، މި ލިބުނު ފުރުޞަތާއެކު ތިމާވެށްޓަށް ގެއްލުންދެނިވި ހަކަތަތަކާއި، ވިހަ ގޭސްތައް ދޫކުރާ މިންވަރު މަދުކޮށް، ރާއްޖޭގެ ކަނޑުތަކާއި ފަރުތަކަކީ “ޕްލާސްޓިކް ފްރީ” ތަނަކަށް ހެދުމަށް އޭނާ އަޑުއުފުލާނެ ކަމަށެވެ.

“އަހަންނަަށް ލިބިފައިވާ އާޓިސްޓިކް ޓެލެންޓުގެ ބޭނުން ހިފައި، އަހަރުމެންގެ ވަށައިގެންވާ ވެށީގެ ފެހިކަންގަދަކޮށް ސާފުކަންމަތީ ބޭއްވުމަށާއި، ތިމާވެށްޓަށް ކުނިއެޅުން ހުއްޓުވުމަށް ސަޕޯޓަރުންނަށް ނަސޭހަތްތެރިވާނަން. ތިމާވެށްޓަށްޓަކާ ކަމެއް ކޮށްނުދެވޭހާ ބިޒީއެއް އެެއްވެސް މީހަކު ނުވާނެ. . އަރތު ޑޭ ނެޓްވޯކުންވެސް ބުނާފަދައިން ތިމާވެށި ހިމާޔަތްކުރަން ކޮށްލާ ކިތަންމެ ކުޑަކަމަކުންވެސް ބަދަލު ގެނެވިދާނެ” މައިޝާ ބުންޏެވެ.

އަރތު ނެޓްވޯކުގެ ރައީސް ކެތެލީން ރޯގާސް ބުނީ އެ ނެޓުވޯކުގެ ރާއްޖޭގެ އެމްބެސެޑަރަކަށް މައިޝާ ހަމަޖެއްސުމަކީ ލިބޭ އުފަލެއްކަމަށެވެ. އަދި މިއީ ތިމާވެށީގެ ކަންކަމުގައި އަޑު އުފުލުމަށް މިއުޒިކް އިންޑަސްޓްރީގައި ހަރަކާތްތެރިވާ ފަންނާނުންގެ ބައިވެރިވުން އިތުރުކުރަން ކުރާ މަސައްކަތަށްވެސް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަަށް އޭނާ ބުންޏެވެ. މިއުޒިކަކީވެސް މީހުން އެއްބައިވަންތަކޮށްދޭ އާޓެއްކަމަށާއި، މިކަމުގެ ތެރެއިންވެސް ތިމާވެށްޓާމެދު މީހުން ހޭލުންތެރިކުރެވިދާނެކަމަށް އާޓު ނެޓްވޯކުން ޤަބޫލުކުރެއެވެ. އަދި މިކަމުގެ ތެރޭގައި ވީހާވެސް ގިނަ ޒުވާނުން ބައިވެރިކުރުމަށް އެ ނެޓްވޯކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެންކަމުން މައިޝާގެ ޒަރިއްޔާއިންވެސް ތިމާވެށީގެ މައްސަލަތަކާމެދު ރާއްޖޭގެ ރައްޔިތުން ހޭލުންތެރިކުރެވިދާނެކަމަށް ކެތެރީން ބުނެފައިވެއެވެ.

އަރތު ޑޭ ނެޓްވޯކަކީ ތިމާވެށީގެ ރޮނގުން މީހުން ހޭލުންތެރިކުރުވުމަށް ދުނިޔޭގެ ފެންވަރުގައި ކުރިއަށްގެންދާ އެންމެ ބޮޑު މޫވްމަންޓް “އަރތު ޑޭ”ގެ ހަރަކާތްތައް ރާވާ އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ނެޓްވޯކެވެ. އެގޮތުން ދުނިޔޭގެ 190 އަށްވުރެ ގިނަ ޤައުމުގައި އާތު ނެޓްވޯކުގެ ހަރަކާތްތައް ކުރިއަށްދެއެވެ.

ޚަބަރަށް މަޢުލޫމާތު ނެގީ: ޕީއެސްއެމް އެމްވީ އިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.